355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
ނޮވެމްބަރު 7 ވަނަ ދުވަހު ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ފެނުނު، ސްރީލަންކާގެ މަސް ބޯޓެއް ކަމަށްވާ "އަވިޝްކާ ޕުތާ" ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ގޯނިތަކެއް ހުރިކަން ފާހަގަކުރެވިގެން، އުޅަނދާއި އުޅަނދުގައި ތިބި 5 ފަޅުވެރިން 2025 ނޮވެމްބަރ 9 ވަނަ ދުވަހު އެމްއެންޑީއެފް އިން ފުލުހުންނާ ހަވާލުކުރި އެވެ.
އަދި 10 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އެ އުޅަނދު ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 24 ގޯނި ފެނިފައިވެ އެވެ. މިތަކެތީގެ ވަގުތީ ބަރުދަނުގައި 355.9 ކިލޯ ގްރާމް ހުރި އިރު، އޭގެތެރޭގައި ހިމެނެނީ ހެރޮއިން ކަމަށް ޝައްކުކުރެވޭ 58.6 ކިލޯ ގްރާމް އަދި މެތަމްފެޓަމިން ކަމަށް ޝައްކުކުރެވޭ 297.3 ކިލޯ ގްރާމްގެ ތަކެއްޗެވެ.
މި މައްސަލައިގެ ތުހުމަތުގައި ސްރީލަންކާ އަށް ނިސްބަތްވާ 5 މީހުން ހައްޔަރުކުރެވިފައިވެ އެވެ. އެއީ 39، 42، 28، 34 އަދި 63 އަހަރުގެ 5 ފިރިހެނުންނެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ މައްސަލަ ދިވެހިރާއްޖޭގެ ގުޅުންހުރި ގާނޫތަކުގެ ދަށުން، ދިވެހި ފުލުހުންގެ ޚިދުމަތް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، ސްރީލަންކަން ނޭވީ، އަދި ސްރީލަންކަން ޕޮލިސް ގުޅިގެން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
މި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްފަހު ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވޭނެ ކަމަށާއި، މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު 5 މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި ކަމަށް ފުލުހުން ބުނެ އެވެ.