Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމޮނިޓަރިންގެ ހާލަތު

މޮނިޓަރިންއަށް ލައިފިއްޔާ އެހާލަތުން ނަގަން ހަނދާން ނެތެނީތަ؟

27 ރަށެއް މިހާރު ވެސް އޮތީ މޮނިޓަރިންގައި

އަމްނާ އިމާދު
އަމްނާ އިމާދު | 10 ޖުލައި 2021 | ހޮނިހިރު 11:44
ފާދިއްޕޮޅުގެ ބައެއް ރަށްރަށް

ފާދިއްޕޮޅުގެ ބައެއް ރަށްރަށް

ރާއްޖެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ރާޅުތަކުގެ ތެރެއިން ހަތަރުވަނަ ރާޅަކީ ހުރިހާ ގޮތަކުން ވަރަށް ތަފާތު ރާޅެކެވެ. އުންމީދު ކުރި ގޮތާއި ޚިލާފަށް މާޗު މަހުގެ ތެރޭގައި ކޭސްތައް އިންތިހާއަށް އިތުރުވެ ހަރުކަށި ފިޔަވަޅުތައް އަޅަން މަޖުބޫރިވިއެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ހާލަތަކީ ވެސް މިއީއެވެ. ހަރުކަށި ފިޔަވަޅުތަކާއެކު ގާތްގަނޑަކަށް މަސް ދުވަސް ހޭދަކުރުމަށްފަހު ކޭސްތައް މަދުވުމާއި ގުޅިގެން މިހާރު ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ.

ލުއިތަކާއެކު ރާއްޖެއަށް ތިން އީދު އެއްފަހަރާ އައިކަހަލައެވެ. އަޟްހާ އީދާ ދިމާކޮށް މާލެ ހުޅުވާލީއެވެ. ވެކްސިނާއެކު ކަރަންޓީންވުމަކާއި ނުލައި ރަށަށް ދެވޭ ގޮތްވީއެވެ. މިފުރުސަތު ދިނީ ވެސް ދެޑޯޒް ޖެހި މީހުންނަށް ކުޑަ މިންވަރެއްގެ ލުޔެއް ނުދީގެން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ވެކްސިނާއެކު ދަތުރުކުރުމުގެ ހުއްދަ ދޭނެ ކަމަށް ބުނެ ސަރުކާރުން ދެއްކީ ޚިޔާލީ ފޮލައެއް ކަމަށް ގިނަ ބަޔަކު އޭރު ބުނަމުންދިޔައެވެ. ވާނީވެސް އެހެން ނޫންތޯއެވެ. މާލޭގެ ބަންދުގައި ތިބޭތާ ނުވަތަ ރަށަކަށް ދަތުރެއް ނުކުރެވޭތާ އެއްއަހަރަށް ވުރެ ގިނަ ދުވަަސްވީއެވެ. 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަންޖެހޭތީ ޗުއްޓީ ނަގައިގެން ވެސް މާލޭގައި މަޑުކުރި ކިތަންމެ ބަޔަކު ތިބޭނެއެވެ.

ދެވުނު ލުއިތަކާއެކު އަތޮޅުތެރޭގެ ރަށްރަށަށް ގިނަ ބަޔަކު މިހާރު ދަނީ ދަތުރުކުރަމުންނެވެ. ނަމަވެސް ބައެއް ރަށްރަށުގެ މީހުން އެކަމާއި ނުރުހުން ފާޅުކުރެއެވެ. ރަށްރަށުގެ ކައުންސިލްތަކުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލުގެ އިތުރުން އައު އުސޫލުތައް ނެރެގެން އެކަން ތަންފީޒު ކުރަމުންދެއެވެ. އެރަށެއްގެ ރައްޔިތުން ނޫން ބަޔަކު އެރަށަކަށް ނޭރުވުމާއި، ހާލު ބެލުން ޕޯޓަލް މައްސަލައަކުން ރަޖިސްޓްރީ ނުވެވޭނަމަ ވެސް ރަށަށް ނޭރުވުމުގެ މައްސަލަތައް މިހާރު ދަނީ ފެންމަތިވަމުންނެވެ. ރަށްރަށަށް ދަތުރުކުރާ މީހުން ދެޑޯޒް ވެކްސިން ޖެހިކަމުގެ ކާޑާއި، ނެގެޓިވް ޕީސީއާރް ޓެސްޓުގެ ނަތީޖާއާއެކު ދިޔަ ނަމަވެސް ގަޑިއިރެއް ދެގަޑިއިރު ވަންދެން ރަށަށް ނޭރިފައި ތޮށިގަނޑު މަތީގައި ތިބެންޖެހެއެވެ. މީގެ ތެރޭގައި މާބަނޑު އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެއެވެ. ދިގު ދަތުރެއް ކުރުމަށްފަހު އާއިލާއަކުން ރަށަށް ދާއިރު މިގޮތަށް މަޑުކުރަން ޖެހުމަކީ އަނިޔާއެއް ނޫންތޯއެވެ.

ދެޑޯޒް ވެކްސިނާއެކު 14 ދުވަސް ފުރިހަމަވެފައިވާނަމަ ނެގެޓިވް ޕީސީއާރް ޓެސްޓާއެކު ރަށަށް ދެވޭ ގޮތަށް ހުޅުވާލީ ވެސް ހަނި ފުރުސަތަކުންނެވެ. މިފުރުސަތު ގެއްލޭނީ މާދަމާ ނޫން ކަމެއްވެސް ނޭނގެވެ. ބަލީގެ ޒާތަށް ބަލާއިރު، މާލެ ސަރަހައްދުގެ ކޮވިޑް ޕޮޒިޓިވިޓީ ރޭޓް 5 އިންސައްތައިން މައްޗަށް ކިރިޔާ ޖެހިލާއިރަށް މިފުރުސަތު ގެއްލޭނެއެވެ. ފުރުސަތު ގެއްލިދާނެކަމުގެ ބިރުގައި އެތައް ބަޔަކު ތިބިއިރު، މޮނިޓަރިންގެ ހާލަތަށް ރަށްރަށް ގެނައުމަށްފަހު މޮނިޓަރިންގެ ހާލަތުން ރަށްރަށް ނެގުމަށް އެޗްޕީއޭއިން ހަނދާން ނެތޭކަމުގެ ޝަކުވާގެ އަޑު ވެސް މިހާރު ވަނީ ގަދަވެފައެވެ.

މިވަގުތު 27 ރަށެއް މޮނިޓަރިންގެ ހާލަތުގައި އޮތްއިރު، މިރަށްތަކުގެ ތެރޭގައި އެކްޓިވް ކޭސް ހިމެނުނު ނަމަވެސް އިތުރަށް އެއްވެސް ކޭހެއް ނުފެނި ދެހަފުތާ ނުވަތަ ތިން ހަފުތާ ވެފައިވާ ރަށްރަށް އެބަހުއްޓެވެ. ބަލި ފެތުރިފައިވާ ގޮތް ދެނެގަނެވި، ބަލި ކޮންޓްރޯލް ވެފައިވާ ރަށްރަށް މޮނިޓަރިންގެ ހާލަތުން ނަގަންވީ ނޫންތޯއެވެ. އެއީ މޮނިޓަރިންގެ ހާލަތަށް ރަށް ގެންދަނީ އެރަށެއްގައި ބަލި ފެތުރިފައިވާ މިންވަރު ދެނެގަނެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ. އެހެންކަމުން މަގުސަދު ހާސިލްވެފައިވާ ރަށްރަށް މިހާރު މޮނިޓަރިންގެ ހާލަތުގައި ބޭއްވުމުގެ ސަބަބެއް ނެތެއްނޫންތޯއެވެ.

ހަމަޔަގީނުން ވެސް މިރަށްތަކަށް ދަތުރުކުރަން ބޭނުންވާ ގިނަ ބަޔަކު ތިބޭނެއެވެ. ނަމަވެސް ރަށް މޮނިޓަރިންގެ އޮތުމުން އެމީހުންނަށް ރަށަށް ދިއުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ. އެހެންކަމުން ކޭސްތައް ކޮންޓްރޯލްވެފައިވާ ރަށްތައް މޮނިޓަރިންގެ ހާލަތުން ނަގައި، މިހާރަށްވުރެ ބޮޑަށް ހަރުދަނާ ނިޒާމެއްގެ ތެރެއިން އެޗްޕީއޭއިން މިމަސައްކަތް ކުރަން ޖެހެއެވެ. ފާޑު ކިޔާ މީހުން ބުނާ ބީދައިން އެޗްޕީއޭ އޮތީ ނިދާފަބާވައެވެ. އެހެންވެއްޖެނަމަ ގިނަ ބައެއްގެ ހައްގުތައް ގެއްލިގެން އެބަދެއެވެ.

އިތުރަށް ކިޔާލަން

27 އޯގަސްޓު 2018

ބުދުތައް ނަގަން ބުނިތާ އެއް މަސް، އަދިވެސް ހުރީ ހުރި ގޮތަށް

27 އޯގަސްޓު 2018
ބުދުތައް ނަގަން ބުނިތާ އެއް މަސް، އަދިވެސް ހުރީ ހުރި ގޮތަށް
24 އެޕްރީލު 2018

މަޔާމީންގެ ހަނދާންތައް: ދަރިފުޅަށް އެދުވަހު ސައިބޯން ލާރިދިން މަންޒަރު ކުރިމަތިން އަދިވެސް ހީވަނީ ފެންނަހެން

24 އެޕްރީލު 2018
މަޔާމީންގެ ހަނދާންތައް: ދަރިފުޅަށް އެދުވަހު ސައިބޯން ލާރިދިން މަންޒަރު ކުރިމަތިން އަދިވެސް ހީވަނީ ފެންނަހެން
11 އެޕްރީލު 2018

ނަސަންދުރަ މައްސަލައިގައި އަދީބު ނަގަންޖެހޭ ޒިންމާއެއް ރައީސް ޔާމީން ވެސް ނަގަންޖެހޭ

11 އެޕްރީލު 2018
ނަސަންދުރަ މައްސަލައިގައި އަދީބު ނަގަންޖެހޭ ޒިންމާއެއް ރައީސް ޔާމީން ވެސް ނަގަންޖެހޭ
29 ޖެނުއަރީ 2018

އިންވެސްމަންޓް ފޯރަމްތަކަށް ހޭދަކުރި ބޭކާރު ފައިސާގެ މަތިން ހަނދާން ނައްތާލަންވީތޯ؟

29 ޖެނުއަރީ 2018
އިންވެސްމަންޓް ފޯރަމްތަކަށް ހޭދަކުރި ބޭކާރު ފައިސާގެ މަތިން ހަނދާން ނައްތާލަންވީތޯ؟
01 ޖެނުއަރީ 2018

ރައީސް ޔާމީނު ކަންފަތުން އަސްލު ވެސް މަޑު ނަގަން ޖެހޭ، ބައެއް ވާހަކަތައް އިވޭ ކަމަކަށް ނުވޭ!

01 ޖެނުއަރީ 2018
ރައީސް ޔާމީނު ކަންފަތުން އަސްލު ވެސް މަޑު ނަގަން ޖެހޭ، ބައެއް ވާހަކަތައް އިވޭ ކަމަކަށް ނުވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު