ކ. މާލެ
|
1 ފެބްރުއަރީ 2022 | އަންގާރަ 16:35
ވެކްސިނޭޝަން ޕްރޮގްރާމްގެ ތެރެއިން
ވެކްސިނޭޝަން ޕްރޮގްރާމްގެ ތެރެއިން
ރާއްޖެއެމްވީ
ވެކްސިނޭޝަން ޕްރޮގްރާމަށް އަހަރެއް
ކޮވިޑާ ދެކޮޅަށް ޖެހި ކައްޓަށް އެއް އަހަރު، ނަތީޖާ ފެނޭތަ؟
 
ރާއްޖޭގެ ގިނަ ބަޔަކު މިހާރު ވަނީ ވެކްސިން ފުރިހަމަކޮށްފައި
 
ޕްރޮގްރާމް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ
 
ރާއްޖެއިން އެންމެ ފުރަތަމަ ވެކްސިން ޖެއްސެވީ ޑރ. ޝިރާނީ

މުޅި ދުނިޔެއިން މިހާރު ކުރަމުންދާ އެންމެ ބޮޑު އެއް ހަނގުރާމައަކީ ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައެވެ. ކޮވިޑް-19އާއެކު މުޅި ދުނިޔެ ކުޑަކަކޫ ޖަހައިގެން ދުވަސްތަކަކު އޮތުމަށްފަހު ވަރުގަދަ ހަތިޔާރެއް ލިބުނީ ސައެންސްވެރިންނާއި ޑޮކްޓަރުން ކުރި ބުރަ މަސައްކަތުން, ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. ނަމަވެސް އެދުވަސްތަކުގައި ވެސް އެތައް ބަޔަކު ޝިކާރަވެ ދުނިޔެއާ ވަނީ އަލްވަދާއު ކިޔާފައެވެ. މުޅި ދުނިޔެ މާޔޫސްކަމުގައި އޮއްވައި ކޮވިޑް-19އާ ދެކޮޅަށް ބޭނުން ކުރުމަށް ވެކްސިން ލިބުނު ޚަބަރަކީ މުޅި ދުނިޔެ އެކަމާއި އުފާކުރި ކަމެކެވެ. މިއާއެކު އެކި ގައުމުތަކުން ވެކްސިން ހޯދުމުގެ މަސައްކަތް ފެށިއެވެ. އަދި ރާއްޖެއިން ކުރި މަސައްކަތުން އެންމެ ފުރަތަމަ ވެކްސިން ލިބުނު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. އެގޮތުން 1 ފެބްރުއަރީ 2021އަކީ ރާއްޖޭގައި ރަސްމީކޮށް ވެކްސިނޭޝަން ޕްރޮގްރާމް ފެށި ދުވަހެވެ.

ވެކްސިން ޕްރޮގްރާމް ފެށުމުގެ ކުރިން ރާއްޖެއިން ދިޔައީ އާއްމު ރައްޔިތުން ވެކްސިނަށް ހޭލުންތެރި ކުރުމަށް ގިނަ ޕްރޮގްރާމްތައް ހިންގަމުންނެވެ. ނަމަވެސް އެދުވަސްވަރު ސިޔާސީ ގޮތުން އިދިކޮޅު ބައެއް ފަރާތްތަކުން ދިޔައީ ވެކްސިނާ ދެކޮޅަށް ދޮގު ވާހަކަތައް ފަތުރަމުންނެވެ. އެއީ ފުރާނައަށް ނުރައްކާތެރި ވެކްސިނެއް ކަމަށް ބައެއް މީހުން ބުންޏެވެ. އަދި ކޮވިޝީލްޑް ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ހުއްދަ ދީފައިވާ ވެކްސިނެއް ނޫން ކަމަށް ބުނެ އަޑުތައް ފެތުރިއެވެ. ނަމަވެސް ދިވެހި ސަރުކާރާއި ސިއްހީ ޚިދުމަތްތެރިން އެއަށްވުރެ މާހުޝިޔާރެއެވެ.

ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ވެކްސިނޭޝަން ޕްރޮގްރާމް ފައްޓަވައިދެއްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވެކްސިން ޖެއްސެވީއެވެ. މާލެ ސިޓީގެ އިތުރުން އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީ ވެކްސިނޭޝަން ޕްރޮގްރާމް ފަށާފައިވަނީ އެއްވަގުތެއްގައެވެ. މާލެ ސިޓީގެ ސޯޝަލް ސެންޓަރުގައި ވެކްސިން ދިނުމުގެ މަސައްކަތް ފެށިއިރު އެންމެ ފުރަތަމަ ވެކްސިންޖަހާފައި ވަނީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ މެޑިކަލް އޮފިސަރެއް ކަމަށްވާ ޑރ. ޝިރާނީ އަބްދުއްރަހްމާނެވެ. އަދި ދެވަނައަށް އައިޖީއެމްއެޗްގެ ނަރުހަކަށް ވެކްސިން ދީފައިވާއިރު، ތިން ވަނައަށް ވެކްސިންޖަހާފައި ވަނީ ހަކުރު ބައްޔަށް ފަރުވާ ހޯދަމުންދާ ފަރާތެކެވެ. ހަތަރުވަނައަށް, ރައީސުލްޖުމްހޫރިއްޔާ ވެކްސިން ޖެއްސެވިއިރު، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުުރުން އުއްތަމަ ފަނޑިޔާރު، މުއުތަސިމް އަދްނާން ވަނީ ކޮވިޑް-19ގެ ވެކްސިން ޖައްސަވާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެކްސިން ޖައްސަވަނީ

މީގެ އިތުރުން ހެލްތު މިނިސްޓަރ އަހްމަދު ނަސީމްއާއި ޑިފެންސް މިނިސްޓަރ މާރިއާ އަހްމަދުދީދީގެ އިތުރުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އަދި ޖެންޑަރ މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީ ވަނީ ވެކްސިން ޖައްސަވާފައެވެ. އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ސަންޖޭ ސުދީރު ވެސް ވަނީ ވެކްސިން ޖައްސަވާފައިއެވެ. މާލޭގައި ފެށިގެން ދިޔަ ވެކްސިނޭޝަން ޕްރޮގްރާމްގައި ހައިރިސްކު ކެޓަގަރީގެ ފަރާތްތަކުގެ އިތުރުން ތެލެސީމިއާއަށް ފަރުވާ ހޯދާ ފަރާތްތަކުގެ އިތުރުން ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކުން ވަނީ ވެކްސިންޖަހާފައެވެ. އޭގެތެރޭގައި ދިވެހި ސިފައިންނާއި ފުލުހުންގެ އިތުރުން ވެމްކޯގެ މުވައްޒަފުންނާއި އެއަރޕޯޓް އަދި ޓްރާންސްޕޯޓްގެ މުވައްޒަފުން ވަނީ ވެކްސިންޖަހާފައެވެ.

މިއާއެކު މުޅި މަންޒަރު ބަދަލުވެގެން ދިޔައެވެ. ވެކްސިނަކީ ރައްކާތެރި އެއްޗެއް ކަމަށާއި، ކޮވިޑް-19ން ދިފާއުވުމަށް އެންމެ ރަނގަޅު ހަތިޔާރު ކަމަށް ގިނަ ބަޔަކު ގަބޫލުކުރިއެވެ. ދައުލަތުގެ ތިން ބާރުގެ ވެރިން ވެކްސިން ޖެއްސެވުމަކީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރަކަށް ވެގެން ދިޔައެވެ. އެންމެފަހުން ދޮގު މައުލޫމާތުތައް ފަތުރައި، ވެކްސިނަށް ފާޑު ކިޔަމުން ދިޔަ މީހުން ވެސް ވެކްސިން ޖެހިއެވެ. އަދި ސިޔާސީ ވަކި މަގުސަދެއް ހާސިލް ކުރުމަށް ފާޑު ކިޔަވަމުންދިޔަ އިދިކޮޅު ސިޔާސީ ބޭފުޅުން ވެސް ވެކްސިން ޖެއްސެވިއެވެ.

ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ އޮކްސްފޯރޑް އެސްޓްރަޒެނެކާގެ ކޮވިޝީލްޑް ވެކްސިންގެ އެއްލައްކަ ޑޯޒާއެކު ފެށި ވެކްސިނޭޝަން ޕްރޮގްރާމް ވަރަށް ކާމިޔާބެއެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގެ އާބާދީއެއްގެ ބޮޑު ބައެއް ވެކްސިން ފުރިހަމަ ކުރިއެވެ. އެއާއެކު ކަރަންޓީންވުމަކާ ނުލައި ދަތުރުކުރެވޭ ގޮތަށް ރާއްޖެ ހުޅުވާލިއެވެ. މާލޭގެ ޕޮޒިޓިވްވިޓީ ރޭޓް 5 އިންސައްތައަށްވުރެ މަތިނުވާ ނަމަ ޕީސީއާރް ނެގެޓިވް ނަތީޖާއަކާ ނުލައި ދަތުރު ކުރެވޭނެއެވެ. މިއީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ލުޔެކެއެވެ. އެއާއެކު މާލޭގައި އަހަރެއްހާ ދުވަހު ބަންދުވެފައި ތިބި ގިނަ ބަޔަކު ދަތުރުތައް ކުރަން ފެށި މަންޒަރު ވެސް ފެނިގެންދިޔައެވެ. ދުވަސްތަކަކަށްފަހު އަނެއްކާ ވެސް ކޮވިޑްގެ އައު ވޭރިއެންޓެއް ކަމަށްވާ އޮމިކްރޯންއާއެކު ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ވަނީ ގޯސްވާން ފަށާފައެވެ. ޕޮޒިޓިވްވިޓީ ރޭޓް މަތިވެ، އަތޮޅުތެރެއިން ފެންނަ ކޭސްތައް ވަނީ މަތިވާން ފަށާފައެވެ. ނަމަވެސް މިއަދު ވެސް ވެކްސިން ފުރިހަމަކޮށްފައިވާ މީހެއްނަމަ ނެގެޓިވް ޕީސީއާރް ޓެސްޓާއެކު ކަރަންޓީންވުމަކާ ނުލައި ދަތުރުކުރުމުގެ ފުރުސަތު އެބައޮތެވެ. ހަމަ ޔަގީނުން ވެސް މިލުއި ފަސޭހަކަން ލިބިގެންދިޔައީ ވެކްސިނާއެކުއެވެ.

ރައްޔިތުންގެ ހިތަށް ލިބުނު ތަސައްލީއާއެކު ޕްރޮގްރާމް ވެސް ވަނީ ފުޅާވެގެން ގޮސްފައެވެ. އެގޮތުން 15 އޮގަސްޓް 2021ން ފެށިގެން ސްކޫލުތަކުގައި ވެކްސިން ޕްރޮގްރާމް ފެށިއެވެ. 12 އަހަރާ 17 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިންދީ ރާއްޖޭގެ ހުރިހާ ސްކޫލެއް ވެސް ވެކްސިނުން ރައްކާތެރިކަން ހޯދިއެވެ. މީގެ އިތުރުން 15 ޖެނުއަރީ 2022ގައި އާންމުކޮށް ހުޅުވާލައިގެން ކޮވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ދޭން ވަނީ ފަށާފައެވެ. އޮމިކްރޯން ވޭރިއެންޓާއެކު ރާއްޖޭގެ އިތުރުން ގައުމުތަކުގެ ހާލަތު ގޯސްވަމުންދާތީ, ދެ ވަނަ ޑޯޒު ފުރިހަމަކޮށްފައިވާ ފަރާތްތަކުން 6 މަސް ވެފައިވާނަމަ ބޫސްޓަރ ޑޯޒު ޖެހުމަށް ސިއްހީ މާހިރުން ދަނީ އިލްތިމާސްކުރަމުންނެވެ. ނަމަވެސް މިއަދު ވެސް ބޫސްޓަރ ޑޯޒު ޖެހުމާ ދެކޮޅަށް ބައެއް މީހުން ވާހަކަ ދައްކައެވެ. ނަމަވެސް ސިއްހީ މާހިރުން މިފަދަ ކަމެއްގައި ރައްޔިތުން ނުރައްކަލަކަށް ވައްޓާނުލާނެކަން ޔަގީނެއެވެ. އެކަން މާޒީއަށް ބަލާލުމުން ޔަގީންވެގެންދެއެވެ.

ދިރާސާތައް ދައްކާ ގޮތުން ބޫސްޓަރ ޑޯޒާއެކު ކޮވިޑް-19ން އަސަރުކުރާ މިންވަރު ވަރަށް ދަށެވެ. ބޫސްޓަރ ޑޯޒް ޖެހުމުގެ ސަބަބުން އޮމިކްރޯން ވޭރިއަންޓް ޖެހިގެން އުމުރުން 50 އަހަރުން މަތީ މީހުން މަރުވުމާހިސާބަށް ދިއުން 95 އިންސައްތަ ސަލާމަތްކޮށްދޭކަމަށް އިނގިރޭސިވިލާތުގައި ކުރިޔަށްގެންދިޔަ ދިރާސާއަކުން ވަނީ ހާމަވަގެން ގޮސްފައެވެ. މިބަލީގެ ގޮތުން ކުރިއަށް އޮތްތަނުގައި އޮމިކްރޯންގެ އިތުރުން ވެސް އައު ވޭރިއެންޓްތައް އުފެދޭނެ ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެފައިވާއިރު، ބޫސްޓަރ ޑޯޒު ޖެހުން ވަރަށް މުހިންމެވެ. ކޮންމެ ވެކްސިނަކުން ވެސް ސައިޑް އިފެންކްޓް ފެންނާނެ ކަމަށާއި، އެއީ މައްސަލައެއް ނޫން ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. މީގެ ކުރިން ދުނިޔެއަށް ކުރިމަތިވެފައިވާ މިފަދަ ބޮޑެތި ބަލިތަކުން ދުނިޔެ ސަލާމަތްކޮށްފައިވަނީ ވެކްސިނުންނެއެވެ.

އެހެންކަމުން އިތުރު ޑޯޒެއް ޖަހަން ޖެހުމުން އެކަމާ ހައިރާން ނުވާށެއެވެ. ބަލިން ރައްކާތެރިވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުން މުހިންމެއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު 397 ލައްކަވުރެ ގިނަ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވެއެވެ. 369 ލައްކައަށްވުރެ ގިނަ މީހުން ވެކްސިން ފުރިހަމަ ކޮށްފައިވެއެވެ. އަދި 72 ހާހަށްވުރެ ގިނަ މީހުން ބޫސްޓަރ ޑޯޒު ޖަހާފައިވެއެވެ. ނަމަވެސް ބޫސްޓަރ ޑޯޒު ޖެހުން ލަސް ކަމަށާއި, އަދި ބޫސްޓަރ ޑޯޒާގުޅޭ ގޮތުން ދައްކާ ވާހަކަތަކުގެ ސަބަބުން ބައެއް މީހުން ވެކްސިން ޖެހުމަށް ޖެހިލުންވާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެހެންކަމުން ވަކި ކަމެއް ހާސިލް ކުރުމަށް ޖަޒުބާާތުގައި ޖެހިގެން ދައްކާ ވާހަކަތަކުގެ މަޅީގައި ނުޖެހޭށެވެ. ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް މިސަރުކާރުން ހިލޭ ވެކްސިން ފޯރުކޮށްދީ، ރައީސް ދެއްވި އުންމީދުގައި، އުންމީދީ ކުލަ ޖައްސާށެވެ. ސިއްހީ ޚިދުމަތްތެރިންނާއި ކަމާބެހޭ ފަރާތްތަކުގެ ބަސް އަހާށެވެ. އޭރުން ކުރިއަށް އޮތްތަނުގައި ވެސް މޮޅުވެ، ލުއި ފަސޭހަކަން ވެސް ލިބޭނީ ރައްޔިތު މީހާއަށެވެ!

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
63%
0%
25%
13%
0%
ކޮމެންޓް