އިނގިރޭސިވިލާތުގެ މަންމަޔަކު އޭނާގެ ތުއްތު ފިރިހެން ދަރިފުޅު އަވައްޓެރިޔަކާ ހަވާލުކޮށްފައި މިދަނީ ބާޒާރަށޭ، ވަރަށް އަވަހަށް އެނބުރި އެބައަންނަމޭ ބުނެފައި ފިލިގޮތުގެ ވާހަކަ އެ އަވައްޓެރިޔާ ޓިކްޓޮކް ވީޑިއޯއެއްގައި އާއްމުންނާ ހިއްސާކޮށްފިއެވެ.
އުމުރުން މިހާރު 70ށް ވުރެ މައްޗަށް ގޮސްފައިވާ ރޮސަލިންޑާ ބުނެފައިވަނީ އޭނާއަށް ކުއްޖަކު ނުލިބޭނެކަމަށް ވަރަށް ޒުވާން އުމުރުގައި ޑޮކްޓަރުން އަންގާފައިވާ ކަމަށެވެ. އެހެންވެ އެހެން މީހުންގެ ދަރިންދެކެވެސް ވަރަށް ލޯބިވާ ކަމަށާއި އަވައްޓެރިންގެ ދަރިންވެސް ލޯބިން ގެންގުޅޭ ކަމަށެވެ. މިގޮތަށް އުޅުނު އުޅުމުގެ ތެރޭގައި އަވައްޓެރި އަންހެނަކު އޭނާގެ ތުއްތު ފިރިހެން ދަރިފުޅު ހަވާލުކޮށްފައި ބާޒާރުކޮށްލައިގެން އެބައަންނަމޭ ބުނެފައި ދިޔަގޮތަށް އަދިވެސް ނާންނަކަމަށް ރޮސަލިންޑާ ބުންޏެވެ.
މިކަމެއް ހިނގީ މީގެ ސާޅީސް އެތައް އަހަރެއް ކުރިންނެވެ. ބާޒާރަށް ދިޔަ މަންމަ ފިލީމާ އަމިއްލަ ދަރިއަކަށް ހަދައިގެން އެކުއްޖާ ބަލައިބޮޑުކުރީ ރޮސަލިންޑާއެވެ. މަންމަ ކޮބައިތޯ އާއި ބައްޕަވީތަނެއް ހޯދާކަށް އަދި މައްސަލަ ބޮޑުކުރާކަށް ވެސް ރޮސަލިންޑާއެއް ނޫޅެއެވެ. ކުޑަކުޑަ އަޑިއޯލާއަށް މަންމައެއްގެ ލޯބިދީގެން ބޮޑުކުރަމުން އައިސް އޭނާގެ އުމުރުން 18 އަހަރުގައި ދެން ދިމާވީ މާދެރަ ގޮތެކެވެ. އަޑިއޯލާއަށް ކޮންމެވެސް ގޮތަކުން އޭނާގެ އަސްލު ބައްޕަ ފެނުނީއެވެ. އެހިސާބުން ރޮސަލިންޑާ ދޫކޮށްފައި އެކުއްޖާ ބައްޕަގެ ގާތަށް ހިނގައްޖެއެވެ.
އެހާ ގިނަ ދުވަސްކޮށްފައި ބަލައިބޮޑުކުރި މަންމަ ދޫކޮށްފައި އަޑިއޯލާ ދިޔުމުން ރޮސަލިންޑާ ވަރަށް ދެރަވެގެން ރުޔެވެ. އެކަމަކު އޭނާ ކުރަނީ ކީއްތޯ ފަހަކުން ނުބަލައެވެ. ރޮސަލިންޑާ ބުނެފައިވަނީ ބައްޕަ ގާތަށް ދިޔައިރު މަންމަވީ ތަނެއް އަދިވެސް ނޭނގޭ ކަމަށާއި ފަހަރުގައި މަންމަވެސް އުޅެނީ ބައްޕަގެ ކައިރީގައި ކަމަށް ވެދާނެ ކަމަށެވެ. އެކަން ބަލައި ހޯދާކަށް އޭނާ ނޫޅޭކަމަށްވެސް ބުންޏެވެ.
ރޮސަލިންޑާ ވަނީ މިނޫނަސް ވަރަށް ހިތާމަވެރި އެހެން ކަންކަން ތަޖުރިބާކޮށްފައެވެ. ދަރިޔަކު ލިބުމުން މަހުރޫމުވެ އެކަމުގެ ދެރަކަން އިހުސާސް ކުރަން ޖެހުނަސް އުފާވެރި ދިރިއުޅުމަކަށް އޭނާ އުއްމީދުކުރިއެވެ. ޒުވާން އުމުރުގައި ކައިވެންޏެއްވެސް ކުރިއެވެ. އެކަމަކު އޭނާގެ އަމިއްލަ ކޮއްކޮ ހެދިވަޑާމަކީ ފިރިމީހާ ޖަހައިގަތީއެވެ. އެއްދުވަހު ވަޒީފާ އަދާކޮށްފައި ރޮސަލިންޑާ އެނބުރި ގެޔަށް އައިތަނާ ފެނުނީ ކޮއްކޮއާއި ފިރިމީހާގެ ކުޅިވަރެވެ.
މިކަމާ ރުޅިއައިސްގެން ޒުވާބުކޮށްގަތީމާ ދެމީހުންވެސް ބުނީ މިއީ އެޒާތުގެ ކަމެއް ނޫންކަމަށާއި ލޯބީގެ ގުޅުމެއް ނެތް ކަމުގައެވެ. މިހެން ބުނެފައި ދުވަސްކޮޅެއްވީތަނާ ރޮސަލިންޑާ ވަރިކޮށްފައި އެ ފިރިހެންމީހާ ވަނީ ކޮއްކޮއާ ކައިވެނިކޮށްފައެވެ. މިކަން މިމަގުން ހިންގުމަށް ފަހު ރޮސަލިންޑާގެ ކިބައިން މައާފަށްވެސް އެދުނު ކަމަށް ޓިކްޓޮކް ވީޑިއޯގައި އޭނާ ބުނެފައިވެއެވެ.