ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މަގާމުން ވަކިކުރުމަށް އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލާގައި ބަހުސްކޮށް ޖަވާބުދާރީވުމަށް ޖުމްލަ ދޮޅުގަޑިއިރު ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ނިންމައިފި އެވެ.
އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެމްޑީޕީގެ ފަރާތުން ހުށަހެޅީ މިދިޔަ މަހުގެ 17ގައެވެ.
އެމްޑީޕީން މިނިސްޓަރު އިހުސާންގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި މައިގަނޑު ދެ ސަބަބުގެ ތެރޭައި ހިމެނެނީ ހޯމްލޭންޑު މިނިސްޓްރީގެ ދަށުގައިވާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގައި ހުރި އާންމުންގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށް، ވެރިކަން ކުރާ ޕީއެންސީއަށް މެންބަރުން ވެއްދުމަށް ސައްހަ ނޫން ފޯމް ފުރައި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުގައި އިހުސާން އިސްކޮށް ހުންނެވި ކަމަށް ތުހުމަތުކުރުމާއި އެކު ބިދޭސީން ގެންނަން ކޯޓާ ދޫކުރުމުގެ މަސައްކަތުގެ ތެރެއިން ކޮރަޕްޝަނަށް ތުހުމަތުވާ ކަންކަން އިހުސާން ކުރައްވަމުން ގެންދަވާ ކަމުގެ ތުހުމަތެވެ.
މި މައްސަލާފައި ވަގުތު ކަނޑައެޅުމާ ގުޅޭ ގޮތުން މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފައި ވާއިރު، އެ ބައްދަލުވުމުގައި ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު ހުށަހެޅުއްވީ މި މައްސަލައިގެ މަސައްކަތަކަށް ދޮޅު ގަޑިއިރު ކަނޑައެލުމަށެވެ. އެއީ މިނިސްޓަރު އިހުސާން ޖަވާބުދާރީ ވުމަށް އެއް ގަޑިއިރު، އަދި ޕާޓީތަކަށް މި މައްސަލާގައި ބަހުސްކުރުމަށް 30 މިނެޓެވެ.
ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު ހުށަހެޅުއްވި އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އަލިފުށި ދާއިރާގެ ޕީއެންސީ މެންބަރު އަބްދުލްލަތީފް އަބްދުއްރަހްމާން އެވެ. ހުށަހެޅުން ފާސްވީ 10 މެންބަރުންގެ ތެރެއިން ނުވަ މެންބަރުންގެ ތާއީދާއެކު އެވެ. ދެކޮޅަށް ވޯޓު ދެއްވީ ކޮމިޓީގައި އެމްޑީޕީ ތަމްސީލު ކުރައްވާ ކަނޑިތީމް ދާއިރާގެ މެންބަރު އަމީން ފައިސަލް އެވެ.
ވޯޓަށް އެހުމުން އަމީން ފައިސަލް އެ ހުށަހެޅުއްވުމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅު ކުރައްވައި ވިދާޅުވީ ގަވައިދުގައިވާ ގޮތުން ވަޒީރަށް ދޭން ޖެހެނީ 30 މިނެޓު ކަމަށާއި ހުށަހަޅާފައިވާ ހުށަހެޅުމުގައި 1 ގަޑިއިރު ވަޒީރަށް ދިނުމަށް އޮތް އިރު އޭނާއަށް އެ ލިބެނީ އަނެއްކާ އިތުރު 30 މިނެޓުކަމުގައެވެ. އަދި އޭގެ ސަބަބުން މަޖިލީހުގެ 93 މެންބަރުންނަށް ލިބޭ ވަގުތު މަދުވުމަކީ ކަންބޮޑުވުމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އަދި މި މައްސަހުށަހެޅި އިދިކޮޅު ޕާޓީ އެމްޑީޕީން ވެސް މިކަމުގައި ދައްކާނެ ގިނަ ވާހަތަކެއް ހުންނާނޭ ކަމަށާއި އެގޮތުން އެ ހުށަހެޅުމުގެ ސަބަބުން އެމްޑީޕީއަށް ލިބޭ ވަގުތު ވެސް ވަރަށް ކުޑަވެގެންދާނެ ކަމަށެވެ. އަދި މިހާރު އެ ހުށަހެޅުން އޮތްގޮތުން ވަޒީރަށް ދިފާއުވުމަށް ލިބޭ ވަގުތު އިތުރު ވެގެންދާނެ ކަަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
އިތުރަށް އަމީން ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ އޮތީ ސަރުކާރު ޕާޓީ ޕީއެންސީއަށް ކަމަށާއި އެހެންކަމުން ކަން ނިމިގެންދާނީ އެ ޕާޓީން ބޭނުންވާ ގޮތަށް ކަމަށެވެ. ކަން މިހެން އޮތް ނަމަވެސް އެ ނިންމުމަށް އިހުތިރާމް ކުރާކަމަށާއި އެކަމަކު ވެސް މިއީ ކަންބޮޑުވެމެއްކަމަށް އަމީން ވިދާޅުވި އެވެ.
މި ހުށައެޅުއްވުން ދިފާއު ކުރައްވާ ރިޔާސަތުގައި އިންނެވި ކޮމިޓީގެ މުގައްރިރު، ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވީ މިކަމުގައި އެންމެ އިސްކަމެއް ދޭން ޖެހޭނީ ހަމަ ވަޒީރަށް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށާއި އެއީ ވަޒީރާ ބެހޭ ގޮތުން ވަރަށް ބޮޑެތި ތުހުމަތުތަކެއްކޮށް އިތުބާރު ނެތް ކަމުގެ މައްސަލައަކަށް ވާތީ ކަމަށެވެ.