ކ. މާލެ
|
23 އޯގަސްޓް 2021 | ހޯމަ 15:21
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް
އޭއެފްސީ
އޭއެފްސީ ކަޕް
ތިންވަނައިގައި އޮވެ ނިންމާލަން ބޭނުން: ވިޑަކޮވިޗް
 
މޮޅެއް ނުލިބި އޮތް މާޒިޔާ އާއި ބެންގަލޫރުވެސް ވަނީ މުބާރާތުން ކަޓާފައި
 
މާޒިޔާ އާއި ބެންގަލޫރުގެ މެޗު ފަށާނީ އަންގާރަ ދުވަހުގެރޭ 21:00 ގައި

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާއަށް ޚާއްސަ ގްރޫޕުގެ ފަހު މެޗުގައި އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅޭ މެޗަކީ އުނދަގޫ މެޗެއް ކަމަށާއި، އެކަމަކު ގްރޫޕުގެ ފުލުގައި އޮވެ މުބާރާތް ނިންމާލަން ބޭނުންނުވާ ކަމަށް ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނެފިއެވެ.

އޭއެފްސީ ކަޕުގައި މާޒިޔާއިން ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އަތުން 2-0 ގެ ނަތީޖާއަކުން ބަލިވިއިރު، ދެވަނަ މެޗުން އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަތުން 3-1 ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ. އަދި ބެންގަލޫރުން ކުޅުނު ފުރަތަމަ މެޗުން މޯހަން ބަގާން އަތުން 2-0 ގެ ނަތީޖާއަކުން ބަލިވިއިރު، ދެވަނަ މެޗުން ވަނީ ބަޝުންދަރާއާ ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެއާއުއެކު މި ދެ ޓީމުވެސް ވަނީ މި މުބާރާތުން ކަޓާފައެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ޑީގައި ބެންގަލޫރާ ދެކޮޅަށް އަންގާރަ ދުވަހުގެރޭ ކުޅެން އޮތް މެޗުގެ ކުރިން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ވާހަކަދައްކަމުން ވިޑަކޮވިޗް ބުނީ މުބާރާތުގައި ކުޅުނު ދެ މެޗުން ބަލިވުމުން ޓީމުގެ މޯޓިވޭޝަން ކޮންމެސް ވަރަކަށް ދަށްވެފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ. އެކަމަކު ކުރިއަށް އޮތް ބެންގަލޫރު މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދުމުގެ އަޒުމުގައި ކަމަށާއި، ގްރޫޕް ސްޓޭޖުގެ ފުލުގައި އޮވެ ނިންމާލަން ބޭނުން ނުވާ ކަމަށްވެސް ބުންޏެވެ.

ވިޑަކޮވިޗް އިތުރަށް ބުނީ އޭއެފްސީ ކަޕުގެ ކުރިން މާޒިޔާއަށް ވާދަވެރި މެޗުތަކެއް ލިބިފައި ނުވާ ކަމަށާއި، އެހެންކަމުން އޭގެ އަސަރު މުބާރާތާ ކުރިމަތިލިއިރު ޓީމަށް ކޮށްފައިވާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މާޒިޔާގެ ފޯވާޑް ހަމްޒާ މުޙައްމަދު (ހަމްޕު) ބުނީ މި މެޗަށް ނުކުންނައިރު، ހުރިހާ ކުޅުންތެރިންގެ އަމާޒަކީ މޮޅަކާއެކު މުބާރާތް ނިންމާލުން ކަމަށެވެ. އަދި މިއީ އިންޑިއާއާ ރާއްޖޭގެ ކުރިމަތިލުމެއް ކަމަށާއި، އެހެންކަމުން މާޒިޔާއަށް މެޗުން މޮޅުވުން ނޫން ގޮތެއް ނެތް ކަމަށްވެސް ހަމްޕު ބުންޏެވެ.

ބެންގަލޫރު އެފްސީގެ ކޯޗު މާކޯ ޕެއްޒައިއޯލީ - އޭއެފްސީ

މި ފަހަރުގެ އޭއެފްސީ ކަޕުގައި މާޒިޔާ އާއި ބެންގަލޫރު ބައްދަލުކުރާއިރު، މިދިޔަ އަހަރުގެ މުބާރާތުގެ ކޮލިފައިން ޕްލޭއޮފުގެ ދެ ލެގުންވެސް ބެންގަލޫރު ވަނީ މާޒިޔާ އަތުން ބަލިވެފައެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ބެންގަލޫރުގެ ކޯޗު މާކޯ ޕެއްޒައިއޯލީ ބުނީ މި މެޗަށް ނުކުންނައިރު އެންމެ ފަހުން މާޒިޔާއާ ބެންގަލޫރު ބައްދަލުކުރި މެޗުތަކުގެ ނަތީޖާއަށް ނުވިސްނާ ކަމަށެވެ. އަދި މިއީ ޕްރެޝަރެއް ނެތި ކުޅެލަން ލިބޭނެ މެޗެއް ކަމަށާއި، ބޭނުންވަނީ ތިން ޕޮއިންޓާއެކު މުބާރާތް ނިންމާލަން ކަމަށްވެސް ބުންޏެވެ.

ޕެއްޒައިއޯލީ ބުނީ ޕްލޭއޮފް މެޗާއެކު ނުވަ ދުވަސްގެ ތެރޭގައި ހަތަރު މެޗު ކުޅެން ޖެހުމުން ޓީމު އެއްކޮށް ބަދަލުކުރަން ޖެހުނު ކަމަށާއި، އަދި މި މުބާރާތަށް ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާއަށް އަނިޔާވުމުން އެކަމުގައި އުނދަގޫތަކެއްވި ކަމަށެވެ. އަދި އޭނާ ބެންގަލޫރުގެ ކޯޗުގެ މަގާމާ ހަވާލުވިފަހުން ޓީމު ނެރެމުން އަންނަ ނަތީޖާތަކާ މެދު އެހާ ހިތްހަމަނުޖެހުނު ނަމަވެސް، ކުރިއާ އަޅާބަލާއިރު އެ ޓީމުގެ ކުޅުން ރަނގަޅުވަމުން ކަމަށްވެސް ވަނީ ބުނެފައެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ޑީގައި މާޒިޔާ އާއި ބެންގަލޫރު ބައްދަލުކުރާ މެޗު ފަށާނީ އަންގާރަ ދުވަހުގެރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް