Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޭސީސީ މެމްބަރުން މަގާމުން ވަކިކުރުމުގެ މައްސަލަ

ޖަވާބުދާރީ ވުމަށް ދިން ފުރުސަތުގައިވެސް އޭސީސީން ދެއްކީ އެއް ވާހަކައެއް، ކޮމިޓީން ނިންމީ މެމްބަރުން ވަކިކުރަން

އޭސީސީގައި މިހާރު ތިއްބެވި ތިން މެމްބަރުން ވަކިކުރުމަށް ހުށަހެޅުވީ އިނގުރައިދޫ ދާއިރާގެ އެމްޑީޕީ މެމްބަރ ހަސަން އަހުމަދު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 26 ޑިސެމްބަރު 2021 | އާދީއްތަ 23:01
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކިކުރުމަށް ނިންމާ ޖަވާބުދާރީ ވުމަށް އެރުވި ފުރުސަތުގައި ލިޔުމުން ފޮނުވާފައިވާ ޖަވާބުދާރީވުމުގެ ސިޓީތަކުގައިވެސް ފާހަގަކޮށްފައިވަނީ މީގެކުރިންވެސް އޭސީސީ މެމްބަރުން ކޮމިޓީގައި ދެއްކެވި ވާހަކަތައް ކަމަށާއި އެހެންކަމުން ކޮމިޝަންގައި މިހާރު ތިއްބެވި ތިން މެމްބަރުން ވަކިކުރުމަށް ފެންނަކަމަށް އެމައްސަލަ ދިރާސާކުރަމުންދިޔަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

އޭސީސީގެ މެމްބަރުންގެ ޕާފޯމެންސް އޮޑިޓެއް ހަދާ އޮޑިޓް ރިޕޯޓާ ގުޅިގެން މެމްބަރުން ވަކިކުރުމުގެ ކުރިން ޖަވާބުދާރީ ވުމަށް އޭސީސީގެ މެމްބަރުންނަށް ދީފައިވާ 5 ދުވަހުގެ މުއްދަތު ހަމެވަފައިވަނީ މިމަހުގެ 26ވާ އާދިއްތަ ދުވަހުގެ ހެނދުނު 10 ޖަހާއިރަށެވެ. އޭގެފަހުން އާދިއްތަ ދުވަހުގެ ހަވީރު 4:30 ގައި ކުރިޔަށްގެންދިޔަ ކޮމިޓީ ބައްދަލުވުމުގައި އޭސީސީގައި މިހާރު ތިއްބެވި ތިން މެމްބަރުން ވަކިކުރުމަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ އެމްޑީޕީ މެމްބަރ ޙަސަން އަޙްމަދެވެ. އެހުށަހެޅުމަށް ތާއީދުކުރެއްވީ ބިލެތްދޫ ދާއިރާގެ އެމްޑީޕީ މެމްބަރ އަޙްމަދު ޙަލީމެވެ.

Advertisement - newsAdvertisement

މެމްބަރުން ވަކިކުރަން ފެންނަކަމަށް ހުށަހަޅުއްވަމުން ހަސަން އަހުމަދު ވިދާޅުވީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު އޭސީސީއަށް އައު މެމްބަރުން އައްޔަނުކުރި ފަހުން މިއަދަށް ދެ އަހަރާއި ތިން މަހާއި 17 ދުވަސްވެފައިވާކަމަށެވެ. އޭސީސީއަށް އަލަށް މެމްބަރުން އައްޔަނުކުރީ ވަރަށް ފޮނި އުންމީދުތަކެއްގައި ކަމަށާއި ނަމަވެސް އައްޔަނުކުރުމަށްފަހު ހިނގާމިދިޔަ ދުވަސްތަކުގައި ކަންކަންވެގެން ގޮސްފައިވަނީ އެބޭފުޅުން ވިދާޅުވަމުން ދިޔަ ގޮތަށް ނޫންކަމަށެވެ. އެގޮތުން އެކި ފަހަރު މަތިން އޭސީީސީގެ މެމްބަރުން ކޮމިޓީއަށް ހާޒިރުކުރުމަށްފަހު މައްސަލަތައް ނިންމަވާނެކަަމަށް ވިދާޅުވެ ދެއްވާފައިވާ ޓައިމްލައިނާ އެއްގޮތަށް މައްސަލަތައް ނިމިފައިނުވާކަމަށް ހަސަން ވިދާޅުވިއެވެ.

ކޮމިޓީގެ މެމްބަރުން ވަކިކުރުމަށް ހަސަން އަހުމަދު ހުށަހެޅުއްވިފަހުން ދެން ވާހަކަދެއްކެވި ވިލިމާލެ ދާއިރާގެ އެމްއެންޕީ މެމްބަރ އަޙްމަދު އުޝާމް ވަނީ ކޮމިޝަންގެ މެމްބަރުން ޖަވާބުދާރީވުމުގެ ގޮތުން ފޮނުއްވި ލިޔުންތައް ދިރާސާކުރުމަށް އެކަށީގެންވާ ވަގުތު ލިބިވަޑައިނުގަންނަވާކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ. އެގޮތުން ކޮމިޝަންގެ މެމްބަރުން ޖަވާބު ދާރީވުމަށް ފޮނުވާފައިވާ ލިޔުންތައް ކިޔާލަން ލިބުނީ ތިން ގަޑިއިރު ކަމަށާއި ކޮންމެ މެމްބަރަކު ފޮނުއްވި ޖަވާބުގައިވެސް 21 ވަރަކަށް ސަފްހާ ހިމެނޭކަމަށް އުޝާމް ވިދާޅުވިއެވެ. އަދި އޭސީސީގެ މެމްބަރުން ވަކިކުރަނީ ޕާފޯމެންސް އޮޑިޓަށް ބަލައިގެން ކަމަށްވާނަމަ އެއީ އެންމެ އިންސާފުވެރި ނިންމުމަކަށް ނުވާނެކަމަށް އުޝާމް ވިދާޅުވިއެވެ.

ސަބަބަކީ އެއޮޑިޓްގައި ކުރީގެ އޭސީސީގެ މެމްބަރުންގެ މަސައްކަތްވެސް ހިމެނިފައިވާތީ ކަމަށް އުޝާމް ވިދާޅުވިއެވެ. އަދި ޕާފޯމެންސް އޮޑިޓް ހަދާފައި އެއަށްފަހު ދެން ކުރަންޖެހޭ ކަމަކީ އޭގައި ރަނގަޅު ކުރަން ހުރި ކަންކަން ބަލާފައި ރަނގަޅު ކުރުމުގެ ފުރުސަތު ދިނުންކަމަށް އުޝާމް ވިދާޅުވިއެވެ. އެހެން ނޫންކަމަށްވާނަމަ ޕާފޯމެންސް އޮޑިޓްހެދުމުގެ އެއްވެސް މާނައެއް ނެތްކަމަށް އުޝާމް ވިދާޅުވިއެވެ.

އުޝާމްގެ ވާހަކަތަކަށް ރައްދުދެއްވަމުން ކޮމިޓީގެ މުގައްރިރު އައްޑޫމީދޫ ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމް ވިދާޅުވީ މިމައްސަލަ ފެންމަތިވީ ޕާފޯމެންސް އޮޑިޓަކާ އެކު ނޫންކަމަށެވެ. އޭސީސީގެ މެމްބަރުންނަށް ރަނގަޅަށް މަސައްކަތްނުކުރެވޭތީ އެކަމުގެ ޝަކުވާ މެމްބަރުންކުރައްވާ ކަމަށާއި އެކަން ދިރާސާކުރަމުންދާތާވެސް ދުވަސްތަކެއް ވެއްޖެކަމަށެވެ. އެހެންކަމުން އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މައްސަލައަކީ ހަމައެކަނި ޕާފޯމެންސް އޮޑިޓަށް ބިނާކޮށް ދައްކާ ވާހަކައެއް ނޫންކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

އުޝާމްގެ ވާހަކަތަކަށް ތާއީދުކުރައްވާ ކޮމިޓީގައި ވާހަކަދެއްކެވީ އިސްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރ ޢަލީ ޙަމީދެވެ. ހަމީދު ވިދާޅުވީ އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މައްސަލައިގައި އަމަލުކުރަމުންދަނީ އެކަށީގެންވާ ވަގުތު ނުލިބިކަމަށް ގަބޫލުކުރައްވާކަމަށެވެ. ހުރިހާ ބަޔާންތައް ކިޔާ ދިރާސާކުރުމުގެ ވަގުތު ނުލިބޭކަމަށް ވިދާޅުވެ ހަމީދު ވަނީ ލިޔުންތައް ދިރާސާކުރުމަށް ތިން ދުވަހުގެ މުއްދަތެއް ދިނުމަށް ހުށަހަޅުއްވާފައެވެ. ހަމީދުގެ ހުށަހެޅުމަށް ތާއީދުކުރެއްވީ ވިލިމާލެ ދާއިރާގެ މެމްބަރ އުޝާމްއެވެ.

ކޮމިޓީގައި ދެން މައިގަނޑު ގޮތެއްގައި މެމްބަރުންގެ މެދުގައި ބަހުސްކުރެވެމުންދިޔައީ އޭސީސީގެ މެމްބަރުން ވަކިކުރުމުގެ ކަންކަން އަވަސްއަރުވާލައިގެން ކޮމިޓީން ކުރާކަމަށް ދެ މެމްބަރަކު ދެއްކެވި ވާހަކަފުޅާއި ގުޅޭގޮތުންނެވެ. އެގޮތުން ވިލިމާލެ ދާއިރާގެ މެމްބަރ އުޝާމް އާއި އިސްދޫ ދާއިރާގެ މެމްބަރ އަލީ ހަމީދު އިތުރު ވަގުތު ބޭނުންވާކަމަށް ވިދާޅުވެ ވާހަކަދެއްކެވުމުން ކޮމިޓީގައި ތިއްބެވި އެމްޑީޕީ މެމްބަރުން ވަނީ އޭސީސީ މެމްބަރުން ވަކިކުރުމުގެ ކަންކަން ކުރިޔަށްގެންދަނީ އަވަސްއަރުވާލައިގެން ނޫންކަމަށް ވިދާޅުވެފައެވެ.

އެގޮތުން މީގެކުރިން އެތައް ފަހަރަކު ކޮމިޓީއަށް އޭސީސީ މެމްބަރުން ހާޒިރުކޮށް އޭސީސީގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާތައް ކުރެވިފައިވާކަމަށް މެމްބަރުން ވިދާޅުވިއެވެ. ބާރަށު ދާއިރާގެ އެމްޑީޕީ މެމްބަރ އަޙްމަދު ޢަބްދުﷲ ވިދާޅުވީ ޖަވާބުގެ ގޮތުގައި މެމްބަރުން ފޮނުއްވި ސިޓީތައް ކީއިރު މައިގަނޑު ގޮތެއްގައި ފާހަގަކުރެވުނީ ކޮންމެ މެމްބަރެއްގެ ސިޓީގައިވެސް އެއް ވާހަކައެއްގެ ގޮތުގައި ކޮމިޓީއަށް ޓައިމްލައިންތައް ހިއްސާކޮށްފައިވަނީ އޭސީސީގެ އިންވެސްޓިގޭޓަރުން ދިން ޓައިމްލައިންކަމަށް ވިދާޅުވެފައިވާކަމަށެވެ. އެހެންނަމަވެސް ޓައިމްލައިނާ އެއްގޮތަށް މަސައްކަތްތައް ނިންމުމުގައި މާބޮޑު މަސައްކަތްތަކެއް ކުރެވިފައިނުވާކަމަށް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

ބިލެތްދޫ ދާއިރާގެ މެމްބަރ އަޙްމަދު ޙަލީމު ވިދާޅުވީ މިމައްސަލައިގައި ކޮމިޓީން އަމަލުކުރަމުން އަންނަނީ ނުފޫޒު ފޯރުވައިގެން ކަމަށް ދޭހަވާ ގޮތަށް ބައެއް މެމްބަރުން ވާހަކަދައްކަވާކަމަށެވެ. ނަމަވެސް ކިތަންމެ ފަހަރަކު އޭސީސީ މެމްބަރުން ކޮމިޓީއަށް ހާޒުކޮށް ވަރަށް ގާތުން މަސައްކަތްކޮށްފައިވާކަމަށް އަހުމަދު ހަލީމު ވިދާޅުވިއެވެ. ކޮމިޝަންގެ މެމްބަރުން ވަކިކުރުމަށް ކޮމިޓީން ނިންމަނީ ހަމައެކަނި ޕާފޯމެންސް އޮޑިޓަކަށް ބަލައިގެން ނޫންކަމަށާއި މިއީ އޭސީސީ ގެ މަސައްކަތްތައް ކޮމިޓީން ބެލުމަށްފަހު ނިންމާ ނިންމުމެއްކަމަށް ވިދާޅުވިއެވެ. އަދި މިކަމުގައި ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާކަމަށް އަހުމަދު ހަލީމް ވިދާޅުވިއެވެ.

މެމްބަރުންގެ ވާހަކަތަކަށް ފަހު މުގައްރިރު ވަނީ ވޯޓަށް އައްސަވާފައެވެ. އެގޮތުން އެންމެ ފުރަތަމަ ވޯޓަށް އައްސަވާފައިވަނީ އިނގުރައިދޫ ދާއިރާގެ މެމްބަރ ހަސަން އަހުމަދު ހުށަހަޅުއްވާ ބިލެތްދޫ ދާއިރާގެ މެމްބަރ އަހުމަދު ހަލީމް ތާއީދުކުރެއްވި އޭސީސީގެ ތިން މެމްބަރުން ވަކިކުރުމަށް ކޮމިޓީން ނިންމާ ރިޕޯޓް ތަޅުމަށް ފޮނުވުމަށެވެ. އެހުށަހެޅުމަށް ކޮމިޓީގެ ބައްދަލުވުމުގައި ތިއްބެވި 8 މެމްބަރުންގެ ތެރެއިން 5 މެމްބަރުން ވަނީ ތާއީދުކުރައްވާފައެވެ. އެހެންކަމުން އިތުރު ވަގުތު ބޭނުންވާކަމަށް އިސްދޫ ދާއިރާގެ މެމްބަރ ހުށަހެޅުއްވި ހުށަހެޅުމަށް ވޯޓަށް އައްސަވާފައެއްނުވެއެވެ.

މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައި ވަނީ، އޭސީސީގެ މެމްބަރުން ވަކި ކުރުމަށްޓަކައި، އެކުލަވާލި އޮޑިޓްގައި ހިމެނޭ ކަންކަމުގެ މައްޗަށް ތައްޔާރު ކުރެވުނު ރިޕޯޓް ތަޅުމަށް އިއްވާފައެވެ. ރިޕޯޓުގައި މައިގަނޑު ގޮތެއްގައި 10 ކަމެއް ފާހަގަކޮށްފައި ވެއެވެ. އެގޮތުން ފާހަގަކޮށްފައިވަނީ އޭސީސީގެ މެމްބަރުންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެކަށީގެންވާ މަސައްކަތް ނުކުރެވި، ޒިންމާ އަދާ ނުކުރެވިފައި ވާކަމަށެވެ. މަސައްކަތް ކުރުމަށް މުއްދަތުތައް ދީ، އެ މުއްދަތުތައް ފަހަނައަޅައި ދިޔައިރުވެސް މަސައްކަތްތައް ނިމިފައިނުވާ ކަމަށެވެ.

މެމްބަރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި ހިނގަމުންދަނިކޮށް ކޮމިޝަންގެ މެމްބަރ އިބްރާހީމް ޝަކީލް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެހެންކަމުން މިވަގުތު ކޮމިޝަންގައި ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ، ނައިބު ރައީސް ފާތުމަތު އަނޫލާ އަދި މެމްބަރ އައިޝަތު އަބްދުﷲއެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
23 ޖެނުއަރީ 2017

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު