ކ. މާލެ
|
15 ޑިސެންބަރ 2021 | ބުދަ 22:29
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ރާއްޖެއެމްވީ
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުން
ޓެރަރިޒަމާ ގުޅުންހުރި ކަންކަމުގައި ބަންދުގެ މުއްދަތު 48 ގަޑިއިރަށް ބަދަލުކޮށްފި
މި ގާނޫނަށް އަމަލުކުރަންފަށާތާ 30 ދުވަހުގެތެރޭގައި، ރީހެބިލިޓޭޝަން އެންޑް ރީ-އިންޓަގްރޭޝަން ކޮމިޓީ، މިނިސްޓަރ އެކުލަވާލަންވާނެ
ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތަހުގީގު ފުރިހަމަ ކުރުމަށް ދޭ މުއްދަތު ވަނީ 45 ދުވަހަށް ބަދަލުކޮށްފައި

ބަންދުގެ މުއްދަތު 48 ގަޑިއިރަށް ބަދަލުކޮށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ތަސްދީގުކުރައްވައިފިއެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ނޮވެމްބަރ މަހުގެ 29 ވަނަ ދުވަހު ބޭއްވި މިއަހަރުގެ އެންމެ ފަހު ޖަލްސާގައެވެ. މިގާނޫނު ފާސްކޮށްފައިވަނީ 51 މެމްބަރުންގެ ވޯޓުންނެވެ.

ބަންދުގެ މުއްދަތު 48 ގަޑިއިރަށް އިތުރު ކުރުމަށް ނިންމާފައިވަނީ، އާންމުގޮތެއްގައި ޓެރަރިޒަމް އަމަލުތަކަކީ ރޭވިގެން ހިންގާ ކުށްތަކަކަށްވާތީ، އެފަދަ ކުށަކާގުޅިގެން މީހަކު ހައްޔަރުކުރުމަށްފަހު 24 ގަޑިއިރުގެ ތެރޭގައި ތުހުމަތު ކުރެވޭ ފަރާތުގެ ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުގައި ގޮންޖެހުންތަކެއް ހުންނަކަން ފާހަގަކުރެވިފައިވާތީއެވެ. އެގޮތުން، ޓެރަރިޒަމްގެ އަމަލުތަކާ ގުޅިގެން، ބަލައިފާސްކުރާ ތަންތަން ފާސްކުރުމުގެ މަސައްކަތް 24 ގަޑިއިރުތެރޭގައި ނުނިމޭކަމާއި، މީހެއްގެ ބަންދާގުޅޭގޮތުން ބާއްވާ އަޑުއެހުމަކީވެސް ޝަރީއަތުގެ މަޖިލީހަކަށްވާއިރު، އެ މަޖިލީހަށް ހުށަހެޅުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ބަންދުގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާ ސަބަބުތަކާއި އެ ސަބަބުތައް ސާބިތުކުރުމަށް ބޭނުންވާ ހެކި ހޯދައި ހުށަހަޅަންޖެހޭކަމަށެވެ.

ތަސްދީގުކުރި ގާނޫނު ބުނާގޮތުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތަހުގީގު ފުރިހަމަ ކުރުމަށްދޭ މުއްދަތު ވަނީ އިތުރު ކޮށްފައެވެ. އެގޮތުން އެ މުއްދަތު 45 ދުވަހަށް ވަނީ އިތުރުކޮށްފައެވެ. މިގޮތަށް ގާނޫނަށް ބަދަލު ގެނައީ، ޓެރަރިޒަމް ފަދަ ރޭވިގެން ހިންގާ ބޮޑެތި ޖިނާއީ ކުށްތައް ތަހުގީގުކުރުމަށް 30 ދުވަހަކީ އެކަށީގެންވާ މުއްދަތެއް ނޫންކަމަށާއި، އަދި މިފަދަ މައްސަލަތަކުގައި ރާއްޖެއިން ބޭރުން ލިބެންޖެހޭ ލިޔުންތައް ހޯދުމާއި، މިފަދަ މައްސަލަތަކުގައި ހުށަހެޅޭ ބައެއް މާއްދީ ހެއްކާއި، ޑިޖިޓަލް ހެކިތައް، ރާއްޖެއިން ބޭރުގެ ލެބޯޓަރީތަކަށް ފޮނުވައިގެން ތަހުލީލުކުރުމަށް ދިގު މުއްދަތެއް ހޭދަވާތީ، އެ މުއްދަތުގެ ތެރޭގައި މިފަދަ ތަހުގީގުތައް ފުރިހަމަކުރުމަށް ބޮޑެތި ގޮންޖެހުންތައް ހުންނަކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ފާހަގަކޮށްފައިވާތީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށްތަކާގުޅިގެން ތަހުގީގު ހިންގުމަށް އެކަށީގެންވާ ވަގުތު ދިނުމުގެ މަގުސަދުގައެވެ.

ހަމަ މިއާއެކު އިތުރުކޮށްދޭ މުއްދަތުގައިވެސް އެ މައްސަލައިގެ ތަހުގީގު ފުރިހަމަކުރެވިފައިނުވާނަމަ، އަދި އެފަދައިން ތަހުގީގު ފުރިހަމަކުރެވިފައި ނުވަނީ ފުލުހުންގެ ބާރު ނުފޯރުވޭ ކަމެއް މެދުވެރިވުމުގެ ސަބަބުން ކަމުގައިވާނަމަ، އިތުރު އެއް ފަހަރު އެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅިދާނެއެވެ. އަދި އެފަދައިން އެ މައްސަލައިގެ ތަހުގީގު ފުރިހަމަކުރެވިފައިނުވާ ސަބަބަށް ރިއާޔަތްކޮށް، 15 ދުވަހަށްވުރެ އިތުރުނުވާނެ ގޮތުގެމަތިން ޕްރޮސިކިއުޓަރ ޖެނެރަލަށް އެ މުއްދަތު އިތުރުކޮށްދެވިދާނެ ކަމަށް ގާނޫނުގައި ބުނެއެވެ.

މީގެއިތުރުން ގާނޫނު ބުނާގޮތުން ހަނގުރާމަވެރި މާހައުލަކުން އަންނަ މީހެއްގެ ޑީ-ބްރީފިންގއެއް ފުލުހުން ހަދަން ޖެހެއެވެ. ހަނގުރާމަވެރި ސަރަހައްދެއްގައި އުފަންވާ ކުދިން ރާއްޖެއަށް އަންނަނަމަ، އައުމުގެ ކުރިން އެ ކުއްޖާ ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭނެ ގޮތްތަކާއި އުސޫލުތައް އެކުލަވާލަންޖެހެއެވެ. އަދި ކުޑަކުއްޖަކު އާއިލާއާ ހަވާލު ކުރުމުގެ ކުރިން އެސެސްމެންޓް ހަދަންވާނެ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވެއެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް މި ގެންނެވި އިސްލާހާ ގުޅިގެން، މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަސްތެރޭގައި، ގާނޫނުގެ 60-15 ވަނަ މާއްދާގެ (ހ)ގެ ދަށުން އެކުލަވާލަންޖެހޭ ރީހެބިލިޓޭޝަން އެންޑް ރީ-އިންޓަގްރޭޝަން ކޮމިޓީ، މިނިސްޓަރ އެކުލަވާލަންވާނެ ކަމުގައި ކަނަޑައަޅުއްވާފައިވެއެވެ. ހަމަ އެއާއެކު މި ގާނޫނަށް އަމަލުކުރަންފަށާތާ 30 ދުވަހުގެތެރޭގައި، މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމަށްވެސް ވަނީ ކަނޑައަޅުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް 3 ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން، މި ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ގާނޫނު ތަސްދީގުކޮށް، ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
ކޮމެންޓް