Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްވެރިކަމުގެ ގާނޫނާއި ޚިލާފުވުން

ޖޫރިމަނާގެ ގޮތުގައި ފިޝަރީޒް މިނިސްޓްރީއަށް އެއްމިލިއަނަށްވުރެ ގިނަ ރުފިޔާ

ތިން އުޅަނދަކުން މިހާރު މިނިސްޓްރީއަށް ފައިސާ ދައްކާފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 10 އޯގަސްޓު 2021 | އަންގާރަ 03:33
ރާއްޖެ ސަރަހައްދުގައި ގަވައިދާ ޚިލާފަށް މަސްވެރިކަން ކުރުމުން މީގެ ކުރިންވެސް ވަނީ ގިނަ ބޯޓުތަކެއް އަތުލައިގެންފައި

ރާއްޖެ ސަރަހައްދުގައި ގަވައިދާ ޚިލާފަށް މަސްވެރިކަން ކުރުމުން މީގެ ކުރިންވެސް ވަނީ ގިނަ ބޯޓުތަކެއް އަތުލައިގެންފައި

މަސްވެރިކަމުގެ ގާނޫނާއި ޚިލާފުވެގެން ކުރި ޖޫރިމަނާގެ ގޮތުގައި ފިޝަރީޒް މިނިސްޓްރީއަށް އެއްމިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

ރާއްޖެޓީވީގެ ޚަބަރުފީތާ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ ސީނިއަރ ކޮމްޕްލަޔަންސް އޮފިސަރ ހުސެއިން ޒަމީލް ވިދާޅުވީ މަސްވެރިކަމުގެ ގާނޫނާއި ޚިލާފުވެގެން ރާއްޖޭގެ އުޅަނދުތަކުގެ އިތުރުން ބޭރުގެ އުޅަނދުތައް ދެ މިލިއަން ހަތް ދިހަ އެއްހާސް ދުވިސައްތަ އަށް ރުފިޔާ އަށާރަ ލާރި އިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި މި ފައިސާގެ ތެރެއިން އެއްމިލިއަން ދެ ލައްކަ ފަންސަވީސް ހާސް ރުފިޔާ މިނިސްޓްރީއަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޒަމީލް އިތުރަށް ވިދާޅުވީ ޖޫރިމަނާކުރި ފަސް އުޅަނދުގެ ތެރެއިން ތިން އުޅަނދަކުން މިހާރު މިނިސްޓްރީއަށް ފައިސާ ދައްކާފައިވާ ކަމަށެވެ. އަދި ފައިސާ ދެއްކުމުން ހަމަޖެހިފައިވާ އިޖުރާއަތުގެ ދަށުން އުޅަނދުތައް ދޫކޮށްލާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ފައިސާ ނުދައްކާ ދެ އުޅަނދުގެ ތެރެއިން އެއް އުޅަނދުގެ މައްސަލަ އެޓާނީ ޖެނަރަލްގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާކަން ފާހަގަކުރައްވާ ޒަމީލް ވިދާޅުވީ ސަރުކާރުން ދައުވާ ކުރަނީ ޖޫރިމަނާގެ ފައިސާ ހޯދުމަށާއި އެ އުޅަނދު ދައުލަތަށް ނެގުމަށް ކަމަށެވެ. އަނެއް އުޅަނދުގެ މައްސަލަ ވެސް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ބޭރުގެ މަސްވެރި އުޅަނދުތަކާއި ގުޅޭ 8 މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އޭގެ ތެރެއިން އެއް މައްސަލައަކީ މިހާރު ވެސް ބަލަމުން އަންނަ މައްސަލައެއް ކަމަށް ޒަމީލް ވިދާޅުވިއެވެ. 5 މައްސަލައެއްގައި މަސްވެރިކަމުގެ ގާނޫނުގެ ދަށުން އިދާރީ ފިޔަވަޅު އަޅާފައިވާއިރު އިދާރީ ފިޔަވަޅުގެ ގޮތުން ޖޫރިމަނާގެ އަދަދުތައް ކަނޑައެޅިފައިވާ ކަމަށް ޒަމީލް ފާހަގަކުރެއްވިއެވެ.  

ދެ އުޅަނދެއް އިސްޕެކްޓްކޮށް ބެލި ބެލުމަށް ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކޮށްފައިވާކަމަށް ފާހަގަކުރެވިފައިނުވާތީ ސްރީލަންކާއަށް ނިސްބަތްވާ އެ އުޅަނދުތަކަށް ފިޔަވަޅު ނާޅުއްވާ ކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އެ އުޅަނދުތަކުގެ ފްލޭގް ސްޓޭޓުން ދީފައިވާ މަސްވެރިކަމުގެ ލައިސެންސްގައި، އުޅަނދުތައް ހަރަކާތްތެރިވާން ޖެހޭނީ އެ ގައުމުގެ ހާއްސަ އިގްތިސާދީ ސަރަހައްދުކަން ބަޔާންކޮށްފައިވާ ކަމަށާއި އެކަމާއި ޚިލާފުވެ، ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަނުމުން އެ ގައުމުތަކުން އުޅަނދުތަކާއި ދޭތެރޭގައި ފިޔަވަޅު އެޅުމަށް މިނިސްޓްރީން އެދިފައިވާނެ ކަމަށް ވިދާޅުވިއެވެ. މިހާރުވެސް އުޅަނދެއްގެ މައްސަލައެއް ބަލަމުންދާ ކަމަށާއި އެ މައްސަލާގައި ގޮތެއް ނިމުމުން މިނިސްޓްރީން އަންގާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މަސްވެރިކަމުގެ ގާނޫނާއި ޚިލާފުވާ އުޅަނދުތައް އާންމުގޮތެއްގައި ކޯސްޓްގާޑުން ހިފެއްޓުމަށް ފަހު ބަނދަރަށް ގެންނަ ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށުގައި އުޅަނދާއި ފަޅުވެރިން ބައިތިއްބާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ އުޅަނދަކަށް ޖަވާބުދާރީވުމުގެ ފުރުސަތު މިނިސްޓްރީން ދިނުމަށްފަހު، ފަޅުވެރިން ފުރުވާލާ ކަމަށާއި ފިޔަވަޅު އަޅަނީ އުޅަނދުގެ ވެރިފަރާތް ނޫނީ އޮޕަރޭޓަރާމެދު ކަމަށް މިނިސްޓްރީން ބުންޏެވެ.

މަސްވެރިކަމުގެ ގާނޫނުގައި ބުނެފައިވަނީ ބޭރުގެ މަސްވެރި އުޅަނދުތައް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަންނަންވާނީ، އެކަމަށްޓަކައި މިނިސްޓްރީން ދޫކުރާ ހުއްދަ، ދުރާލާ ހޯދުމަށް ފަހުގައި ކަމަށެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2024

ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި

25 ޑިސެމްބަރު 2024
ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި
17 ސެޕްޓެމްބަރު 2024

ވަޅޯމަހުގެ އަގު އުފުލިއްޖެ

17 ސެޕްޓެމްބަރު 2024
ވަޅޯމަހުގެ އަގު އުފުލިއްޖެ
07 ޖޫން 2024

ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަކުރުމުން ކަންބޮޑުވުން ފާޅުކުރުމަށް އިހުތިޖާޖަށް ނިކުންނަނީ

07 ޖޫން 2024
ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަކުރުމުން ކަންބޮޑުވުން ފާޅުކުރުމަށް އިހުތިޖާޖަށް ނިކުންނަނީ
27 އޮކްޓޯބަރު 2023

ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ޖޫރިމަނާ ދެއްކުމުން އަނބުރާ ފޮނުވާލައިފި

27 އޮކްޓޯބަރު 2023
ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ޖޫރިމަނާ ދެއްކުމުން އަނބުރާ ފޮނުވާލައިފި
12 އޯގަސްޓު 2023

މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ވީ.އެލް.ޑީ އޮކްޓޫބަރު މަހުގެ ކުރިން ހަރުކުރުމަށް ދަތިވާނަމަ އެކަން އެންގުމަށް އެދިއްޖެ

12 އޯގަސްޓު 2023
މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ވީ.އެލް.ޑީ އޮކްޓޫބަރު މަހުގެ ކުރިން ހަރުކުރުމަށް ދަތިވާނަމަ އެކަން އެންގުމަށް އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު