Advertisement
ކ. މާލެ
|
30 ޖެނުއަރީ 2022 | އާދީއްތަ 18:18
ލަމްހާއާއި މޭރީގެ ފިރިމީހާ މާވިން
ލަމްހާއާއި މޭރީގެ ފިރިމީހާ މާވިން
ސޯޝަލް މީޑިއާ
ނަރުސްކަމުގެ ހުއްދަ ބާތިލްކުރުން
މާވިންއާއި ލަމްހާގެ ނަރުސްކަމުގެ ހުއްދަ ބާތިލްކޮށްފި
ލަމްހާ ހައްޔަރުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު
މާވިން ހައްޔަރުކުރީ 27 އޮކްޓޯބަރު ވީ ބުދަ ދުވަހު
ކައުންސިލުގެ ނަރުހުންގެ ދަފްތަރުން ދާއިމީކޮށް އުނިކޮށްފައިވޭ

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި މަސައްކަތްކުރި ފިލިޕީންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ އޭނާގެ ފިރިމީހާ މާރވިން އެސް.ވައި ވާރގަސްއާއި މާވިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ބުނާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނުގެ ނަރުސް ކަމުގެ ހުއްދަ، މޯލްޑިވްސް ނަރސިން އެންޑް މިޑްވައިފަރީ ކައުންސިލުން ބާތިލުކޮށްފިއެވެ.

މޯލްޑިވްސް ނަރސިން އެންޑް މިޑްވައިފަރީ ކައުންސިލުން ބުނީ, އައިޖީއެމްއެޗްގެ އިމަރޖެންސީ ރޫމްގައި ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ލަމްހާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން 04 ޖަނަވަރީ 2022 ވަނަ ދުވަހު, ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، އެހެން މީހެއްގެމުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެކުށުގެ ދައުވާތައް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް އެ ކައުންސިލަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އެހެންކަމުން ލަމްހާއަށް ދޫކޮށްފައިވާ ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ އަދި ރެޖިސްޓަރޭޝަން ބާތިލުކޮށް ކައުންސިލުގެ ނަރުހުންގެ ދަފްތަރުން ދާއިމީކޮށް އުނިކޮށްފައިވާ ކަމަށެވެ.

Advertisement

މީގެ އިތުރުން މޯލްޑިވްސް ނަރސިން އެންޑް މިޑްވައިފަރީ ކައުންސިލުން ބުނީ އައިޖީއެމްއެޗްގެ އިމަރޖެންސީ ރޫމްގައި ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގައި ރެޖިސްޓަރޑް ނަރސްއެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ މާވިންގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން 04 ޖަނަވަރީ 2022 ވަނަ ދުވަހު ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އެހެންކަމުން އޭނާއަށް ވެސް ދޫކޮށްފައިވާ, ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ އަދި ރެޖިސްޓަރޭޝަން ބާތިލުކޮށް, ކައުންސިލުގެ ނަރުހުންގެ ދަފްތަރުން ދާއިމީކޮށް އުނިކޮށްފައިވާކަމަށެވެ.

މޭރީ ގްރޭސް މަރާލި މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރުކުރީ އޭނާގެ ފިރިމީހާ މާވިން އެވެ. މޭރީގެ މަރުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރީ 27 އޮކްޓޯބަރު ވީ ބުދަ ދުވަހުއެވެ. ލަމްހާ ހައްޔަރުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. މިމައްސަލައާ ގުޅިގެން ޖެނުއަރީ 20ވީ ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ އަޑު އެހުމުގައި ދެމީހުންގެ ބަންދަށް 30 ދުވަސް ވަނީ ޖަހާފައެވެ.

މޭރީ މަރާ ގުޅިގެން ފުލުހުން ތުހުމަތުތައް ކުރަން ފެށީ، ދަންޖެހިފައި ހުރި ކަމަށް ބުނެ އޭނާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، އޭނާގެ ހަށިގަނޑުން ދަންޖެހިފައި ހުރިކަމުގެ ނިޝާނެއް ފެންނަން ނެތުމުންކަމަށް މައުލޫމާތު ލިބެއެވެ. އެހެންކަމުން އޭނާ މަަރުވި ސަބަބު ދެނެގަތުމަށް ފުލުހުން ވަނީ އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހަދާފައެވެ. މޭރީގެ ޕޯސްޓްމޯޓަމް ރިޕޯޓާ ގުޅިގެން ފުލުހުން ބުނެފައިވަނީ, އޭނާ މަރުވެފައިވަނީ ދަންޖެހިގެން ކަމަށް ނުބެލެވޭ ކަމަށެވެ. އަދި މަރުވެފައިވަނީ ބްލަންޓް އިންޖަރީއެއްގެ ސަބަބުން ކަމަށެވެ. ބްލަންޓް އިންޖަރީއަކީ ގަދަކަމުން މީހަކަށް އަނިޔާއެއްދީގެން ނުވަތަ އެއްޗަކުން ޖަހައިގެން ލިބޭ އަނިޔާއަކުން ނުވަތަ ގެއްލުމަކުން ވާ މަރެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް