ކ. މާލެ
|
22 ނޮވެންބަރ 2021 | ހޯމަ 15:44
ރާއްޖޭގެ ގައުމީ ކްރިކެޓު ޓީމުގެ ވައިސް ކެޕްޓަން އަޒްޔާން
ރާއްޖޭގެ ގައުމީ ކްރިކެޓު ޓީމުގެ ވައިސް ކެޕްޓަން އަޒްޔާން
އަޒްޔާން
ރާއްޖޭގެ ގައުމީ ކްރިކެޓްގެ މިސްރާބު
"ކުޅޭށެ ކްރިކެޓު، ކުޅޭށެ ކްރިކެޓު" ޅެމަށް ބައިގަރުނު ވާއިރު، ޤައުމީ ކްރިކެޓު ޓީމަށް، ވޯލްޑުކަޕަށް ވާސިލުނުވެވި އޮތީކީއްވެ؟
 
ޕްރެކްޓިސް ކުރާނެ ރަގަނޅު ފެންވަރެއްގެ ދަނޑެއްވެސް ރާއްޖޭގައި ނެތް
 
ރާއްޖޭގެ ޓީމަށް ލިބޭ ތަމްރީނު މަދުވެފައި ރަނގަޅު ކޯޗެއްގެ އިރުޝާދު ނުލިބޭ
 
ރާއްޖެއަކީ އާބާދީ ކުޑަޔަސް ހުނަރުވެރި ކުރިކެޓު ކުޅުންތެރިން އުފެދުނު ގައުމެއް

ކްރިކެޓުގެ ވޯލްޑުކަޕަށް ކޮލިފައި ވެވެނީ، ގްރޫޕު ސްޓޭޖުތައް ކަޑައްތު ކޮށް، ސަރަޙައްދީ މުބާރާތުގައި ވާދަ ކޮށްގެން، މޮޅު ވެވިގެންނެވެ. މިހާރުނަމަ، އެންމެ ފުރަތަމައަށް ޖެހެނީ، ރާއްޖެ މިހާރުވެސް ކުޅެމުން އަންނަ، އިންޓަރނޭޝަނަލް ކްރިކެޓު ކައުންސިލް (އައިސީސީ)ގެ ރީޖަން އޭގެ، ޗެމްޕިއަން ހޯދާށެވެ. އެ ތަށި ނަގާށެވެ. އެ މަޤާމު ޙާސިލު ވެގެންނޫނީ، އައިސީސީގެ ރީޖަން ތަކުގެ ޗެމްޕިއަނުން ވާދަކުރާ ގްރޫޕަކަށް ނުދެ ވެއެވެ. މި ގްރޫޕަށް ރާއްޖެއަށް ނިކުމެވިއްޖެނަމަ، ދެ ކަމެއް ޙާސިލު ވެއެވެ.

ފުރަތަމަ ކަމަކީ، އޭޝިއާ ދޫކޮށް ރީޖަންތައް ކުޅޭ މުބާރާތަށް ފޯރުމެވެ. ދުނިޔޭގެ ލޯތަކަށް، ދިވެހި ކްރިކެޓު ފެންނާން ފެށުމެވެ. އެ މުބާރާތް ކާމިޔާބު ކުރެވިއްޖެނަމަ، ދެން އޮންނާނީ ވޯލްޑުކަޕް ކުރިކެޓުގެ ފައިނަލެވެ. މިއީ، ދިހަވަރަކަށް މެޗުން މޮޅުވެވިގެން ނޫނީ، ކަޑައްތު ކުރެވެން އޮތް މަގެއް ނޫނެވެ. ސުވާލަކީ، އެމަގުގެ ކޮޅުން އެ ފެންނަ، ފަޚުރުވެރި ތަށީގައި، ރާއްޖެއަށް އަތް ޖައްސާލެވިދާނެ ހެއްޔެވެ؟

އޭރަށް ދިވެހިރާއްޖެއަކީވެސް، ކްރިކެޓުކުޅޭ ގައުމެއްކަން ދުނިޔޭގެ ލޮލުގައި އަޅައިގަންނާނެއެވެ. އެ މަޝްހޫރު ކަމުގެ ތެރެއިން، ދިވެހިރާއްޖެވެސް، އިތުރަށް މަޝްހޫރުވާނެ ފުރުސަތު ލިބޭނެއެވެ. ހަމަ އެހެންމެ، އެ ގްރޫޕުގައި ކުޅެގެން،  މުބާރާތުގެ ޗެމްޕިއަނުންނާއި ރަނަރަކަށް، ވޯލްޑުކަޕް ކުރިކެޓު މުބާރާތަށް ކޮލިފައި ވާން، އެ ލިބޭ ފުރުސަތަށް ރާއްޖެއަށް ވާސިލުވާނެ ދޮރުވެސް މިކަމުން ހުޅުވެއެވެ. އެހެން ކަމުން އެ ގްރޫޕުގައި ކުޅެ، ރާއްޖެ ރަނަރަޕަށް ދިއަޔަސް، ވޯލްކަޕަށް ދެވޭނެވެ. މިއީ "ނަމަ" އެކެވެ. ނަމަ އަކީ، ކަމެއްވެ ވެއްޖެނަމަ، ކަމެއް ވާނެ ވާހަކައެވެ. ސުވާލަކީ، "ނަމަ"، އަތުނުވެ، މިހާ ޒަމާން އެ މާޒީވީ ކީއްވެ ހެއްޔެވެ؟

ކޮންމެ އަކަސް، މި ދެންނެވި ހަރުފަތް ތަކަށް ބަލާއިރު، ރާއްޖޭގެ ގައުމީ ކްރިކެޓު ޓީމު، އަދި އޮތީ، އައިސީސީގެ ގްރޫޕް "އޭ" ގެ އެންމެ ފުލުގައެވެ!  ނިމިދިޔަ އޮކްޓޫބަރު 23ން28ށް އޮތް ރީޖަންގެ އައިސީސީގެ ކްރިކެޓު މުބާރާތުގައި، ރާއްޖެ އެ އައީ ކުޅެފައެވެ. މި ފަހަރުވެސް ދިޔައީ، އެންމެ ފުލަށެވެ. އެހެން ކަމުން މި އުފެދެނީ ހައްތަހާވެސް ސުވާލެވެ. ސުވާލުގެ މައްޗަށް ސުވާލެވެ.

އޭޝިއާ ބައްރު ގިރާކޮށް ރާއްޖެއަށް، ގްރޫޕް ސްޓޭޖަށް ނުނިކުމެވެނީ ކީއްވެ ހެއްޔެވެ؟ ޖަވާބެއް ހޯދާލަން ވިސްނާލާއިރު، މި ވާ ގޮތް އެންމެ ރަނގަޅަށް ކިޔައިދޭން އެނގޭ އެކަކީ، ގައުމީ ކްރިކެޓު ޓީމުގެ ވައިސް ކެޕްޓަން ޔޫސުފު އަޒްޔާން ފަރުހަތެވެ. އެއީ 19 އަހަރުން ދަށުގެ އިންޓަރނޭޝަނަލް މުބާރާތެއްގައި ސެންޗަރީ ހެދި، އަދި މިއަދުވެސް ގައުމީ ޓީމުން ފެންނަ އެންމެ އުންމީދީ ކުޅުންތެރިޔާއެވެ.

ރާއްޖޭގެ ގައުމީ ކްރިކެޓު ޓީމުގެ ވައިސް ކެޕްޓަން އަޒްޔާން - އަޒްޔާން

އަޒްޔާންއަކީ، ރާއްޖޭގައި ނަން ހިނގާ،  "ކްރިކެޓު ފެމިލީ"ގެ ތިން ވަނަ ޖީލުގެ ކުރިކެޓުގެ ތަރިއެވެ. އޭނާގެ ކާފަ އިރުމަތީގޭ ޖަލީލަކީ، ރާއްޖޭގައި އުފެދުނު އެންމެ ސްޓައިލިޝް ކުރިކެޓު ކުޅުން ތެރިޔާއެވެ. އެއަށް ފަހު، ކްރިކެޓުގައި ދެން ފިޔަ ޖެހީ، އަޒްޔާންގެ ބައްޕައެވެ. އިރުމަތީގޭ ޖަލީލުގެ ފަރުހަތު ޖަލީލެވެ. އެއީވެސް އެހާމެ މޮޅު އޯލް ރައުންޑަރެކެވެ. އެކަމަކު މިއަދު އެއީ ރިޓަޔާ ކޮށްފައިހުރި، އެހެން ނަމަވެސް، ޒުވާން ކުރިކެޓު ކުޅުންތެރިން, އުފައްދަން އަމިއްލަ އެކަޑަމީއެއް ހިންގަވާ ހުނަރުވެރި ކޯޗެކެވެ.

ފަރުހަތަށް ފަހު، އެ އާއިލާގެ 3 ވަނަ ޖީލުން، އަޒްޔާން ފިޔަ ޖަހަމުން ދާއިރު، އޮސްޓްރޭލިއާގެ ޕާތުގެ ލީގެއްގައި، މިހާރުވެސް ކުރިކެޓު ކުޅެމުން އަންނަ، ހަމަ މި ޢާއިލާގެ ޝަފްރާޒް ޖަލީލަކީ ވެސް، އިރުމަތީގޭ ޖަލީލުގެ ބޭފުޅެކެވެ. އެއީވެސް ކުރިކެޓުގައި ނަން މަޝްހޫރު މޮޅު ދިވެހި ޒުވާނެކެވެ.

ވައިސް ކެޕްޓަން އަޒްޔާންވެސް ވަނީ،  އޮސްޓްރޭލިއާގެ މެލްބަން ޕްރިމިއަ ލީގުގެ ޑިވިޝަން 2 ގައި ،ދެ އަހަރެއްހާ ދުވަހު ކުރިކެޓު ކުޅެފައެވެ. އޭރު، އޮސްޓްރޭލިއާއިން ފެންނަމުންދިޔަ ދިވެހި ކްރިކެޓު ކުޅުންތެރިންގެ ތެރޭގައި، މިއަދު ގައުމީ ކްރިކެޓު ޓީމުން އަޒްޔާން އާއިއެކު ފެންނަ، ޙަސަންވެސް ހިމެނުނެވެ.

މި ފެންނަނީ ހުނަރަށް ބަލާނަމަ، މި ސަރަޙައްދުގައި ނަންހިނގާ ހުނަރުވެރި ކުޅުންތެރިންނެވެ. އެފަދަ ހުނަރުވެރިން ތިބެމެ، ގްރޫޕްގެ، އެންމެ ފުލުގައި ރާއްޖެ އޮންނަކަމީ، ޙަގީގަތުގައިވެސް، ސުވާލު އުފެދޭ ކަމެކެވެ.    

މުޙަންމަދު އަމީން ދައުރުގައި، ރާއްޖޭގައި ކުރިކެޓު މަޤުބޫލުވެ، "ކުޅޭށެ ކްރިކެޓު، ކުޅޭށެ ކުރިކެޓު" ޅެންވެސް، ވުޖޫދު ވީތާ، ބައިގަރުނު ފުރިގެން ދާއިރު، މަރުޙޫމް އިރުމަތީގޭ ޖަލީލުފަދަ، މޫސާ ކަލީމު ފަދަ، އަދި ޖަލީލުގެ ފަރުޙަތު ޖަލީލުފަދަ، މޮޅު ކިތަންމެ އޯލްރައުންޑަރުންނެއް، ރާއްޖެވަނީ ދެކެފައެވެ. މޫސާ ކަލީމުފަދަ މޮޅު ބެޓްސްމަނުން އޮތީ އުފެދި، އޭނާގެ ސެންޗަރީގެ އިތުރުން، ދިވެހި ކްރިކެޓު ކުޅުންތެރިން 200 ލަނޑު ހެދި މަންޒަރުވެސް ރާއްޖެވަނީ ދެކެފައެވެ. ނަމަވެސް އެއީ މާޒީއެވެ. މިއަދެއް ނޫނެވެ.

ރާއްޖޭގެ ގައުމީ ކްރިކެޓު ޓީމުގެ ވައިސް ކެޕްޓަން އަޒްޔާން - އަޒްޔާން

ދިވެހި ކުރިކެޓުގެ ދުނިޔޭގައި ފިޔަޖެހި ބެޓްސް މަނުންގެ ތެރޭގައި، އަފްހާމާއި ކަލީމުފަދަ، ކިތަންމެ ހުނަރުވެރި ކުޅުން ތެރިންނެއް، ރާއްޖޭގައި އުފެދުނެވެ. މިއަދުގެ ގައުމީ ކްރިކެޓު ޓީމަށް ބަލާއިރު، ވައިސް ކެޕްޓަން ޔޫސުފު އަޒްޔާން ފަރުހަތަކީ، 19 އަހަރުން ދަށުގެ ބައިނަލް އަޤުވާމީ މުބާރާތެއްގައި، ސެންޗަރީ ހަދާފައިވާ، ހުނަރުވެރި ކުޅުން ތެރިއެކެވެ. އެހެން ކަމުން ފެންނާން އެހުރީ، ހުނަރުވެރި ކުޅުންތެރިން ތިބި ކަމުގެ ހެކިތަކެވެ.

ހަމަ އެހެންމެ، އޭޝިއާއަށް ކަޅި އުކާނަމަ، މިއަދުވެސް ހުނަރަށް ބަލާއިރު، ދުނިޔޭގެ ފެންވަރުގެ ބޯލަރުންނާއި ބެޓްސްމަނުން، ގައުމީ ކުރިކެޓު ޓީމުގައިވެސް އެބަތިއްބެވެ. އެކަމަކު، ރާއްޖޭގެ ގައުމީ ކުރިކެޓު ޓީމަށް، އޭޝިއާ ރީޖަނުން ބޭރަށް ނިކުމެވިފައެއް ނެތެވެ. މި ކަމުގެ ފަހަތުގައި އޮތީ އަޒްޔާން ބުނާ ގޮތުން ނަމަ، ރަނގަޅު ދަނޑަކާ، އިރުޝާދު ދޭނެ މޮޅު ކޯޗެއް ނެތުމުގެ ފަޅުކަމެވެ.

ކުްރިކެޓުން ލޭ ކައްކުވާލީ މާޒީއެއް އޮތެވެ.

ރާއްޖެއަކީ، އާބާދީ ކުޑަޔަސް ހުނަރުވެރި ކުރިކެޓު ކުޅުންތެރިން އުފެދުނު ގައުމެކެވެ. މިއަދުވެސް، އެހާމެ ހުނަރުވެރި ޒުވާން ކުރިކެޓު ކުޅުންތެރިން ތިބިވެސް ގައުމެކެވެ. ދިވެހި ކުރިކެޓުގެ މާޒީއަށް ބަލައިލާއިރު، އޭޝިއަން ކުރިކެޓު ކައުންސިލް (އޭސީސީ) ޗެލެންޖު ކަޕްގެ މާޒީން ލޯމައްޗަށް ފެންނަ އެއް ފޮޓޯއަކީ، މޫސާ ކަލީމުގެ ހުނަރެވެ. 2010 ވަނަ އަހަރު، އޭސީސީ ޗެލެންޖު ކަޕުން، ރާއްޖޭގެ ކުރިކެޓު ޓީމު، ތަށި އުފުލާލި އުފާވެރި މަންޒަރެވެ.

ތައިލޭންޑުގައި ބޭއްވުނު، އޭސީސީ ޓްރޮފީ، 2010 ވަނަ އަހަރުގެ ތަށި، ރާއްޖެ އުފުލައި ލުމާއެކު، އުންމީދެއް އާވިއެވެ. އެ ފަހަރު ޓީމު އައިސް ބޮޑުފާލަމުން ފޭބުމާއެކު، ގައުމީ ކްރިކެޓު ޓީމަށް، ރައީސް ނަޝީދުގެ ސަރުކާރުން، ހޫނު މަރުޙަބާއެއް ކިއެވެ. މިއީ ރާއްޖެ އުފަލުން ފޮޅިގަތް ވަގުތެކެވެ. އެހެން ނަމަވެސް، އެއަށްފަހު، މިހާތަނަށް ބޭއްވުނު، އައިސީސީގެ ގްރޫޕު އޭ ގެ ތަށްޓެއް، ރާއްޖޭގެ އަތަކު ނުޖެހެއެވެ.

އޭސީސީގެ އެ ޒަމާން ނިމިގޮސް، މިއަދު މި އޮތީ، އައިސީސީއެވެ. އެ މުބާރާތެވެ. މިއަދު ކްރިކެޓު ވޯލްޑުކަޕަށް ނިކުންނަން ބޭނުންވާ ނަމަ، އެ ގައުމެއް ނިސްބަތްވާ ގްރޫޕު ސްޓޭޖުގެ ތަށި، ފުރަތަމަ ޖެހެނީ އުފުލައިލާށެވެ. އެއަށްފަހު، ސަރަޙައްދީ ސްޓޭޖުގައި ކުޅެން ނިކުމެ، ރަނަރަޕު ނުވަތަ ޗެންޕިއަންކަން ޙާސިލު ކުރުމެވެ. ވޯލްޑުކަޕު ފައިނަލަށް ދިއުމަށެވެ.

އައިސީސީގެ މުބާރާތަށް ވާދަކުރާން ފެށިފަހުން،  2014 ގައި، މި ތަށި އުފުލާލުމުގެ އުންމީދާ ވަރަށް ގާތަށް ރާއްޖެއަށް އައުދެވުނެވެ. އެ އަހަރު ކުޅުނު ފުރަތަމަ ދެމެޗުން މޮޅުވިއެވެ. ނަމަވެސް 3 ވަނަ މެޗުން ވަރަށް ކައިރިން ނަމަވެސް، ވީ ބައްޔެވެ. ޓީމު ރާއްޖެއަށް އައީ، އެ މޮޅިވެރި ކަމުގައެވެ.

ވައިސް ކެޕްޓަން އަޒްޔާންގެ ނަޒަރުގައި، އޭގެ ފަހުން މި ސްޓޭޖުގެ ފުލުގައި ރާއްޖެއަށް އޮންނަން ޖެހެނީ، ސަބަބުތަކެއް އޮތީމައެވެ. އެހެން ކަމުން ފުރަތަމަ ޖެހެނީ އެ ސަބަބުތައް ގިރާ ކުރާށެވެ. ސުވާލަކީ، ރާއްޖޭގައި މިއަދު ފެންނާން ހުރި އެންމެ މޮޅު ބެޓްސްމަން އަޒްޔާން، އެ އިޝާރާތްކުރާ ސަބަބު ތަކަކީ ކޮބައި ހެއްޔެވެ؟

އަޒްޔާން ބުނާ ގޮތުންނަމަ، އައިސީސީގެ ކްރިކެޓު ވޯލްޑުކަޕަށް ވާސިލުވާން ގްރޫޕް ސްޓޭޖުގައި، މިހާތަނަށް ކުޅުނު އެއްވެސް ފަހަރަކު، ތަށީގައި އަތް ޖައްސާލުމުގެ ފުރުސަތު ނުލިބި އެ ދަނީ، ރާއްޖޭގެ ޓީމަށް ލިބޭ ތަމްރީނު މަދުވެފައި، ރަނގަޅު ކޯޗެއްގެ އިރުޝާދު ނުލިބުމުގެ އިތުރަށް، ޕްރެކްޓިސް ކުރާނެ ރަގަނޅު ފެންވަރެއްގެ ދަނޑެއްވެސް، ރާއްޖޭގައި ނޯންނާތީއެވެ. މިއީ، ވާދަކުރާން އޮތް ބޭރުގެ ގައުމުތަކުގެ ޓީމުތަކާއި، ރާއްޖޭގެ ގައުމީ ޓީމު، އެއް ހަމައެއްގައި ފައިމަ ކުރާން، އެންމެ ދަތި މައިގަނޑު ސަބަބެވެ. އަޒްޔާން އަކީ 2017 ގެ ކްރިކެޓަރ އޮފް ދަ އިޔަރ އެވެ.

އަހަރެމެން މި ބައްދަލުކުރާ ޓީމުތަކަކީ، ވަރުގަދަ ޓީމުތަކާއެކު ޕްރެކްޓިސް މެޗުތައް ކުޅޭނެ ޗާންސް ލިބޭ، އަދި އެފަދަ މެޗުތައް ކުޅޭ ޓީމުތައް. އެއީ، ކޮންމެ ދުވަހަކުހެން، ޓާފު ދަނޑުތަކުގައި ޕްރެކްޓިސްކުރާ ޓީމުތައް. އަހަރެމެންގެ ނޯވޭ، އެފެންވަރުގެ ދަނޑެއް، ޕްރެކްޓިސް ކުރާކަށް. އެކަހަލަ ދަނޑުތަކުގައި ބޯޅަ ޖެހިފަ އެނބުރޭ (ސްޕިންވާ) ގޮތްވެސް ތަފާތުވާނެ. އެހެންވީމަ، ބޯލިންއަށް ވުރެ، ބެޓިންގަ އަހަރެމެން އެހާ ކުރި ނާރަނީ
ރާއްޖޭގެ ގައުމީ ކްރިކެޓު ޓީމުގެ ވައިސް ކެޕްޓަން އަޒްޔާން

ރާއްޖެއާކުޅެ 2010 އެއްގެ ހިސާބުގައި ބަލިވި، އޮމާންގެ ކްރިކެޓު ޓީމަކީ، މިހާރު ވޯލްޑުކަޕް ކުޅޭ ޓީމެކެވެ. އެ ޓީމަށް އެހިސާބަށް ދެވިފައިއެވަނީ، މޮޅު ޓީމުތަކާއެކު، ތަޖުރިބާ މެޗުތައް ކުޅެން ލިބުނު ފުރުސަތުތައް ގިނަވެ، ރަނގަޅު ކޯޗުންގެ އިރުޝާދު ލިބި، ޓާފް ދަނޑުތަކުގައި ޕްރެކްޓިސްކުރާނެ ފުރުސަތުވެސް ލިބިގެންކަން އަޒްޔާން ފާހަގަ ކުރިއެވެ. އުމުރުން 15 އަހަރުގައި، ގައުމީ ޓީމަށް ކުޅެންފެށި، އަޒްޔާން ބުނެފައިވަނީ ރާއްޖޭގެ ގައުމީ ޓީމަކީ، މިހާތަނަށް އެހެން ގައުމު ތަކުގެ މޮޅު ކުޅުންތެރިން ހިމަނައިގެން، މުބާރާތަށް ނިކުންނަ ބައެއް ނޫން ކަމަށެވެ. ބައްޕަ، ފަރުހަތާއެކު، އުމުރުން 2 އަހަރުން ފެށިގެން އަޒްޔާން އަންނަނީ ކްރިކެޓު ކުޅެމުންނެވެ.

އެ ޓީމުގައި، އެހެން ގައުމު ތަކަށް ނިސްބަތްވާ މޮޅު ކުރިކެޓު ކުޅުންތެރިންވެސް ހިމެނޭ. ރާއްޖޭގެ ގައުމީ ޓީމަކީ، މިހާތަނަށް އެހެން ގައުމު ތަކުގެ މޮޅު ކުޅުންތެރިން ހިމަނައިގެން، މުބާރާތަށް ނިކުންނަ ބައެއް ނޫން. ރާއްޖޭގެ ޓީމުގައި މުޅިންވެސް ހިމެނިފައިވަނީ ދިވެހީން".
ރާއްޖޭގެ ގައުމީ ކްރިކެޓު ޓީމުގެ ވައިސް ކެޕްޓަން އަޒްޔާން

ރާއްޖޭގެ ގައުމީޓީމަށް ކުޅޭ ކުދިންނަށް އެ ލިބޭ އެލަވަންސުން، ދިރިއުޅުމުގެ ޚަރަދުތައް ފުއްދާލެވޭވަރު ނުވާތީ، ކޮންމެ ކުޅުންތެރިއަކު ހެން، އެހެން ވަޒީފާއެއް އަދާކުރަން ޖެހެއެވެ. އެހެންކަމުން، އެ ކުޅުންތެރިންނަށް ކްރިކެޓަށް ޚާއްސަވެގެން ތިބެވޭކަށް ނޯވެއެވެ. ބައެއް ފަހަރު ޑިއުޓީ ނިންމާފަވެސް ޕްރެކްޓިހަށް އަންނަން ޖެހެއެވެ. އެއައިސް ވެސް ، ޕްރެކްޓިސް ކޮށްލަން އޮންނަނީ ވާދަވެރި ގައުމުތަކުގެ ޓީމުތައް، ޕްރެކްޓިސް ކުރާފަދަ ދަނޑެއް ނޫނެވެ. އަނެއްކޮޅުން އެފެންވަރުގެ ކޯޗުންގެ އިރުޝާދެއް ޓީމަކަށް ނުލިބެއެވެ.

"ދުނިޔޭގެ ބޮޑެތި ލީގުތަކުގައި ކުޅޭވަރުގެ ހުނަރުހުރި ކުޅުންތެރިން ރާއްޖޭގައި އެބަތިބި. މިސާލަކަށް ރާއްޖޭގެ އެންމެ ފާސްޓު ބޯލަރު ޙަސަން އަދި ރަޔާން ފަދަ މޮޅު ކުޅުންތެރިންނަށް، މިއަދު ބޭނުންވަނީ، ރަނގަޅު ކޯޗެއްގެ ގައިޑެންސް" ގައުމީ ޓީމުގެ ވައިސް ކެޕްޓަން އަޒްޔާން ބުނެފައި ވެއެވެ.

ރާއްޖޭގެ ގައުމީ ކްރިކެޓު ޓީމުގެ ވައިސް ކެޕްޓަން އަޒްޔާން އާއި ޓީމުގެ ބައެއް ކުޅުންތެރިން - އަޒްޔާން
ބޭރު ތަންތާނގަ އެ އޮންނަ ފެންވަރުގެ ދަނޑެއް، ރާއްޖޭގައި ހެދިއްޖެނަމަ، ގައުމީ ޓީމަށް ވަރަށް ބޮޑު ބޫސްޓަކަށް ވާނެ. އަބަދުވެސް އެއީ ދެކޭ ހުވަފެނެއް. އެފަދަ ދުވަހެއް ފެނިދާނެ ކަމަށް ގަބޫލުކުރަންވެސް ކުދިންނަށް، މިހާރު ދަތި
ރާއްޖޭގެ ގައުމީ ކްރިކެޓު ޓީމުގެ ވައިސް ކެޕްޓަން އަޒްޔާން

ހުޅުމާލޭގައި، ބައިނަލް އަޤުވާމީ ފެންވަރުގެ ކުރިކެޓު ދަނޑެއް ހެދުމަކީ، މި ސަރުކާރުގެ އަމާޒެކެވެ. އެފަދަ ދަނޑެއް ހެދިއްޖެނަމަ، އިންޑިއާގައި އޮންނަ "އައިޕީއެލް" މުބާރާތް ފަދަ، ބައިނަލް އަޤުވާމީ މުބާރާތްތައް، ރާއްޖޭގައިވެސް ބޭއްވޭނެއެވެ. އަދި ގައުމީ ޓީމުގެ ކުޅުންތެރިން ދެކޭ، ރަނގަޅު ދަނޑެއްގެ ހުވަފެންވެސް ޙަގީގަތަކަށް ވާނެއެވެ.

އަޒްޔާންގެ ބައްޕަ ފަރުޙަތު ޖަލީލަކީ، ރާއްޖޭގައި އެފަދަ ދަނޑެއް ހެދޭތޯ ކޮންމެ ސަރުކާރެއްގެ ވެރިންނާއި ބައްދަލުވާ ކޮންމެ ފަހަރަކުމެ، ދަންނަވަމުން ގެންދަވާ ބޭފުޅެކެވެ. ފަރުހަތު ވިދާޅުވެފައިވާ ގޮތުގައި، މި ޚިޔާލު، ރައީސް ނަޝީދު ވެރިކަމުގައިވެސް އެރުވުނެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކާނަށްވެސް މި ޚިޔާލު އެރުވުނެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙަށްވެސް މި ވާހަކަ، ހަމަ މި މޭރުމުން ވާނީ ދަންނަވާފައެވެ. ރާއްޖޭގެ ކުރިކެޓުގެ މާޒީ ދުށް، މަޝްހޫރު އޯލްރައުންޑަރ ފަރުހަތު ޖަލީލު، ވިދާޅުވި ވާހަކަށް ހިމަނާލާނަމެވެ.

ރައީސް ސާލިޙުގެ ސަރުކާރުގައި، ހުޅުމާލޭގައި ރަނގަޅު ފެންވަރެއްގެ ކުރިކެޓު ދަނޑެއް ހައްދަވައިދެއްވަފާނެ ކަމުގެ އުންމީދު، އަޅުގަނޑަށް އެބަ އޮތް. ރައީސް އޮތީ، އެ މޭރުމުން، އެ އުންމީދު އައުކޮށް ދެއްވާފައި
މަޝްހޫރު އޯލްރައުންޑަރ ފަރުހަތު ޖަލީލު

ރާއްޖޭގެ ޖުމްހޫރިއްޔާގެ ގިނަ ރައީސުންނަކީ، އިއްތިފާޤުން ނަމަވެސް، ކުރިކެޓު ކުޅުންތެރިންނެވެ. ރައީސް މުޙައްމަދު އަމީނާ، ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމަކީވެސް ކުރިކެޓު ކުޅުންތެރިންނެވެ. ހަމަ އެހެންމެ ރައީސް ނަޝީދަކީވެސް އަދި ރައީސް ޔާމީނަކީވެސް، ކުރިކެޓު ކުޅުއްވާ އަދި ކުރިކެޓަށް ލޯބިކުރައްވާ ރައީސުންނެވެ. މިއަދަށް ބަލާއިރުވެސް އެ ހުންނެވީ ކުރިކެޓު ކުޅުއްވާ ރައީސެކެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙަކީ، ކުރިކެޓު ކުޅުއްވާ އަދި ކުރިކެޓަށް އެހާ ލޯބިކުރައްވާ ރައީސެކެވެ. ފަރުހަތު އުންމީދު ކުރައްވަނީ، މި ސަރުކާރުގެ ދައުރުގެ ތެރޭގައި، ދިވެހި ކުރިކެޓުގެ އުފާވެރި މުސްތަޤުބަލަށް އޮތް ދަނޑު ޙަގީގަތަކަށްވުން ވަރަށް ގާތްކަމަށެވެ.

ވައިސް ކެޕްޓަން އަޒްޔާންގެ ވާހަކައިންނާއި ފަރުހަތު ޖަލީލުގެ ވާހަކައިންނާއި، ކުރިކެޓު ކުޅުންތެރިންގެ ވާހަކަ ތަކުން، މޭރުންވަނީ، ޤައުމީ ކްރިކެޓު ޓީމަށް، ވޯލްޑުކަޕަށް ވާސިލުނުވެވި އޮތީ ކީއްވެންތޯ؟ މި ކުރެވޭ ސުވާލުގެ ޖަވާބެވެ.

ރާއްޖޭގެ ގައުމީ ކްރިކެޓު ޓީމުގެ ވައިސް ކެޕްޓަން އަޒްޔާން - އަޒްޔާން

އަޒްޔާންގެ ބަހުގައި، ވޯލްޑުކަޕު ކުރިކެޓުގެ ފައިނަލުގައި ރާއްޖެ ކުޅެން، މި ކުރެވޭ އުންމީދު އޮތީ މާދުރަކު ނޫނެވެ. އެއީ 10 ވަރަކަށް މެޗުގެ ގެޕެކެވެ. ރަނގަޅު ދަނޑަކާއި، ދުނިޔޭގެ ފެންވަރުގެ ރަނގަޅު ކޯޗެއްގެ އިރުޝާދު ލިބެން ފަށައިފިނަމަ، 4 ވަރަކަށް އަހަރު ނުވަނީސް، ދުނިޔޭގެ ވޯލްޑުކަޕު ކުރިކެޓުން ރާއްޖެ ފެނުމަކީ، ވަރަށް ގާތް ކަމެކެވެ. ބޭނުންވަނީ، 4 މެޗު ކުޅެ، ގްރޫޕުގެ ތަށި ނަގައި، ރީޖަންގެ މުބާރާތަށް ނިކުމެ، ޗެމްޕިއަންކަން ނުވަތަ ރަނަރަޕަށް ދިއުމެވެ. އެހިސާބުން، ދުނިޔޭގެ ލޯތަކުގެ ކުރިމަތީގައި ރާއްޖެ ފެންނާނީ، ވޯލްޑުކަޕު، ކުރިކެޓު ކުޅޭ މަންޒަރެވެ.

"އަޅުގަނޑު، ގައުމީ ޓީމުން ރިޓަޔަރ ވުމުގެ ކުރިން، އެދުވަސް، ވަރަށް ދެކެން ބޭނުން" އުންމީދުން ފުރިގެންވި ރާގެއްގައި، އަޒްޔާން ރާއްޖެ ޑޮޓު އެމްވީއަށް، ދިން ޚާއްސަ އިންޓަރވިއު ނިންމާލަމުން، ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
100%
0%
0%
0%
0%
ކޮމެންޓް