ހޮނިހިރު ދުވަހު މުޅި މާލެ އާއި ހުޅުމާލެ އިން ކަރަންޓު ކެނޑުނީ ފުލުހުން ބުނާ ގޮތުން ޖޫން މަހު ކަރަންޓު ކެނޑުނު މަައްސަލައިގެ ތަހުގީގުގެ އިބްތިދާއީ މަރުހަލާގައި އުޅެނި ކޮށްނެވެ.
މި އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހު ގްރޭޓަރ މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލަ އާ ގުޅިގެން ފުލުހުން އެކްސް ގައި ކުރި ޕޯސްޓެއް ގައި ބުނެފައި ވަނީ ފުލުހުންގެ ޚިދުމަތުން އެކަން ހިނގި ގޮތް ބެލުމަށް "ޚާއްސަ ތަހުގީގެއް" ފަށާފައިވާ ކަމަށެވެ.
އެ ތަހުގީގު ކުރިއަށް ގޮސްފައިވާ ހިސާބެއް ބެލުމަށް ފުލުހުންނަށް ސުވާލު ކުރުމުން ހޮނިހިރު ދުވަހު ދިން މައުލޫމާތު ގައި ބުނެފައި ވަނީ "2025 ޖޫން 1 ވަނަ ދުވަހު ގްރޭޓަރ މާލެ ސަރަހައްދުން ކަރަންޓް ކެނޑުނު މައްސަލަ އާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގުގެ އިބްތިދާއީ ހޯދުންތަކާއި މައުލޫމާތު އެއް ކުރެވިފައިވާ،" ކަމަށެވެ.
އޭގެ އިތުރުން ބުނެފައި ވަނީ، "މި މަޢުލޫމާތައް ބަލައި ފުލުހުން މި މައްސަލަ ދަނީ އިތުރަށް ތަޙްޤީގު ކުރަމުން،" ކަމަށެވެ.
ފުލުހުން މިހެން ބުނެފައި ވާއިރު، އެ ދުވަހު ކަރަންޓު ކަނޑައިގެން ދިޔަ މައްސަލަ "ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކަށް ދަންނަވައިފިން،" ކަމަށް ރައީސް މުހައްމަދު މުއިއްޒު ޖޫން 1 ވަނަ ދުވަހު އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވެފައި ވެއެވެ.
ފުލުހުން އިތުރަށް ބުނީ "ތަޙްޤީގު އެއްކޮށް ނިމުމުން ތަޙްގީގުގައި ފާހަގަ ކުރެވުނު ކަންކަން ހިއްޞާ ކޮށްދޭނެ،" ކަމަށެވެ. އެހެން ނަމަވެސް ތަހުގީގު ނިމޭނެ އިރެއް ފުލުހުން ބުނެފައެއް ނުވެއެވެ.
ހޮނިހިރު ދުވަހު ކުއްލި ގޮތަކަށް އަނެއްކާ ވެސް ގްރޭޓަރ މާލެ ސަރަހައްދުން ހެނދުނު 9:30 ހާ އިރު ކަރަންޓު ކެނޑުނެވެ. އެކި ސަރަހައްދުތަކަށް ވަކިން ކަރަންޓު ދެމުން އައިސް ހުރިހާ ސަރަހައްދަކަށް ކަރަންޓު ދެވުނު ކަމަށް ސްޓެލްކޯ އިން ބުނީ މެންދުރު 12:13 ހާ އިރުއެވެ.
ކަަރަންޓު ކެނޑި ގިނަ އިރުތަކެއް ވުމާއެކު އާންމު ދިރިއުޅުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވި ކަން ގިނަ ބަޔަކު ފާހަގަ ކޮށްފައި ވާއިރު، އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވައިފިން ކަމަށް ވިދާޅުވުމުގެ އިތުރުން ރައީސް ވިދާޅުވެފައި ވަނީ، "މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަން، ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ،" ކަމަށެވެ.
މިކަން ތަކުރާރު ނުވާނެ ގޮތައް ސަރުކާރުން އިންތިޒާމުތައް ކުރާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް ޖޫން 1 ގެ ހާދިސާ އަށް ދެ މަހާއި ބައި ނުވަނީސް އަނެއްކާ ބޮޑު ކޮށް މާލެ ސަރަހައްދުން ކަރަންޓު ކެނޑި ރައްޔިތުންނަށް ބޮޑު ތަކުލީފެއް އުފުލަން ޖެހުނުކަން ފާހަގަ ކުރެވެއެވެ.