ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، ރައްޔިތުން ހަނާވަމުން ދާއިރު، ހަރުގެ ޖަލްސާތަކުގައި މޮޅު ވާހަކަ ތައް ދެއްކިޔަސް އެކަން ދިވެހި ރައްޔިތުން މިއަދު ގަބޫލު ނުކުރާނެ ކަމަށް ވިދާޅުވެ، ރައީސް މުއިއްޒުގެ ސަރުކާރަށް ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އައްބާސް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އައްބާސް މިފަދައިން ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
މުޅި ރާއްޖެއަށް ކާބޯތަކެތި ފޯރުކޮށްދޭ މާލޭގެ ބާޒާރުގައި ތަކެތީގެ އަގު އުފެލެމުން ދާއިރު, އާފަލެއްގެ އަގު ނުވަ ރުފިޔާއަށް ވުރެން މައްޗަށް މިވަނީ އުފުލިފައެވެ.
ސިއްހަތަށް ފައިދާ ހުރި މޭވާތަކުގެ ތެރެއިން އެންމެ އާއްމުކޮށް އެންމެ ހެޔޮ އަގެއްގައި ލިބޭ އާފަލެއް ކުރިން ހަތަރު ރުފިޔާއަށް ނުވަތަ ފަސް ރުފިޔާއަށް ގަންނަން ލިބެއެވެ. އަދި އޮރެންޖެއް ވެސް ހަމަ އެ އަގުގައި ކުރިން ލިބެން ހުރެއެވެ.
ނަމަވެސް މިއަދު މާލޭގެ ބާޒާރުގައި އާފަލާއި އޮރެންޖުގެ އަގު އެންމެ ދަށްކޮށް ވެސް ހުރީ ނުވަ ރުފިޔާއަށެވެ. ބައެއް ފިހާރަތަކުގައި ނުވަ ރުފިޔާ ލާރިކޮޅަކަށް ނުވަތަ 10 ރުފިޔާއަށް ވެސް އެންމެ އާފަލެއް އެބަ ވިއްކައެވެ. އޭގެ ތެރޭގައި އާއްމުކޮށް މި ހުންނަ ރަތާއި ފެހި ކުލައިގެ އެކި ކަހަލަ އާފަލު ހިމެނެއެވެ.
ކުރިން ހެއޮ އަގުގައި ލިބެން ހުރި އާފަލާއި އޮރެންޖް މިއަދު ބާޒާރުގައި ނުވަ ރުފިޔާއަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ވިޔަފާރިވެރިން ބުނާ ގޮތުގައި އެ އަގަށް ބަދަލު އައިސްފައި ވަނީ މީގެ ތިންވަރަކަށް ހަފްތާ ކުރިިންނެވެ. އެގޮތުން ކުރިން އާފަލު ކޭހެއް އާއްމުކޮށް 580 ރުފިޔާއަށް ނުވަތަ 600 ރުފިޔާއަށް ގަންނަން ލިބޭއިރު މިހާރު އާފަލު ކޭހެއް އާއްމުކޮށް ގަންނަން ލިބެނީ 1200 ރުފިޔާއަށް ކަމަށް ވިޔަފާރިވެރިން ބުނެއެވެ.
މީގެ ކުރިން ވެސް ތަކެތީގެ އަގު ބާޒާރުގައި އުފުލެއެވެ. އެހެން ނަމަ ވެސް އަގު އުފެލެނީ ތަކެތި ލިބުން ދަތިވީމައެވެ. ނަމަވެސް މިއަދު ރާއްޖޭގެ ކޮންމެ ފިހާރައަކަށް ބަލާލި ނަމަވެސް އާފަލާއި އޮރެންޖް ގިނަ އަދަދަކަށް ލިބެން އެބަ ހުއްޓެވެ. އަދި މި ވަގުތު ދުނިޔޭގެ ބާޒާރަށް ބަލާއިރުގައި ވެސް އާފަލުގެ އަގަށާއި ސަޕްލައިއަށް ބަދަލެއް އައިސްފައި ނުވާކަން ވިޔަފާރިވެރިން ފާހަގަކުރެއެވެ.
ބާޒާރުގައި އާފަލާއި އޮރެންޖް ނުވަރުފިޔާ ލާރިކޮޅަކަށް ވިއްކަން ހުރި އިރު، އޭގެ ބައެއް އަގުތައް ދައްކުވައިދޭ ވީޑިއޯ ފުޓޭޖެއް ޓެގް ކުރައްވާ، ކުރެއްވި ޕޯސްޓުގައި އައްބާސް ވިދާޅުވީ ތަކެތީގެ އަގު އަތްނުފޯރާ ފަށަށް ގޮސް ރައްޔިތުން ހަނާވާއިރު ވަކި މީހަކު ރުއްސަން ނުވަތަ ސަރުކާރުގެ ތެރެއިން ރައްޔިތުންގެ ޓެކުސް ފައިސާއިން ނަހަމަ މަންފާ ހޯދަން ޖަގަހަ ޖަލްސާގައި ދައްކާ އެއްވެސް ވާހަކައެއް ރައްޔިތުން ޤަބޫލެއްނުކުރާނެ ކަމަށެވެ.
އަދި ހަރުގެ ޖަލްސާގެ ޕޯޑިއަމް ތަކުގައި ވިދާޅުވާ ގޮތަށް ރައްޔިތުން ހައްލަން ވެރިކަން ކުރާ ޕާޓީ ކުދިންއަށް 8000 ރުފިޔާގެ ވަޒީފާ އެއް ދެއްވީމަ އެބައިމީހުންގެ އަނބިދަރިންގޮވައިގެން ބަޑުފުރާ މުތީކޮށްގެން ދިރިއުޅުމުގެ ހަރަދު ބަރަދު ކުރެވޭނެތޯ އައްބާސް ވަނީ ސުވާލު އުފައްދަވާފައެވެ.
ތަކެތީގެ އަގު މިހިސާބައް ގޮސް ރައްޔިތުން ހަނާވާއިރު ވަކި މީހަކު ރުއްސަން ނުވަތަ ސަރުކާރުގެ ތެރެއިން ރައްޔިތުންގެ ޓެކުސް ފައިސާއިން ނަހަމަ މަންފާ ހޯދަން ޖަގަހަ ޖަލްސާގައި ތިދައްކާ އެއްވެސް ވާހަކައެއް ރައްޔިތުން ޤަބޫލެއްނުކުރާނެ..ތިވިދާޅުވާ ގޮތަށް ރައްޔިތުން ހައްލަން ޕާޓީ ކުދިންއަށް 8000 ރުފިޔާގެ ވަޒީފާ އެއް ދެއްވީމަ އެބާމީހުންގެ އަނބިދަރިންގޮވައިގެން ބަޑުފުރާ މުތީކޮށްގެން ދިރިއުޅުމުގެ ހަރަދު ބަރަދު ކުރެވޭނެތޯ؟
ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އައްބާސް![]()
ތަކެތީގެ އަގު މިހިސާބައް ގޮސް ރައްޔިތުން ހަނާވާއިރު ވަކި މީހަކު ރުއްސަން ނުވަތަ ސަރުކާރުގެ ތެރެއިން ރައްޔިތުންގެ ޓެކުސް ފައިސާއިން ނަހަމަ މަންފާ ހޯދަން ޖަގަހަ ޖަލްސާގައި ތިދައްކާ އެއްވެސް ވާހަކައެއް ރައްޔިތުން ޤަބޫލެއްނުކުރާނެ..ތިވިދާޅުވާ ގޮތަށް ރައްޔިތުން ހައްލަން ޕާޓީ… pic.twitter.com/fG6APIyvxT
— Mohamed Abbas (@Abbasvelidhoo) July 17, 2025
އައްބާސް މިފަދައިން ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ ފަރާތުން ބޭއްވި ހަރުގެ ޖަލްސާގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ޕާޓީގެ ވެރިކަމެއް ފަށައި ޕާޓީގެ މެންބަރަކަށް ވަޒީފާ ލިބޭނެގޮތް ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.
ބުރާސްފަތި ދުވަހުގެ ރޭ ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ބާރަށު ދާއިރާގެ މެމްބަރު ސުޖާއު ވިދާޅުވީ ޕީޕީއެމް އުވާލާ ކުރިން ރާވާފައި އޮތްގޮތަށް އެއް ޕާޓީއަކަށް ޕާޓީ ބަދަލުކޮށް ޕާޓީގެ އެތެރޭގެ ހުރިހާ ގުނަންތަކެއް ރަނގަޅަށް ގިރިސްޖަހާ އިސްކުރުތައް ބާރުކޮށް މި ފަށަނީ ޕާޓީގެ ވެރިކަމެއް ކަމަށެވެ.
އަދި ޕާޓީގެ މެންބަރަކަށް ވަޒީފާއެއް ނުލިބިއްޖެނަމަ އޮންނަ އުސޫލުގެ ތެރެއިން އެމީހަކަށް ވަޒީފާ ލިބޭނެ ކަމަށާއި، އެއީ ޕާޓީ ވެރިކަން ކުރަން އުޅުއްވާތީ ކަމަށް ވަނީ ވިދާޅުވެފައެވެ.