މީހަކު ގެއްލިގެން އުޅޭ ވާހަކައަކީ އަހާލަން މާ ފަސޭހަ ވާހަކައެއް ނޫނެވެ. އެއީ ތިބާ ނުދަންނަ މީހަކު ކަމުގައި ވީ ނަމަވެސްއެވެ. ވަކިން ޚާއްޞަކޮށް، ގެއްލިގެން އުޅެނީ ކުޑަކުއްޖެއް ނަމަ، އެ ޚަބަރަކަށް ބޭ އިޚްތިޔާރުގައި ނަމަވެސް ދެވޭ ސަމާލުކަން ވަކިން ބޮޑެވެ. ގެއްލިގެން އުޅޭ ކުއްޖަކު ނުވަތަ މީހަކު، ހެޔޮ ޙާލުގައި، ދިރިހުއްޓާ ފެންނާނެ ކަމަށް ހިތުގެ އެންމެ އަޑިން އެދިއެދި އޮވެއެވެ. ގެއްލުނު ކުއްޖާ ނުވަތަ މީހާގެ ޚަބަރެއް ނުވެ ދުވަސް ވާ ވަރަކަށް އެ ކަމުގެ މަތިން ހަނދާން ނެތޭ ގޮތް ވެއެވެ. ބައެއް ފަހަރު އަބަދުގެ އަބަދަށެވެ. ނަމަވެސް، އެއީ ތިބާ އެމީހަކު ދެކެ އިންތިހާއަށް ލޯބިވާ މީހެއް ނަމަ، އެތައް އަހަރެއް ވާ އިރުވެސް އުންމީދު ފަނޑުވެގެންނެއް ނުދެއެވެ. ހިނގަމުންދާ ބައެއް ޙާދިޘާތަކަށް ބަލާލުމުން، އިތުރު ހިތްވަރެއްވެސް ލިބޭ ގޮތްވެއެވެ.
މިއީވެސް ދާދި މިދާކަށް ދުވަހު ހިނގި ހާދިޘާއެއްގެ ވާހަކައެވެ. މިއީ މީގެ 6 އަހަރު ކުރިން ގެއްލުނު އިނގިރޭސިވިލާތުގެ ކުޑަކުއްޖަކު، ފަރަންސޭސިވިލާތުގެ މަގެއްގެ މަތިން ފެނުނު ގޮތުގެ ވާހަކައެވެ.
އެއީ ޑިސެމްބަރު 13 ވީ އަންގާރަ ދުވަހެވެ. ކައިރޯޕްރެކްޓިކްގެ ރޮނގުން ތަޢުލީމު ހާސިލު ކުރަމުން ދާ ފަރަންސޭސި ޒުވާނާ ފަބިއާން އަކްސިދީނީ އޭނާ އަދާ ކުރާ ޑެލިވަރ ބޯއީގެ ވަޒީފާގައި ޢާންމު ދުވަހެއްގައިވެސް އުޅޭނެހެން އުޅެމުން ދިޔައެވެ. އެއީ ރޭގަނޑުގެ ވަގުތެކެވެ. އާދަޔާ ޚިލާފު ދުވަހަކަށް ދުވަސް ބަދަލުވިއެވެ. އެއީ 6 އަހަރު ކުރިން، ޢުމުރުން 11 އަހަރުގައި ގެއްލުނު އެލެކްސް ބޭޓީ، މަގެއްގެ މަތިން ފެނުނު ހިސާބުންނެވެ.
އޭނަ އޭރު ހިނގަމުން ދިޔައީ ޖަންގައްޔެއްގެ މެދުން. އެއީ ހަމަ މުޅިން އެކަހެރިކޮށް ފަޅަށް ދޫކޮށްލާފަ އޮންނަ ސަރަޙައްދެއް. އެންމެ ކައިރި އަވަށަށް ދެވޭނީވެސް 20 މިނެޓް ދުއްވައިގެން. މީ އާދައިގެ ކަމެއް ނޫން. އެހާ ދަން ގަޑިއެއްގަ، މީހަކު އެގޮތަށް، އެ ސަރަޙައްދުގަ ހިނގާފަ ދާން ޖެހޭ ސަބަބެއް އަހަންނަކަށް ހަމަ އެއްގޮތަކަށްވެސް ބުނެދޭކަށް ނޭނގެ. އެހެންވެ، އަނބުރާ އައި މަގުމަތީގަ އަހަރެން ހިތަށް އެރީ، މަޑުކޮށްލާފަ އޭނަގެ ޙާލުއަހުވާލު އޮޅުންފިލުވާލަންވެއްޖޭ. ނޫނީ އެހީއެއްވެސް ވެދެވިދާނޭ ހިތަށް އެރީ. ނޫނީ، ވީ އެންމެ އަވަހަކަށް އަވަށު ތެރެއަށް އޭނަ ގެނެސް، މީހުން އުޅޭ ހިސާބަކަށް ގެންގޮސްދޭނީއޭ ހިތަށް އެރީ.ފަބިއާން އަކްސިދީނީ؛ 6 އަހަރު ކުރިން ގެއްލުނު އެލެކްސް ފެނުނު ފަރަންސޭސި ޒުވާނާ
މިހާރު ފުރާވަރު ޢުމުރުގެ ދުވަސްތައް ގުނަމުން ދާ އެލެކްސް ހިނގަމުން ދިޔައީ ފަރަންސޭސިވިލާތުގެ ހުޅަނގު ދެކުނުގެ އަވަށެއް ކަމަށް ވާ ތޫލޫޒްއާ ދާދި ކައިރީގައި އޮންނަ ފަޅު ޖަންގަލި ސަރަޙައްދެއްގައި އޮންނަ މަގެއްގައެވެ. ހިނގަމުން ދިޔައީވެސް މަގުގެ އެއް ފަރާތެއްގައެވެ.
އަކްސިދީނީގެ ލޮލުގައި އެލެކްސް އަޅައިގަތީ އެއް ޑެލިވަރީ ނިންމާލުމަށްފަހު އަނެއް ޑެލިވަރީއަށް މިޞްރާބު ޖަހަމުން ދިޔަ ވަގުތުއެވެ. އޭނާގެ އަމިއްލަ ދުނިޔެއެއްގައި ހިނގާލާފައި ދާ ފަދައިން އެލެކްސް ހިނގަމުން ދިޔައިރު އޭނާގެ ސްކޭޓްބޯޑުވެސް ކިހިލިޖަހާފައި އޮތެވެ. އެހާ ހިސާބުން އަކްސިދީނީގެ ކާރަށް އޭނާ އެލެކްސް އެރުވިއެވެ.
އަހަރެންގެ ކާރަށް އެލެކްސް އަރުވައިގެން ބާކީ ހުރި ޑެލިވަރީތައް ނިންމާލީ. މުޅި ޙަޔާތުގެ ވާހަކަ އެލެކްސް ކިޔައިދިނީ އޭރު. މަންމައާ އެކީގަ ދެމީހުން 'ވަގަށް ނަގައިގެން' ގެންދިޔަ ގޮތުގެ ވާހަކައާއި، މާމަގެ ވާހަކައާއި، ސްޕެއިންއާއި ފަރަންސޭސިވިލާތަށް ކުރި ދަތުރުގެ ވާހަކަވެސް ކިޔައިދިން. އަހަރެމެން ބެލިން ކޮންސިއުލޭޓްތަކާއި އެމްބަސީތަކާ ގުޅޭތޯވެސް. އެކަމަކު ކާމިޔާބު ވާ ގޮތެއް ނުވި. އެހެންވެ، އެންމެ ފަހުން އަހަރެމެން ފުލުހުންނަށް އެންގީ.ފަބިއާން އަކްސިދީނީ؛ 6 އަހަރު ކުރިން ގެއްލުނު އެލެކްސް ފެނުނު ފަރަންސޭސި ޒުވާނާ
އެ ދުވަހަށް ހުރި ޑެލިވަރީތައް ނިންމާލުމަށްފަހު ފުލުހުންނަށް ގުޅައި، ވީ ގޮތް ރިޕޯޓް ކުރިއެވެ. އަކްސިދީނީ ބުނި ގޮތުގައި އޭނާ ކިޔައިދިން ވާހަކަތައް ޤަބޫލު ކުރުންވީ ފުލުހުންނަށްވެސް ދަތި ކަމަކަށެވެ.
ފުލުހުންގެ އެމަރޖެންސީ ނަމްބަރު 17 އަށް ގުޅާފަ، ވެގެން އުޅޭ ގޮތް އަހަރެން ކިޔައިދިނިން. ފުލުސް މީހާ ފުރަތަމަ ހުރީ ޝައްކެއްގަ. މީގެ 5 އަހަރު ކުރިން ގެއްލުނު ފިރިހެން ކުއްޖާ ފެނިގެންހޭ ތި އުޅެނީ އޭނަ އެހާލި. އެހެންވެ، އަވަށަށް މަޑު ކުރީ އަހަރެން. އެއީ، ފުލުސް މީހާ ބުނި ވިއްޔާ ކައިރި ހިސާބެއްގަ ޕެޓްރޯލަށް ނުކުމެ އުޅޭ އުޅަނދެއް އޮތް ވާހަކަ. އެމީހުން އަންނަންދެން 5 ވަރަކަށް މިނެޓް އަހަރެމެން މަޑު ކުރިން. ޕެޓްރޯލް އުޅަނދު އައިމަ އަނެއްކާވެސް ވެގެން އުޅޭ ގޮތް އަހަރެން ކިޔައިދިނީ އެމީހުންނަށް. މި ފަހަރު، އެމީހުންގެ ފަހަތުން އަހަރެމެން ދިޔައީ ފުލުސް އޮފީހަށް. އަހަރެންގެ ބަޔާންވެސް ނެގި އެމީހުން.ފަބިއާން އަކްސިދީނީ؛ 6 އަހަރު ކުރިން ގެއްލުނު އެލެކްސް ފެނުނު ފަރަންސޭސި ޒުވާނާ
އަކްސިދީނީ ވަނީ އޭނާގެ ފޯނުވެސް އެލެކްސްއަށް ދީފައެވެ. އެއީ އިންގްލަންޑްގައި ހުރި އޭނާގެ މާމައަށް މެސެޖު ކުރުމަށެވެ.
އެލެކްސްއަށް ވީ ނުވީއެއް ނޭނގި އޭނާ ގެއްލުނީ މަންމައާއި ކާފައާއެކު ސްޕެއިންގެ މަލާގާގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް 2011 ވަނަ އަހަރުއެވެ. އެލެކްސްގެ މަންމައާއި ކާފައަކީ، އޭނާ ގެއްލުނު ހާދިޘާއާ ގުޅިގެން، ކަމާ ބެހޭ ފަރާތްތަކުން އަދިވެސް ހޯދަމުން ދާ 2 މީހުންނެވެ.
އެލެކްސް ފެނުނު ޚަބަރު އެންމެ ފުރަތަމަ ޝާޢިއު ކުރީ ފަރަންސޭސި ދުވަހު ނޫހެއްގައެވެ. އެ ނޫހުގައި ވާ ގޮތުން ފާއިތުވީ ދުވަސްތަކުގައި އެލެކްސް ދިރިއުޅެމުން ގޮސްފައި ވަނީ، ޕައިރެނީޒް ފަރުބަދަތަކުގެ ސަރަޙައްދުގައި ދިރިއުޅޭ ވަކި ގުރޫޕެއްގެ ބަޔަކާ އެކީގައެވެ. އެ ސަރަޙައްދަކީ ދިރިއުޅުމުގައި އެހެން ގޮތެއް ހޯދަން ބޭނުންވާ މީހުން، އެމީހުންގެ ކުރީގެ ދިރިއުޅުން ދޫކޮށް ފިލައިގެން އުޅޭ ސަރަޙައްދެކެވެ. ވިލާތުގެ އެކި ހިސާބުތަކުން އެ ސަރަޙައްދަށް މީހުން ބަދަލުވެއެވެ. އެލެކްސް މަންމައަށް ވީ ގޮތެއްވެސް، 2017 ވަނަ އަހަރު އެލެކްސް ގެއްލުނު ފަހަކުން ނޭނގެއެވެ.
އިނގިރޭސި މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި އެލެކްސްގެ ޝަރުޢީ ބެލެނިވެރި ފަރާތަކީ މިހާރު އޭނާގެ މާމައެވެ. އިނގިރޭސިވިލާތަށް އެލެކްސް ގެންގޮސްފައި ވަނީ ޑިސެމްބަރ 16 ވަނަ ދުވަހުއެވެ.
ވަރަށް އާދަޔާ ޚިލާފު ހާދިޘާއެއް މީ. ދުވަހަކުވެސް ހިތަކަށް ނާރާ، ދަންވަރު ވަޒީފާއަށް ނުކުމެގެން އުޅެނިކޮށް، މީގެ އެތައް އަހަރެއް ކުރިން ގެއްލިގެން ހޯދަމުން ދިޔަ މީހަކު މަގެއްގެ މަތިން ފެނިދާނެއެކޭ. އުންމީދަކީ އެލެކްސް އިންގްލަންޑަށް ގޮސްވެސް އަހަންނަށް ޚަބަރެއް ވެލުން. ހާލު ރަނގަޅު ވާހަކައާއި، އޭނަ ހުރީ އުފަލުގައޭ ބުނެލަން ގުޅާނެ ކަމަށް އުންމީދު ކުރަނީ... އަހަރެންގެ އުންމީދަކީވެސް އެލެކްސް އުފަލުގަ، ހެޔޮ ޙާލުގަ ހުރުން.ފަބިއާން އަކްސިދީނީ؛ 6 އަހަރު ކުރިން ގެއްލުނު އެލެކްސް ފެނުނު ފަރަންސޭސި ޒުވާނާ
އިނގިރޭސި ފުލުހުން ވަނީ އެލެކްސްއާ އިތުރަށް ވާހަކަ ދެއްކުމަށްފަހު، އެ ހާދިޘާއާ ގުޅޭ ގޮތުން ޖިނާޢީ ތަޙްޤީޤެއް ފަށަން ޖެހޭކަން ނުވަތަ ނޫން ކަން ކަނޑައަޅާނެ ކަމަށް ބުނެފައެވެ. އެ ހާދިޘާގެ އިތުރު ތަފްސީލެއް އޭގެ ފަހުން ލިބިފައެއް ނެތެވެ.