ކ. މާލެ
|
20 ޖެނުއަރީ 2022 | ބުރާސްފަތި 16:21
ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ކުށް ސާބިތުވެފައިވަނީ ހައިޝަމްއާއި ޒިހާންގެ މައްޗަށް އެކަނި
ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ކުށް ސާބިތުވެފައިވަނީ ހައިޝަމްއާއި ޒިހާންގެ މައްޗަށް އެކަނި
ރާއްޖެއެމްވީ
ޔާމީން ރަޝީދުގެ މަރުގެ މައްސަލަ
ޔާމީން ރަޝީދުގެ މަރު: ފުލުހުންގެ ތަހުގީގުގައި ދޯދިޔާ އެތައް ކަމެއް
 
އެކަށީގެންވާ ވަރަށް ތައްޔާރުނުވެ ހެކިބަސް ދިނުންވެސް ފާހަގަވެފައިވޭ
 
ފުލުހުންގެ ތަހުގީގު ބަޔާނާއި، ކޯޓުގައި ދެއްކި ވާހަކައިގައި ފުށުއެރުން ހިމެނޭ
 
ހެކިބަސް ދިންއިރު، އެކަށީގެންވާ ވަރަށް ތައްޔާރުނުވެ ހެކިބަސް ދީފައިވާކަން ފާހަގަވޭ

ބްލޮގަރ, ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ހެކިވެރިއެއްގެ ގޮތުގައި ހުށައަޅާފައިވާ ސިއްރު ހެކިވެރިޔާ 1 އަކީ ހަމަލާ ރޭވުމުގައި ބައިވެރިވެފައިވާ ފަރާތެކެވެ. ނަމަވެސް ކުށުގެ އަމަލުގައި ހިމެނޭ މީހުންގެ ހެކިބަސް ބަލައިގަނެވޭނީ އެ ހެތްކަށް ބާރު ލިބިދޭ ހެތްކާއި ގަރީނާވެސް ހުރެގެންކަން، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްސަލައިގައި ކުރި ހުކުމުގައި އޮންނައިރު، ރާއްޖޭގެ އެންމެ މަތީ މަރުހަލާގެ ކޯޓުން ނިންމި މި ނިންމުމަށް ޔާމީން ރަޝީދުގެ މައްސަލާގައި އަލިއަޅުވާލާފައިވެއެވެ.

ރައީސް ޔާމީނުގެ މައްސަލާގައި އެ ހެކިވެރިންގެ ހެކިބަހަށް ބާރު ލިބިދޭ އިތުރު ގަރީނާ ނެތް ނަމަވެސް، މި މައްސަލާގައި ހައިޝަމްއާއި ޒިހާންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން އެފަދަ ބާރު ލިބިދޭ ގަރީނާ ހުރިކަމަށް ޝަރީއަތުން ނިންމިއެވެ. ނަމަވެސް ބާކީ ތިބި މީހުންގެ މައްޗަށް އެފަދަ ހެތްކާއި ގަރީނާ ހޯދޭނެ ފުރުސަތުތަކެއް އޮވެމެ، ފުލުހުންގެ ތަހުގީގުގައި ހުރި އުނި ކަންތައްތަކެއްގެ ސަބަބުން އެ ފުރުސަތު ގެއްލިގެން ދިޔަކަން ހުކުމުން ފާހަގަވެއެވެ.

ފުލުހުންގެ ތަހުގީގު ބަޔާނާއި، ކޯޓުގައި ދެއްކި ވާހަކައިގެ ފުށުއެރުން:

މި މައްސަލައިގެ ހުކުމުގައި ގާޒީ ވަނީ، ސީންގައި ހަރަކާތްތެރިވި ފުލުސް އޮފިސަރެއްގެ ތަހުގީގު ބަޔާނާއި، އޭނާ ކޯޓުގައި ދައްކާފައިވާ ވާހަކަތަކުގައި ފުށުއެރުންތަކެއް ހުރިކަމަށް ވިދާޅުވެފައެވެ. އެގޮތުން ހާދިސާ ހިނގި ސީންއަށް ދިޔަ ނަމަވެސް، ޔާމީން ރަޝީދު ހޮސްޕިޓަލަށް ގެންދިޔައިރު އެތަނަށް ނުދާ ކަމަށާއި، އޭނާ މަޑުކޮށްގެން ހުރީ ހާދިސާ ހިނގި ސީންގައި ކަމަށް ބުނެ ފުލުސް އޮފިސަރަކު ވަނީ ހެކިބަސްދީފައެވެ.

ނަމަވެސް ޔާމީން ރަޝީދުގެ މެޑިކޯ ލީގަލް ރިޕޯޓުގައި އޮންނަނީ އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ މި ދެންނެވި ފުލުސް އޮފިސަރު ކަމަށެވެ. އަދި އެ ފުލުސް އޮފިސަރު ޝަރީއަތުގެ މަޖިލީހުގައި ދިން ހެކިބަހުންވެސް ދޭހަކޮށްދެނީ އޭނާ ޔާމީން ރަޝީދު ގޮވައިގެން ހޮސްޕިޓަލަށް ދިޔަކަން ކަމަށްވާއިރު، ތަހުގީގު ބަޔާނާއި ޝަރީއަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަހުގައި މި ހުރި ފުށުއެރުމަކީ، ހެކިވެރިޔާގެ އަދުލުވެރިކަމާއި ނިޔަތާމެދު ސުވާލު އުފެއްދުމުގެ ޖާގަ ހުޅުވިގެންދާ ކަމެއްކަމަށް މައްސަލަ ނިންމެވި ގާޒީވެސް ދެކިވަޑައިގަންނަވައެވެ.

ގާޒީ ވަނީ، ފުލުހެއްގެ ފަރާތުން ހެކިބަސް އަދާކުރާއިރު ކަން ހިނގާ ދިޔަގޮތް ތެދުބަހުން ކިޔައިދިނުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

އެކަށީގެންވާ ވަރަށް ތައްޔާރުނުވެ ހެކިބަސް ދިނުން:

މި މައްސަލާގައި ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓު ތައްޔާރުކުރި އޮފިސަރު ހެކިބަސް ދިންއިރު އެކަށީގެންވާ ވަރަށް ތައްޔާރުނުވެ ހެކިބަސް ދީފައިވާކަން ފާހަގަވާކަމަށް ގާޒީ ވިދާޅުވެއެވެ. އެގޮތުން މައްސަލައާ ގުޅުންހުރި މުހިއްމު ބައެއް ކަންކަމާ ގުޅިގެން ސުވާލު އަމާޒުވުމުން، "ވޯރކް ލޮގް"އާއި ރިކުއެސްޓް ފޯމުން އެ މައުލޫމާތު ބެލޭނެކަމަށް ބުނި ނަމަވެސް، ޝަރީއަތަށް ހާޒިރުވީވެސް އެތަކެތި ނުލާކަމަށް ގާޒީ ވިދާޅުވިއެވެ.

އަދި ވޯރކް ލޮގާއި ރިކުއެސްޓް ފޯމު ބަލައިގެން ހެކިބަސް ދިނުމުގެ ފުރުސަތަކަށްވެސް އެ އޮފިސަރު އެދިފައިނުވުމާއި، އެ ތަކެތި ޝަރީއަތަށް ހިއްސާ ކުރުމަށްވެސް އޭނާ އެދިފައި ނުވާކަމަށް ގާޒީ ވިދާޅުވިއެވެ. އޭގެ ސަބަބުން ދިފާއުން އަމާޒުކުރި ސުވާލުތަކަށް ޖަވާބު ދިނުމުގައި އެ އޮފިސަރަށް ދަތިތައް ކުރިމަތިވެގެން އުޅުނު މަންޒަރު ފެނިފައިވާއިރު، މިއީ ތަހުގީގުގައި އަމަލުކޮށްފައިވާ ގޮތާމެދު ސުވާލު އުފެއްދުމުގެ ދޮރު ހުޅުވިގެންދާ ކަމެއްކަމަށް ގާޒީ ދެކެވަޑައިގަންނަވައެވެ.

ދައުލަތުން މި ހެކިވެރިޔާ ހުށައަޅާފައިވަނީވެސް ކަމާގުޅޭ އެނަލިސްޓެއް ގޮތުގައި ކަމަށްވާއިރު، އެފަދައިން ހެކިބަސްދޭއިރު، ލިބިފައިވާ އިލްމާއި ތަޖުރިބާގެ އަލީގައި އެކަމާގުޅޭ ކަންކަން ޝަރީއަތަށް ސާފުވާންޖެހޭ މިންވަރަށް ބަޔާންކޮށް ނުދެވޭނަމަ ތަހުގީގުގައި އަމަލުކޮށްފައިވާ ގޮތާއިމެދު ސުވާލު އުފެއްދުމުގެ ދޮރު ހުޅުވިގެންދޭ.
ކްރިމިނަލް ކޯޓުގެ ހުކުމް

ގާޒީ ވިދާޅުވީ، އެފަދަ ބޭފުޅުންގެ ހެކިބަހުގެ މައްޗަށް ޖިނާއީ އަދުލުގެ ނިޒާމުގައި ބޮޑެތި މައްސަލަތައް ސާބިތު ކުރެވިގެންދާއިރު، ތަހުގީގުގައި ބޭނުންކުރި ވޯރްކް ލޮގެއް ނުވަތަ ރިކުއެސްޓް ފޯމެއް ނެތިގެން ހެކިބަސް އަދާ ނުކުރެވިގެން އުޅުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭ ކަމެއް ނޫންކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

ދައުވާލިބޭ ފަރާތެއްގެ މައްޗަށް ހުށައެޅި ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓެއްގައި، ދައުވާލިބޭ އެހެން ފަރާތެއްގެ މައުލޫމާތު ހިމަނާފައިވާކަމަށްވެސް ހުކުމުގައި ބުނެއެވެ. ގާޒީ ވަނީ މިއީ ފުލުހުންގެ ފަރުވާކުޑަކަން ދައްކުވައިދޭ އަމަލެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތަކީ ޖިނާއީ ތަހުގީގުގެ މައި ތަނބުކަން ފާހަގަ ކުރައްވައި ގާޒީ ވިދާޅުވީ، ބައެއް ފުލުހުންގެ ފަރާތުން އެފަދަ ފަރުވާކުޑަ އަމަލުތައް ފެންނަ ކަމަށެވެ. ފުލުހުންގެ ފަރާތުން ހުށައަޅާ ހެކި/ގަރީނާއަކީ އެއާމެދު ސުވާލު ނުއުފެއްދޭ މިންވަރުގެ ބުރަދަންހުރި އެއްޗަކަށްވާއިރު، މި މައްސަލާގައި ކަން ހިނގާއިވަނީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކަމަށް ނުބެލެވޭކަމަށް ގާޒީ ވިދާޅުވިއެވެ.

ޗެއިން އޮފް ކަސްޓަޑީގެ ނަންތަކުގެ އޮޅުންބޮޅުން:

މި މައްސަލައިގެ ޗެއިން އޮފް ކަސްޓަޑީއަށް ބަލާއިރު، ފަލިޝައިން ޝޯރޫމްއިން ނެގި ވީޑިއޯ ފުޓޭޖެއް ނަގާފައިވަނީ އިސްކަންދަރު ކޮށިންކަމަށް ބަޔާންކޮށްފައިވާ މައްސަލައެއް ފެންމަތިވިއެވެ. ހަމައެއާއެކު، ފިންގަރ ޕްރިންޓް ރިޕޯޓާ ގުޅިގެން، އެވިޑެންސް ނެގި ފަރާތް ނޫން މީހެއްގެ ނަން ޗެއިން އޮފް ކަސްޓަޑީގައި ބަޔާންކުރުމަށްފަހު، ފަހުން އެބައި އިސްލާހުކޮށްފައި ވާނެކަމަށް ބުނެ ފުލުހުން ހެކިބަސްދީފައިވެއެވެ. ނަމަވެސް އިޖުރާއަތުތަކާ ގުޅިގެން ކަންކަން ހިންގަންޖެހޭއިރު، މިފަދަ ފަރުވާކުޑަ ކަންކަމުގެ ސަބަބުން ފުލުހުންގެ ދޯދިޔާކަން އިތުރަށް ހާމަވެގެންދާކަަމަށްވެސް ގާޒީ ވިދާޅުވެއެވެ.

މިފަދަ ހައްސާސީ މައްސަލަތަކުގައި، ބަލަންވާ ވަރަށް ފުލުހުންނަށް ބެލިފައި ނެތުމަކީ ހަމަ ހަގީގަތުގައިވެސް ކަންބޮޑުވާން ޖެހޭ ކަމެއް.
ކްރިމިނަލް ކޯޓުގައި ޔާމީން ރަޝީދުގެ މައްސަލަ ނިންމެވި ގާޒީ
ފުލުހުން މަގުމަތީގައި ހަރަކާތްތެރި ވަނީ - ރާއްޖެއެމްވީ

އެއްބާވަތެއްގެ މައްސަލަތަކުގައި ތަފާތު ގޮތްގޮތަށް އަމަލުކުރުން:

ފުލުހުންގެ ޚިދުމަތަކީ އެސްއޯޕީތަކެއް ގާއިމުކުރެވި، ކަންކަން އިންތިޒާމުވެފައި އޮންނަންޖެހޭ ތަނެއްކަން ފާހަގަ ކުރައްވައި ގާޒީ ވިދާޅުވީ، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ހަމަ މި ބާވަތުގެ އެހެން މައްސަލައެއްގައި ފުލުހުން އަމަލު ކޮށްފައިވަނީ ތަފާތު ގޮތަކަށް ކަމަށް ވުމުގެ ސަބަބުން، ދިފާއަށް އެ ސުވާލު އުފެއްދުމުގެ ޖާގަ ލިބިގެން ދިޔަ ކަމަށެވެ. އެގޮތުން ހަމަ މިފަދަ މައްސަލައެއްގައި ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓު ތައްޔާރުކުރިއިރު، ތުހުމަތު ކުރެވޭ ފަރާތްތައް ސީންއަށް ގެންގޮސް، އިސްކޮޅާއި މިންތައް އަޅާކިޔާފައިވީނަމަވެސް، މި މައްސަލައިގައި އެހެން އަމަލުކޮށްފައި ނުވަނީ ކީއްވެތޯ ދިފާއުން ސުވާލުކުރިއެވެ.

އެ ސުވާލު ދިފާއާ އެއްކޮޅަށް ނިމިގެން ނުދިޔަ ނަމަވެސް، އެއް ބާވަތެއްގެ މައްސަލަތަކެއްގައި އެކި ގޮތްގޮތަށް އަމަލު ކުރުމަކީ ފުލުހުންގެ ތެރޭގައި އަމަލުކުރާ ސްޓޭންޑަރޑާއި، ޕްރޮފެޝަނަލް ނިޒާމާމެދު ސުވާލު އުފެދިގެން ދިއުމުގެ މަގު ތަނަވަސްވާ ކަމެއް ކަަމަށް ބެލެވޭ ކަމަށް ގާޒީ ވިދާޅުވިއެވެ.

ދައުވާލިބޭ ފަރާތްތައް ކޮމިއުނިކޭޓްކުރި ކަަމަށް ހެކިވެރިން ބުނި ނަމަވެސް، އެކަން ތަހުގީގުކޮށްފައި ނެތުން:

މި މައްސަލާގައި ދައުލަތުން ހުށައަޅާފައިވާ 10 ސިކުންތުގެ ވީޑިއޯ ފުޓޭޖަށް ބަލާއިރު، ތުހުމަތު ކުރެވޭ މީހެއްގެ އަތުގައި އެކްޓިވްކޮށް ފޯނެއް އޮންނަކަން ފެނެއެވެ. ޕީޖީން ވަނީ މި ހަމަލާ ރާވައި ހިންގީ ބޭރުގައި ހުރި ފަރާތަކާ ކޮމިއުނިކޭޓް ކުރެވިގެންނެވެ. ވީއިރު، މި ފޯނަކީ އެކަމަށް ބާރު ލިބިދޭ ގަރީނާތަކެއް ލިބިގެންދާނެ އެއްޗަކަށް ވުމުގެ ފުރުސަތު ބޮޑު ނަމަވެސް، ފުލުހުން އެކަން އިތުރަށް ތަހުގީގު ކޮށްފައެއް ނުވެއެވެ. އެކަމަށް މަސައްކަތެއް ކުރިކަންވެސް އެނގޭކަށް ނެތެވެ. ތުހުމަތު ކުރެވޭ ފަރާތްތަކުން އެ ފޯނާއި ސިމްތައް ނައްތާލާފައިވީނަމަވެސް، އެ ސިމްތަކުން ކޮށްފައިވާ މުއާމަލާތްތައް ދެނެގަތުމަށް ފުލުހުންނަށް މަަސައްކަތް ކުރެވުނީހެވެ.

ގާޒީވެސް ދެކިވަޑައިގަންނަވާ ގޮތުގައި ދައުލަތުން ފާހަގަކުރި ނުކުތާތަކަށް ބާރު ލިބިދޭ ހެކިތައް ރަނގަޅަށް ތަހުގީގު ކުރިނަމަ އެފަދަ ހެކި/ގަރީނާ ލިބުމަކީވެސް އެކަށީގެންވާ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
67%
0%
0%
0%
0%
33%
ކޮމެންޓް