ކޮމިޓީގެ އިންކުއަރީއަށް އަދި ޑިފެންސް މިނިސްޓަރަށް ދަންނަވާފައެއް ނުވޭ


241 ކޮމިޓީން ކުރިޔަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނުގެ ސެކިޔުރިޓީ ފެއިލްވި ގޮތާ ގުޅިގެން ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ކުރިޔަށް ގެންދާ އިންކުއަރީއަށް މައުލޫމާތު ސާފުކުރުމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއަށް ކޮމިޓީން ދަންނަވާނެ ކަމަށް އެ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
241 ކޮމިޓީން ކުރިޔަށްގެންދާ އިންކުއަރީ އާ ގުޅޭގޮތުން ހޯމަ ދުވަހު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ކުރިޔަށް ގެންދެވި މި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރ މާރިޔާ އާ އަދި މިހާތަނަށް އައިއިރު ސުވާލުކޮށްފައިނުވާތީ އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ"ން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ މިނިސްޓަރަށް ދަންނަވަންޖެހޭނެ ކަމަށް ވަރަށް ބޮޑަށް ޔަގީންކުރެވޭ ކަމަށެވެ. އެހެންނަމަވެސް އަދި މިނިސްޓަރަށް ދަންނަވާފައެއް ނުވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
ކޮމިޓީން ޑިފެންސް މިނިސްޓަރާ ސުވާލުތަކެއް ކުރަންޖެހިފައި ހުންނާނެކަމަށް ގަބޫލުކުރެއްވޭ ކަމަށާއި ނަމަވެސް އެކަމުގެ ތަފްސީލެއް އަދި ދެވެން ނެތްކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ގެ އިތުރުން އެހެން މިނިސްޓަރުންގެ ފަރާތުން ވެސް ކޮމިޓީން މައުލޫމާތު ސާފުކުރުމަށް ޖެހިއްޖެނަމަ އެކަން ކުރާނެ ކަމަށެވެ. އަސްލަމް ވިދާޅުވީ ކޮމިޓީން ކުރިޔަށް ގެންދާ އިންކުއަރީގައި ހޯދަން ބޭނުންވާ ހުރިހާ މައުލޫމާތެއް ސާފުކޮށް ފުރިހަމަ ރިޕޯޓެއް އެކުލަވާލާނެކަމަށެވެ.
މިހާތަނަށް އައިއިރު ކޮމިޓީން ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް ޢަބްދުއްލަތީފްއާ ސުވާލުކޮށްފައެވެ. ވަކިވަކި ސިފައިންގެ އޮފިސަރުންނާއި ކޮމިޓީން ސުވާލުކުރަން ބޭނުންވެގެން އެކަން އެންގުމުން އެމްއެންޑީއެފުން ބުނެފައިވަނީ ވަކިވަކި އޮފިސަރުން ޖަވާބުދާރީ ވުމަށް ނުފޮނުވާނެކަމަށާއި މިކަމުގައި ޖަވާބުދާރީ ވާނީ މުއައްސަސާއިންކަމަށެވެ. އަދި އެކަމުގެ ގާނޫނީ ހުއްޖަތްތަކެއް ވަނީ ދައްކާފައެވެ.
އެކަމާ ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ވަކިވަކި ސިފައިން މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ހާޒިރުކޮށް، އެ ސިފައިން ޖަވާބުދާރީކުރުމަށް މަސައްކަތް ކުރާތީ އެ ސިފައިން ކަންބޮޑުވާ ކަމަށެވެ.
ވަކިވަކި ސިފައިންގެ އޮފިސަރުންނާ ސުވާލުކުރުމާ ގުޅޭގޮތުން އުފެދިފައިވާ ދެބަސްވުންތަކާ ގުޅޭގޮތުން އަސްލަމް ވިދާޅުވީ އެއީ އިދާރީ ގޮތުން ކުރިޔަށް ގެންދިޔަ މުއާމަލާތްތަކުގެ ތެރެއިން އަރާފައިވާ އޮޅުމެއްކަމަށް ދެކެވަޑައިގަންނަވާކަމަށެވެ. އަދި އެކަންކަން ހައްލުވެ ސިފައިންގެ ފަރާތުން ވެސް ފުރިހަމައަށް އެއްބާރުލުން ލިބެމުންދާކަމަށް އަސްލަމް ވިދާޅުވިއެވެ.
ކޮމިޓީން މިހާތަނަށް އައިއިރު ކޮމިޓީއަށް ހާޒިރުކޮށްގެން 7 ފަރާތަކާ ވަނީ ސުވާލުކޮށްފައެވެ. 241 ކޮމިޓީގެ އިންކުއަރީގެ މަސައްކަތް މި މަސް ނިމުމުގެކުރިން ނިންމާލުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.