ލ. މާވަށުގައި ކަރަށް ވަޅި ހަރައިގެން މަރާލި އެރަށު ނަލަހިޔާގޭ އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ބޭރަށް ގެންދިއުމަށް ފަހު ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގެނެސްފި އެވެ.
މޫސަގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ބޭރަށް ގެންދިއުމަށް ފަހު ހޮނިހިރު ދުވަހުގެ ރޭ މާލެ ގެނެސްފައިވާކަން ފުލުހުން ވަނީ ރާއްޖެ އެމްވީ އަށް ކަށަވަރުކޮށްދީފައެވެ.
މޫސަގެ ހަށިގަނޑު އޮޓޮޕްސީ ހެދީ ފުލުހުން ކުރިއަށްގެންދާ ތަހުގީގަށެވެ.
މޫސާ އިބުރާހީމުގެ ކަރަށް ވަޅިން ހަމަލާދީ މަރާލި މި ހާދިސާ ހިނގާފައި ވަނީ މިދިއަ ޖުލައި މަހުގެ 28 ވީ ހޯމަ ދުވަހުގެ ހެނދުނު ލ. މާށު ވޮލީކޯޓު ކައިރީގަ އެވެ.
އޭނާ މަރާލުމަށްޓަކައި ވަޅިން ހަމަލާދީފައިވަނީ އެވަގުތު އެރަށަށް ގޮސް އުޅުނު ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހީމެވެ. ފުލުހުން ވަނީ ހަމަލާދިނުމަށް ބޭނުންކުރި ވަޅި ހޯދާފައެވެ. ވަޅި ހޯދާފައިވަނީ މޫދުންނެވެ.
މަރުގެ މި މައްސަލާގައި ގާތިލްކަމަށް ތުހުމަތުކުރެވޭ މުހައްމަދު އިބްރާހީމް މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު ވަޅިހެރުމުގެ ހާދިސާ ހިނގާފައިވަނީ، މަސްތުވާތަކެތީގެ މުއާމަލާތެއްގެ ތެރެއިންނެވެ.
އެ ދެ މީހުންނަކީވެސް މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރާ ބައެއްކަމަށް އެރަށުން ވާހަކަދެއްކި ބައެއް މީހުން ވަނީ ބުނެފައެވެ. ފުލުހުން ބުނެފައިވަނީ ގާތިލްކަމަށް ތުހުމަތުކުރެވޭ މުހައްމަދަކީ ކުށުގެ ރެކޯޑް އޮންނަ މީހެއްކަމަށެވެ.