ކ. މާލެ
|
14 މެއި 2024 | އަންގާރަ 09:01
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
19 ވަނަ ރައްޔިތުންގެ މަޖިލިސް
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
 
3784 ކޮމިޓީ ބައްދަލުވުން ބާއްވާފައިވޭ
 
19 ވަނަ ރައްޔިތުންގެ މަޖިލީހަށް 1291 މަސައްކަތް ހުށަހެޅުނުއިރު އޭގެތެރެއިން 1200 މަސައްކަތް ވަނީ ނިންމާފައި

2019 ވަނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު ފެށިގެންދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ ބާއްވާފައިވަނީ 2024 ވަނަ އަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހުއެވެ. ޖުމްލަ 513 ޖަލްސާއެއް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ބާއްވާފައިވެއެވެ. މި މަޖިލިސް ފާހަގަކުރެވުނީ ގިނަ މަސައްކަތްތަކެއް ކުރެވިގެންދިޔަ މަޖިލީހެއްގެ ގޮތުގައެވެ.

ކޮވިޑް-19 ގެ އާލަމީ ވަބާގައިވެސް މަސައްކަތްތައް ހުއްޓުމެއްނެތި ރައްޔިތުންގެ މަޖިލީހުން ކުރިޔަށް ގެންގޮސްފައިވެއެވެ. މެންބަރުން ގޭގައި ތިއްބަވައިގެން ޖަލްސާތައް ކުރިޔަށްގެންދެވިއިރު ފަހުން ވަނީ މަޖިލީހުގެ ތަޅުމުގައި ދުރުދުރުގައި ތިއްބަވައިގެން މަޖިލީހުގެ ފްލޯރ ގައި މެންބަރުން ތިއްބަވާ ގޮތްތަކަށް ބަދަލުތަކެއް ގެނެސްގެންވެސް ޖަލްސާތައް ކުރިޔަށްގެންދަވާފައެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވޭތުވެދިޔަ 5 އަހަރު ތެރޭގައި ކުރެވުނު މަސައްކަތްތައް ހިސާބު އަދަދުތަކުން ބަލާއިރުވެސް ގިނަ މަސައްކަތްތަކެއް ނިންމާފައިވާ މަޖިލީހެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ޖުމްލަ 513 ޖަލްސާ ބާއްވާފައިވާއިރު ޖަލްސާތަކުގައި މެންބަރުން 1461 ގަޑިއިރު ހޭދަކުރައްވާފައިވެއެވެ. ޖުމްލަ 3784 ކޮމިޓީ ބައްދަލުވުން ބާއްވާފައިވާއިރު ކޮމިޓީތަކުގައި މެންބަރުން 4434 ގަޑިއިރާއި 23 މިނެޓު ހޭދަކުރައްވާފައިވެއެވެ.

އެޖެންޑާ 19ގެ ދަށުން ސަރުކާރުގެ ފަރާތުން މަޖިލީހަށް ގިނަ ބިލުތަކެއް ހުށަހެޅުއްވިއިރު 19 ވަނަ މަޖިލިސް ނިމިގެން ގޮސްފައި މިވަނީ އޭގެތެރެއިން ގިނަ ބިލުތަކެއްގެ މަސައްކަތް ނިންމާފައެވެ. މުޅި ޖުމްލަ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް 1291 މަސައްކަތް ހުށަހެޅުނުއިރު އޭގެތެރެއިން 1200 މަސައްކަތް ވަނީ ނިންމާފައެވެ. މިއީ 92.95 އިންސައްތައެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކުރި މަސައްކަތްތައް:

ބިލް

ހުށަހެޅި: 210

ނިމުނު: 178

ޤަރާރު:

ހުށަހެޅި: 92

ނިމުނު: 73

ސަރުކާރުން ހުށަހެޅުއްވި މައްސަލަ:

ހުށަހެޅި: 156

ނިމުނު: 152

ރިޔާސަތުން ހުށަހެޅުއްވި މައްސަލަ:

ހުށަހެޅި: 107 މައްސަލަ

ނިމުނު: 104

މެމްބަރުން ހުށަހެޅުއްވި މައްސަލަ:

ހުށަހެޅި: 56

ނިމުނު: 48

އެހެނިހެން މައްސަލަތަކާއި ގުޅޭ ރިޕޯޓް:

ހުށަހެޅި: 156

ނިމުނު: 153

ސުވާލު:

ހުށަހެޅު: 405

ނިމުނު: 384

ކުއްލި މައްސަލަ:

ހުށަހެޅި: 108

ނިމުނު: 108

އިމްތިޔާޒުގެ މައްސަލަ:

ހުށަހެޅި: 1

ނިމުނު: 0

ގިނަ މަސައްކަތްތަކެއް 19 ވަނަ މަޖިލީހުން ނިންމާފައިވާއިރު، ރައްޔިތުންނަށް މުހިންމު ޤާނޫނުތަކެއް ވަނީ މި މަޖިލީހުގައި ވުޖޫދުކޮށްފައެވެ. އަދި ޤާނޫނުތަކަށް މުހިންމު އިސްލާހުތަކެއްވެސް ގެނެސްފައިވެއެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި މުހިންމު ބިލުތަކުގެ ތެރޭގައި ރިޔާސީ ކޮމިޝަންގެ ބިލު، ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ބިލު، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ބިލު، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބިލު، ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރިކުރުމާ ބެހޭ ބިލު، ކުޑަކުދިންގެ އަދުލުގެ ބިލު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލު، ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ބިލު، އާމްދަނީން ޓެކްސް ނެގުމުގެ ބިލު، ފެނާއި ނަރުދަމާގެ ބިލު، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދާ ބިލު، މުދާ ގަންނަ ފަރަތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރާ ބިލު، ދިވެހިރާއްޖޭގެ ޗަރޓާޑް އެކައުންޓެންޓުންގެ ބިލު، ތައުލީމީ ބިލު، ޔޫޓިލިޓީ ރެގިޔުލޭޓްރީ އޮތޯރިޓީ ބިލު، އިންތިގާލީ އިންސާފުގެ ބިލު، ދިވެހި ފުލުހުންގެ ބިލު، ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ބިލު އަދި މަދަނީ އިޖުރާއަތުގެ ބިލު ފާހަގަކޮށްލެވެއެވެ. މީގެއިތުރުން ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް އަމިއްލައަށް ވޯޓުލެވޭ ގޮތަށް އިންތިޚާބުތަކާއި ބެހޭ ގާނޫނަށް ގެނައި އިސްލާހު ވެސް ފާހަގަކޮށްލެވެއެވެ.

މުހިންމު ބިލުތަކެއް ގާނޫނުތަކަށް ހެދިއިރު ސަރުކާރު ޖަވާބުދާރީކުރުވާ ވަޒީރުންނާ ސުވާލުކޮށް ކޮމިޓީތަކަށް ވަޒީރުންނާއި ކުންފުނިތަކާއި އެކި ވުޒާރާތަކުގެ ވެރިން ހާޒިރުކޮށް މުހިންމު މަސައްކަތްތަކެއް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ކޮށްފައިވެއެވެ.

މީގެއިތުރުން މަޖިލީހުގައި މީގެކުރިން މަސައްކަތްކުރަމުންދިޔަ ކޮމިޓީތަކަށް އައު ކޮމިޓީތައް އިތުރުކޮށް، 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކޮމިޓީތަކުގެ މަސައްކަތްތައް އިތުރަށް ފުޅާކުރިއެވެ. އެގޮތުން ތިމާވެއްޓާ ބެހޭ ކޮމިޓީ އާއި ލާމަރުކަޒީ ކަންކަމާއި ގުޅޭ ކޮމިޓީ އާއި ހިޔުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީ ހިމެނެއެވެ.

މެންބަރުން:

87 މެންބަރުން ހިމެނޭ 19 ވަނަ ރައްޔިތުންގެ މަޖިލީސް ފެށިގެންދިޔައީ އޭރު ވެރިކަމުގައި އޮތް އެމްޑީޕީގެ ސުޕަރމެޖޯރިޓީ އާއެކުއެވެ. އެއީ 65 މެންބަރުންނެވެ. މިއީ ފުރަތަމަ ފަހަރަށް ރާއްޖޭގައި އެއް ޕާޓީއަކަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރެވުނު ފަހަރުއެވެ. އޭރު އިދިކޮޅުގައި އޮތް ޕީޕީއެމްގެ 5 މެންބަރުން 19 ވަނަ ރައްޔިތުންގެ މަޖިލިސް ފެށުނުއިރު ތިއްބެވިއިރު ޕީއެންސީގެ 3 މެންބަރުން ޖޭޕީގެ 5 މެންބަރުން އެމްޑީއޭގެ 2 މެންބަރުން އަދި އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 7 މެންބަރުން އޭރު މަޖިލީހުގައި ތިއްބެވިއެވެ.

ނަމަވެސް މިހާތަނަށް ކޮންމެ މަޖިލީހަކުން ވެސް ފެނިގެންދާ ގޮތަށް މެންބަރުން އިންތިޚާބުވި ސިޔާސީ ޕާޓީ ބަދަލުކުރުމުގެ ކަންކަން 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ހިނގާފައިވެއެވެ. އެގޮތުން އެންމެ ފުރަތަމަ ފެނިގެންދިޔައީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނަމުގައި ޖޭޕީގެ ޓިކެޓްގައި އިންތިޚާބު ކާމިޔާބުކުރެއްވި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އުފެއްދެވި ޕާޓީ މަޖިލީހުގެ ދަފްތަރުގައި ހިމެނިގެންދިޔަތަނެވެ. އެ ޕާޓީގައި ދެންވެސް ހިމެނިވަޑައިގަތީ ޖޭޕީގެ ޓިކެޓްގައި އިންތިޚާބު ކާމިޔާބުކުރެއްވި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމްއެވެ.

އޭގެފަހުން ދެން ފެނިގެންދިޔައީ ސުޕަރމެޖޯރިޓީގައި އޮތް އެމްޑީޕީގެ އެތެރޭގައި އުފެދިގެންދިޔަ ހަމަނުޖެހުންތަކާއެކު އެޕާޓީ ރޫޅި ޑިމޮކްރަޓްސްގެ ނަމުގައި އައު ޕާޓީ އެއް އުފެދިގެންދިޔަތަނެވެ. އެޕާޓީއަށް އެމްޑީޕީގެ 13 މެންބަރުން ބަދަލުވެވަޑައިގެންނެވިއެވެ. އޭގެތެރޭގައި އޭރު މަޖިލީހުގެ ރައީސްކަމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު އާއި ނައިބު ރައީސް ކަމުގައި ހުންނެވި އީވާ އަބްދުﷲ ހިމެނިވަޑައިގެންނެވިއެވެ. މި ދެ މެންބަރުން ޑިމޮކްރަޓްސް އަށް ބަދަލުވެވަޑައިގަތުމާއެކު، އެމްޑީޕީގެ ތެރޭގައި ހިޔާލުތަފާތުވުން އުފެދުނުވެ. އަދި ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި ގިނަ ދުވަސްތަކެއް ވަންދެން މަޖިލީހުގެ ތަޅުމުގައި ހޫނު ބަހުސްތަކަކާއި އަރާރުންތަކެއް ކޮޅެއްގައި ނުޖެހި ކުރިޔަށްދިޔައެވެ. އެންމެ ފަހުން 19 ވަނަ ރައްޔިތުންގެ މަޖިލީސް ވެސް ނިމިގެންދިޔައީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ ގޮނޑި އަށް އެހެން ބޭފުޅުން ވަޑައިގެންނެވެ. މަޖިލީހުގެ ރައީސްކަމަށް ފަހުން ވަޑައިގެންނެވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. ނައިބު ރައީސްކަމަށް ވަޑައިގެންނެވީ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.

2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބު އޭރުގެ އިދިކޮޅުގައި އޮތް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކާމިޔާބުކުރުމާއެކު އުފެދިގެންދިޔަ މިހާރުގެ ސަރުކާރުގައި ދެން ފެނިގެންދިޔައީ އަނެއްކާވެސް ބައެއް މެންބަރުން ސިޔާސީ ޕާޓީ ބަދަލުކުރެއްވިތަނެވެ. އެގޮތުން އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބު ކާމިޔާބުކުރެއްވި 13 މެންބަރުން ޕީއެންސީއާ ގުޅިވަޑައިގެންނެވިއެވެ. އޭގެކުރިން ރިޔާސީ އިންތިޚާބުގެ ތެރޭގައިވެސް އެމްޑީޕީގެ މެންބަރަކު ޕީއެންސީއާ ވަނީ ގުޅިވަޑައިގަންނަވާފައެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީސް ނިމިގެންދިޔައިރު މެންބަރުން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ގޮތް ހުރީ، އެމްޑީޕީގެ 42 މެންބަރުން، ޕީޕީއެމް/ޕީއެންސީގެ 18 މެންބަރުން، ޖޭޕީގެ 2 މެންބަރުން، އެމްޑީއޭގެ 2 މެންބަރުން، ޑިމޮކްރަޓްސްގެ 13 މެންބަރުން އަދި އަމިއްލަ ގޮތުން ތިއްބެވި 3 މެންބަރުންނެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި 87 މެންބަރުންގެ ތެރެއިން އައު ސަރުކާރުގެ އެކި މަގާމުތަކަށް 7 މެންބަރަކު ވަނީ ވަޑައިގަންނަވާފައެވެ. އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ދެ މެންބަރަކު އަވަހާރަވެގެން އެ ދާއިރާތަކުގެ ބައި އިލެކްޝަންތައް ވަނީ ބާއްވާފައެވެ. އެއީ ކޮމަންޑޫ ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި ހުސައިން ވަހީދު އާއި ގުރައިދޫ ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި އިބްރާހީމް ރިޒާއެވެ.

މީގެއިތުރުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުންނެވި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަކީވެސް 19 ވަނަ މަޖިލިސް ނިމިގެންދާއިރު ފާހަގަކުރަންޖެހޭ ކަމެކެވެ. އެކަން ހިނގާދިޔަ ގޮތް ބެލުމަށް މަޖިލީހުން ވަނީ އިންކުއަރީއެއްވެސް ކުރިޔަށް ގެންގޮސްފައެވެ. މީގެއިތުރުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަމާޒުކޮށް އެކި ފަހަރުމަތިން އިންޒާރު ދިނުންވެސް ވަނީ ފެނިގެންގޮސްފައެވެ.

ޖުމްލަ ގޮތެއްގައި ބުނާނަމަ 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ފުރަތަމަ ފަހަރަށް ސަރުކާރު ހިންގާ ޕާޓީއަށް ސުޕަރމެޖޯރިޓީ ދީގެން ކުރިޔަށްދިޔަ މަޖިލީހަށް ކަމަށްވުމުން އޭގެކުރީގައި ނިމިގެންދިޔަ 17 އަދި 18 ވަނަ މަޖިލީހުގައި ފެނިގެންދިޔަފަދަ ސިޔާސީ ހަލަބޮލިކަމާއި ހަމަނުޖެހުންތަކެއް ފެނިގެންނެއް ނުދެއެވެ. ނަމަވެސް އުފެދިގެންދިޔަ ސިޔާސީ ޚިޔާލުތަފާތުވުންތަކާއެކު ހަމަނުޖެހުންތަކެއް ތަޅުމުގައި ހިނގާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް