ކ. މާލެ
|
28 ޑިސެންބަރ 2021 | އަންގާރަ 21:04
ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ރާއްޖެއެމްވީ
އެޗްޑީސީން ސިޓީ ކައުންސިލާ ދެކޮޅަށް ބަޔާންނެރުން
އެޗްޑީސީގެ ހައްގުތަކަށް ގެއްލުންލިބޭ ގޮތަށް ސިޓީ ކައުންސިލުން ނެރޭ ބަޔާންތަކުގެ ސަބަބުން ގެއްލުންވޭ: އެޗްޑީސީ
 
މިކުންފުނީގެ އިތުބާރު ގެއްލޭގޮތަށް މާލެ ސިޓީ ކައުންސިލުން ނެރެފައިވާ ބަޔާނަކީ އޭގައި ހަގީގަތާ ޚިލާފު އޮޅުވާލުންތަކެއް ހިމެނޭ ބަޔާނަކަށްވާތީ، އެކަން ކުށްވެރިކުރަން
 
ހުޅުމާލޭގެ ބިމަކީ މާލެ ސިޓީ ކައުންސިލްގެ މިލްކުވެރިކަން އެބިމުގެ މައްޗަށް ހިނގާ ބިމެއް ނޫންކަން ލާމަރުކަޒީ ގާނޫނުން އެނގޭ
 
ބީލަމަށް ހުޅުވާލި 60 ބިމުގެ ގާނޫނީ މިލްކުވެރި ފަރާތަކީ އެޗްޑީސީ

މާލެ ސިޓީ ކައުންސިލުން މިފަހަކަށް އައިސް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހައްގުތަކަށް އުނިކަން ލިބޭފަދަ ގޮތަކަށް ބަޔާންތައް ނެރެމުން ދިޔުމުގެ ސަބަބުން އެޗްޑީސީއަށް ގެއްލުން ލިބެމުންދާތީ މިފަދަ ކަންކަން ތަކުރާރުނުކުރުމަށް މާލެ ސިޓީ ކައުންސިލަށް އެޗްޑީސީން އިލްތިމާސްކޮށްފިއެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހިން 60 ގޯތި ވިއްކުމަށް އެޗްޑީސީން ނިންމުމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެކަމަކީ ސިޓީ ކައުންސިލުން ކަންބޮޑުވާ ކަމެއް ކަމެކެވެ. ސަބަބަކީ މާލެ ސިޓީ ކައުންސިލުން ގަބޫލުކުރާ ގޮތުގައި، ހުޅުމާލެއަކީ މާލެ ސިޓީގެ އިޚްތިސާސްގައި ހިމެނޭ ތަނަކަށްވެފައި، މާލެ ސިޓީ ކައުންސިލްގެ އެއްވެސް ބަހެއްނެތި، ގޯތިގެދޮރު ބޭނުންވާ ގިނަ ބަޔަކު ތިއްބައި އެމީހުންނަށް ފުރުސަތު ނުދީ މުއްސަނދިންނަށް އެފުރުސަތު ހުޅުވާލުންކަމަށެވެ. އަދި މާލެ ސިޓީގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ ހުޅުމާލެއިން މާލެ ރައްޔިތުންނަށް ގޯތި ލިބޭނެ ގޮތް ފަހިކޮށްނުދީ، ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏަކުން އެގޮތަށް ގޯތި ވިއްކުމަށް އިއުލާންކުރުމަކީ ލާމަރުކަޒީ ގާނޫނާ ޚިލާފު ކަމެއްކަމަށްވެސް ސިޓީ ކައުންސިލްގެ ބަޔާނުގައިވެއެވެ.

މާލެ ސިޓީ ކައުންސިލްގެ ބަޔާނާ ގުޅިގެން އެޗްޑީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ބީލަމަށް ހުޅުވާލި 60 ބިމުގެ ގާނޫނީ މިލްކުވެރި ފަރާތަކީ އެޗްޑީސީކަމަށެވެ. އެހެންކަމުން އެބިމުގެ މިލްކުވެރި ފަރާތުގެ ހައިސިއްޔަތުން އެބިމުން ތަސައްރަފު ކުރުމުގެ ފުރިހަމަ ބާރާއި އިޚުތިޔާރު އެޗްޑީސީއަށް ލިބިދީފައިވަކަމަށް އެޗްޑީސީން ބުނެއެވެ. ހުޅުމާލެ ބިމަކީ ކައުންސިލްގެ އިދާރީ އިޚްތިސާސް ހިނގާ ސަރަހައްދުގައިވާ ބިމެއްކަމަކު، ހުޅުމާލޭގެ ބިމަކީ މާލެ ސިޓީ ކައުންސިލްގެ މިލުކުވެރިކަން އެބިމުގެ މައްޗަށް ހިނގާ ބިމެއް ނޫންކަން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 56 ވަނަ މާއްދާގެ 2 ގެ ށ އަށް ބެލުމުން އެނގޭކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީއަކީ ކުންފުންޏާއި ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީ ވެފައިވާ، އުފުލޭ މުދަލާއި ނުއުފުލޭ މުދާ، ގާނޫނު ހުއްދަ ކުރާ ގޮތުގެ މަތިން ހޯދުމާއި ލިބިގަތުމާއި ދެމިގެންވާ ގޮތަށް މުދާ ލިބިގަތުމުގެ ގާނޫނީ ހައްގު ލިބިދީފައިވާ ވަކި ގާނޫނީ ޝަޚްސަކަށް ވީހިނދު، މިކުންފުނީގެ މުދަލެއް ކަމުގައިވާ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ވިއްކުމުގެ ފުރިހަމަ އިޚްތިޔާރު އެ ކުންފުންޏަށް ލިބިދީފައިވާކަން އެޗްޑީސީން ދެކޭކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެހެން ކަމުން، ދިވެހިރާއްޖޭގައި ހެދިފައިވާ ގާނޫތަކާއި ގަވާއިދުތަކުގެ ދަށުން އެ ކުންފުންޏަށް ލިބިފައިވާ ގާނޫނީ ހައްގަކަށް އުނިކަން އަންނާނެ، އަދި އިންވެސްޓަރުންގެ މެދުގައާއި އާންމު ފަރުދުންގެ މެދުގައި މިކުންފުނީގެ އިތުބާރު ގެއްލޭގޮތަށް މާލެ ސިޓީ ކައުންސިލުން ނެރެފައިވާ ބަޔާނަކީ، އޭގައި ހަގީގަތާ ޚިލާފު އޮޅުވާލުންތަކެއް ހިމެނޭ ބަޔާނަކަށްވާތީ، އެކަން އެޗްޑީސީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށްވެސް ބުނެފައިވެއެވެ.

"ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގޯތި ވިއްކަން މިކޯޕަރޭޝަނުން ނިންމި ނިންމުމަކީ ޤާނޫނާ ޚިލާފް ނިންމުމެއްކަން މާލެ ސިޓީ ކައުންސިލުން ބުނެފައިވާ ބުނުމަކީ، މިކޯޕަރޭޝަންގެ ފަރާތުން މާލެ ސިޓީ ކައުންސިލްގެ މައްޗަށް، ދިވެހިރާއްޖޭގެ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ސިވިލްކޯޓުން ނެރެފައިވާ ވަގުތީ އަމުރުގައި ބަޔާންކޮށްފައިވާ ކަންކަމާ ޚިލާފު ބަޔާނެއް ކަމުގައި މިކޯޕަރޭޝަނުން ދެކެމެވެ. މިގޮތުން ޝަރީޢަތުން ވަކިގޮތެއް ކަނޑައަޅުއްވަންދެން، ހުޅުމާލޭގެ ބިމުގެ މިލްކުވެރިފަރާތުގެ ހައިސިއްޔަތުން މިކޯޕަރޭޝަނަށް ލިބިދީފައިވާ އެންމެހައި ޤާނޫނީ ހައްޤުތަކާއި، ހުޅުމާލޭގެ ބިމާ ގުޅިގެން މިކޯޕަރޭޝަނުން ކުރަމުން އައި އެންމެހައި ކަންކަމާއި، ހުޅުމާލެ ތަރައްޤީކުރުމާއި ބެލެހެއްޓުމުގެ ގޮތުން މިކޯޕަރޭޝަނުން ކުރަމުން އައި ކަންކަން، މިމައްސަލަ ވަކިގޮތަކަށް ނިމެންދެން ކުރުން މަތީ ދެމިހުރުމުގެ ހައްޤު މިކޯޕަރޭޝަނަށް ކޯޓުގެ އަމުރުން ލިބިދީފައިވީ ހިނދު، ދިވެހިރާއްޖޭގެ ކޯޓަކުން މިކަން އެނޫން ގޮތަކަށް ކަނޑަނާޅާ ހިނދަކު މިއެންމެހައި ހައްޤުތައް ޤާނޫނީ ގޮތުން މިކޯޕަރޭޝަނަށް ލިބިގެންވާކަން ދަންނަވަމެވެ." އެޗްޑީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެޗްޑީސީން ވަނީ ބީޗް ފްރަންޓްގެ 26 ބިން އަދި ބީޗް ސައިޑްގެ 34 ބިން ވިއްކުމަށް ހުޅުވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް