ކ. މާލެ
|
22 ފެބްރުއަރީ 2021 | ހޯމަ 18:17
ޕީޕީއެމްއިން ބުނެފައިވަނީ އަދުރޭ ހައްޔަރުކުރީ ގެޔަށް ވަޑައިގަންނަވަން ނުކުންނެވި ވަގުތު ކަމަށް
ޕީޕީއެމްއިން ބުނެފައިވަނީ އަދުރޭ ހައްޔަރުކުރީ ގެޔަށް ވަޑައިގަންނަވަން ނުކުންނެވި ވަގުތު ކަމަށް
ޕީޕީއެމް
އަބްދުލް ރަޙީމް އަބްދުﷲ ހައްޔަރުކުރުން
އަދުރޭ ހައްޔަރުކޮށްފި
ސިލްސިލާ މުޒާހަރާގެ ތެރެއިން މީގެ ކުރިންވެސް އަދުރޭ ހައްޔަރުކުރި
އަދުރޭގެ މައްސަލަތަކެއް އޭސީސީންވެސް ތަހުޤީޤު ކުރަމުންދޭ
ހަޑިހުތުރު ބަސް ރައްދު ކުރެއްވި މައްސަލައިގައި ދައުވާ އުފުލައި، ޝަރީއަތްވެސް ކުރިއަށްދޭ

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އެކްޓިންގ ލީޑަރ އަބްދުލްރަޙީމް އަބްދުﷲ (އަދުރޭ) ހައްޔަރުކޮށްފިއެވެ.

އަދުރޭ ހައްޔަރު ކޮށްފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައެވެ. އެކަމާ ގުޅޭގޮތުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އަދުރޭ ހައްޔަރު ކޮށްފައިވަނީ ގެޔަށް ވަޑައިގަންނަވަން ޕާޓީ އޮފީސް ދޮރުމައްޗަށް ނުކުންނެވި ވަގުތު ކަމަށެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ، އަދުރޭ ފުލުހަށް ހާޒިރު ކުރީ އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފަށް އަދުރޭގެ ލީޑަރޝިޕްގެ ދަށުން ކުރިއަށް ގެންދިޔަ އެއްވުމެއް ރޫޅާލުމުގެ ބޭނުމުގައި ކަމަށެވެ. އަދި އޭނާ ގެނެސް މައުލޫމާތު ސާފު ކުރުމަށްފަހު، މިހާރު ދޫކޮށްލާފައިވާކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

އިންޑިއާއިން ދީފައިވާ ވެކްސިން ޖެހުމާ ދެކޮޅަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށްގެންދިޔަ ސިލްސިލާ މުޒާހަރާގެ ތެރެއިން މީގެ ކުރިންވެސް އަދުރޭ ހައްޔަރުކުރިއެވެ. ނަމަވެސް އޭރު އަދުރޭ ވިދާޅުވީ، ފުލުހުން އޭނާ ހައްޔަރުކުރީ ކަކުލުގައި ރިއްސާތީ މަގުމަތީގައި އިށީންނަވައިގެން އިންނަވަނިކޮށް ކަމަށެވެ.

އަދުރޭގެ މައްސަލަތަކެއް އޭސީސީންވެސް ތަހުޤީޤު ކުރަމުންދެއެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޙުކުމް ކުރި ދުވަހު ކްރިމިނަލް ކޯޓު ސަރަޙައްދުގައި ހުންނަވައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ހަޑިހުތުރު ބަސް ރައްދު ކުރެއްވި މައްސަލައިގައި ދައުވާ އުފުލައި، ޝަރީއަތްވެސް ކުރިއަށް ދެއެވެ. ކްރިމިނަލް ކޯޓުގެ ސަރަޙައްދު ކައިރީގައި ހުންނަވައިގެން ބޭއަދަބީ ބަސްތައް ބޭނުންކުރި މައްސަލައިގައި އަބްދުއްރަހީމްގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

އަބްދުއްރަހީމްގެ މައްޗަށް ދައުވާ އުފުލާފައިވަނީ، ޤާނޫނުލްއުޤޫބާތުގެ 615 ވަނަ މާއްދާގެ ދަށުން ހަޑިހުތުރު އެއްޗެހި ކިއުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ދައުވާއެވެ.

Advertisement

Advertisement
- ކޮމެންޓް