މާހިރުން ބުނާގޮތުގައި މިހަމަލާ ރޭވިފައިވާ ގޮތަށް ދިޔަނަމަ އެތައް ބަޔަކު މަރުވެ ބޮޑު ސަރަހައްދެއް ފަނާވެގެންދާނެ


މުހައްމަދު އަސްލަމް/ 241 ކޮމިޓީގެ މުގައްރިރު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާ ތަހުގީގުކުރަމުންދާ ގޮތާމެދު ފުލުހުންނަށް ފުރިހަމަ އިތުބާރު އެބައޮތްކަމަށާއި އެއިތުބާރު ނެތް ދުވަހަކު ސަލާމަތާއި ޚިދުމަތްތަކާއި ބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ މުގައްރިރުގެ ގޮތުގައި ނުހުންނަވާނެކަމަށް ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ ތަހުގީގުކުރަމުންދާއިރު އެތަހުގީގާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު އަންނަނީ 241 ކޮމިޓީއާ ހިއްސާކުރަމުންނެވެ. ހޯމަ ދުވަހު ކުރިޔަށްދިޔަ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ވަނީ ރިޔާސަތުން ހުށަހަޅުއްވާ ކަންކަމުގެ ގޮތުގައި ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މައްސަލައެއް ހުށަހަޅުއްވާފައެވެ. މިމައްސަލައަށް މިޖަލްސާގައި ވަނީ މެމްބަރުން ބަހުސްކުރައްވާފައެވެ.
މިމައްސަލައަށް ބަހުސްކުރައްވަމުން އަސްލަމް ވަނީ މިތަހުގީގާއި ގުޅޭގޮތުން ބައެއް މައުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން މިހަމަލާއާ ގުޅޭގޮތުން ބޭރުގެ ތަޖުރިބާކާރުން ހިއްސާކުރެެއްވި މައުލޫމާތަށް ބަލާއިރު މިހަމަލާއަކީ ރައީސް ނަޝީދުގެ ހަށިކޮޅަށް އަނިޔާއެއް ދިނުމުގެ ގޮތުން ރޭވިފައިވާ ހަމަލާއެއް ނޫންކަމަށް ވިދާޅުވިކަމަށް އަސްލަމް ވިދާޅުވިއެވެ.
މީގެއިތުރުން އަސްލަމް ވަނީ ހަމަލާއާ ގުޅިގެން މިހާތަނަށް ފުލުހުން ހާމަކޮށްފައިވާ މައުލޫމާތު މަދުކަމާއި ތިން މީހުންގެ އިތުރަށް މީހަކު ހައްޔަރުނުކުރާތީ ތަހުގީގީ ފަރާތްތަކަށް ކިޔަމުންދާ ފާޑުކިޔުންތަކާ ގުޅިގެންވެސް ވާހަކަދައްކަވާފައެވެ. އެގޮތުން އަސްލަމް ވިދާޅުވީ ތަހުގީގެއް ހިނގަމުންދާއިރު އެހުރިހާ މައުލޫމާތުތަކަކީ ފުލުހުންނަށްވެސް ކޮންމެ ދުވަހަކު ދެވޭނެ މައުލޫމާތުތަކެއް ނޫންކަމަށެވެ. ލިބޭ މައުލޫމާތުގެ އަލީގައި ފުލުހުން އިތުރު މައުލޫމާތު ހޯދާ ހެކި ހޯދުމުގެ ކަންކަން ކުރިޔަށް ގެންދާކަމަށް އަސްލަމް ވިދާޅުވިއެވެ.
މީގެއިތުރުން އަސްލަމް ވިދާޅުވީ މިމައްސަލައިގެ ތަހުގީގު ހިނގަމުންދާ ގޮތް ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާވެސް ގާތުން ބައްލަވަމުން ގެންދަވާކަމަށެވެ. އަދި މިކަމުގައި އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅަމުންދާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިޔުރިޓީ ފެއިލްވެފައިވާތީ އެކަމުގެ އިންކުޔަރީއެއް ކުރިޔަށް ގެންދިޔުމަށް އެކަން ދިރާސާކުރުމަށްފަހު 241 ކޮމިޓީން ވަނީ ނިންމާފައެވެ. މިކަމުގައި 241 ކޮމިޓީއަށް ފާހަގަކުރެވިފައިވާ 6 ކަމާއެކު އިންކުއަރީއެއް ހެދުމަށް އެކުލަވާލީ ކޮމިޓީ ރިޕޯޓް ހޯމަ ދުވަހުގެ ޖަލްސާގައި ވަނީ ފާސްކުރައްވާފައެވެ. އަދި އިންކުއަރީގެ ކަންކަން ކުރިޔަށްގެންދަން މިހާރު ވަނީ ފަށާފައެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން މިހަމަލާގައި އެމަނިކުފާނަށް ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގެންނެވިއިރު އެމަނިކުފާނުގެ ތިން ބޮޑީގާޑުންނަށާއި އެސަރަހައްދުގައި ތިބި އާންމު ދެ މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.
މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިހާތަނަށް ފުލުހުން ހައްޔަރުކޮށްފައިވަނީ 3 މީހެކެވެ. އެއީ އައިއީޑީ ގޮއްވާލި މީހާ ކަމަށް ތަހުމަތުކުރެވޭ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު އާއި މުޖާޒް އަހުމަދު، މއ. ފޭރުގެ، އާއި ގއ. ކޮނޑޭއަށް އުފަން ތަހުމީން އަހުމަދެވެ. ތަހުމީން އަހުމަދަކީ އައިއީޑީ ހަރުކުރެވިފައިވާ ސައިކަލުގެ ވެރިފަރާތް ކަމަށް ފުލުހުން ބުނެއެވެ. މިތިން މީހުންގެ ބައްދަށް މިހާރު ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ. މިތިން މީހުންގެ ފަހުން އެއްވެސް މީހަކު ފުލުހުން ހައްޔަރުކޮށްފައިވާކަމަށް އަދި ބުނެފައެއްނުވެއެވެ.
ނަމަވެސް ހަމަލާދިން ރޭ އެސަރަހައްދުން ޝައްކުކުރެވޭ 4 މީހަކު ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ.