ކ. މާލެ
|
23 އޮކްޓޯބަރ 2021 | ހޮނިހިރު 07:35
ހުޅުމާލެ ފޭސް 2 ގައި އަޅާފައިވާ ހިޔާ ފްލެޓް
ހުޅުމާލެ ފޭސް 2 ގައި އަޅާފައިވާ ހިޔާ ފްލެޓް
އަމްނާ އިމާދު
ހިޔާ ފްލެޓް އޮޑިޓް ރިޕޯޓް
ހިޔާ ފްލެޓަށް އެޗްޑީސީން ކަނޑައެޅި އަގަށްވުރެ ކުޑަ އަގެއް ކަނޑައަޅާނަމަ ދައުލަތަށް ބިލިއަނުން ގެއްލުންވާނެ: އޮޑިޓް ރިޕޯޓް
 
އެޗްޑީސީން ކަނޑައެޅި އަގަށްވުރެ ކުޑަ އަގެއްގައި ޔުނިޓުތައް ސަބްސިޑައިޒްކޮށްގެން ވިއްކާނަމަ، މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް ލަފާކުރެވޭ
 
ސިޓީ ކައުންސިލުން ކޮންސްޓްރަކްޝަންގެ މުއްދަތުގައި ދައްކާފައިވާ އިންޓަރެސްޓް ރޭޓާއި މުސްތަގުބަލުގައި ލައިބޯ އަށް އަންނާނެ ބަދަލަށް އެއްވެސް ވަރަކަށް ރިޢާޔަތްކޮށްފައިނުވޭ
 
6،600 ރުފިޔާގެ ރޭޓުން ޔުނިޓެއް ވިއްކައިފިނަމަ ފައިނޭންސް ކޮސްޓްގެ ގޮތުގައި ޔުނިޓަކުން 1،15555،231 ރުފިޔާގެ ގެއްލުންވޭ

ކުރީ ސަރުކާރުން ހުޅުމާލޭގައި ހިންގި 7000 ސޯޝަލް ހައުސިންގ ޔުނިޓު މަޝްރޫޢުގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ކަނޑައަޅާފައިވާ އަގަށްވުރެ ކުޑައަގެއް ކަނޑައަޅާނަމަ ސަރުކާރަށް ބޮޑުތަނުން ގެއްލުންވާނެކަމަށް ކުއްޔާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް އޮފީހުން ކުރިޔަށްގެންދިޔަ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓް އޮފީހުން މިއޮޑިޓު ކޮށްފައިވަނީ 7000 ހައުސިންގ ޔުނިޓުގެ ޔުނިޓަކަށް ޖެހޭ ޖުމްލަ އަގާއި މަހުން މަހަށް ދައްކަންޖެހޭ އަދަދު ހިސާބުކޮށް ކަނޑައަޅާފައިވާ ގޮތް ރިވިއުކޮށްދިނުމަށް އެޗްޑީސީން އެދިފައިވާތީއެވެ. މިއޮޑިޓްގައި ދައުލަތުގެ 4 މުއައްސަސާއަކުން ހައުސިންގެ ޔުނިޓްގެ މަޝްރޫޢުތައް ތަފާތު 4 ގޮތަކަށް ހައުސިންގ ޔުނިޓްތަކުގެ ޖުމްލަ އަގާއި މަހުން މަހަށް ދައްކަންޖެހޭ އަގު ހިސާބުކޮށްފައިވާތީ އެއަގުތައް ހިސާބުކުރުމުގައި ބޭނުންކޮށްފައިވާ އަންދާޒާތަކާއި އެއަންދާޒާތައް ބިނާކޮށްފައިވާ އަސާސްތަކުގެ މައްޗަށް ބަލާފައިވެއެވެ.

އެގޮތުން އެޗްޑީސީން 2021 ވަނަ އަހަރު ތައްޔާރުކޮށްފައިވާ ތަފާސްހިސާބުތަކާއި ކުރީގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން 2018 ވަނަ އަހަރު ތައްޔާރުކޮށްފައިވާ ހިސާބާއި މާލެ ސިޓީ ކައުންސިލުން 2021 ވަނަ އަހަރު ތައްޔާރުކޮށްފައިވާ ހިސާބު އަދި ސަރުކާރުން ކަނޑައަޅާފައިވާ އަގުތައް އެކުލަވާލުމުގައި ގެންގުޅެފައިވާ އަސާސްތަކަށް ބަލާފައިވެއެވެ.

ހިޔާ ފްލެޓްގެ ކުލީގެ ގޮތުގައި މިސަރުކާރުން ކަނޑައެޅި އަދަދު ބޮޑުވެ ގިނަ ބަޔަކު އަންނަނީ އެކަމާއި ޝަކުވާކުރަމުންނެވެ. އަދި ކުރީ ސަރުކާރުން ކަނޑައެޅި އަގުގައި ފްލެޓްތައް ދިނުމަށް ސަރުކާރަށް އަންނަނީ އެކިގޮތްގޮތަށް ޕްރެޝަރވެސް ކުރަމުންނެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ މަޝްރޫޢަށް ހިންގާފައިވާ ޚަރަދަށް ބަލާއިރު މިހާރު ކަނޑައަޅާފައިވާ އަގަށްވުރެ ކުޑަކޮށް ދީފިނަމަ އެކަމުގެ ގެއްލުންވާނެކަމަށާއި އެއަށްވުރެ އަގު ކުޑަކުރެވެން ނެތްކަމަށެވެ.

މަޝްރޫއަށް ހިނގާފައިވާ ޚަރަދު

މިއީ 2016 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިޔާ މަޝްރޫޢުގެ ނަމުގައި ކުރިޔަށް ގެންގޮސްފައިވާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން 25 ބުރީގެ 16 ޓަވަރެއް ވަނީ އަޅާފައެވެ. މިމަޝްރޫޢު ކުރިޔަށް ގެންގޮސްފައިވަނީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ކޯޕަރޭޝަން ލިމިޓެޑް (ސީއެސްސީއީސީ)އާ ހަވާލުކޮށްގެންނެވެ. މިމަޝްރޫޢު ކުރިޔަށް ގެންދިޔުމަށްޓަކައި އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ ލިމިޓެޑް (އައިސީބީސީ)ގެ އަތުން 5،688،438،000 (ފަސް ބިލިއަން ހަސަތޭކަ އަށްޑިހައަށް މިލިއަން ހަތަރު ލައްކަ ތިރީސް އަށް) ރުފިޔާގެ ލޯނެއް ނަގާފައިވެއެވެ. އަދި ކްރެޑިޓް ސްއިސް އޭޖީ، ސިންގަޕޯރ ބްރާންޗް (ސީއެސް) އިން 1،003،842،000 (އެއް ބިލިއަން ތިން މިލިއަން އަށްލައްކަ ސާޅީސް ދެހާސް) ރުފިޔާގެ ލޯނެއް ނަގާފައިވެއެވެ. އެއީ ޖުމްލަ 6،692،280،000 (ހަ ބިލިއަން ހަސަތޭކަ ނުވަހި ދެ މިލިއަން ދެ ލައްކަ އަށްޑިހަ ހާސް) ރުފިޔާގެ ޕްރައިމަރީ ލޯނުތަކެވެ.

މިއީ މަޝްރޫޢުގެ ކޮންސްޓްރަކްޝަން ކޮސްޓްގެ ގޮތުގައި ހިމަނާފައިވާ އަދަދެވެ. އެއީ ކޮންޓްރެކްޓަރާއެކު ވެފައިވާ އެއްބަސްވުމުގައި ޔުނިޓަކަށް 62،000 ޔޫއެސް ޑޮލަރުގެ މަގުން 434،000000 (ހަތަރު ސަތޭކަ ތިރީސް ހަތަރު މިލިއަން) ޔޫއެސް ޑޮލަރެވެ.

މިޕްރައިމަރީ ލޯނުތައް ރީފައިނޭންސް ކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ އެޗްޑީސީއަށް 267،866،805 (ދުއިސައްތަ ފަސްދޮޅަސް ހަތް މިލިއަން އަށް ލައްކަ ފަސްދޮޅަސް ހަހާސް އަށް ސަތޭކަ ފަސް)ރުފިޔާގެ ލޯނު ދޫކޮށްފައެވެ.

މިމަޝްރޫޢަށް ބިމުގެ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ ފްލެޓްތައް އަޅާފައިވާ 393،992 އަކަފޫޓްގެ ބިމުގެ ސަރަހައްދުގެ އަކަފޫޓަކަށް ކަނޑައަޅާފައިވާ އެއްހާސް ރުފިޔާގެ މަގުން 393،991،995 (ތިން ސަތޭކަ ނުވަދިހަ ތިން މިލިއަން ނުވަ ލައްކަ ނުވަދިހަ އެއް ހާސް ނުވަސަތޭކަ ނުވަދިހަ ފަސް) ރުފިޔާއެވެ.

މި 16 ޓަވަރުގައި އުޅޭނެކަމަށް ލަފާކޮށްފައިވާ 30،000 މީހުންނަށް ބޭނުންވާ އެހެނިހެން ވަސީލަތްތަކާއި ޚިދުމަތް ގާއިމުކުރުމަށް 127،783،017 (ސަތޭކަ ހަތާވީސް މިލިއަން ހަތް ސަތޭކަ އަށްޑިހަ ތިން ހާސް ސަތާރަ) ރުފިޔާ ދާނެކަމަށް ވަނީ ބަލާފައެވެ. އޮޑިޓް ރިޕޯޓްގައި ބުނާގޮތުން މިފައިސާ ހައުސިން ޔުނިޓް އެޅުމުގެ އަގުގެ ތެރޭގައި ހިމަނާފައެއްނުވެއެވެ. ނަމަވެސް މިމަޝްރޫޢުގެ ދަށުން ޔުނިޓަކަށް ޖެހޭ އަދަދު ހިސާބުކުރުމުގައި މިފައިސާ ހިމެނުމަކީ މުހިންމުކަމެއްކަމަށް އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ.

މިފައިސާ ހިމަނައިގެން ޖުމްލަ މިމަޝްރޫޢުގެ އަގަކަށް ވަނީ 8,143,022,642 (އަށް ބިލިއަން އެއް ސަތޭކަ ސާޅީސް ތިން މިލިއަން ބާވީސް ހާސް ހަސަތޭކަ ސާޅީސް ދެ) ރުފިޔާއެވެ.

2018 ވަނަ އަހަރު ހައުސިންގ މިނިސްޓްރީން ކަނޑައެޅި އަގު، ސަރުކާރަށް ބިލިއަނުން ގެއްލުންވޭ

2018 ވަނަ އަހަރު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހިސާބު ހަދާފައިވަނީ ޔުނިޓަކަށް ކޮސްޓްގެ ގޮތުގައި ހިސާބުކޮށްފައިވާ އަދަދުން ޑައުންޕޭމަންޓް އުނިކުރުމަށްފަހު އަންނަ އަދަދު 20 އަހަރަށް ބަހާލުމުން ކޮންމެ މަހަކަށް ޖެހޭ 5190 ރުފިޔާ އަށް 8 އިންސައްތަ އިންޓަރެސްޓް އެއްކޮށްގެން އަންނަ 5605 ރުފިޔާއެވެ. މެއިންޓަނަންސް ޚަރަދަށްވާ 1000 ރުފިޔާ އާއެކު ދައްކަންޖެހެނީ 6600 ރުފިޔާއެވެ. އޮޑިޓް ރިޕޯޓްގައިވާ ގޮތުން މިއީ ލޯނު ނަގައިގެން ހިންގާ ހައުސިންގ ޕްރޮޖެކްޓެއްގެ ހައުސިންގ ޔުނިޓްތަކުގެ ވިއްކާ އަގު ކަނޑައަޅަން ބޭނުންކުރާނެ އުސޫލު ނޫނެވެ. ސަބަބަކީ މިގޮތަށް ހިސާބުކުރުމުން ޕްރޮޖެކްޓް ހިންގަން ނެގި ލޯނުތަކާއި ރީފައިނޭންސިންގ އަށް ނެގި ލޯނުތަކަށް ދައްކާ އިންޓަރެސްޓާއި ލޯނު އަނބުރާ ދެއްކުމަށްދާނެ ކޭޝް ފްލޯއަށް ރިޢާޔަތްނުކުރެވޭނެތީކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

އޮޑިޓް ރިޕޯޓްގައިވާ ގޮތުން މިފަދަ ޕްރޮޖެކްޓްތަކުގެ އަގު ކަނޑައެޅުމުގައި އާންމުކޮށް ބޭނުންކުރާ އީކުއޭޓެޑް މަންތްލީ އިންސްޓޯލްމަންޓް (އީއެމްއައި) މެތަޑް ބޭނުންކުރި ނަމަ 2018 ވަނަ އަހަރު މިނިސްޓްރީން ކަނޑައަޅާފައި އޮންނަންވާނެ ޞައްހަ އަގަކީ ހައުސިންގ ޔުނިޓަކަށް މަހަކަށް 10،419 ރުފިޔާއެވެ. އަދި 2018 ވަނަ އަހަރު އޭރުގެ ހައުސިންގ މިނިސްޓްރީން ކަނޑައަޅާފައިވާ އަގު ކޮންމެ ހައުސިންގ ޔުނިޓަކަށް 5605 ރުފިޔާއަށް ވިއްކިނަމަ އެޗްޑީސީ އާއި ސަރުކާރަށް ލިބޭ މާލީ ގެއްލުން ބޮޑުވާނެކަމަށްވެސް ވަނީ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައެވެ.

އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން 2018 ވަނަ އަހަރު ހައުސިންގ މިނިސްޓްރީން ތައްޔާރުކޮށްފައިވާ ހިސާބުގައި 20 އަހަރުގެ މުއްދަތަށް މަހަކަށް 6600 ރުފިޔާގެ ރޭޓުން ޔުނިޓެއް ވިއްކުމުން ޔުނިޓަކަށް ފައިނޭންސް ކޮސްޓްގެ ގޮތުގައި ނެގިގެންދަނީ 99،647 ރުފިޔާއެވެ. އައީއެމްއައި މެތަޑަށް ހިސާބު ހަދައިފިނަމަ ފައިނޭންސް ކޮންސްޓްގެ ގޮތުގައި ޔުނިޓަކަށް 1،254،879 (އެއް މިލިއަން ދެ ލައްކަ ފަންސާސް ހަތަރު ހާސް އަށް ސަތޭކަ ހަތްދިހަ ނުވަ) ރުފިޔާ ޖެހޭނެއެވެ. މާނައަކީ 6،600 ރުފިޔާގެ ރޭޓުން ޔުނިޓެއް ވިއްކައިފިނަމަ ފައިނޭންސް ކޮސްޓްގެ ގޮތުގައި ޔުނިޓަކުން 1،15555،231 (އެއް މިލިއަން އެއް ލައްކަ ފަންސާސް ފަސް ހާސް ދުއިސައްތަ ތިރީސް އެއް) ރުފިޔާގެ ގެއްލުންވުމެވެ.

މިއީ 7000 ޔުނިޓަށް ބަލާނަމަ 8،086،617،000 (އަށް ބިލިއަން އަށްޑިހަ މިލިއަން ހަ ލައްކަ ސަތާރަ ހާސް) ރުފިޔާގެ ގެއްލުމެކެވެ.

2021 ވަނަ އަހަރު މާލެ ސިޓީ ކައުންސިލުން ކަނޑައެޅި އަގު، އަގު ހެދީ ރަނގަޅަކަށް ނޫން

އޮޑިޓް ރިޕޯޓްގައިވާ ގޮތުން ހައުސިންގ ޔުނިޓެއް 5548 ރުފިޔާއަށް ދެވޭނެކަމަށް މާލެ ސިޓީ ކައުންސިލުން ހަދާފައިވާ ހިސާބު ހަދާފައިވަނީ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ބަލަން ގެންގުޅޭ ބައިނަަލްއަގްވާމީ މިންގަނޑެެއް ކަމަށްވާ ލައިބޯ ކޮވިޑް-19 ގެ ސަބަބުން ވަރަށް ބޮޑަށް ދަށްވެފައިވާ ދުވަސްވަރުގައި ހުރި ރޭޓް ބޭނުންކޮށްގެންނެވެ. ޔުނިޓަކުން މަހު ކުލީގެ ގޮތުގައި ދައްކަންޖެހޭ އަދަދު ހިސާބުކުރުމުގައި ސިޓީ ކައުންސިލުން އީއެމްއައި މެތަޑް ބޭނުންކޮށްފައިވީނަމަވެސް އިންޓަރެސްޓް ރޭޓް ކުޑަކަން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ބޭނުންކޮށްފައިވާ 3.36 އިންސައްތައަކީ ހިސާބު ހެދި ދުވަހުގެ ލައިބޯ އަށް ރިޢާޔަތްކޮށް ކަނޑައަޅާފައިވާ ރޭޓް ކަމަށްވާއިރު ކޮންސްޓްރަކްޝަންގެ މުއްދަތުގައި ދައްކާފައިވާ އިންޓަރެސްޓް ރޭޓާއި މުސްތަގުބަލިގައި ލައިބޯ އަށް އަންނާނެ ބަދަލަކަށް އެއްވެސް ވަރަކަށް ރިޢާޔަތްކޮށްފައިނުވާކަމަށްވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓްގައިވާ ގޮތުން 2021 ވަނަ އަހަރުގެ މަރޗް މަހުގެ 31ގެ ނިޔަަށް ދައްކާފައިވާ ލޯނު ރީޕޭމަންޓްގެ ތާރީޚުތަކުގެ އެވްރެޖް ލައިބޯ އަކީ 2 އިންސައްތައެވެ. ސިޓީ ކައުންސިލުން ހިސާބު ހަދާފައިވަނީ ލައިބޯ 0.3 އިންސައްތައިގަ ހުރި ދުވަސްވަރު ހުރި އަދަދަށް ބަލައިގެންނެވެ.

2021 ވަނަ އަހަރު އެޗްޑީސީން ކަނޑައަޅާފައިވާ އަގު، ޚަރަދުތަކަށް ރިޢާޔަތްކޮށްފައިވޭ

އޮޑިޓް ރިޕޯޓްގައިވާ ގޮތުން މިމަޝްރޫޢުގެ ޖުމްލަ އަގުގެ ގޮތުގައި 2021 ވަނަ އަހަރު އެޗްޑީސީން ކަނޑައެޅި 8،143،022،642 (އަށް ބިލިއަން އެއްސަތޭކަ ސާޅީސް ތިން މިލިއަން ބާވީސް ހާސް ހަސަތޭކަ ސާޅީސް ދޭއް) ރުފިޔާ އާއި ހައުސިންގ ޔުނިޓަކަށްޖެހޭ 1،163،289 (އެއް މިލިއަން އެއް ލައްކަ ފަސްދޮޅަސް ތިން ހާސް ދުއިސައްތަ އަށްޑިހަ ނުވަ) ރުފިޔާ ކަނޑައަޅާފައިވަނީ މަޝްރޫޢަށް ހިނގާފައިވާ ޚަރަދުތަކަށާއި މިމަޝްރޫޢާ ގުޅިގެން އެޗްޑީސީން ކުރަންޖެހޭ އެހެން ޚަރަދުތަކުގެ އަންދާޒާއަށް ރިޢާޔަތްކޮށްގެންނެވެ.

އަދި ހައުސިންގ ޔުނިޓަކަށް މަހަކު ދައްކަންޖެހޭކަމަށް އެޗްޑީސީން ކަނޑައެޅި 11،000 ރުފިޔާ އަކީ 8 އިންސައްތަ ރޭޓާއެކު 20 އަހަރުގެ ރީޕޭމަންޓް މުއްދަތަކަށް އީއެމްއައި މެތަޑް ބޭނުންކޮށްގެން ހަދާފައިވާ އަދަދެކެވެ. ޔުނިޓަކަށް މަހަކަށް ދައްކަންޖެހޭ ހިސާބުކުރުމަށް އެޗްޑީސީން ގެންގުޅުނު އީއެމްއައި މެތަޑަކީ ހައުސިންގ މަޝްރޫޢުތަކުގެ ޔުނިޓްތައް ވިއްކާނެ އަގު ކަނޑައެޅުމަށް އާންމުކޮށް ބޭނުންކުރާ މެތަޑުކަަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން އެޗްޑީސީން ތައްޔާރުކޮށްފައިވާ ކޭޝްފްލޯ ފޯކާސްޓަށް ރިޢާޔަތްކޮށް ހުރިހާ ފައިނޭންސް ކޮސްޓެއް ހިމަނައިގެން ވެއިޑެޓް އެވްރެކް ފައިނޭންސިންގ ކޮސްޓްގެ ގޮތުގައި ހިސާބުކޮށްފައިވާ 8 އިންސައްތައަކީ އެކަށީގެންވާ ރޭޓެއްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

އަދި އެޗް.ޑީ.ސީ އިން ހައުސިންގ ޔުނިޓަކަށް މަހަކު ދައްކަން ހުށަހަޅާފައިވާ 11،000 ރުފިޔާއަށް ޔުނިޓުތައް ވިއްކިނަމަ، 20 އަހަރުގެ މުއްދަތަށް ބަލާނަމަ، އެއްވެސް ޑީފޯލްޓެއް ނެތި، ހުރިހާ ޔުނިޓުތަކުން ޖުމްލަ ލިބޭނެކަމަށް އަންދާޒާކުރާ ފައިސާއިން ކުރަންޖެހޭ ޚަރަދުތައް ކެނޑުމުން ނެޓް-ކޭޝްފްލޯގެ ގޮތުގައި 2،195،865،585( ދެ ބިލިއަން އެއް ސަތޭކަ ނުވަދިހަ ފަސް މިލިއަން އަށް ލައްކަ ފަސްދޮޅަސް ފަސްހާސް ފަށްސަތޭކަ އަށްޑިހަ ފަސް) ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭކަމަށް އޮޑިޓް ރިޕޯޓްގައި ފާހަކޮށްފައިވެއެވެ.

އެޗް.ޑީ.ސީ އިން ކޮށްފައިވާ ހިސާބަކީ ކުންފުނިން މި މަޝްރޫޢުއަށް ނަގާފައިވާ ލޯނުތަކާއި، މަޝްރޫޢުއާ ގުޅުންހުރި އެހެނިހެން ކަންކަމަށް ކުރަންޖެހޭ ޚަރަދުތަކަށް ރިޢާޔަތްކޮށް، ހަދާފައިވާ ހިސާބެއްކަމާއި، މި އަގަށްވުރެ ކުޑަ އަގެއްގައި ޔުނިޓުތައް ސަބްސިޑައިޒްކޮށްގެން ވިއްކާނަމަ، ކުންފުންޏަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް ލަފާ ކުރެވޭކަމަށްވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މިހުރިހާ ކަންތައްތަކަށް ރިޢާޔަތްކޮށް އޮޑިޓަރ ޖެނެރަލް ވަނީ 4 ކަމެއް އިސްލާހު ކުރުމަށް ހުށަހަޅުއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
100%
0%
0%
0%
ކޮމެންޓް