Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަރުތަކަށް އިންސާފު ހޯދައިދިނުން

މަރުތަކަށް އިންސާފު ހޯދުމާއި އެމްއެމްޕީއާރުސީގެ ޚިޔާނާތް: ހަމައެކަނި ހުސް ވާހަކަތަކަކަށް ވަނީބާ؟

ވެރިކަމަށް ވަޑައިގެންނެވި ގޮތަށް އެންމެ ބޮޑު ދެ ވައުދު ފުއްދެވުމަށް ކޮމިޝަންތައް އުފެއްދެވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 1 ޖެނުއަރީ 2022 | ހޮނިހިރު 07:47
ރިޟްވާން ގެއްލުވާލިތާ 4 އަހަރު ފުރުމާއި ގުޅިގެން ކުރިޔަށްދިޔަ ހިނގާލުމުގައި ރައީސް ޞާލިހު ބައިވެރިވެ ވަޑައިގަންނަވަނީ

ރިޟްވާން ގެއްލުވާލިތާ 4 އަހަރު ފުރުމާއި ގުޅިގެން ކުރިޔަށްދިޔަ ހިނގާލުމުގައި ރައީސް ޞާލިހު ބައިވެރިވެ ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ވެވަޑައިގެންނެވި އެންމެ މުހިންމު ދެ ވައުދަކީ ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މަރުތަކަށް އިންސާފު ހޯދުމާއި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބައްލަވާ ގެއްލިފައިވާ ފައިސާތައް ހޯއްދަވާ އެކަމުގައި ޝާމިލްވާ މީހުން ހޯދުމެވެ.

އެކަމުގައި ޝާމިލްވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމެވެ. މި ދެ ވައުދު ފުއްދަވާނެކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެން ތިން އަހަރު ފާއިތުވިއިރު މި ދެ ވައުދު ފުއްދިފައިވާ މިންވަރާއި ކުރެވިފައިވާ މަސައްކަތަށް ބަލާއިރު މިކަން މިދަނީ ކިހިނެއްތޯ ސުވާލު އުފެދެއެވެ. ރައީސް ޞާލިހު އަބަދުވެސް ވިދާޅުވަމުން ގެންދަވާ ވާހަކަފުޅެއް އޮވެއެވެ. އެއީ ރިޔާސީ ވައުދުތައް ފުއްދުމުގެ ވާހަކައެވެ. އެންމެ ފަރުވާ ބަހައްޓަވައިގެން ކުރައްވާ މަސައްކަތަކީ ވައުދުތައް ފުއްދެވުން ކަމަށް ރައީސް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. މިހާތަނަށް އައިއިރު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމާ ކައިރިއަށް ގޮސްފައި ހުރިކަންކަމާއި ވައުދާ އެއްގޮތަށް ފުރިހަމަވެފައިވާ ކަންކަންވެސް އެބަހުއްޓެވެ.

އެފަދަ ކޮންމެ ކަމަކާއެކު ރައީސްވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުންވެސް ބުނާ ވާހަކައަކީ މިސަރުކާރުން ވައުދުތައް ފުއްދާނެކަމެވެ. މިސަރުކާރު އައީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށެވެ. އެކަން ކުރާނެއެވެ. މިސަރުކާރުގައި ދެން ބާކީ އޮތީ އަހަރަކާއި 11 މަސްދުވަހެވެ. 2022 ވަނަ އަހަރު ފެށުނީއެވެ. ވެރިކަމަށް ވަޑައިގެންނެވި ގޮތަށް އެންމެ ބޮޑު ދެ ވައުދު ފުއްދެވުމަށް ކޮމިޝަންތައް އުފެއްދެވިއެވެ. ގެއްލުވާލާފާއިވާ މީހުންނާއި މަރާލާފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމުގެ ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނެވެ. ކޮމިޝަންތަކުގެ މަސައްކަތް ކުރުމަށް ކޮމިޝަނަށް މެމްބަރުން އައްޔަނުކުރެއްވިއެވެ. ބޮޑެތި މުސާރަ ދެއްވާ ވަސީލަތްތައް ގާއިމުކޮށް ދެންވެސް ކުރަންހުރި މަސައްކަތްތައް ކުރެއްވިއެވެ. މިހުރިހާ ކަމަކާއެކުވެސް ފެންނަ ނަތީޖާ އަކީ އަދި އެއްވެސް ރައްޔިތަކު ހިތްހަމަޖެހޭ ނަތީޖާއެއް ނޫންކަން އެއީ ޔަގީންކަމެކެވެ.

އެކަން އެންމެ ބޮޑަށް ފެނިގެންދިޔަ އެއްކަމަކީ 2021 ވަނަ އަހަރު ނިމެނުންދަނިކޮށް އެ ދެކޮމިޝަނަށް ސަރުކާރުން ކޮށްފައިވާ ޚަރަދުތަކުގެ ތަފްސީލު ހާމަވުމުންނެވެ. 2018 ވަނަ އަހަރު އުފެއްދި މަރު ކޮމިޝަނަށް 5،497،473 ރުފިޔާ ދައުލަތުން ވަނީ މިހާތަނަށް ޚަރަދުކޮށްފައެވެ. 2021 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ނިޔަލަށް ކޮށްފައިވާ ޚަރަދުތަކުގެ ތަފްސީލަށް ބަލާލާއިރު ހަމައެކަނި މެމްބަރުންގެ މުސާރަ އާއި އެލަވަންސަށް 4،781،136.04 މިލިއަން ރުފިޔާ ވަނީ ދައުލަތުން ޚަރަދުކޮށްފައެވެ. އެއީ ނޮވެމްބަރ މަހުގެ ނިޔަލަށް ކޮށްފައިވާ ޚަރަދުތަކުގެ 89 އިންސައްތައެވެ. އެސެޓް ރިކަވަރީ ކޮމިޝަނަށް ބަލާލާއިރު އެސެޓް ރިކަވަރީ ކޮމިޝަން އުފެދިގެން 2021 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ނިޔަލަށް ދައުލަތުން ވަނީ ޖުމްލަ 9،951،748 ރުފިޔާ މި ކޮމިޝަނަށް ޚަރަދުކޮށްފައެވެ. ހަމައެކަނި ކޮމިޝަންގެ މެމްބަރުންގެ މުސާރަ އާއި އިނާޔާތުގެ ގޮތުގައި 9،141،877.95 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މިއަދަދުތައް ހާމަވުމުން ގިނަ ބަޔެއްގެ ފާޑުކިޔުން މިކަމަށް އަމާޒުވީ މިއިން އެއްވެސް ކޮމިޝަނަކުން އެކަށީގެންވާ ވަރާ ގާތަށްވެސް ނަތީޖާ ނެރެދެވިފައިނުވާތީއެވެ. ކޮވިޑްގެ ދަތި ހާލުގައިވެސް ކޮމިޝަންތަކުގެ މެމްބަރުންނަށް މުސާރަ ދެމުން ގެންދިޔައިރު ކޮމިޝަންތަކުން ކުރީ ކޮން މަސަައްކަތެއް ހެއްޔެވެ؟ އިންސާފު ހޯދުމުގެ މިމަގުގައި އަނެއްކާ ކޮމިޝަންތަކުން ދައްކާ ވާހަކަތައްވެސް ބިލާހަކަށް ވަނީހެއްޔެވެ؟

މަރުތަކަށް އިންސާފު ހޯދުމުގެ ވާހަކައިގައި މިސަރުކާރުން އެންމެ ބޮޑަށް ވާހަކަދައްކާ ދެ މަރަކީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އާއި ބްލޮގަރ ޔާމީން ރަޝީދުގެ މަރެވެ. އެހެންކަމުން މިދެ މަރަށް އިންސާފު ހޯދުމުގައި މިހާތަނަށް ކޮމިޝަންތަކުން ކުރި މަސައްކަތްތަކަށް ބަލާލަން އެބަޖެހެއެވެ. މިލިއަނުން މުސާރަ ނަންގަވައިގެން މަސައްކަތްތައް ގޮސްފައިވާ ހިސާބެއް އެބަ ބަލާލަން ޖެހެއެވެ. ޔާމީން ރަޝީދު މަރާލިތާ 4 އަހަރު ފުރުނު ދުވަސްކަމުގައިވާ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި މައްސަލައިގެ ޝަރީއަތް ހިނގަމުން ދިޔަކަމުގައި ވީނަމަވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ ލަފަޔާއެކު، ހިނގަމުންދާ ޝަރީއަތަށް އެއްވެސް ނުފޫޒެއް ނުފޯރާގޮތަށް މަރުގެ އަޑީގައި ތިބީ ކޮންބައެއްކަން ބަލައި ހޯދުމުގެ މަސައްކަތް ކޮމިޝަނުން ކުރަމުންދާނެ ކަމަށެވެ. އަދި ކޮމިޝަންގެ އެދުމަކީ މި މައްސަލައާ ގުޅިގެން މިހާރު ހިނގަމުންދާ ޝަރީއަތް ވީހާވެސް އަވަހަކަށް ނިމި، ޔާމީން ރަޝީދުގެ އާއިލާއަށް އިންސާފު ލިބުން ކަމަށެވެ. ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ކޮށްފައިވާ ދައުވާގެ ޝަރީއަތްތައް ކުރިއަށްދާ ގޮތް ކޮމިޝަނުން ގާތުން ބަލަމުންދާ ކަމަށެވެ. ގާތުން މައްސަލަ ބެލުމަކީ ނޫސްވެރިންނާއި ހެޔޮއެދޭ ފަރާތްތަކުންވެސް ކުރާނެ ކަމެކެވެ. މިމައްސަލަ މިހާރު އޮތީ ކޯޓުގައި ހުކުމް ކުރުމާ ހިސާބުގައެވެ.

ދެން އޮތީ ރިޟްވާން ގެއްލުވާލި މައްސަލައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ 2021 ވަނަ އަހަރުގެ ނިޔަލަށް އެ މައްސަލަ ބަލައި ނިންމަވާނެ ކަމަށެވެ. ނަމަވެސް 2021 ވަނަ އަހަރު މިވަނީ ނިމި 2022 ވަނަ އަހަރު އައިސްފައެވެ. އެމައްސަލަ އަދިވެސް ބަލާ ނުނިމެއެވެ. ބޭރުގެ ތަޖުރިބާ ކާރުންގެ އެހީތެރިކަމާއެކު ކުރިޔަށްދާ މިމައްސަލައިގައި ރިޟްވާންގެ މައްސަލާގެ ތަހުގީގާއި ގުޅޭ ގޮތުން 9 ފެބްރުއަރީ 2021ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް ވިދާޅުވީ ރިޟްވާން ގެއްލުވާލުމުގައި ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުވާ ވަޅި ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަހުލީލު ކުރަމުންދާ ކަމަށާއި، އެ ވަޅި އަކީ ކޮމިޝަންގެ ތަހުގީގަށް ވަރަށް މުހިންމު ހެއްކެއް ކަމަށެވެ. ނަމަވެސް ބޭރަށް ފޮނުވި ވަޅިއަށް ދިހަ މަސްވީއިރުވެސް އަދިވެސް ތަހުލީލުކުރަނީއެވެ. ރިޟްވާން ރަހީނުކޮށްގެން ގެންދިއުމަށްފަހު ރަހުމުކުޑަ ގޮތަކަށް މަރާލި ކަމަށް ކޮމިޝަނުން ހާމަކޮށްފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު 01 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ކޮމިޝަންގެ އޭރުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެފައިވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއިން 24 އޭޕްރިލް 2014 އިން ފެށިގެން 22 ޖޫން 2014 އާ ހަމައަށް ރިޟްވާނަށް ފާރަލަމުން ގެންދިޔައިރު ވެސް މިކަމުގެ ހިލަމެއް ވެސް އޭރު ނުވި ކަމަށެވެ. އެގޮތުން އިންޓެލްގައި މަސައްކަތްކުރާ ފަރާތްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި، ރިޟްވާނަށް ތްރެޓެއް އޮތްކަމަށް ޝައްކުކުރެވޭތީ އަދި ފޭސްބުކް ކަލާލެސް ގްރޫޕުގެ އެޑްމިން ކިޑްނެޕް ކުރުމުން ރިޟްވާނަށް އިންޓެލުން ފާރަލަމުން ދިޔަނަމަވެސް އެކަން ކުރެވިފައެއް ނުވެއެވެ. މިކަމުގައި ބޮޑެތި އިހުމާލުތަކެއްވާ ކަމުގެ ތުހުމަތު ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިމެނޭ ގޮތަށް އޭރުގެ ސަރުކާރުގެ ވެރިންނަށް ކުރެވުނު ނަމަވެސް މިހާތަނަށް އެމަރަށް އިންސާފު ހޯދުމުގައި ކުރެވުނު މާބޮޑު ކަމެއް ފެންނާކަށްނެތެވެ.

ދެން އޮތީ މިހާތަނަށް ރާއްޖެ ދުށް އެންމެ ބޮޑު ކޮރަޕްޝަން ކަމުގައިވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ވާހަކައެވެ. 1.3 ބިލިއަން ރުފިޔާގެ މިބޮޑު ޚިޔާނާތުގައި ބައިވެރިވާ ކަމަށް ބެލެވޭ މީހުންގެ ލިސްޓެއް އެބައޮތެވެ. މިދައްކަނީ ދައުލަތަށް ލިބެންޖެހޭ އެތައް ބިލިއަން ރުފިޔާއަކަށް ޚިޔާނާތްތެރިވެ އެފައިސާގައި ޖެހިފައިވާ ބަޔެއްގެ ވާހަކައެވެ. އެފައިސާތައް ދައުލަތަށް ހޯދެންޖެހެއެވެ. އެކަން ކުރި ބަޔަކު އިންސާފުގެ ކުރި މައްޗަށް ގެނެވެންޖެހެއެވެ. މިމައްސަލަ ތަހުގީގުކުރަމުން އަންނަނީ އޭސީސީ އާއި ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެންނެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގެ މައްސަލައިގެ ތަހުގީގު ލަސްވާ ސަބަބު ސާފުކުރުމަށް ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ދިރާސާކޮށް ކޮމިޓީން ވަނީ ލިސްޓެއް އާންމުކޮށްފައެވެ. އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާއިން މަންފާވި މީހުންނާއި ކޮރަޕްޝަން ހިންގިކަމަށް ބެލެވޭ ނުވަތަ އެކަމުގައި ބައިވެރިވިކަމަށް ތަހުގީގުތަކުން މިހާތަނަށް އެނގިފައިވާ 281 މީހެއްގެ ނަން ހިމެނޭ ލިސްޓެއް ވަނީ އާންމުކޮށްފައެވެ. ދައުލަތުގެ އެކި މަގާމުތަކުގައި ކުރީގަޔާއި މިހާރު ތިބި މީހުންގެ ތެރެއިން 119 މީހެއް އޭގެތެރޭގައި ތިބިކަމަށް މަޖިލީހުން އޭރު ހާމަކުރި ކޮމިޓީ ރިޕޯޓްގައިވެއެވެ. އޭގެފަހުން މިމައްސަލައިގައި ވީގޮތެއް ނޭނގުނެވެ. އެނގޭ ކަމަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ދައުވާ ކުރެވިފައިވަނީ މަދު ބަޔަކަށް ކަމަށެވެ.

އެފައިސާގައި ޖެހި އެކަން ކުރީ ހަމައެކަނި ދައުވާކުރެވި ޝަރީއަތްތައް ކުރެވި އަދި ކުރިޔަށްދާ މީހުންނަށް އެކަނި ކަން އެއީ ސަލާމަތް ބުއްދި ހުރި އެއްވެސް މީހަކު ގަބޫލުކުރާނެ ކަމެއް ނޫނެވެ. މިކަމުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ސަރުކާރު ހިންގާ މައި ޕާޓީ އަދި ރައީސްވެސް ހިމެނިވަޑައިގަންނަވާ ޕާޓީ އެމްޑީޕީގެ މެމްބަރުންނަށް ނިކަން ރަނގަޅަށް އިވޭކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. އެކަމުގެ އެއް ހެއްކަކީ އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ކޮމިޝަންގެ މެމްބަރުން ވަކިކުރަން ފާސްކުރުމާއެކު ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ދެއްކެވި ވާހަކަތަކުންނެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަތައް ބެލުމަކީ އެމްޑީޕީގެ ވައުދަކަށް ވާއިރު އެކަން ލަސްވެގެންދާ ދިޔުމަކީ މަޖިލީހުގެ މެމްބަރުންނަށް މައްސަލައެއްގެ ގޮތުގައި ފާހަގަވާކަމަށް ރޮޒަައިނާ ވިދާޅުވިއެވެ.

"އެއީ ކޮމިޓީގެ މެޖޯރިޓީއަކީ އެމްޑީޕީއަށް ވެފައި މަޖިލީހުގެ މެޖޯރިޓީއަކީ އެމްޑީޕީއަށް ވެފައި ސަރުކާރުގައި ވެސް އެމްޑީޕީ އޮވެފައި އެމްޑީޕީގެ މައިގަނޑު ވައުދެއް އެމްއެމްޕީއާރުސީގެ މައްސަލަ ބެލުމަކީ. އެހެންވީމާ މި މައްސަލަ ކުރިޔަށް ނުދާކަން އެއީ ކޮމިޓީގެ ތިބި އެމްޑީޕީގެ މެމްބަރުންގެ އެންމެ ބޮޑު ކަންބޮޑުވުންކަމަށް ދެކެނީ. އެހެންވީމާ އެއްވެސް ހާލަތެއްގައި އެބޭފުޅުން އެއްވެސް މަސައްކަތެއް ނުކުރާކަމަށް ދަންނަވަނީކީ ނޫން. ގަބޫލުކުރެވެނީ ހުރިހާ މެމްބަރުންގެ ވިސްނުނަކީ ވެސް އެއީ ކަމަށް. އެހެންނަމަވެސް ރައްޔިތުންގެ ހުރި މިކަންބޮޑުވުމަށް އެޑްރެސް ކުރެވޭނެ އިތުރު ގޮތެއް ކޮމިޓީ މެމްބަރުންނަށް ވެސް ހަމަ ނެތިގެން ކަމަށް ގަބޫލުކުރެވުނީ މިކަމާއިގެން މިގޮތަށް ކުރިޔަށްދާން މިޖެހުނީ. ބާކީ އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ވެސް މިކަންތައް ހައްލުކުރުމަށް ޖެހިވަޑައިގަންނަވާތީ ކަމަށް." ރޮޒައިނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް ކުރެވޭނެ ކަމަކީ މިނިވަން މުއައްސަސާތައް ޖަވާބުދާރީ ކުރުވުމެވެ. އެމްޑީޕީގެ ސުޕަރ މެޖޯރިޓީއެއް އޮތް ރައްޔިތުންގެ މަޖިލީހުން އެކަން ނުކުރާނަމަވެސް އެއީ އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވާނެ ކަމެކެވެ. އެހެންކަމަށްވާއިރު އެކަމުން ސަލާމަތްވާން ވިޔަސް އޭސީސީގެ މެމްބަރުން ވަކިކުރަން އެމްޑީޕީން ބޭނުންވި މައިގަނޑު ސަބަބަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަތައް މާބޮޑަށްވެސް ލަސްވެގެންދިޔުންކަމަށް ވަނީ ވެފައެވެ. އެހެން އެކަން އޮތްނަމަވެސް މި ވައްކަން މާސްޓާމައިންޑުކޮށް، ހިންގި ކަމަށް އެއްބަސްވެފައިވާ ރައީސް ޔާމީންގެ އެއް ނާއިބުރައީސް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބު މިހާރުވެސް ހުންނެވީ ގޭގައެވެ. ގެއަށް ބަދަލުކޮށްފައިވަނީ މިސަރުކާރުގައެވެ. އަނެއްކޮޅުން އެމްއެމްޕީއާރްސީގެ ފައިސާގެ އެއްވެސް މިންވަރެއް އަދިވެސް ދައުލަތުގެ ޚަޒާނާއަށް އަނބުރާ ލެވިފައެއްނުވެއެވެ.

މިހުރިހާ ކަމަކަށް ބަލާއިރު ރައީސްގެ އެންމެ ބޮޑު ދެ ރިޔާސީ ވައުދު ހަގީގަތުގައިވެސް ފުއްދެވޭނެތޯ އެއީ މިހާރު ޚުދު އެމަނިކުފާނު އަމިއްލަފުޅު ނަފުސާވެސް ކުރައްވާނެ ސުވާލަކަށް މިވަނީވެފައެވެ. ކޮމިޝަންތައް އުފެއްދެވީ ރައީސެވެ. ރައީސަށް ލިބިވަޑައިގެންނެވި ބާރުގެ ދަށުންނެވެ. މެމްބަރުން ލެއްވީވެސް ރައީސެވެ. ވަކިކޮށް ކޮމިޝަންތައް އުވާލުމުގެ ބާރުވެސް ރައީސަށް އޮވެއެވެ. ކޮމިޝަންތަކުގެ މަސައްކަތްތަކަށް ގާނޫނީ ބާރުދިނުމަށް ވަނީ ކަމާގުޅޭ ގާނޫނުތައްވެސް ހަދާފައެވެ. ނަމަވެސް ތިން އަހަރު ތެރޭގައި ނެރެވުނު ނަތީޖާއަކީ ހަމަ ސުމެކެވެ. ދެން އޮތީ އަނެއްކާވެސް ކުރިޔަށް އޮތް ދުވަސްތަކަށް ކުރެވޭ އުންމީދުތަކެވެ. ބާކީ އޮތް ދުވަސްތަކުގައި ރައީސްގެ ވައުދުތައް ފުއްދުވާނެކަމަށް ކުރެވޭ އުންމީދެވެ.

އެމްއެމްޕީއާރްސީމަރު ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

14 އޮކްޓޯބަރު 2025
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

26 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު