ކ. މާލެ
|
11 ޖޫން 2021 | ހުކުރު 14:04
ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާ ދީފައިވަނީ މެއި މަހުގެ 6 ވަނަ ދުވަހު
ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާ ދީފައިވަނީ މެއި މަހުގެ 6 ވަނަ ދުވަހު
ރާއްޖެއެމްވީ
އެމްޑީޕީގެ ގައުމީ މަޖިލިސް
"އެމްޑީޕީގެ ވެރިކަމެއްގައި ރައީސް ނަޝީދަށް ހަމަލާދެވި، އިންސާފުލިބުން ލަސްވެގެން ދިޔުމަކީ ލަދުވެތިކަމެއް"
 
ރައީސް ނަޝީދަށް އިންސާފު ހޯދައިދިނުމަކީ ކުރިމަގަށް ނުހަނު ބޭނުން ކަމެއްކަމަށް މެމްބަރުން ވިދާޅުވި
 
އެމްޑީޕީ ވެރިކަމުގައި އޮވެ ރައީސް ނަޝީދަށް ދިން ސެކިޔުރިޓީ ފެއިލްވެފައިވުމަކީ ލަދުވެތި ކަމެއްގެ ގޮތުގައި ބައެއް މެމްބަރުން ސިފަ ކުރެއްވި

މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަ ދުއްވާލުމަށް ދެވުނު ޓެރަރިޒަމްގެ ހަމަލާއަކީ މުޅި ގައުމަށް ސިހުން ގެނުވި ކަމެކެވެ. ވަކިން ޚާއްސަކޮށް މާލޭގައި އެންމެ ކާރުބާރުބޮޑު އެއް މަގުކަމުގައިވާ މަޖީދީ މަގުގައި މީހުން ހިނގާބިނގާވެ އުޅެމުންދަނިކޮށް އައިއީޑީއެއް ގޮއްވާލެވުމަކީ އެތައް ސުވާލެއް ކުރިމަތިކުރުވާ ކަމެކެވެ.

ސަލާމަތީ ބާރުތަކުން ހާމަކޮށްފައިވާ ގޮތުގައި ރައީސް ނަޝީދަކީ ރާއްޖޭގައި ހުރި އެންމެ ހައި ރިސްކު ބޭފުޅާއެވެ. އެފަދަ ބޭފުޅަކަށް އަރުވަމުން ގެންދިޔަ ސެކިޔުރިޓީ ފޫއަޅުވާލުމަށްފަހު މަގުމަތީގައި ދެވުނު ހަމަލާއާއެކު ސަލާމަތީ ބާރުތަކުން އަރުވަމުން ގެންދިޔަ ސެކިޔުރިޓީއާމެދު ވަނީ ސުވާލު އުފެދިފައެވެ. އަނެއްކޮޅުން މިހަމަލާގެ ހިލަމެއް ފުލުހުންގެ އިންޓަލިޖެންސް އިދާރާއަށްވެސް އެމްއެންޑީއެފްގެ އިންޓަލިޖެންސް އިދާރާއަށްވެސް ވެފައި ނުވުމަކީ މީގައި އެތައް ކަންބޮޑުވުމެއް ހިމެނޭ ކަމެކެވެ.

ހަމަލާދެވުމާއެކު ސަލާމަތީ ބާރުތަކުން މާލޭގެ ސެކިޔުރިޓީ ލެވެލް މަތިކޮށް ގްރީން ޒޯންގައި ހިމެނޭ ސަރަހައްދުތަކުގެ ސެކިޔުރިޓީ ބަލަހައްޓަން ފެށިއެވެ. އަދި ހަތިޔާރާއެކު މާލޭގައި ހަރަކާތްތެރިވާން ފެށިއެވެ. ފުލުހުންވެސް އެއިދާރާގެ ސެކިޔުރިޓީ ލެވެލް މަތިކޮށް މިހަމަލާ ދިނުމުގައި ތިބި މީހުން ހޯދުމުގެ މަސައްކަތަށް އަވަސްވެގަތެވެ.

ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުގައި އޮންނަ އެމްޑީޕީގެ ސުޕަރ މެޖޯރިޓީއާއެކު ހަމައެރޭ މަޖިލީހުގެ ޖަލްސާއެއް ބޭއްވިއެވެ. ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް އޭރު ސާފެއްނުވެއެވެ. އެހެންކަމުން ރައީސް ނަޝީދުގެ ހާލުކޮޅުގެ މައުލޫމާތު ސާފުވަންދެން އެޖަލްސާ ކުރިޔަށް ގެންދިޔައެވެ. ހަމަ އެރޭ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބޭއްވިއެވެ. އަދި ފުލުހުންގެ ތަހުގީގުގައި ބޭރުގެ އިދާރާތަކުގެ އެހީތެރިކަން ހޯދުމަށް ފުލުހުންނަށް ހުށަހެޅުމަށް ކޮމިޓީން ފާސްކޮށް ރައީސް ނަޝީދުގެ ސެކިޔުރިޓީ ފެއިލްވި ގޮތުގެ އިންކުއަރީއެއް ކުރިޔަށް ގެންދިޔުމަށް ނިންމިއެވެ.

ގައުމުގެ އެންމެ އިސްފަރާތްކަމުގައިވާ އެމްޑީޕީގެ ޓިކެޓްގައި ރައީސް ކަމަށް ވަޑައިގެންހުންނެވި އަދި ރައީސް ނަޝީދުގެ އެންމެ ގާތް ބޭފުޅާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ނޭޝަނަލް ސެކިއުރިޓީ ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބޭއްވެވިއެވެ. ސިފައިންނާއި ފުލުހުންގެ އިންޓެލިޖެންސް އޮޑިޓެއް ހެއްދެވުމަށް އަންގަވާ ކޮމިޓީއެއް އެކުލަވާލެއްވިއެވެ. މިހުރިހާ މަސައްކަތްތައްވެސް ވަރަށް ބާރު މިނެއްގައި ހިނގައިގަތެވެ. މިއާއެކު ރައީސް ނަޝީދަށް އިންސާފު ލިބިގެންދާނެ ކަމުގެ އުންމީދީ ކުލަވަރުތައް ކޮންމެސް ވަރަކަށް ފެނިގެންދިޔައެވެ.

އެމްޑީޕީގެ ވެރިކަމެއްގައި ރައީސް ނަޝީދަށް އަމާޒުކޮށް މިފަދަ ހަމަލާއެއް ދިނުމާއެކު މިކަމުގެ އެންމެ އަޑިއަށް ވާސިލްވާނެކަމުގެ ޔަގީންކަން އެމްޑީޕީން ވަރަށް ބޮޑަށް ދިނެވެ. މީގެކުރިން ހިނގާފައިވާ މިފަދަ ހާދިސާތަކުގައި ކަންކުރި މީހުންނާ ހިސާބުން އެކަނި ނިންމާލެވި އެކަން ރޭވި މީހުންނާއި ފަންޑުކުރި މީހުން ނުހޯދިދިޔަ ދިޔުން މިފަހަރު ނިމުމަކަށް ގެނައުމަށް އެމްޑީޕީން ކޮންމެ ގޮތެއްވިޔަސް ބޭނުންވެއެވެ. އެމްޑީޕީއަކީ މިހުރިހާ ދުވަހުވެސް އެފަދަ މަރުތަކަށް އިންސާފު ހޯދައިދިނުމާއި ހޯދުމުގެ ވާހަކަތައް އެންމެ ބާރަށް އެންމެ ގިނައިން ދެއްކި ޕާޓީއެވެ. އެޕާޓީ ވުޖޫދު ވެފައިވަނީވެސް އެއަސާސްކަމުގައި ކަމަށް ވަކާލާތުކުރަމުން އައި ޕާޓީއަކީވެސް އެމްޑީޕީއެވެ. ވަކިން ޚާއްސަކޮށް ރައީސް ނަޝީދަކީ މިފިކުރު އުފަންކުރުވުމުގައި އިސްރޯލެއް އަދާކުރެއްވި އަދި މިހާރުވެސް އެވާހަކަތައް އެންމެ އާންމުކޮށް ދައްކަވަމުން ގެންދަވާ ބޭފުޅާއަށް ވާއިރު ރައީސް ނަޝީދަށް އަމާޒުކޮށްދިން މިހަމަލާގެ އެންމެ ފުނާ ހިސާބަށް ގޮސް އިންސާފު ހޯދައިދިނުމަކީ އެމްޑީޕީގެ ލީޑަރޝިޕްގެ އިތުރުން އާންމު މެމްބަރުންވެސް ނުހަނު ބޮޑަށް ބޭނުންވެފައިވާ ކަމެކެވެ.

އެމްޑީޕީގެ ވެރިކަމެއްގައި ފުލުހުންގެ ތަހުގީގު ކުރިޔަށްދާގޮތް ބެލުމުގެ ފުރުސަތު ސީދާ ޕާޓީއަށް ލިބި، އެމްޑީޕީގެ ސުޕަރމެޖޯރިޓީއެއް އޮތް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އިންކުއަރީ ކުރިޔަށް ގެންދާއިރު މިކަމުގެ ވަށައިގެންވާ ހުރިހާ ކަމަކަށް ޖަވާބު ލިބިގެންދާނެ ކަމަށް އެޕާޓީން ދިޔައީ ބުނަމުންނެވެ. އަދި އާންމު މެމްބަރުންވެސް ގަބޫލުކުރަމުން ދިޔައީ އެގޮތަށެވެ. ނަމަވެސް ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދިންތާ 36 ދުވަސްވެފައިވާއިރު މަންޒަރު މިވަނީ ކޮންމެސް ވަރަކަށް ބަދަލުވާން ފަށާފައެވެ. އިންސާފު ހޯދުމަށް ކުރަމުންދާ ދަތުރުގައި ބޮޑެތި ކޮޅިގަނޑުތަކާ އަންނަނީ ދިމާވަމުންނެވެ. ވަކިން ޚާއްސަކޮށް ޕާޓީގެ އެތެރެއިން ނަގާ ބޮޑެތި ރާޅުތަކުގެ ސަބަބުން މިކަން ވެދާނެކަމާމެދުވެސް އެއްބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

އެމްޑީޕީގެ ސަރުކާރެއްގައި ސަރުކާރުގެ ތެރެއިން ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ގަބޫލުކުރެވުނުނަމަވެސް 241 ކޮމިޓީން ކުރިޔަށްގެންދާ އިންކުއަރީގައި ވަކިވަކި ސިފައިން ހާޒިރުނުވާނެ ކަމަށް ސިފައިންގެ އިދާރާއިން ހާމަކުރުމާއި ގުޅިގެން މިއީ އަދި ބާރުތައް ލިބިފައި އޮތަސް ވާން އޮތް ކަމެއް ނޫންކަން ސާފުވާން ފަށައިފިއެވެ. ވަކިވަކި ސިފައިން ހާޒިރުނުވާނެ ކަމަށް ބުނެ ސިފައިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުވި ސިޓީގައި ސޮއިކޮށްފައިވާ ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް ޙަސަން ޒަމީލު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާކަމަށް ރައީސް ނަޝީދު ނިންމަވާ އެމައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމިޓީއަށް ފޮނުއްވިއެވެ. ނަމަވެސް ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލަ އިމްތިޔާޒު ކޮމިޓީން ބޭއްވި ސިއްރު ބައްދަލުވުމެއްގައި އެމްޑީޕީގެ މެމްބަރުންގެ ވޯޓާއެކު ބޭރުކޮށްލުމުން ވަރުގަދަ އެމްޑީޕީގެ ބިޔަ ބޮޑު ލަޝްކަރުގެ މެދުތެރެއިން ލަމުންދިޔަ ރެނދު ފުޅާވެ ހާމައަށް ފެންނަން ފަށައިފިއެވެ. އެކަން ފޮރުވުމަށް ކޮންމެސް ވަރެއްގެ މަސައްކަތްތަކެއް ކުރަމުން ދިޔަނަމަވެސް އެކަން އޮތީ އެއަށްވުރެ ބޮޑަށް ފެންނާށެވެ.

އެކަން އަނެއްކާވެސް އެނގިގެންދިޔައީ ރައީސް ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ހިނގަމުން އަންނަ ގޮތް ގާތުން ބަލާ ފާރަވެރިވުމަށް ކޮމިޓީއެއް އެކުލަވާލުމަށް ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ. ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މިބައްދަލުވުމަށް ކޮމިޓީއެއް އެކުލަވާލުމުގެ ގަރާރު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރ މުހައްމަދު ވަހީދެވެ. މިގަރާރަށް ގައުމީ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި 100ށް ވުރެ ގިނަ މެމްބަރުންގެ ތެރެއިން 47 މެމްބަރުން ވަނީ ވާހަކަދައްކަވާފައެވެ.

މިއިން ކޮންމެ ބޭފުޅެއްގެ ވާހަކައަށް ނަޒަރު ހިންގާލިކަމަށްވިޔަސް ދޭހަވެގެންދިޔަ އެންމެ މުހިންމު ކަމަކީ ރައީސް ނަޝީދަށް އިންސާފު ލިބުމުގެ މުހިންމު ކަމެވެ. ވަކިން ޚާއްސަކޮށް އިންސާފުގެ މަގަށް ކަމަށް ބުނެ މިހުރިހާ ދުވަހު ވަކާލާތު ކުރަމުންދިޔަ ޕާޓީގެ ރައީސަށް އަމާޒުކޮށް ދިން މިފަދަ ހަމަލާއެއްގައި އިންސާފު ނުލިބިއްޖެނަމަ އެހިސާބުން މުޅި އެމްޑީޕީ ފެއިލްވީ ކަމަށް މެމްބަރުން ފާހަގަކުރެއްވިއެވެ.

ގައުމީ މަޖިލީހުގައި ބައެއް މެމްބަރުން ދެއްކެވި ވާހަކަތަކަށް ބަލާލާއިރު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ ގާނޫނު އަސާސީން އެންމެ އަސާސީ ގޮތެއްގައި ކަށަވަރުކޮށްދޭ ހައްގަކީ ދިރިހުރުމުގެ ހައްގު ކަމަށްވާއިރު 6 މެއިގެ ހާދިސާގައި ސުވާލު އުފެދިގެން މިއުޅެނީ މިދައުލަތުން ދިރިހުރުމުގެ ހައްގު ފުރިހަމައަށް ކަށަވަރު ކޮށްދެވޭތޯ ކަމަށެވެ. ކަންދިމާކުރި ގޮތުން އެދުވަހުގެ ހާދިސާއިން އެންމެ ބޮޑު ގެއްލުމެއް ލިބުނު ފަރާތަކީ އެމްޑީޕީގެ ރައީސް ކަމަށް މީކާއީލް ވިދާޅުވިއެވެ. އަދި މިހާދިސާ އާ ގުޅިގެން އެމްޑީޕީގެ މެމްބަރެއްގެ ހައިސިއްޔަތުން ލަދު ގަންނަ ކަންކަން ފާހަގަކުރަން ބޭނުންފުޅުވާ ކަމަށް މީކާއިލް ވިދާޅުވިއެވެ. 2019 ވަނަ އަހަރުގެ ސެޕްޓަމްބަރ މަހުގެ 8 ވަނަ ދުވަހު ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެމަނިކުފާނަށް ފުލުހުންގެ ތެރެއިން ބަޔަކު ފާރަލަމުން ގެންދާކަމަށް ސަލާމަތީ ބާރުތަކުގެ ތެރެއިން ބަޔަކު އަންގާފައިވާކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް އެދުވަހުވެސް އެކަން ސީރިއަސްކޮށް ނެގީ ކާކުތޯ. ކޮން މުއައްސަސާއަކުންތޯ ކޮން އިދާރާއަކުންތޯ. ސަރުކާރުންވެސް އެއަށް މާބޮޑު ސަމާލުކަމެއް ދިން ތަނެއް ނުފެނޭ. އަޅުގަނޑު ގަބޫލުކުރަނީ 6 މެއިގެ ހާދިސާ އާ ހަމައަށް ދިޔަދިޔުން އެއީ މިއިހުމާލު ފެށުން ހިސާބުކަމަށް. 6 މެއި ގައި ސެކިޔުރިޓީ ބްރީޗްވި ގޮތަކީވެސް ހަމަ ލަދުވެތި ކަމެއް އަދި އެސިކިޔުރިޓީ ބްރީޗްވުމާއި ގުޅިގެން އެމަނިކުފާނު ގެކޮޅުގެ ޒާތީ މައުލޫމާތު ވަކި ބަޔަކަށް ނޫނީ ނޭނގޭނެ ޒާތީ މައުލޫމާތު މީޑިޔާއަށް ހާމަކުރެވިގެން ދިޔުމަކީވެސް ހަމަ ލަދުވެތިކަމެއް. މިއަދު އެމްޑީޕީގެ ސަރުކާރެއް އޮތީ. މަޖިލީހުގައި އޮތީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީ. އަޅުގަނޑުމެން ދައުލަތުގެ އެކި ބާރުތައް ކޮންޓްރޯލްކުރަން މިޕާޓީ އޮވެމެ މިފަދަ ހާދިސާއެއް ހިނގާ ދިޔުމަކީ ލަދުވެތިކަމެއް. މިޕާޓީން ކަންބޮޑުވާން ޖެހޭކަމެއް. އަދި ފިޔަވަޅު އަޅަންޖެހޭ ކަމެއް. އަދި މަޖިލީހުން ހިންގަމުންދާ އިންކުއަރީ އާ ގުޅިގެން ސަރުކާރުން ނެރުއްވި ބަޔާން، އެމްއެންޑީއެފުން ނެރުއްވި ބަޔާން އެއީ އަޅުގަނޑުމެންނަށް ކުޑަކޮށްވެސް ބަލައިގަނެވޭނެ ބަޔާނެއް ނޫން.
މީކާއިލް އަހުމަދު ނަސީމް/ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ

ގައުމީ މަޖިލީހުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ސްޕޯކްސްޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒު ފަހުމީ ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާއާ ގުޅިގެން ސަރުކާރުގެ ރިއެކްޝަން ހުރި މިންވަރަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ މިންވަރެއް ނޫންކަމަށެވެ.

އަޅުގަނޑުގެ އުމުރު ދުވަހުވެސް ނުދެކެން މިހާ ލޮނު މަޑުކޮށް މިކަމާއި ރިއެކްޓް ކުރި ގައުމެއް ދެކިފައިނުވާތީ ރިކޯޑަށްޓަކައި މިކަން ހަމަ ފާހަގަކޮށްލީ. ހަރުކަށި ފިކުރާއި ޓެރަރިސްޓުންނާ ދެކޮޅަށް މިހަމަލާއާ ގުޅިގެން ފިޔަވަޅު އެޅިފައިވާ މިންވަރަކީ ގަބޫލުކުރާ މިންވަރާ ގާތަށްވެސް ފިޔަވަޅު އެޅިފައިނުވޭ. އެޔާ ޚިލާފަށް މިފަދަ ފަރާތްތަކަށް އިތުރު ހިތްވަރު ލިބިގެންދިޔަތަން ފެނުނީ. ކަރެކްޓަރ އެސެސިނޭޓް ކުރަމުންދާތަން ފެނިގެންދިޔައީ. ވިކްޓިމް އިތުރަށް ވިކްޓިމައިޒްކޮށް ޕްރޮޕެގެންޑާ ފަތުރާތަން ފެނިގެންދިޔައީ. އަޅުގަނޑު އިންތިހާއަށް ކަންބޮޑުވާކަމެއް މިއީ. މިގައުމުގައި މިއީ އެމަރޖެންސީއެއް ކަމަށް ދެކޭތަނެއް ނުފެނޭ. ދައުލަތެއްގެ ސިފައިގައި މިއީ އެމަރޖެންސީއެއްގެ ގޮތުގައި ދެކޭތަނެއް ނުފެނޭ.
އިމްތިޔާޒު ފަހުމީ / މާފަންނު އުތުރު ދާއިރާގެ މެމްބަރ

އަދި އިމްތިޔާޒު ކޮމިޓީގައި ކަން ހިނގާދިޔަ ގޮތާއިމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެއް ޓީމެއްގެ ގޮތުގައި އެއް ސިފައެއް ޖައްސައިގެން ތިބެން ލަދު ގަންނަކަމަށް އިމްތިޔާޒު ވިދާޅުވިއެވެ. މިކަމުގައި ދޫ ނުދީ ހިފަހައްޓައިގެން ނޫނީ ރައީސް ނަޝީދަށް އިންސާފު ނުލިބޭނެކަމަށް އިމްތިޔާޒު ވިދާޅުވިއެވެ.

ގައުމީ މަޖިލީހުގައި ވާހަކަދައްކަވަމުން ތޮއްޑޫ ދާއިރާގެ މެމްބަރ ހަސަން ޝިޔާން ވިދާޅުވީ މިވެރިކަން ގެނައީ ވަރަށް ފޮނި އުންމީދެއްގައި ކަމަށެވެ. އަދި އެންމެ ހިތާމަކުރާ ކަމަކީ އެމްޑީޕީގެ 40 އިންސައްތަ ހިއްސާވާ ސަރުކާރެއްގައި މިކަން ހިނގުންކަމަށް ޝިޔާން ވިދާޅުވިއެވެ.

މުޅި އެމްޑީޕީ އެކަމަށްޓަކައި ލަދު ގަންނަންޖެހޭ ކަމެއް މިއިީ. ފާހަގަކޮށްލަން ބޭނުންވޭ ހަމަލާ ރައީސް ނަޝިދަށް ދެވި އޭގެ ފަހުން 36 ދުވަސް ދިޔައިރުވެސް އަދި އަދަށް ދާންދެން މިމައްސަލާގައި ޝާމިލްވާ ފަރާތްތަކުގެ ބައިކުޅަ ބައި އަޅުގަނޑުމެންނަށް ހޯދިފައި މިވަނީ. މިކަމަށް ފަންޑުކުރި މީހުންނާއި ރޭވި މީހުން ދައުލަތުގެ ފަރާތްތަކަށް ސާފުކޮށް އެނގޭނެ. ސްޕްރީމް ކޯޓުގެ އަމުރު އެއޮތީ ލަފައެއް އެއޮތީ މިކަން ކުރެވޭނެ ގޮތް. މަޖިލީހުން ސާފުކޮށް މިކަމަށް ސުވާލުކުރެވޭނެ ގޮތް އެހެން އޮއްވާ ކީއްކުރަންތޯ ސަރުކާރުގެ ފަރާތުން މިކަަމށް ނުފޫޒު ފޯރުވަންވީ. އަޅުގަނޑު ހިތާމަކުރަން އެންމެ ފަހުން ބޭއްވި ނޫސްކޮންފެރެންސްގައި އެމޭރުމުން ރައީސް ވާހަކަ ދެއްކެވީތީވެ. އެމްޑީޕީގެ މެމްބަރެއްގެ ހައިސިއްޔަތުން އަދި ތޮއްޑޫ ދާއިރާ ތަމްސޫލުކުރާ މެމްބަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ހިތާމަކުރަން .
ހަސަން ޝިޔާން / ތޮއްޑޫ ދާއިރާގެ މެމްބަރ

އެމްޑީޕީގެ ގައުމީ މަޖިލީހުގައި މެމްބަރުން މިގޮތަށް ޝުއޫރު ފާޅުކުރައްވާފައިވާއިރު މިކަމުގެ އަޑިޔާ ހިސާބަށް ދެވެންދެން މިކަން ހިނގާ ގޮތް ބެލުމުގައި އެމްޑީޕީން އަބަދުވެސް ފާރަވެރިވާންޖެހޭނެކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ. އަދި މިހަމާލާގެ ތަހުގީގު ހިނގަމުން އަންނަ ގޮތް ގާތުން ބަލާ ފާރަވެރިވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ އިގުރާރުވެ އެކަމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލާފައެވެ. އަދި އެކޮމިޓީގެ މަސައްކަތްތައް ހަފްތާއަކު އެއް ފަހަރު ގައުމީ މަޖިލީހާ ހިއްސާކުރުމަށް ވަނީ ފާސްކޮށްފައެވެ.

ކޮންމެއަކަސް އެމްޑީޕީގެ ވެރިކަމެއްގައި އެޕާޓީގެ ރައީސަށް އަމާޒުކޮށްދިން މިހަމަލާއަށް އިންސާފު ހޯދައިދިނުމަކީ ކުރިޔަށް އޮތްތަނުގައި އެމްޑީޕީއަށް އިންސާފުގެ ވާހަކަ ދެއްކުމާއި ނުދެއްކުމުގެ މައްޗަށްވެސް ބުރަވާނެ ކަމަކަށް މިވަނީ ވެފައެވެ. އިންސާފުގެ މަގަށް އެންމެ ބޮޑަށް ވަކާލާތުކުރި ބަޔަކަށް އިންސާފު ހޯދައިދިނުމުގައި ފެއިލް ވެއްޖެނަމަ ދެން ދެއްކޭނެ މާބޮޑު ވާހަކައެއް ނޯންނާނެއެވެ.

އެމްޑީޕީ އުފެދުމާއި ވުޖޫދުގައި ވުމުގައިވާ މައިގަނޑު އެއް އަސާސް ކަމުގައިވާ އިންސާފު ހޯދުމުގައި އެމްޑީޕީއަށް ކާމިޔާބު ނުލިބިއްޖެނަމަ އެޕާޓީގެ ކުރިމަގަށްވެސް އެކަމުން ހުރަސްތަކެއް އެޅިގެންދާނެކަން އެމްޑީޕީގެ ގައުމީ މަޖިލީހުގައި މެމްބަރުން ދެއްކެވި ވާހަކަތަކުންވެސް ސާފުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
20%
0%
20%
0%
60%
0%
ކޮމެންޓް