ރ. ދުވާފަރާއި ލ. ގަމުގައި ޖޮބް ސެންޓަރު ޤާއިމުކުރުމަށް ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އެހެން ވިދާޅުވީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ގޮތުން ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ އަންނަ މަހު ހުޅުމާލޭގައި ޖޮބް ސެންޓަރު ހުޅުވުމުގެ އިތުރުން، ރ. ދުވާފަރާއި ލ. ގަމުގައި ޖޮބް ސެންޓަރު ޤާއިމު ކުރުމަކީ ވެސް ސަރުކާރުން ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އެގޮތުން ޖޮބް ސެންޓަރުގެ އެޕްލިކޭޝަން ޕޯޓަލްއެއް އުފައްދާފައިވީނަމަވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖޮބް ސެންޓަރުތައް ޤާއިމުކުރުމުގެ މުހިއްމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ އެހެން ވިދާޅުވެފައިވާއިރު، ސެޕްޓެމްބަރު މަހު ރ. އަލިފުށީގައި ވެސް ވަނީ ޖޮބް ސެންޓަރެއް ޤާއިމުކޮށްފައެވެ. އެގޮތުން އަލިފުށީގައި ޖޮބްސެންޓަރުގެ ޚިދުމަތް ފެށުމާ ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި އަލިފުށީ ކައުންސިލާ ދެމެދު ވަނީ ސޮއިކޮށްފައެވެ.
ރާއްޖޭގައި ވަޒީފާ ބޭނުންވާ، ވަރަށް ގިނަ އަދަދެއްގެ ޒުވާނުން އެބަތިބި ކަމަށާއި, ސަރުކާރުގެ އަމާޒަކީ ވަޒީފާ ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދީ، ކޮންމެ ރަށެއްގައި ޑެސްކެއް ބެހެއްޓުން ކަަމަަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ރައީސްގެ ވިދާޅުވީ ޖޮބް ސެންޓަރުތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމުކުރުމާއެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޓިވެޓް ސެންޓަރުތަކެއް ވެސް ގާއިމުކުރައްވާނެ ކަމަށެވެ.
މި ސަރުކާރުގެ އަމާޒަކީ ވަޒީފާ އަދާކުރާ ބޭރު މީހުން ރާއްޖެއަށް ގެނައުން މަދުކުރުންކަން ވަނީ ހާމަކޮށްފައެވެ. އެގޮތުން މިސަރުކާރު ވެރިކަމާ ހަވާލުވިއިރު 56000 މީހުންނަށް ރާއްޖޭގައި ވޯކް ޕަރމިޓް ދީފައިވާއިރު، މި 2021 ވަނަ އަހަރުގެ ފުރަތަމަ 7 މަސް ނިމުނުއިރު ސަރުކާރުން ވޯކް ޕަރމިޓް ދީފައި ވަނީ 8900 މީހުންނަށެވެ.
ޖޮބްސެންޓަރުތަކުގެ މައިގަނޑު ބޭނުމަކީ ވަޒީފާދޭ ފަރާތްތަކާއި، ވަޒީފާ ބޭނުންވާ ފަރާތްތައް އެއްތަންކުރުމާއި ވަޒީއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް ހުށަހެޅުމުން ފެށިގެން ވަޒީފާ ލިބުމާހަމައަށް ކުރަންޖެހޭ ކަންކަން އެއްތަނަކުން ކުރެވޭނެ މަގުފަހިކުރުމެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖޮބްސެންޓަރުގެ ޚިދުމަތް ތައާރަފްކޮށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އެހެން ބައެއް ޚިދުމަތްތައް ވެސް ޖޮބްސެންޓަރުތަކުން ލިބޭނެގޮތް މުސްތަގުބަލުގައި ފަހިވެގެންދާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.