އިދިކޮޅު ޕީޕީއެމް/ޕީއެންސީން ހުކުރު ދުވަހު މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން 30 މީހަކު ޖޫރިމަނާކުރުމަށްފަހު ދޫކޮށްލައިފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ގައިޑްލައިންތަކާއި އުސޫލުތަކާއި ހިލާފަށް އިދިކޮޅުން ބޭއްވި މުޒާހަރާގެ ތެރެއިން 33 މީހަކު ހައްޔަރުކޮށްފައިވެއެވެ. ފުލުހުން ބުނީ މުޒާހަރާގެ ތެރެއިން 33 މީހުން ހައްޔަރު ކުރެވުނު އިރު، އޭގެ ތެރެއިން 30 މީހަކު ހުކުރު ދުވަހުގެ ރޭ ދޫކޮށްލާފައިވާ ކަމަށެވެ.
30 މީހުން ދޫކޮށްލާފައިވަނީ އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފުވެފައިވާތީ ޖުރިމަނާ ކުރުމަށްފަހުގައެވެ. އަދި މި މީހުންގެ ތެރެއިން 3 މީހަކު އަދިވެސް ފުލުހުންގެ ބެލުމުގެ ދަށުގައި އެބަތިބި ކަމަށެވެ. ހުކުރު ދުވަހުގެ މުޒާހަރާއަށް ފައިސާ ދީގެން ނުކުތީ މަދު ބައެކެވެ. އަދި މުޒާހަރާއަށް ނުކުތް މީހުންގެ އަދަދު މަދުކަމަށް ދައްކައެވެ.
މާލޭގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ، މި މަހުގެ 12 ވަނަ ދުވަހު އެޗްޕީއޭއިން ވަނީ ހާލަތަށް ރިއާޔަތްކޮށް ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ. އެގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވި އެންގުމުގައި ވަނީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއާއި، ގުޅީފަޅާއި، ތިލަފުށްޓާއި، ހުޅުލޭގައި އެއްފަހަރާ 10 މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެއުޅުން ހުއްޓައިލުމަށް އަންގާ ކަމަށެވެ.
އަދި މި ފިޔަވަޅު ތަންފީޛު ކުރުމުގައި، ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ކަމަށް ވަނީ ބުނެފައެވެ. އަދި މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ހުރިހާ ފަރާތްތަކަށް ވަނީ އަންގާފައެވެ.