މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވާލާ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ނުވަތަ "ތިލަމާލެ" ބްރިޖު އެޅުމަށް ހަދަން ޖެހޭ ސާވޭގެ މަސައްކަތް ފަށައިފިއެވެ.
މިއީ މިސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއެވެ. ސާރވޭގެ މަސައްކަތް ފަށާފައިވާތީ ބްރިޖު އަޅަން ހަމަޖެހިފައިވާ ސަރަހައްދުން ދަތުރުކުރާ ކަނޑު އުޅަނދުފަހަރު ސަމާލުވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އަންގާފައެވެ. އެމިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާލެ-ތިލަފުށި ލިންކް މަޝްރޫއާ ގުޅިގެން 28 އޮކްޓޫބަރުން ފެށިގެން އަންނަ އަހަރުގެ 22 ފެބްރުއަރީގެ ނިޔަލަށް މާލޭގެ ހުޅަނގު ދެކުނު ފަރާތުން ފެށިގެން، ވިލިނގިއްޔާއި ގުޅީފަޅުގެ ދެކުނުފަރާތުގެ މޫދާއި އަދި ތިލަފުށީގެ އިރުދެކުނުކޮޅާއި ދެމެދު 01 ކިލޯ މީޓަރުގެ ފުޅާމިނުގެ ސަރަހައްދުގައި ސަރވޭ ކުރުމުގެ މަސައްކަތް ކުރިޔަށްދާނެ ކަމަށެވެ.
ސަރވޭގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ އެފްކޯންސް އިންފްރާސްޓަރަކްޗަރގެ ސަބްކޮންޓްރެކްޓަރެއް ކަމަށްވާ ފޯރސައިޓް ސާރވެއާސްއާއި ހަވާލުކޮށްގެންނެވެ. މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ސާރވޭ ބޯޓަށާއި މި ސަރަހައްދުގައި މަސައްކަތްކުރާ ޑައިވަރުންނަށް އުނދަގޫ ނުވާނެ ފަދަ ގޮތަކަށް ދަތުރުފަތުރުގެ ކަންކަން ކުރިއަށް ގެންދިއުމަށް މި ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ ކެޕްޓަނުންނަށާއި، އުޅަނދުފަހަރުގެ ވެރިންނަށާއި އަދި އުޅަނދުފަހަރު އޮޕަރޭޓްކުރާ ފަރާތް ފަރާތަށް އަންގާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މާލެއާއި، ވިލިމާލެ އަދި ގުޅީފަޅާއި ތިލަފުށި ގުޅުވާ ބުރިޖުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އޮގަސްޓްމަހުގެ 26 ވަނަ ދުވަހުއެވެ. މިއީ 6.7 ކިލޯމީޓަރުގެ ބުރިޖެކެވެ. މި މަޝްރޫއުގެ ދަށުން ގުޅިފައިވާ 3 ބުރިޖް ހިމެނެއެވެ. އެއީ މާލެއިން ވިލިމާލެ ގުޅުވާ ބުރިޖާއި، ވިލިމާލެއިން ގުޅީފަޅަށް އަދި ގުޅީފަޅުން ތިލަފުއްޓަށް އަޅާ ބުރިޖެވެ.
މި މަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާ ސަރުކާރުންނެވެ. ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފައިވާ ގޮތުގައި މި 400 މިލިއަން ޑޮލަރަކީ އެ ގައުމުން ރާއްޖެއަށް ދިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ބައެކެވެ. ކްރެޓިޑް ލައިނަކީ ލޯނުތަކާ ޚިލާފަށް ސަރުކާރަށް ބޭނުންވެއްޖެ ހާލަތެއްގައި އެ ދައްކަން ޝަރުތުކޮށް ނުވަތަ ނުދައްކައި ދަންމާލެވޭ ގޮތަށް ދޫކުރާ ދަރަންޏެކެވެ. އިންޑިއަން އެގްޒިމް ބޭންކުން ބްރިޖް އެޅުމަށް ނަގާ ލޯނަކީ، 5 އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު 1.57 އިންސައްތަ އިންޓަރެސްޓާއެކު ލިބިފައިވާ ލޯނެކެވެ. ލޯނު ދައްކަން ދީފައިވާ މުއްދަތަކީ 15 އަހަރެވެ. ލޯނު އަނބުރާ ދައްކަން މުޅިއެކު 20 އަހަރު ލިބޭނެއެވެ.
3 ބްރިޖު ގުޅާލަދޭ މަގުތަކާއެކު، 6.7 ކިލޯމީޓަރަށް މި ބްރިޖު ދެމިގެންދާނެއެވެ. ހަމައެކަނި، މާލެއާއި ވިލިގިލި ގުޅާލަދޭ ފުރަތަމަ ބްރިޖުގެ ދިގުމިން ވެސް، މިވަގުތު ފެންނާން އޮތް ބްރިޖަށްވުރެ ދިގުވާނެއެވެ. އެއީ ގާތްގަނޑަކަށް 1.3 ކިލޯމީޓަރުގެ ދިގު ބްރިޖެކެވެ. އެހެންކަމުން، ރައީސް ސާލިހުގެ ސަރުކާރުން، އެ މަޝްރޫއެއްގެ މަސައްކަތް، ދެ އަހަރުގެ ތެރޭގައި، ނިންމަން އަމާޒު ހިފައިފައިވާ، މި ބިޔަބޮޑު މަޝްރޫއު، ވެގެންދާނީ، ރާއްޖޭގެ ތާރީޚުގައި ފެނިގެންދާނެ އެންމެ ބޮޑު މަޝްރޫއަށެވެ.
ގްރޭޓަރ މާލޭގެ ކަނެކްޓިވިޓީ ބްރިޖު މަޝްރޫއު ނިންމަން ލަނޑުދަނޑި ކަނޑައަޅައިފައިވަނީ، 2023 ގެ އެޕްރީލް ނުވަތަ މޭމަހާ ހިސާބަށެވެ. އަދި މި މަޝްރޫއު ނިންމައި، މި ބިޔަ ބްރިޖު ހުޅުވިގެން ދާއިރު، މި ސަރުކާރުގެ މިވަގުތުގެ ސިޔާސަތަކީ، އެއްވެސް ޓޯލެއް ނެގުމެއްނެތި، ރައްޔިތުންނަށް އެ މަގުތަކުން، ހިލޭ ދަތުރު ކުރެވޭނެ ބްރިޖަކަށް ވުމެވެ.