ކ. މާލެ
|
31 އޯގަސްޓް 2021 | އަންގާރަ 18:52
ބްލޮގަރ ޔާމިން ރަޝީދު،
ބްލޮގަރ ޔާމިން ރަޝީދު،
ޓްވިޓަރ
ޔާމީން ރަޝީދުގެ މަރުގެ މައްސަލަ
ޔާމީން ރަޝީދުގެ މައްސަލާގައި ޕީޖީއާއި ކްރިމިނަލް ކޯޓުގެ ކޯޅުން
 
އިންސާފު ލިބުން ދަނީ ލަސްވަމުން
 
ޕީޖީ އޮފީހުން ދީފައިވާ ހުރިހާ މައުލޫމާތަކީ ސައްހަ މައުލޫމާތެއް ނޫން
 
މި އަނިޔާވެރި މަރަށް މިހާރު ވަނީ 4 އަހަރު ވެފައި

މީސްކޮޅު މަދު އަމާން ދިވެހިރާއްޖޭގައި ވެސް އަނިޔާވެރިކޮށް އެތައް ބަޔަކު މަރާލައިފިއެވެ. ހިތަށް ވެސް ތަސައްވުރު ނުކުރެވޭ ފަދަ ގޮތަކަށެވެ. އެގޮތަށް މަރާލި އެއް ޒުވާނަކީ ބްލޮގަރ ޔާމިން ރަޝީދެވެ.

އޭނާ ދިރިއުޅޭ ގޭގެ ސިޑި ކައިރިން 2017 ވަނަ އަހަރުގެ އޭޕްރީލް 23 ވަނަ ދުވަހުގެ ރޭ ދަންވަރު 2:59 ހާއިރު ތޫނު އެއްޗަކުން ހަމަލާދީ ކޮށާލީއެވެ. އޭނާ މަރުވެފައި ވަނީ ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް އެރޭ 3:40 ހާއިރެވެ.

މިއަނިޔާވެރި މަރަށް 4 އަހަރު ވެފައިވާއިރު، މިއަދާ ހަމައަށް އިންސާފު ލިބިފައެއްނުވެއެވެ. އެކަމާއި ގުޅިގެން އާއިލާއިން ވެސް ކަންބޮޑުވުންފާޅު ކޮށްފައިވެއެވެ. އިންސާފު ލިބުން ލަސްވުމާއި ގުޅިގެން އާންމުން ގިނަ ސުވާލުތައް އުފައްދައި ބޮޑެތި ފާޑު ކިއުންތައް ސަރުކާރަށް އަމާޒުވެގެންދެއެވެ.

އެގޮތުން މިމައްސަލައާ ގުޅިގެން 30 އޮގަސްޓް 2021 ގައި ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ވަނީ ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހުގެ ފަރާތުން މައުލޫމާތު ސާފުކޮށްފައެވެ. ނަމަވެސް ޕީޖީ އޮފީހުން ދީފައިވާ ހުރިހާ މައުލޫމާތަކީ ސައްހަ މައުލޫމާތު ނޫން ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 116 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން ތާވަލެއް އެކުލާވާލާފައިނުވާ ކަމަށް ބުނާ ބުނުމަށް ކްރިމިނަލް ކޯޓުން ވަނީ ރައްދު ދީފައެވެ. އެކޯޓުން ބުނީ އެންމެ ފަހުން ޝަރީއަތުގެ އަޑު އެހުމެއް ބާއްވާފައިވަނީ 16 އޮގަސްޓް 2021 ގައި ކަމަށާއި، އެދުވަހުގެ އަޑު އެހުމުގައި މައްސަލާގައި ކުރިއަށް ހުރި އަޑު އެހުންތަކުގެ ތަވާލު އެކުލަވާލާފައިވާ ގޮތް ޝަރީއަތަށް ދަންނަވައި އެއްވެސް ފަރާތަކުން އެތާރީޚުތަކާއި ވަގުތުތަކާއި ގުޅޭ ގޮތުން އިއުތިރާޒެއް އޮތްތޯ ސާފުކޮށްފައިވާ ކަމަށެވެ.

އެއްވެސް ފަރާތަކުން އިއުތިރާޒެއް ނެތުމުން، ކުރިއަށް އޮތް 3 މަހަށް (ސެޕްޓެންބަރު، އޮކްޓޫބަރު އަދި ނޮވެންބަރު) ޗިޓް ތައްޔާރުކޮށްފައިވާ ކަމަށް ކޯޓުން ބުނެފައިވެއެވެ. އަދި އަޑުއެހުންތަކުގެ ތާވަލާއެއްގޮތަށް ކުރިއަށް އޮތް ތިން މަހުގެ ޗިޓްތައް ޕްރޮސިކިއުޓަރ ޖެނެރަލް އަށާއި ދައުވާ ލިބޭ ފަރާތްތަކަށް ވަނީ ފޮނުވާފައެވެ.

މައްސަލާގައި އަޑުއެހުމެއް ދެން އޮތީ 16 ސެޕްޓެންބަރު 2021ގައި ކަމަށާއި އެދުވަހު އޮތީ، ޚުލާސާ ހުށަހެޅުން ކަމަށާއި، ޚުލާސާ ބަޔާނަށްފަހު، ދެން އަޑުއެހުމެއް ތާވަލުކޮށްފައިވަނީ ޑިސެންބަރު 18ވަނަ ދުވަހަށެވެ. އެއީ ހުކުމް ކުރުމަށްޓަކައި ކަމަށް ބުނާ ބުނުމާއި ބެހޭ ގޮތުން ކްރިމިނަލް ކޯޓުން ބުނެފައިވަނީ 16 ސެޕްޓެންބަރު 2021 ވަނަ ދުވަހަށް އަޑުއެހުން ތާވަލްކޮށްފައިވަނީ ދައުވާ ލިބޭ ފަރާތުން، ހެކިންނާގުޅޭ ގޮތުން ވާހަކަ ދެއްކުމަށެވެ.

އެފަދައިން ތާވަލް ކުރަންޖެހުނީ ހެއްކާބެހޭ ގޮތުން ވާހަކަ ދެއްކުމަށް ދައުލަތަށް ފުރުސަތު ދީފައިވާތީ އާއި އެ ފުރުސަތުގައި ދައުލަތުން ހެއްކާބެހޭގޮތުން ވާހަކަ ދައްކާފައި ވާތީއާއި، މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ވީޑިއޯ ފުޓޭޖެއް އަލުން ބަލައި ދިރާސާ ކުރުމަށް ދައުވާލިބޭ ފަރާތުން ބޭނުންވާކަމަށް ބުނެފައިވާތީ ކަމަށެވެ. އަދި އެ ފޫޓޭޖަކީ ދައުވާލިބޭ ފަރާތްތަކަށް ދޫކޮށްފައިވާއެއްޗަކަށް ނުވާތީ އާއި އެކަން ކުރެވޭނީ ދައުވާ ލިބޭ މީހާ ކޯޓަށް ހާޟިރުކޮށްގެން ކަމަށްވާތީ އާއި އެ ފޫޓޭޖްބެލޭނެ އިންތިޒާމެއް ކޯޓުގައި ހަމަޖައްސައި އެކަމަށް މުހުލަތެއް ދިނުމަށްފަހު، ދިފާއުން ހެއްކާބެހޭ ގޮތުން ވާހަކަދެއްކުމަށް ތާވަލުކުރަންޖެހޭތީ ކަމަށް ކޯޓުން ބުނެފައިވެއެވެ.

މައްސަލާގައި އަޑުއެހުންތައް އަވަސްކޮށްދިނުމަށް އެދި ތަރުކާރުކޮށް ސިޓީ ފޮނުވާފައިވާ ކަމަށާއި، މަރު ކޮމިޝަނުން ފޮނުވާފައިވާ ސިޓީއަކާއި އެކުވެސް މައްސަލަ އަވަސްކޮށް ދިނުމަށް އެދިފައިވާނެ ކަމަށް ބުނާ ބުނުން ވެސް ކްރިމިނަލް ކޯޓުން ވަނީ ދޮގު ކޮށްފައެވެ. ކޯޓުން ބުނީ މަރު ކޮމިޝަންގެ ސިޓީއަކާއެކު ސިޓީއެއް ފޮނުވިކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވެފައިވާއިރު، މަރު ކޮމިޝަންގެ ސިޓީއަކާއެކު އެއްވެސް ސިޓީއެއް ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށެވެ. 2020 ވަނަ އަހަރު ފެށުނު ފަހުން އަދި މައްސަލަ މިހާރު ބަލާ ގާޒީ އަށް މައްސަލަ ހަވާލުކުރެވުނު ފަހުން، މައްސަލަ އަވަސް ކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ސިޓީ ފޮނުވާފައިވަނީ 02 ފަހަރު ކަމަށެވެ. އެއީ 8 އޮގަސްޓު 2021 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީއަކާއި 30 އޮގަސްޓު 2021ގައި ފޮނުވާފައިވާ ސިޓީއެއް ކަމަށެވެ. އަދި 8 އޮގަސްޓު 2021 ސިޓީ ފޮނުވާފައިވަނީ މައްސަލާގެ އަޑުއެހުމެއް ތާވަލުކޮށް،17 އޮގަސްޓު 2021 ވަނަ ދުވަހަށް ކޯޓަށް ހާޒިރުވާން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ޗިޓު ފޮނުވިފަހުން ކަމަށް ކޯޓުން ބުނެފައިވެއެވެ.

މީގެ އިތުރުން އޮގަސްޓު 2021 ދުވަހުގެ ސިޓީގައި މިމައްސަލައާ ގުޅިގެން މަރު ކޮމިޝަނުން ތަހުގީގުތަކެއް ކުރިއަށް ގެންދާކަން ފާހަގަކޮށް މައްސަލަ އަވަސްކޮށްދިނުމަށް އެދިފައިވާއިރު، އެ ސިޓީ ފޮނުވާފައިވަނީ ޖުޑީޝަރީ ކޮމިޓީގައި އެވާހަކަ ދެއްކުމަށްފަހު، އެ ދުވަހުގެ ރަސްމީ މަސައްކަތް ނިމުމަށް 30 މިނިޓަށް ވެފައިވަނިކޮށްކަން ކްރިމިނަލް ކޯޓުން ފާހަގަކޮށްފައިވެއެވެ.

ނޮވެންބަރު މަހުގައި މައްސަލަ ނިންމައި ދިނުމަށް އެދި ސިޓީ ފޮނުވާފައިވާކަމަށް ބުނާ ބުނުމާއި ބެހޭ ގޮތުން ރައްދުދީ ކްރިމިނަލް ކޯޓުން ބުނެފައިވަނީ މައްސަލާގައި ތާވަލު އެކުލަވާލެވުނު ފަހުން މައްސަލާގެ ތާވަލު މުރާޖައާކޮށްދީ ،މައްސަލާގެ އަޑުއެހުންތައް އަވަސް ކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން 30 އޮގަސްޓް 2021 ގެ ކުރިން ސިޓީ ހުށާހަޅާފައިނުވާ ކަމަށެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ވެސް އެފަދަ ހުށަހެޅުމެއް ހުށަހަޅާފައި ނުވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.

ދެ އަޑުއެހުމުގެ ދޭތެރޭ ދުވަސްތަކެއް ގިނަވެފައިވާކަމަށް ބުނާ ބުނުން ވެސް ކްރިމިނަލް ކޯޓުން ވަނީ ސާފުކޮށްދީފައެވެ. އެކޯޓުން ބުނީ މައްސަލަ މީގެ ކުރިން ބައްލަވަމުން ގެންދެވި ފަނޑިޔާރު އެހެން ކޯޓަކަށް ބަދަލުވުމާއި ގުޅިގެން، އަވަހަށް މައްސަލަ ނިންމުމަށް ބާރު އެޅުމުގެ ގޮތުން، މައްސަލަ އޮތް ސެކްޝަނަށް އަލަށް އައްޔަންކުރެވުނު ގާޒީގެ ބަދަލުގައި އެހެން ގާޒީއަކާއި މައްސަލަބެލުން ހަވާލުކޮށްފައިވާ ކަމަށެވެ. ސަބަބަކީ އަލަށް އައްޔަންކުރާ ގާޒީއަކަށް މައްސަލަ ބަލަން ފެށޭނީ އިންޑަކްޝަންގެ ޕްރޮގްރާމް ނިންމުމަށްފަހުގައި ކަމަށްވާތީއެވެ. 15 އޭޕްރިލް 2021 ދުވަހުގެ އަޑުހުމުގެ ފަހުން އަޑުއެހުންތައް ނުބޭވި ގިނަ ދުވަސްވެފައިވާ ސަބަބު، 16އޯގަސްޓު 2021ވަނަ ދުވަހު ބޭއްވުނު ޝަރީއަތުގެ މަޖިލީހުގައި ސާފުކޮށްދީފައިވާ ކަމަށް ކްރިމިނަކް ކޯޓުން ބުނެއެވެ.

ދެ ދުވަހުގެ ތެރޭގައި މައްސަލާ ނިންމައި ހުކުމް ކުރެވޭނެކަމަށް ބުނާ ބުނުމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ވަރަށް ވަރުގަދަ ރައްދެއް ދީފައެވެ. ކްރިމިނަލް ކޯޓުން ބުނީ ޝަރީއަތުގެ އިޖުރާއަތުތަކަކީ ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހިންގަންޖެހޭ އިޖުރާއަތުތަކެއް ކަމަށެވެ. އެހެން ނޫންކަމުގައިވާނަމަ އެއީ އިސްތިއުނާފްކުރުމަށް ލިބޭ މަގެއްކަން ކޯޓުތަކާބެހޭ ގާނޫނުގެ 43 ވަނަ މާއްދާއިން އެނގޭނެ ކަމަށެވެ. އިދިކީލި އިޖުރާއަތެއްގެ ތެރެއިން މައްސަލައެއްގައި ނިންމާ ނިންމުމަކީ ބާތިލްކުރުމުގެ ފުރުސަތު އޮންނާނެ ނިންމުންތަކެއް ކަމަށެވެ.

ކޯޓުން މައްސައްކަތްކޮށްފައިވަނީ އަދި ކުރަމުންދަނީ އަދި ކުރާނީވެސް ގާނޫނުތަކާއި ގަވާއިދުތަކުގައި ޝަރީއަތް ހިންގުމަށް ކަނޑައެޅިފައިވާ އިޖުރާއަތުތަކާއި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާއި ޚިލާފު ނުވާނެ ގޮތެއްގެ މަތިން އަޑުއެހުން ކުރިއަށް ގެންދިއުމަށް ކަމަށް ބުނެއެވެ. މައްސަލާގައި މިހާރު ތާވަލްކޮށްފައިވާ އަޑުއެހުންތައް ތާވަލްކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 116ވަނަ މާއްދާގައިވާ ގޮތުގެ މަތިން، މައްސަލާގެ ޚަސްމުންނާ ވެސް މަޝްވަރާކުރެވި ޚަސްމުންނަށް ވެސް ރަގަނޅަށް ތައްޔާރުވެގެން ޝަރީއަތުގެ އަޑުއެހުމަށް ހާޒިރުވުމަށް ފުރުސަތު ލިބޭނެ ގޮތަށް ކަމަށް ކްރިމިނަކް ކޯޓުން ބުނެއެވެ. އެފަދައިން އަޑުއެހުންތައް ހުއްޓުމެއްނެތި ބޭއްވޭނަމަ އަޑުއެހުންތައް ތާވަލްކުރެވޭ ބޭނުން ހާސިލްކުރެވޭނެ ގޮތެއްގެ މަތިން އަޑުހުންތައް ބޭއްވި މައްސަލައިގެ ތާވަލާ އެއްގޮތަށް މައްސަލަ ހިންގައި ނިންމާލެވޭނެ ކަމަށް ވެސް ކޯޓުން ބުނެއެވެ.

އިންސާފުގެ މިދަތުރުގައި ޕީޖީ އޮފީހާއި، ކޯޓުތަކުގެ ދައުރު ވަކި ކުޑައެއް ނޫނެވެ. ޔާމީން ރަޝީދުގެ މަރުގެ މައްސަލައަށް އެކަނި ބަލާލިޔަސް އެކަން އޮތީ ފެންނާށެވެ. ނަމަވެސް ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން ޕީޖީން ދެއްކި ވާހަކަތަކުގެ ތެރެއިން 6 ނުކުތާއެއް ނަގައި އެކަން ކޯޓުން މިވަނީ ދޮގުކޮށްފައެވެ. މިފަދަ އިދާރާތަކުން ދައްކާ ވާހަކަތައް ދިމާވެ ނުވެ އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި އިލްޒާމުތައް އެޅުވުމަކީ ރައްޔިތުންގެ ހިތުގައި ސުވާލު އުފެދި މުއައްސަސާތަކަށް ކުރާ އިތުބާރު ގެއްލޭނެ ކަމެކެވެ.

އެކަމުގެ ސަބަބުން ނުކުންނަ ނަތީޖާ ވަރަށް ހިއްޗެކެވެ. އިންސާފު ލިބުން ލަސްވެގެން ދިއުމަކީ ދެވޭ އަނިޔާއެއް ކަމަށްވާއިރު، އެއީ އިންސާފަށް އެދިއެދި ތިބި އާއިލާތަކަށް ލިބޭ ވަރަށް ބޮޑު ނިކަމެތިކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް