އުމުރުން އެންމެ ދިހަ މަހުގެ ތުއްތު ދަރިފުޅުގެ ނެޕީ ބަދަލުކުރަން އުުޅުމުގެ ތެރޭގައި ކުރިން ފެނިފައިނުވާ ކަހަލަ ބިރުވެރި މަންޒަރެއް އިނގިރޭސިވިލާތުގެ މަންމަޔަށް ފެނިއްޖެއެވެ. ދަރިފުޅުގެ މަތީތަލީގައި އިނީ ބޮޑު ބާގަނޑެކެވެ. ހަމަ ކުއްލިއަކަށް އުފެދުނު ބާގަނޑެކެވެ. ކުރިން ނެތް ބާގަނޑެކެވެ.
ގަތް ބިރެއްގެ ބޮޑުކަމުން އަނގަ ހުޅުވައި ތަހުގީގު ކުރަން އުޅެގަތީމާ ދަރިފުޅު ރޯންފެށީ މާބާރަށެވެ. ދެން އަވަސް އަވަހަށް ބައްޕަޔަށް ގޮވައިގެން ގެނެސް ދެއްކީމާ އޭނާއަށްވެސް ފެނުނީ އެއީ ބާގަނޑެއް ކަމަށެވެ. މީގެ ކުރިން އެހެން ދެކުދިންވެސް ވިހާފައިވާ ބެކީއަށް މިވަރުގެ ބިރުވެރިކަމެއް ދުވަހަކުވެސް ދިމާވެފައެއް ނެތެވެ. އެހެންވެ ތުއްތު ދަރިފުޅު ހާވީ ގޮވައިގެން އަވަހަށް ހަސްފަތާލަށް ދަނީއޭ ކަމުދާކަށްނެތޭ މަތީތަލި ފޫގޮއްސިއޭ މިހާރު ހުރީ ބޮޑު ބާގަނޑެކޭ ބުނެ އާއިލާގެ އެންމެންނަށް ފޯނުން ޚަބަރު ދިނުމަށްފަހު ދުއްވައިގަތީ ހަސްފަތާލަށެވެ.
އެންމެ ކައިރީގައިވާ ހަސްފަތާލަށް ވެސް ދެވުނީ ގާތްގަޑަކަށް ތިރީސް މިނިޓުގެ ކާރު ދަތުރަކަށްފަހުގައެވެ. ހަސްފަތާލުގެ ކައުންޓަރާ ހަމަޔަށް އަދި ނުފޯރަނީސް ނަރުހަކާ ދިމާވެގެން މިދަރިފުޅުގެ ދުވަސް ހިނގައްޖެޔޭ ސަހަނރޯއޭ ބުނީމާ ނަރުސްކުއްޖާ އައިސް އަނގަ ހުޅުވައި ޓޯޗަކުން އަލިކޮށް ބަލާފައި ބުންޏެވެ. ހާސްނުވާށެވެ. އެތާގައި ބާގަނޑެއް ނެތެވެ.
މަންމަ އައި ރުޅިޔަކުން ކަލޭގެ ލޮލަށް ތިހިރީ ކިހިނެއްވެފައިހޭ އެހެރަ ބޮޑު ބާގަނޑުވެސް ނުފެންނަނީހޭ އެހީމާ ނަރުސްކުއްޖާގެ އިނގިލި ތުއްތުކުއްޖާގެ މަތީތަލީގައި ޖައްސާފައި ނެރުނީ ކަޅުރަތްކުލައިގެ ކުޑަކުޑަ ސްޓިކާއެކެވެ. ދެން ބުންޏެވެ. ކަލެޔަށް ފެނިގެން އުޅޭ ބާގަނޑަކީ މިއީއެވެ. ދެންވެސް އަވަހަށް ގެޔަށްދާށެވެ. އެކަމަކު ދަރިފުޅުގެ އަތުޖެހޭ ހިސާބުގައި މިޒާތުގެ ސްޓިކާއާއި އެފަދަ ތަކެތި ދެންވެސް ނުބަހައްޓަން ހަނދާން ކުރާށެވެ.
ބެކީ ގަތްލަދެއްގެ ބޮޑުކަމުން އިސްވެސް އުފުލާލަން ނުކެރި ދެން މިސްރާބުޖެހީ ގެޔަށެވެ. އެކަމަކު ހާވީގެ މަތީތަލި ފޫގޮސްގެން އޭނާގެ ހާލު ދެކެން އާއިލާގެ ދެންތިބި ބަޔަކުވެސް ހަސްފަތާލަށް އަންނާނެތީ އެމީހުންނަށް ކިޔައިދޭންވެސް މަޖުބޫރެވެ. އެހެންވެ ވަކިވަކިން އެންމެންނަށް ފޯނުކޮށްފައި ބުންޏެވެ. މަށަށް އޮޅުނީއެވެ. އެއީ ބާގަނޑެއް ނޫނެވެ. ސްޓިކާއެކެވެ. މިހާރު އޭތި ނަގައިފީމެވެ.