ކ. މާލެ
|
19 ޖޫން 2021 | ހޮނިހިރު 18:25
ރައީސް ނަޝީދު
ރައީސް ނަޝީދު
ރާއްޖެއެމްވީ
ރައީސް ނަޝީދަށް ދިން ހަމަލާ
ހަމައެކަނި ހަރުކަށި ފިކުރާ އަޅުވައިގެން ހަމަލާގެ އަޑިއެއް ނުހޯދޭނެ: ޢަފީފް
 
ވިސްނުން ތަންކޮޅެއް ފުޅާކޮށްގެން ތަހުގީގު ކުރިއަށް ގެންދަންޖެހޭ
 
އެފަދަ ބޮޑު ހަމަލާއެއް ދިނުމުގައި ފަހަތުގައި އެތައް ބައެއްގެ އަތްތަކެއް ވާނެ
 
ހަމަލާއާ ސީދާ ގުޅުން ހުރި ހަތަރު މީހަކު ހައްޔަރުކޮށްފައިވާއިރު އެ އެންމެނަކީ ވެސް ހަރުކަށި ފިކުރުގެ މީހުން

މޭ މަހުގެ 6ވަނަ ދުވަހު ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަކީ ހަރުކަށި ފިކުރުގެ މީހުންގެ އެކަނި ކަމެއްގެ ގޮތުގައި އެ މައްސަލަ ބަލާ ނަމަ އެކަމުގެ އަޑީގައި ތިބި ވާގިވެރިން ނުހޯދޭނެ ކަމަށް ހަމަލާގެ ތަހުގީގު ހިނގަމުން އަންނަ ގޮތް ގާތުން ބަލައި ފާރަވެރިވުމަށް އެކުލަވާލި ޚާއްސަ ކޮމިޓީ ''މެއި 6'' ކޮމެޓީގެ ޗެއަރ، ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން ޢަފީފް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގުގެ ތެރެއިން އެ ހަމަލާއާ ސީދާ ގުޅުން ހުރި ހަތަރު މީހަކު ހައްޔަރުކޮށްފައިވާއިރު ފުލުހުން ބުނިގޮތުގައި އެ ހަތަރު މީހުންނަކީ ވެސް ހަރުކަށި ފިކުރުގެ މީހުންނެވެ. އަދި މި ހަމަލާ ފުލުހުން ގުޅުވާފައި ވަނީވެސް ހަރުކަށި ފިކުރާއެވެ.

'މެއި 6'' ކޮމެޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢަފީފް ވިދާޅުވީ މިހާތަނަށް ތަހުގީގު ގޮސްފައިވާ ގޮތަށް ބަލައި ފުލުހުން ބަޔަކު ހައްޔަރުކޮށް އަދިވެސް ތަހުގީގުކުރަމުންއަންނަ އިރު، މުޅި ތަހުގީގުގެ ނެވިގޭޝަން ހަރުކަށި ފިކުރަށް ހުއްޓިފައިވާކަން ފާހަގަވެފައިވާ ކަމަށެވެ. އެކަމަކު އެ ހަމަލާ އަކީ މާލޭގެ އެންމެ ކާރޫބާރުބޮޑު މަގު މެދުގައި ހިންގި ބޮޑު ކަމެއް ކަމަށާއި، އެފަދަ ކަމެއް މަދު ބަޔަކު ވެގެން ކުޑަ ގޮތަކަށް ކޮށްފާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ އެފަދަ ބޮޑު ހަމަލާއެއް ދިނުމުގެ ފަހަތުގައި އެތައް ބައެއްގެ އަތް ވާނެ ކަމަށާއި، އެކަމަށް ފަންޑުކުރި ބަޔަކު ވެސް ތިބޭނެ ކަމަށެވެ. އެހެންވެ ހަމައެކަނި ހަރުކަށި ފިކުރާ ދިމާއަށް ނެވިގޭޓްކޮށްގެން އެކަމުގެ ފަހަތުގައި ތިބި މީހުން ނުހޯދޭނެ ކަމަށެވެ. އެ ވިސްނުން ތަންކޮޅެއް ފުޅާކޮށްގެން ތަހުގީގު ކުރިއަށްގެންދަން ޖެހޭ ކަމަށެވެ. އަދި އެކަމުގެ ފަހަތުގައި ތިބި މީހުން ކޮންމެހެން ވެސް ހޯދަން ޖެހޭ ކަމަށާއި، އެހެން ނޫނީ މައްސަލައިގެ އިންސާފު ލިބުނީކަމަށް ނުނިންމޭނެ ކަމަށެވެ.

މެއި 6ވަނަ ދުވަހު ދިން މި ހަމަލާއާ ގުޅިގެން، މިހާތަނަށް 25 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި، ފުލުހުން ހިންގި އޮޕަރޭޝަންތަކުގެ ތެރެއިން 14 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭގެ ތެރެއިން ހަމަލާއާ ސީދާ ގުޅުން ހުރި މީހުން ކަމަށް ބުނެފައިވަނީ ބޮންގޮއްވުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަޙްމަދުގެ އިތުރުން، މއ. ފޭރުގެ މުޖާޒް އަޙްމަދު 21އ އާއި، ގއ. ކޮނޑޭ/ފޮޅޭމާ ތަހުމީން އަޙްމަދު 32އ، އަދި ލ.ގަން/ދުންފިނި އުފާ އަހުމަދު ފާތިހުއެވެ.

މި ހަމަލާއާ ގުޅިގެން ފުލުހުން ބުނީ ތަހުގީގުގައި ފޯކަސްކޮށްގެން މަސައްކަތް ކުރަމުން ދަނީ އަމަލީގޮތުން ބައިވެރިވި މީހުންގެ އިތުރުން ހަމަލާ ރާވައި ހިންގުމުގައި ބައިވެރިވާ ފަރާތްތަކާއި، އަދި ހަމަލާ ދިނުމަށް މާލީ ގޮތުން އެއްވެސް އެހީތެރިކަމެއް ދީފައިވޭތޯ ބެލުމުގެ މަސައްކަތް ކަމަށެވެ. ނަމަވެސް ހަމަލާ ދޭން ބޭނުންކޮށްފައިވާ ތަކެއްޗަށް ބަލާއިރު އެއީ އާދައިގެ ފިހާރަތަކުން ވެސް ލިބޭނެ ފަދަ އާންމު ތަކެތިކަން ފުލުހުން މީގެ ކުރިން ފާހަގަކޮށްފައިވެއެވެ.

އެ މައްސަލާގައި ސީދާ ގުޅުން ހުރި ހަތަރު މީހުންނާއި އެކު ޖުމްލަ 10 މީހަކު ހައްޔަރުކޮށްފައިވާއިރު، އެހިސާބުން ހުއްޓާނުލާނެ ކަމަށާއި، ވަރަށް ފުޅާކޮށް މައްސަލަ ބަލައި ތަހުގީގު ކުރާނެ ކަމުގެ ޔަގީންކަން ފުލުހުން ދީފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް