ކ. މާލެ
|
17 ޑިސެންބަރ 2021 | ހުކުރު 06:46
ރާއްޖެޓީވީ ރޯކޮށްލުން
ރާއްޖެޓީވީ ރޯކޮށްލުން
ރާއްޖެއެމްވީ
ރާއްޖެޓީވީ އަންދާލި މައްސަލަ
ރާއްޖެޓީވީ އަންދާލި ހުރިހާ ފަރާތްތަކަށް އަދަބުދީ، ގެއްލުމުގެ ބަދަލު ދޭންޖެހޭ!
 
ރޭވުންތެރިކަމާއެކު އެތައްބަޔަކު އަމަލީގޮތުން ބައިވެރިވެގެން ހިންގި މި އަމަލުގެ މައްސަލާގައި އަދަބު ލިބެންޖެހެނީ އެންމެ ފަރާތަކަށް ނޫން
 
ފުރިހަމަ ތަހުގީގެއް ދައުލަތުގެ އިދާރާތަކުން މިހާތަނަށް ކޮށްފައިވާ ކަމަށް ރާއްޖެޓީވީން ނުދެކޭ
 
ރާއްޖެޓީވީ އަންދާލުމުގެ ސަބަބުން ވަނީ 11,656,833.62 ރުފިޔާގެ ގެއްލުންވެފައި

ރާއްޖެޓީވީ އަންދާލުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް އަދަބުދީ، ލިބުނު ގެއްލުމުގެ ބަދަލު ދޭންޖެހޭކަމަށް ރާއްޖެޓީވީން ބުނެފިއެވެ.

ރާއްޖެޓީވީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ނުރައްކާތެރި ޓެރަރިޒަމްގެ އަމަލުގައި ބައިވެރިވި އެންމެހާ ފަރާތްތަކާއި އެކަމުގައި އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކެއްގެ މައްޗަށް އިންސާފުވެރި ތަހުގީގެއް ހިންގައި، މިކަމުގައި ބައިވެރިވި ހުރިހާ ފަރާތެއް ޝަރީއަތުގެ ކުރިމައްޗަށް ގެނެވި ގާނޫނީ ގޮތުން އަދަބުދޭންޖެހޭ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަދި މާލީ ގޮތުން ލިބުނު ގެއްލުންތަކަށް ބަދަލު ލިބިގެން މެނުވީ އިންސާފު ލިބުނުކަމަކަށް ރާއްޖެޓީވީން ނުދެކޭ ކަމަށެވެ. މީގެއިތުރުން މި އަމަލު ހިންގުމާއި ރޭވުމުގެ ފަހަތުގައި ތިބީ ކޮން ފަރާތްތަކެއްކަމާއި، މިކަމުގައި އިހުމާލުވާ ފަރާތްތައް ވެސް ހޯދަންޖެހޭނެކަމަށް ރާއްޖެޓީވީން ދެކޭ ކަމަށެވެ. އަދި އެފަރާތްތައް އިންސާފުގެ ކުރިމައްޗަށް ނުގެނެވެނީސް މިމައްސަލައިގައި އިންސާފުލިބުނުކަމަށް ރާއްޖެޓީވީން ގަބޫލު ނުކުރާކަމަށް މި ނޫސްބަަޔާނުގައި ބުނެފައިވެއެވެ.

ހަތެއް އޮކްޓޯބަރ 2013 ވަނަ ދުވަހު ރާއްޖެޓީވީ ހިންގަމުން އައި ހ.ކްއީން އޮފް ދަ ނައިޓް (ބީކޭޓީ ބިލްޑިންގ) އިމާރާތަށް ހަތިޔާރާއެކު ބަޔަކުވަދެ، ރާއްޖެ ޓީވީގެ މައި ސްޓޫޑިއޯގެ ތެރެއަށް ޕެޓްރޯލް އަޅައި ރޯކޮށްލުމުގެ ސަބަބުން ރާއްޖެ ޓީވީއަށް އިއާދަ ނުކުރެވޭވަރުގެ ގެއްލުންތަކެއް ވަނީ ލިބިފައެވެ. މި ހާދިސާއަށް 8 އަހަރު ވެގެންދިޔައިރު، މި އަނިޔާވެރި ހުދުމުހުތާރު އަމަލުގެ ސަބަބުން ރާއްޖެޓީވީއަށާއި، ސްޓޭޝަނުގައި މަސައްކަތްކުރާ ފަރާތްތަކަށް ލިބުނު ގެއްލުންތަކަށް މިހާތަނަށް އިންސާފު ލިބިފައެއް ނުވެއެވެ.

ހަތެއް އޮކްޓޯބަރ 2013 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އޭރު ރާއްޖެޓީވީ ހިންގަމުންއައި ހ.ކުއީން އޮފް ދަ ނައިޓް (ބީ.ކޭޓީބިލްޑިންގ) އިމާރާތަށް ހަތިޔާރާއެކު ބަޔަކު ވަދެ، ރާއްޖެޓީވީގެ މައި ސްޓޫޑިއޯގެ ތެރެއަށް ޕެޓްރޯލް އަޅާ ރޯކޮށްލާފައިވާ މަންޒަރުތައް އެއިމާރާތާއި، ރާއްޖެޓީވީގެ ސްޓޫޑިއޯގެ ސީސީޓީވީ ކެމެރާތަކަށް ރެކޯޑް ކުރެވިފައި ވާއިރު، އެއަމަލު ހިންގި ގޮތް ދައުލަތުގެ އިދާރާތަކާއި އާންމު ރައްޔިތުންނަށް ފެންނަ ގޮތަށް މިއަދުވެސް އެ ވީޑިއޯތައް ފެންނަން އެބަހުއްޓެެވެ.

ގަސްދުގައި ބަޔަކު ކުރިއާލައި ރާވައިގެން ހިންގާފައިވާ ޓެރަރިޒަމްގެ މި ހުތުރު އަމަލުގެ ފުރިހަމަ ތަހުގީގެއް ދައުލަތުގެ އިދާރާތަކުން މިހާތަނަށް ކޮށްފައިވާ ކަމަށް ރާއްޖެޓީވީން ނުދެކޭކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ. އަދި މި އަމަލު ހިންގުމުގެ ކުރިން އެފަދަކަމެއް މެދުވެރިވެދާނެކަމަށް ޝައްކުކުރެވޭ ފަދަ މައުލޫމާތުތަކެއް ލިބުމާ ގުޅިގެން ރާއްޖެޓީވީގެ ފަރާތުން އެކަން މޯލްޑިވްސް ޕޮލިސް ސާރވިސްގެ ސަމާލުކަމަށް ލިޔުމުން އަންގާފައިވާނެކަން މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް އެކަމުގައި އޭރު އެ ސަރވިސްގައި އިސްކޮށް ތިބި ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައެއް ނުވެއެވެ. އެދުވަހު އެކަމާ ގުޅިގެން އެކަށީގެންވާ ފިޔަވަޅުތަކެއް ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުން އެޅިނަމަ ސްޓޭޝަނަށް އެވަރު ބޮޑު ގެއްލުމެއް ލިބުމަކީ ނާދިރުކަމެއް ކަމަށެވެ.

ރާއްޖެޓީވީން ބުނީ މިކަމުގައި ބަޔަކު ގަސްތުގައި ރާވައިގެން ކުރި ކަންތައްތަކަކާއި، އެކަންތައްތަކުގައި ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކުގައި މަސްއޫލިއްޔަތު އަދާކުރަންތިބި އިސް ފަރާތްތަކެއް ބައިވެރިވެފައިވާކަމުގެ ހެކިތައް ދައުލަތުގެ އިދާރާތަކަށް ލިބިފައިވާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގައި މިހާތަނަށް ބަޔަކު ރާވައިގެން މީޑިއާއަކަށް ދިން އެންމެ ބޮޑު ގެއްލުން ރާއްޖެޓީވީއަށް ދީފައިވާއިރު، އެކަމުގައި އަމަލީގޮތުން ޝާމިލްވި ހަ ފަރާތެއްގެ މައްސަލަ ތަހުގީގުކޮށްފައިވެއެވެ. ނަމަވެސް މި އަމަލު ހިންގިތާ 8 އަހަރު ފަހުން އެންމެ ފަރާތެއްގެ މައްޗަށް 16 ޑިސެމްބަރ 2021 ގައި ކްރިމިނަލް ކޯޓުން ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް ކުރުމަކީ މިކަމަށް އިންސާފު ލިބުން ކަމަށް ރާއްޖެޓީވީން ނުދެކޭ ކަމަށް ރާއްޖެޓީވީގެ ބަޔާނުގައިވެއެވެ.

މި އަމަލު ހިންގުމުގައި ބައިވެރިވި އެހެން ފަރާތްތަކުގެ މައްސަލަތަކަށް ވީގޮތެއް ދައުލަތުގެ އިދާރާތަކުން ހާމަކުރަންޖެހެއެވެ. ޖުމްލަ 11 މިލިއަން ރުފިޔާއަށް ވުރެ ބޮޑު މާލީ ގެއްލުމަކާއި، ރާއްޖޭގައި ހިންގަމުންދިޔަ އެއްމެ ބޮޑު އަމިއްލަ ޓީވީޗެނަލްގެ އެތަކެއް މުވައްޒަފުންނަށް ލިބުނު ނަފްސާނީ އަނިޔާތަކާއި، އެ ހާދިސާގެ ސަބަބުން ޖިސްމާނީ ގޮތުން އަނިޔާ ލިބުނު ފަރާތްތަކުގެ ހައްގު ދެ އަހަރު ދުވަހުގެ ޖަލު ހުކުމަކުން ލިބިދެވޭނެކަމަށް ރާއްޖެޓީވީން ގަބޫލުނުކުރެއެވެ.

ރޭވުންތެރިކަމާއެކު އެތައްބަޔަކު އަމަލީގޮތުން ބައިވެރިވެގެން ހިންގާފައިވާ ޓެރަރިޒަމްގެ އަމަލެއްކަމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމުން އެނގިގެން ދިޔައިރު، މިމައްސަލައިގައި އަދަބު ލިބެންޖެހެނީ އެންމެ ފަރާތަކަށް ނޫނެވެ. މި ބޮޑު ޓެރަރިޒަމްގެ އަމަލު ރޭވުމުގައި ހަރަކާތްތެރިވި ފަރާތްތަކާއި، އެކަމުގައި މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ދިން ފަރާތްތަކާއި، އޭރުގެ ދައުލަތުގެ އިސްފަރާތްތަކުގެ ތެރެއިން މިކަމަށް ހިތްވަރުދީ އެއްބާރުލުންދިން ފަރާތްތައް ޝަރީއަތުގެ ކުރިމަށްޗަށް ގެނެވި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެފަރާތްތަކާމެދު އަޅަންޖެހޭކަމަށް ރާއްޖެޓީވީން ނެރުނު ބަޔާނުގައިވެއެވެ.

ރާއްޖެޓީވީ ހިންގަމުން އައި އިމާރާތުގައި ރޯކޮށްލުމުގެ ސަބަބުން ލިބުނު ގެއްލުން ބެލުމަށް މިނިވަން އޮޑިޓް ފާމަކުން ހެދި ޑެމޭޖް އެސެސްމަންޓުން ދައްކާ ގޮތުން، ރާއްޖެޓީވީ އަންދާލުމުގެ ސަބަބުން ވަނީ 11,656,833.62 (އެގާރަ މިލިއަން ހަލައްކަ ފަންސާސްހަހާސް އަށްސަތޭކަ ތިރީސްތިން ރުފިޔާ ފަސްދޮޅަސް ދެލާރި) ރުފިޔާގެ ބޮޑު ގެއްލުމެއް ލިބިފައެވެ. އަލިފާން ރޯކޮށްލުމުގެ ސަބަބުން ރާއްޖެޓީވީއަށް ލިބުނު ގެއްލުމުގެ ބަދަލުގެ އެއްވެސް މިންވަރެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. މި ޓެރަރިޒަމްގެ ނުރައްކާތެރި އަމަލުގެ ސަބަބުން ލިބުނު ގެއްލުމާއި، ހައްގުތައް ހޯދުމަށް ރާއްޖެޓީވީން ކުރަމުންދާ މަސަކަތްތަކަށް ދައުލަތުގެ އިދާރާތަކުގެ އެދެވޭ އެއްބާރުލުމެއް ލިބިފައި ނުވާކަން ވެސް ރާއްޖެ ޓީވީން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖެޓީވީ ރޯކޮށްލުމުގެ އަމަލަކީ ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދެވަނަ ބާބުކަމުގައިވާ އަސާސީ ހައްގުތަކާ، މިނިވަންކަމުގެ ބާބުގެ 27، 28 އަދި 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހައްގުތަކެއް ބޭނުންކުރުމަށް ހުރަސްއެޅުމުގެ ގޮތުން ކޮށްފައިވާ ކަމެކެވެ. ރާއްޖެޓީވީން ބުނީ މިއީ ކަނޑައެޅިގެން ގަސްތުގައި ބަޔަކު ރާވައިގެން ސިޔާސީ މަޤްޞަދުތަކެއް ހާސިލްކުރުމަށް ހިންގާފައިވާ ނުރައްކާތެރި ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ.

ނަމަވެސް މި އަމަލު ހިންގިތާ 8 އަހަރުވެގެން ދިޔައިރު މިކަމުގެ ސަބަބުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަދި މާލީ ގޮތުން ލިބުނު ގެއްލުންތަކަށް އިންސާފު ލިބުނުތޯ މިއީ މިއަދުވެސް ކުރެވޭ ސުވާލެވެ. މި ސުވާލަށް ދޭންޖެހޭ ޖަވާބަކީ އިންސާފު ނުލިބޭކަމަށެވެ. އިންސާފު ލިބޭނެ ކަމުގެ އުންމީދުގައި މަސައްކަތް ކުރަމުންދިޔަ ނަމަވެސް އިންސާފު ހޯދައިދިނުމަށް ތިއްބެވި ފަރާތްތަކުން ކުރަމުންދާ ކަމަކީ ކޮބައިތޯއާއި، އެފަރާތްތަކުގެ މަސައްކަތުގެ ނަތީޖާއާ މެދު މިއަދުވެސް ރާއްޖެޓީވީން އަންނަނީ ސުވާލު އުފައްދަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
100%
0%
0%
0%
ކޮމެންޓް