ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ފަތުވާ މަޖިލީހުން، ދިވެހި ރައްޔިތުންގެ މެދުގައި ދީނީގޮތުން ޚިލާފު އުފެދޭ މައްސަލަތަކަށް އެކަށޭނަ ޙައްލެއް ހޯދައިދީ، ކަން އޮންނަންވީ ސާފު، ރަނގަޅު ގޮތް އޮޅުންފިލުވައިދީ، މުޖްތަމަޢުގެ ޞުލްޙަޔާއި އަމާންކަން ކަށަވަރުކުރުމަށްޓަކައި މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރަންޖެހިފައިވާކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، ޖަޕާނު ސަރުކާރުގެ ދީލަތި އެހީގައި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) އާއި ދިވެހިރާއްޖޭގެ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ން ގުޅިގެން ކުރި ދިރާސާއެއްގެ މައްޗަށް އެކުލަވާލާފައިވާ "ވިމެން އޭސް ޕީސްބިލްޑަރސް އެންޑް އޭޖްންޓްސް އޮފް ޗޭންޖް އިން ދަ މޯލްޑިވްސް" ރިޕޯޓު އިފްތިތާޙުކުރުމަށް އަންގާރަ ދުވަހު މިނިސްޓްރީ އޮފް ޑިފެންސްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ މާރިޔާ ވިދާޅުވީ، ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކުގެ ޢަމާޒަކީ ޒަމާނުއްސުރެ އެކުވެރިކަމާއި ބަދަހިކަމާއެކު ދިރިއުޅެމުން އަންނަ މުޖްތަމަޢެއް ދީން ހަތިޔާރަކަށް ހަދައިގެން ބައިބައިކޮށްލުންކަމަށެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި އެކަމަނާވަނީ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން، ދިވެހިރާއްޖެއަކީ އަމާން، ޞުލްޙަވެރި، އަދި މިންތީގެ ހަމަހަމަކަން ފުރިހަމަޔަށް ޤާއިމްވެފައި އޮންނަ ޤައުމަކަށް ހެއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގައި މިހާތަނަށް ޙާސިލްކުރައްވާފައިވާ ކުރިއެރުންތަކުގެ މައްޗަށް ބައްލަވާލައްވާފައެވެ. މިގޮތުން، ކައުންސިލްތަކުގެ 33 އިންސައްތަ ގޮނޑި އަންހެނުންނަށް ޚާއްޞަކުރުމާއި، ސުޕްރީމް ކޯޓުގެ ބެންޗަށް ފުރަތަމަ ފަހަރަށް އަންހެން 2 ފަނޑިޔާރުން އައްޔަންކުރައްވާފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ވަނީ، މި މުހިންމު އަދި މުނާސަބު ރިޕޯޓު އެކުލަވާލުމުގައި ޙަރަކާތްތެރިވި އެންމެހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ މާރިޔާގެ އިތުރުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާރވިސަސް، އާއިޝަތު މުޙައްމަދު ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ. މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައި މިނިސްޓަރ އާއިޝަތު ދީދީ އެކަމަނާގެ ޒިންމާއާއި މަސްޢޫލިއްޔަތު ނުހަނު ފުރިހަމަކަމާއި އިޚްލާޞްތެރިކަމާއެކު އަދާކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި، އެކަމަށްޓަކައި އެކަމަނާއަށް ޝުކުރުއަދާކުރެއްވިއެވެ.