ކ. މާލެ
|
1 ޑިސެންބަރ 2021 | ބުދަ 17:46
އަލީ ވަހީދު ރާއްޖެ ވަޑައިގަތުމަށް އެދުމުން އެކަމަށް އަލީ ވަހީދު ވަނީ އިންކާރު ކުރައްވާފައި
އަލީ ވަހީދު ރާއްޖެ ވަޑައިގަތުމަށް އެދުމުން އެކަމަށް އަލީ ވަހީދު ވަނީ އިންކާރު ކުރައްވާފައި
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
"ދޯސްތު ދޯސްތު ނާރަހާ"
އަޑުބަރޭއަށް ފޮނުއްވި ސިޓީގައި އަލީ ވަހީދު ވިދާޅުވީ ރާއްޖެ އައުމަށް ޓިކެޓާއި ޖާމިނުވާނެ މީހަކު ބޭނުން ނުވާ ކަމަށް

1964 ވަނަ އަހަރު ނެރުނު ހިންދީ ފިލްމް ސަންގަމުން މަޝްހޫރުވި ލަވައެއް އޮވެއެވެ. މި ލަވަ ކިޔާފައިވަނީ ދިވެހިންގެ މެދުގައި މަގްބޫލު ލަވަކިޔުންތެރިއެއް ކަމަށްވާ މުކޭޝްއެވެ. ލަވަ ފަށަމުން ކިޔަނީ މިހާރު ވެސް ދިވެހިންގެ މެދުގައި އެކި ކަންކަމާއި ގުޅޭ ގޮތުން ދައްކައި އުޅޭ ވާހަކައެވެ.

"ދޯސްތް ދޯސްތް ނާ ރަހާ، ޕިޔާރު ޕިޔާރު ނާރަހާ، ޒިންދަގީ ހަމޭ ތެރާ އެއިތުބާރު ނާރަހާ އެއިތުބާރު ނާރަހާ" މި ލަވައިގައި ބުނަނީ ރައްޓެހި މީހާ ރައްޓެއްސެއްގެ ގޮތުގައި ނެތް ވާހަކައެވެ. ލޯބި ނުވަތަ އެ އޮންނަ ގުޅުން ނެތް ވާހަކައެވެ. ހަޔާތުގައި އިތުބާރެއް ނެތް ވާހަކައެވެ. ތެދެކެވެ. ކަންކަން ވެގެންދަނީ ވެސް ހަމަ މިފަދައިންނެވެ.

ދައްކަން މިއުޅެނީ ސަންގަމް ފިލްމަށް މުކޭޝް ކިޔާދީފައިވާ ލަވައިގެ ވާހަކައެއް ނޫނެވެ. ދައްކަން މިއުޅެނީ އެކުވެރިންގެ ގޮތުގައި ތިބި ދެމީހަކު އިތުބާރެއްގެ މައްޗަށް ވި އަހުދަކަށް އެކަކު އަނެއް މީހާއަށް ލޮޓިއެއް ދިން ވާހަކައެވެ. ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ)ގެ ވާހަކައެވެ.

ހަމަ ރީއްޗަށް ވެސް ލޮޓިއެއް ދީފިއެވެ. އަލީ ވަހީދު އަޑުބަރޭއަށެވެ. އަލީ ވަހީދު ރާއްޖެއިން ބޭރަށް ދެވެން އޮތް ހަނިފުރުސަތުގެ ބޭނުން ކުރެއްވީ ކުޅިވަރުގެ ދާއިރާއިންނާއި ރައްޓެހިކަމުގެ ގޮތުން އެންމެ ގާތް އަޑުބަރޭ ދައްކަވައިގެންނެވެ. ކޯޓުގައި ޖާމިނުކޮށްގެންނެވެ. އަޑު ބަރޭ ވެސް އޭނާއަށް މިފަދަ ލޮޓިއެއް ދީފާނެކަމަށް އުއްމީދެއް ނުކުރައްވައެވެ. އެންމެ ފަހުން އަލީ ވަހީދު ބޭރުގައި ހުންނަވައިގެން ހިތުހުރި ގޮތަކަށް ކަންކުރައްވާ އަޑުބަރޭގެ ދުވަސް ވެސް ދުއްވާލީއެވެ.

ޖާމިނުވި މުއްދަތު ހަމަވި އިރު ވެސް ރާއްޖެއަށް ވަޑައިނުގެންނެވިއެވެ. ނުވިތާކަށް ކޯޓުން އަޑުބަރޭއަށް ދިން މުއްދަތުގައި އަލީ ވަހީދު ވަޑައިގަންނަވަން ވެސް ބޭނުންފުޅެއް ނުވިއެވެ. ހަދާނެ ގޮތް ހުސްވެ އަޑުބަރޭ ލިޔުއްވީ އަލީ ވަހީދަށް ސިޓީއެކެވެ. ސިޓީގައިވާ އިބާރާތަށް ޖެހިލުމުގެ ކުރިން ސިޓީބިޓީ ބަދަލުކުރަން ޖެހުނު ހިސާބަށް ޖެހިލާނަމެވެ.

ނިމިގެން މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމަށް އަލީ ވަހީދުގެ ފަރާތުން ޖާމިނުވި އަޑުބަރޭ ހާޒިރުކޮށް ޝަރީއަތުގެ އަޑުއެހުމެއް ބޭއްވިއެވެ. އެ އަޑުއެހުމުގައި އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ)، އިގުރާރާއި ޚިލާފުވެފައި ވާތީ އޭނާގެ މައްޗަށް ފިޔަވަޅު އަޅުއްވައި ދެއްވުމަށް ދައުލަތުން އެދުނެވެ.

އަލީ ވަހީދަށް ގައުމުން ބޭރަށް ދިއުމަށް ހުއްދަ ދެއްވީ 4 މަސް ދުވަހުގެ ތެރޭގައި ކޯޓަށް ހާޒިރުވާނެކަމަށް ވިދާޅުވެ، އެކަމުގެ ޔަގީންކަމެއްގެ ގޮތުން އަޑުބަރޭ ޖާމިނު ކުރުމުންނެވެ. 11 ޖުލައިގެ އަޑުއެހުމުގައި ޝަރީއަތުން ވަނީ 26 އޯގަސްޓުގެ އަޑުއެހުމަށް ކޯޓަށް ހާޒިރުވާން ޖެހޭނެކަން އަންގާފައެވެ. އެހެންނަމަވެސް، ހާޒިރުނުވާތީ، ކޯޓަށް ހާޒިރުކޮށްދޭން ޖާމިނުވެފައިވާ އަޑުބަރޭ އެކަމުގައި ވި އިގުރާރާ ޚިލާފުވެފައިވާތީ މި މައްސަލައިގެ އެންމެ ފަހުން ބޭއްވި އަޑުއެހުން ކުރިއަށް ގެންދިޔައީ ކޯޓަށް އަޑުބަރޭ ހާޒިރުކޮށްގެންނެވެ.

މި މައްސަލަ ބައްލަވާ ގާޒީ ޙަސަން ސައީދު ވިދާޅުވީ، މިކަމަކީ މުޖުތަމައުގެ މަސްލަހަތާއި، ގާނޫނީ ވެރިކަން ނެގެހެއްޓުމަށްޓަކައި ޝަރުއީ ކޯޓުތަކުގެ އިތުބާރާއި ގަދަރު ހިފެހެއްޓުމަށް ކޮންމެހެންވެސް މުހިއްމު ކަމެއް ކަމަށެވެ. މި ސަބަބަށްޓަކައި އަލީ ވަޙީދު ދެން ޝަރީއަތަށް ހާޒިރު ކުރެވޭނީ ފުލުހުންގެ ބެލުމުގެ ދަށުން ބަންދުކޮށްގެން ކަމަށާއި، އޭނާ ޝަރީއަތަށް ހާޒިރުވާނެ ކަމުގެ ޔަގީންކަން ދީ އެކަމުގައި ޖާމިނުވި އަޑުބަރޭއާ މެދުވެސް އެ މޭރުމުން ފިޔަވަޅު އެޅުމަކީ ގާނޫނީ ވެރިކަން ދެމެހެއްޓުމަށާއި، ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށް ގާޒީ ހަސަން ސައީދު ވިދާޅުވިއެވެ.

ގާޒީ ވަނީ އެވަގުތުން ފެށިގެން 72 ގަޑިއިރުގެ ތެރޭގައި އަލީ ވަހީދު ކޯޓަށް ހާޒިރު ނުކޮށްދީފިނަމަ، އަޑުބަރޭއާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

ދެން މިހިސާބުން މިއަންނަނީ އިތުބާރުގެ ވާހަކައެވެ. ހަމަ މުކޭޝްގެ ލަވައިގައި ބުނާ ގޮތަށް ޒިންދަގީމޭ ހަމޭ ތޭރާ އެއިތުބާރު ނާރަހާއެވެ. އަލީ ވަހީދު އެނބުރި ރާއްޖެ ވަޑައިގަތުމަށް އޭނާގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ޖާމިނުވި އަޑުބަރޭ އެދިވަޑައިގަތަސް، އަލީ ވަޙީދު އެކަމަށް އުޒުރުވެރިވީއެވެ.

ނޮވެމްބަރު 28 ވަނަ ދުވަހު ބޭއްވި އަޑުއެހުމަށްފަހު އަޑުބަރޭ ވަނީ އަލީ ވަހީދު އެނބުރި ރާއްޖެ ވަޑައިގަތުމަށް އީމެއިލް މެދުވެރިކޮށް އެދިވަޑައިގެންފައެވެ. އޭގެ ޖަވާބުވެސް ހަމަ އެދުވަހު އަލީ ވަޙީދު ވަނީ ސިޓީއަކުން ދެއްވާފައެވެ. އެ ސިޓީގައި އޭނާ ވަނީ މިވަގުތު ހުރީ އިނގިރޭސިވިލާތުގެ އިމިގްރޭޝަން ބަންދެއްގައިކަން ފާހަގަކުރައްވައި އެ މައުލޫމާތު 27 އޯގަސްޓުގައި ސިޓީއަކުން ކްރިމިނަލް ކޯޓަށްވެސް ހިއްސާ ކޮށްފައިވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ ގައުމުގެ އިހުތިސާސުން ބޭރަށް ދެވޭނީ ބަންދު ކުރި މައްސަލައާއި އޭނާގެ ފަރާތުން ހުށައަޅާފައިވާ މައްސަލައަށް ގޮތެއް ނިމުމުންކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން އަލީ ވަހީދުގެ ސިޓީގައި ވަނީ ރާއްޖެއަށްވުރެ ދާ ހިތްވާ ގައުމެއް ނެތްކަމަށާއި ރާއްޖެދާނެ ޓިކެޓުވެސް އެބަ އޮތް ކަމަށާއި ޓިކެޓުގެ ކަންތަކުގައި މީހަކު ޙަވާލުނުވިޔަސް އެންމެ ރަނގަޅުކަމަށް ވިދާޅުވެފައެވެ. ޓިކެޓާއި މީހަކު ޖާމިނު ނުވިޔަސް އެންމެ ރަނގަޅުކަމަށް ވިދާޅުވެ އަޑުބަރޭ މޫނުގައި އަޅާލީ ތަފާއްޔެކެވެ.

މައުލޫމާތު ލިބޭ ގޮތުގައި އަޑުބަރޭގެ ސިޓީގައި އޭނާ ވަނީ އަލީ ވަހީދު އެނބުރި ރާއްޖެއަށް ވަޑައިގަތުމަށް ބޭނުންވާ ޓިކެޓުވެސް ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވެފައެވެ.

މި މައްސަލައިގައި އަލީ ވަހީދު ހާޒިރުވާން އުޒުރުވެރިވާތީ އަންގާރަ ދުވަހު އަޑުބަރޭ ވަނީ އެކަން އަންގަވައި ކްރިމިނަލް ކޯޓަށްވެސް ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި އޭނާ ވަނީ އޭނާ މި މައްސަލައިގައި ޖާމިނުވީ 4 މަހަށް ކަމަށް ވިދާޅުވެ، އެ މުއްދަތުގެ ތެރޭގައި އަލީ ވަހީދު ކޯޓަށް ހާޒިރުވުމަށް ކޯޓުން އެއްވެސް އެންގުމެއް އަންގާފައިނުވާކަން ފާހަގަ ކުރައްވާފައެވެ.

އޭގެ އިތުރުން، އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ މެދުވެރިކޮށް އަލީ ވަޙީދު ކޯޓަށް ހާޒިރު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގެން އޭނާ ވަނީ ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ ފަރަހަނާޒް ފައިސަލްއަށްވެސް ސިޓީއެއް ފޮނުއްވާފައެވެ.

އަޑުބަރޭ ވަނީ އެ ކަންކަމަށް ރިއާޔަތްކުރައްވައި އޭނާއާމެދު ފިޔަވަޅު އެޅުމަށް ނިންމި ނިންމުން މުރާޖައާ ކޮށްދިނުމަށް އެދިވަޑައިގެންފައެވެ. އަދި އެކަމާ ގުޅިގެން ގާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކު، ކޯޓަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދެއްވައި، އަޑުއެހުމެއް ތާވަލު ކޮށްދިނުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.

ގޮސް ހުސްވެފައިވާ އަޑުބަރޭއަށް ހަތަރު އުދަރެސް ފެނުގައި ޖެހުނު އިރު ފުރާނައިން އިތުބާރުކުރި މީހާވެސް ދިނީ ދޯކާއެވެ. ދެން އުފެދޭ ސުވާލަކީ އަޑުބަރޭއަށް ވާނީ ކިހިނެއް ހެއްޔެވެ.

- ކޮމެންޓް