އިއުލާނު ކުރުމެއް ނެތި ހުޅުމާލޭގައި ހުރި ހުސް ބިންތައް އަމިއްލަ ފަރާތްތަކަށް ވިއްކާލައިފި އެވެ.
އެ ބިންތައް ވިއްކާލާފައިވާ ފަރާތްތަކުގެ ތެރޭގައި ރިއަލް އެސްޓޭޓާއި އުމްރާނީ ތަރައްޤީ އާއި ގުޅުން ހުރި މަޝްރޫޢުތައް ހިނގަމުން އަންނަ ކުންފުނިތަކެވެ. އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދީފައިވާ ގޮތުގައި ބިންތައް ވިއްކާލާފައިވާ ފަރާތްތަކުގެ ތެރޭގައި ސަރުކާރުގެ އިސް ބައެއް ފަރާތްތަކާއި ގާތް ގުޅުމެއް އޮންނަ ފަރާތްތަކުގެ މަސްލަހަތު ހިމެނޭ ކުންފުނިތައް ހުރިކަމަށެވެ.
މި ބިންތައް ދޫކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި ބޭރުގެ ކުންފުނިތައް ވެސް ހިމެނޭ އިރު ހުޅުމާލެ އިން ވިއްކާލި ބިންތައް ވިއްކާލި އަގެއް ސާފެއް ނޫނެވެ. ވިއްކާލާފައިވާ ބިންތަކުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕްރިންސިޕަލް އެޑްވައިޒާ އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓު މުހައްމަދު އަލީ ޖަނާހު އަށް ކުރިން ދީފައިވާ ބިން ހިމެނެ އެވެ.
މި ބިންތައް ވިއްކާލީ ކޮން ޝަރުތުތަކަކާއި އެކު ކަމާއި ބިމުގެ އިތުރު ތަފްސީލްތައް ވެސް އެޗްޑީސީ އިން މިހާތަނަށް އައި އިރު ހާމަ އެއް ނުވެ އެވެ. މިފަދައިން ބިންތައް ވިއްކާލާފައިވާ އިރު އެޗްޑީސީ އަށް މީގެ ކުރިން ވެސް ވަނީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފަ އެވެ.
މި ވެރިކަމުގައި، އެޗްޑީސީ އިން އުސޫލާއި ޚިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބިމުގެ މުއާމަލާތްތައް ހިންގާފައިވާ މައްސަލަ މީގެ ކުރިން ވެސް ފެންމަތިވެފައި ވެއެވެ.
އޭގެ އިތުރުން ވެސް ޗައިނާގެ ކުންފުނިތަކަކަށް ބިންތަކެއް ދިނުމަށް ރައީސް އޮފީހުން އަންގައިގެން ހުޅުމާލޭގެ ކަންކަން ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން މަސައްކަތް ކުރަމުންދާކަން ވެސް ވަނީ އަދަދު އަށް އެނގިފަ އެވެ.
އިއުލާނު ކުރުމެއް ނެތި ވިޔަފާރީގެ ބޭނުމަށް ހުޅުމާލޭން ގިނަ ބިންތަކެއް އެޗްޑީސީ އިން ދޫކުރަމުންދާ އިރު އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށާއި، ނުފޫޒު ގަދަ ފަރާތްތަކާއި އެކު ގޮތް ނޭނގޭ ޑީލްތައް ހެދުމަށް މި ބިންތައް ބޭނުން ކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ. އަދި މިފަދަ ކަންކަމާއި ގުޅުން ހުރި މައްސަލަތައް އޭސީސީ އަށް ހުށަހަޅާފައި ވީ ނަމަވެސް އެ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާކަން ފާހަގަކޮށްލެވެ އެވެ.