ކ. މާލެ
|
5 ޖޫން 2021 | ހޮނިހިރު 01:15
ކޮވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވި އެންމެ ކުޑަކުއްޖާ މިޝްކާ މުހައްމަދު
ކޮވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވި އެންމެ ކުޑަކުއްޖާ މިޝްކާ މުހައްމަދު
ރާއްޖެއެމްވީ
މިޝްކާގެ ނިޔާވުމާއި ގުޅިގެން ހެދި ރިވިއު
އެމްބިޔުލަންސް އެކްޓިވޭޓްކޮށްފައިވަނީ ބެލެނިވެރިޔާގެ ފަރާތުން މީހަކު ދަރުބާރުގެއަށް ދިޔަފަހުން: ރިވިއު ރިޕޯޓް
 
ކުއްޖާގެ ހާލަތުގެ ސީރިއަސްކަމާއި އެހީއަށް ބޭނުންވެފައިވާ އަވަސް މިންވަރު ކޯލް ސެންްޓަރަށް ބެލިފައިނުވޭ
 
އީއެމްއެސްއަށް މައުލޫމާތު ލިބުނު ވަގުތުން އެމްބިޔުލަންސް އެކްޓިވޭޓްކޮށް 10 މިނެޓް ތެރޭގައި ކުއްޖާ ހޮސްޕިޓަލަށް ގެންދެވިފައިވޭ
 
އިމަރޖެންސީގެ ގޮތުގައި ރިޕޯޓްކުރެެވުނު ހިސާބުން އެމްބިޔުލަންސް އެކްޓިވޭޓްނުކުރެވި 2 ގަޑިއިރާއި 26 މިނެޓް ހޭދަވެފައިވޭ

ކޮވިޑް-19 ގެ ބަލީގައި ރާއްޖެއިން ނިޔާވި އެންމެ ހަގު ކުއްޖާކަމުގައިވާ އުުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާ މުހައްމަދަށް ފަރުވާ ދިނުމަށް އެމްބިޔުލަންސް އެކްޓިވޭޓްކޮށްފައިވަނީ އެމްބިޔުލަންސް ފޮނުވުމަށް ކުއްޖާގެ ބެލެނިވެރިޔާ އެތައް ފަހަރަކު ކޯލް ސެންޓަރަށް ގުޅައިގެންވެސް އެމްބިޔުލަންސް ނައިސްގެން ކުއްޖާގެ ބެލެނިވެރިޔާގެ ފަރާތުން މީހަކު ދަރުބާރުގެއަށް ދިޔަ ފަހަުން ކަމަށް އެކަމާއި ގުޅިގެން ހެލްތު މިނިސްޓްރީން ހަދާފައިވާ ރިވިއު ރިޕޯޓުން ހާމަވެއްޖެއެވެ.

ރިވިއު ރިޕޯޓްގައި ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު(އެޗްއީއޯސީ)ން ޚިދުމަތް ދިނުމަށް އެކުލަވާލާފައިވާ ކުލަސްޓަރތައް ކަމުގައިވާ ކޯލް ސެންޓަރ، މެޑިކަލް ރެސްޕޮންސް ޓީމު (ޑީއެމްއާރުޓީ)، ކްލިނިކަލް މެނޭޖްމަންޓް އެންޑް އެޑްވައިޒަރީ ޓީމް (ސީމެޓް) އަދި އެމަރޖެންސީ މެޑިކަލް ސަރވިސަސް (އީއެމްއެސް) އިން އަމަލުކޮށްފައިވާ ގޮތާއި މިހާރު އަމަލުކުރަމުންދާ އާންމު އުސޫލާ އެއްގޮތަށް ކަންކޮށްފައިވޭތޯ ބަލާފައިވެެއެވެ.

ރިޕޯޓްގައިވާ ގޮތުން މިޝްކާ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މެެއި މަހުގެ 30 ވަނަ ދުވަހުއެވެ. ހަމަޖެހިފައިވާ އުސޫލުން ޑޮކްޓަރެއްގެ ކޮންސަލްޓޭޝަނެއް ބޭނުންތޯ ކޮންޓެކްޓް ޓްރޭސިންގ ޓީމުން އެހުމުން، ޑޮކްޓަރެއްގެ ކޮންސަލްޓޭޝާން ބޭނުންވާކަމަށް ބެލެނިވެރިޔާ އެދިފައިވެއެވެ. އެކަން ކޮންޓެކްޓް ޓްރޭސިންގ ޓީމުން ފުރިހަމަކުރަންޖެހޭ މައުލޫމާތު ޝީޓްގައި ރިކޯޑް ކޮށްފައިވީނަމަވެސް އެދުނު ގޮތަށް ޑޮކްޓަރެއްގެ ކޮންސަލްޓޭޝަން ފޯރުކޮށްދެވިފައެއްނުވެއެވެ.

ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން މައުލޫމާތު ޝީޓަށް އެއްކުރާ ހުރިހާ މައުލޫމާތެއް އައުޓްބްރޭކް ސިސްޓަމަށް އަޅަންޖެހުނުނަމަވެސް އެކަން އެގޮތަށް ސިސްޓަމަށް އަޕްޑޭޓްކޮށްފައެއްނުވެއެވެ. އަދި އުސޫލު ހަމަޖެހިފައި އޮންނަ ގޮތުން ކޮވިޑް-19އަށް ޕޮޒިޓިވްވާ އުމުރުން 15 އަހަރުން ދަށުގެ ހުރިހާ ކުޑަކުދިންނަށް ކެއަރ ކްލަސްޓަރގެ ފަރާތުން ހާލުބެލުމަށްޓަކައި ގުޅަންޖެހެއެވެ. ނަމަވެސް މިޝްކާގެ ހާލުބެލުމަށް ބެލެނިވެރިޔާއަށް ގުޅާފައެއްނުވެއެވެ.

ރިވިއު ރިޕޯޓްގައިވާ ގޮތުން މެއި މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 2:20ން ފެށިގެން މިޝްކާ ހުންގަދަވާ ކަމާއި އެއްވެސް ކާއެއްޗެއް ނުކުވޭކަމާއި ވަރުބަލިވުމާއި އަދި ކެއްސާކަން މިޝްކާގެ ބެލެނިވެރިޔާ ކޯލް ސެންޓަރަށް ގުޅާ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި މިމައުލޫމާތު ކޯލްސެންޓަރުގެ ސިސްޓަމަށް އަޅާ ޓިކެޓް ރެއިސްކޮށް މިމައުލޫމާތު ކޯލް ސެންޓަރުން މައުލޫމާތު ޝީޓަށް އަޅާފައިވެއެވެ.

އަދި އެދުވަހުގެ 3:53 ގައި ބެލެނިވެރިޔާ ދިން މައުލޫމާތަށް ބިނާކޮށް ޖެނެރަލް ކޮންސަލްޓޭޝަނެއް ހެދުމަށް ޑީއެމްއާރުޓީގެ ޑޮކްޓަރެއް ގުޅާ އެވަގުތު ގޭގައި ބޭނުންކުރަމުންދާ ބޭސް ކުރިޔަށް ގެންދިޔުމަށާއި އިތުުރުކަމެއް ދިމާވެއްޖެނަމަ އަލުން އަނބުރާ ގުޅުމަށް ޑޮކްޓަރު ލަފާދެއްވާފައިވެއެވެ.

މިޝްކާގެ ހާލަތު ގޯސްވެގެން ދެވަނަ ފަހަރަށް ބެލެނިވެރިޔާ ކޯލް ސެންޓަރަށް ގުޅާފައިވަނީ މެއި 31 ވަނަ ދުވަހުގެ ރޭ 9:06ގައެވެ. އަދި މިޝްކާގެ ހާލު ގޯސްވާހެން ހީވާކަމަށާއި ނޭވާލާން އުނދަގޫވެ އަތްތަޅުވާ ހަދާކަމަށް ބުނެ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަން ބޭނުންވާކަން އެންގިއެވެ. މިމައުލޫމާތު 9:10 ގައި ކޯލްސެންޓަރުން އޯބީ ސިސްޓަމަށް އަޅާ ޓިކެޓް ރެއިސްކޮށްފައިވެއެވެ. އަދި 9:15 ގައި މިމައުލޫމާތު ކޯލް ސެންޓަރުގެ ޝީޓަށް އަޅާފައިވެއެވެ.

ލިބުނު މައުލޫމާތާ ގުޅިގެން ޑީއެމްއާރުޓީގެ ޑޮކްޓަރެއް ބެލެނިވެރިޔާއަށް ގުޅުމަށް މަސައްކަތްކޮށްފައިވަނީ 9:53 ގައެވެ. ނަމަވެސް އެވަގުތު ބެލެނިވެރިޔާއަށް ގުޅިފައެއްނުވެއެވެ. އެހެންނަމަވެސް މައުލޫމާތު ޝީޓަށް "އެޓެންޑަޑް" ކަމަށް ޑީއެމްއާރުޓީިން އަޅާފައިވާކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

ޑީއެމްއާރުޓީގެ ޑޮކްޓަރު ކޯލް މިސްވެފައިވާތީ ބެލެނިވެރިޔާ އަލުން ކޯލް ސެންޓަރަށް ގުޅާފައިވަނީ 10:06 ގައެވެ. އަދި ކުއްޖާއަށް ނޭވާނުލެވިގެން އުނދަގޫވާކަމަށް ބެލެނިވެރިޔާ މައުލޫމާތިދިނެވެ. މިކޯލްގެ މައުލޫމާތު އޯޯބީ ސިސްޓަމަށް އެވަގުތު އަޅާފައިވެއެވެ. އަދި 10:12 ގައި މިމައުލޫމާތު ކޯލް ސެންޓަރުން މައުލޫމާތު ޝީޓަށް އަޅާފައިވެއެވެ.

އެރޭގެ 10:33 ގައި ޑީއެމްއާރުޓީގެ ޑޮކްޓަރު ބެލެނިވެރިޔާއަށް އަލުން ގުޅިއެވެ. މިޝްކާގެ ބެލެނިވެރިޔާ މިޝްކާގެ ހާލަތާއި ގުޅޭގޮތުން ޑޮކްޓަރަށް މައުލޫމާތުދިނެވެ. އެގޮތުން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމާއި އެއް ދުވަސްވަންދެން ނޭވާލާން އުނދަގޫވެފައި ހުންނަކަމަށާއި ހިކި ކެއްސުމުގައި ދެ ދުވަސް އަދި ހަ ދުވަސްދެން ހުން އަންނަކަމަށާއި އަދި ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަމާއި އެއްވެސް ދާއިމީ ބޭހެއް ނުކުރާކަމަށް ބުންޏެވެ. ނަމަވެސް ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަމުން ތެރަޕީ ނަގަމުންދާކަމާއި ބަލީގެ ހާލަތުގެ ސަބަބުން ކުއްޖާއަށް ވާ އުނދަގޫ އަމިއްލައަށް ކިޔައިނުދެވޭކަމުގެ މައުލޫމާތު ބެލެނިވެރިޔާ ޑޮކްޓަރާ ހިއްސާކޮށްފައިވާކަން ޑޮކްޓަރު ނޯޓުކޮށްފައިވެއެވެ. ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން މިމައުލޫމާތު ސީމެޓަށް ޑީއެމްއާރުޓީގެ ޑޮކްޓަރ ފޮނުވާފައިވަނީ އެރޭގެ 10:39ގައެވެ. އަދި އެމްބިޔުލަންސް އެކްޓިވޭޓްކުރުމަށް ކަނޑައަޅާފައިވާ ދެ ކްލަސްޓަރ ކަމުގައިވާ ޑީއެމްއާރުޓީ އާއި ސީމެޓަަށްވެސް މިމައުލޫމާތު ހިއްސާކުރެވިފައިވީނަމަވެސް އެމްބިޔުލަންސް މިޝްކާ ބެލުމަށް ދާން އަންގާފައިނުވާ ކަމަށް ރިވިއު ރިޕޯޓްގައި ބުނެއެވެ.

އެރޭގެ 11:16ން 11:33ށް އިތުރު 5 ފަހަރަށް ކޯލް ސެންޓަރަށް ބެލެނިވެރިން ގުޅާފައިވެއެވެ. މިތަނުން އެއް ކޯލުގައި ކުއްޖާގެ ހާލު ދަށްވަމުންދާކަމަށާއި ހޭނެތިފައިވާކަމާއި ނޭފަތުން ލޭ އަަންނަކަމަށް ބުނެފައިވެއެވެ. މިކޯލްތަކުގައި ކުއްޖާ ބަލާ ފޮނުވާނެކަމަށް ބުނެފައިވާކަމަށާއި ނަމަވެސް އެމްބިއުލަންސް އައިސްފައިނުވާ ކަމާއި އެމްބިއުލަންސް އައުން ލަސްކަމަށް ބެލެނިވެރިޔާ ބުނެފައިވެއެވެ. އަދި އެމްބިޔުލަންސް ފޮނުވިފައިވާކަމަށް ކޯލް ސެންޓަރުގެ ފަރާތުން ބުނެފައިވީނަމަވެސް އެމްބިޔުލަންސް އޭރުވެސް އެކްޓިވޭޓްކޮށްފައިނުވާ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

އެރޭގެ 11:27 ގައި އެމްބިޔުލަންސް ދިޔުން ލަސްވެގެން ދަރުބާރުގެއަށް ބެލެނިވެރިޔާގެ ފަރާތުން މީހަކު އައިސް އެކަން އަންގާފައިވެއެވެ. އަދި 11:32 ގައި އެމްބިޔުލަންސް ބޭނުންވާކަމަށް އެޗްއީއޯސީގެ ފެސިލިޓީ މެނޭޖްމަންޓް ކްލަސްޓަރ އިން އީއެމްއެސްއަށް އެންގިއެވެ.

އަދި 11:33 ގައި އީއެމްއެސްއިން ބެލެނިވެރިޔާ އަށް ގުޅާ އެމްބިޔުލަންސް ދާނެކަމަށް ބުނެފައިވާއިރު އެމްބިޔުލަންސަށް މިޝްކާ ބަލާދެވިފައިވަނީ 11:38 ގައެވެ. އަދި އެމްބިޔުލަންސް ދިޔައިރު ކުއްޖާގެ ހަރަކާތެއް ނެތްކަމަށާއި ވަގުތުން ސީޕީއާރު ފެށިކަމަށް ބުނެފައިވެއެވެ. މިޝްކާ އައިޖީއެމްއެޗް އީއާރަށް ގެންދެވިފައިވަނީ އެރޭގެ 11:42 ގައެވެ. އެއީ ހާލު ގޯސްވެގެން މިޝްކާގެ ބެލެނިވެރިޔާ ކޯލް ސެންޓަރަށް ގުޅިތާ 2 ގަޑިއިރާ 36 މިނެޓް ފަހުންނެވެ.

މިހާދިސާ އާ ގުޅިގެން މިހާތަނަށް ފާހަގަކުރެވިފައިވާ ކަންތައްތަކަށް ރިޕޯޓްގައި ބުނެފައިވަނީ ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައި މިއީ އެމަރޖެންސީ ހާލަތެއްކަމުގައި ބެލިފައިނެތުމާއި އެފަދަ ހާލަތެއްގައި އަމަލުކުރަންޖެހޭ ގޮތަށް އަމަލުކޮށްފައި ނެތުމާއި އެމްބިޔުލަންސް ޓްރިގަރ ކުރަންޖެހޭ ވަގުތުގައި އެކަންކޮށްފައި ނުވާކަން ކަމަށެވެ. އަދި އިމަރޖެންސީގެ ގޮތުގައި ރިޕޯޓްކުރެެވުނު ހިސާބުން އެމްބިޔުލަންސް އެކްޓިވޭޓްނުކުރެވި 2 ގަޑިއިރާއި 26 މިނެޓް ހޭދަވެފައިވާކަމަށެވެ.

އިމަރޖެންސީ ހާލަތަށް ވާއިރު އަދި ޑީއެމްއާރުޓީ އާއި ސީމެޓަށް އެމައުލޫމާތު ހިއްސާކުރެވި އަމަލުކުރަންޖެހޭ އުސޫލުތަކާއި އެއްގޮތަށް އެމްބިޔުލަންސް ފޮނުވަން އަންގާފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ. މިކަމާއި ގުޅިގެން ލިބިފައިވާ ކޯލް ލޮގްތަކަށް ބަލާއިރު ކުއްޖާގެ ހާލަތުގެ ސީރިއަސްކަމާއި އެހީއަށް ބޭނުންވެފައިވާ އަވަސް މިންވަރު ކޯލް ސެންްޓަރަށް ބެލިފައިނުވާކަމަށް ރިޕޯޓްގައި ބުނެއެވެ.

އީއެމްއެސްއަށް މައުލޫމާތު ލިބުނު ވަގުތުން އެމްބިޔުލަންސް އެކްޓިވޭޓްކޮށް 10 މިނެޓް ތެރޭގައި ކުއްޖާ ހޮސްޕިޓަލަށް ގެންދެވިފައިވާކަން ރިޕޯޓްގައި ބުނެފައިވެއެވެ.

މިޝްކާ ނިޔާވެފައިވަނީ ޖޫން މަހުގެ 2 ވަނަ ދުވަހުގެ ރޭގެ 12:10 ހާއިރުއެވެ. މިޝްކާ ނިޔާވުމާއި ގުޅިގެން ޖެހިގެން އައި ބުދަ ދުވަހުގެ ރޭ ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވެފައިވަނީ މިޝްކާ ކުއްލި ގޮތަކަށް ނިޔާވުމުގައި ކަމާގުޅޭ ފަރާތްތަކުގެ އިހުމާލު އެބައޮތްކަމަށާއި އެކަން ބަލަމުންދާކަމަށެވެ. އަދި އެކަމާއި ގުޅޭ ރިޕޯޓް ބުދަ ދުވަހުގެ ރޭ ލިބިވަޑައިގަންނަވާނެކަަމަށާއި ބުރާސްފަތި ދުވަހު ރިޕޯޓް ހާމަކުރައްވާނެކަމަށެވެ. ނަމަވެސް ރިޕޯޓް އާންމުކޮށްފައިވަނީ ހުކުރު ދުވަހުގެ ރެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
4%
4%
67%
25%
0%
0%
ކޮމެންޓް