އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އައި ހަނގުރާމަ ހުއްޓާލުމަށް އެކުލަވާލި އެއްބަސްވުމުގެ ފުރަތަމަ ފިޔަވައްސަށް އަމަލުކޮށް ނިމިފައިވާ ކަމަށް އެމެރިކާގެ އިސްވެރިން ބުނެފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ލަފާދޭ އިސް ފަރާތްތަކުން ބުނެފައި ވަނީ، ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕްގެ އިސްނެގުމުގެ މަތިން ސޮއި ކޮށްފައިވާ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި މިހާރު ނިމިފަައިވާ ކަމަށެވެ. އަދި ދެން އޮތް ފިޔަވަހީގަައި ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ފަންނީ ފަލަސްޠީނު އިދާރާ އެއް އުފެއްދުމަށް ރޭވިފައިވާ ކަމަށް ވެސް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އެ ފަރާތްތަކުން ބުނެފައި ވަނީ މިވަގުތު އެންމެ އިސްކަމެއް ދެވެނީ ހަނގުރާމައިގެ ޙަރަކާތްތައް ހުއްޓުވުމަށާއި، ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި، މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް އަނބުރާ ގެނައުމާއި އަދި ޣައްޒާ އަލުން އާރާސްތު ކުރުމުގެ މަސައްކަތް ފެށުމަށް މަގު ފަހި ކުރުމަށް ކަމަށެވެ.
އެއްބަސްވުމުގައި ހަމާސްގެ ހަތިޔާރު އެ ޖަމާއަތުން ބަހައްޓަން ޖެހޭނެ ކަމަށް ބުނެފައި ވީ ނަމަވެސް، ހަމާސް އިން ވަނީ އެކަމާ އިންކާރު ކޮށްފަ އެވެ. އެކަމާ ގުޅޭ ގޮތުން އެމެރިކާގެ އިސް އޮފިޝަލުން ބުނެފައި ވަނީ، ހަމާސް އިން ވަނީ ހަނގުރާމަ ހުއްޓާލުމުގެ ހުރިހާ ޝަރުތަކަށް ފުރިހަމަ އަށް އެއްބަސްވެފައި ކަމަށެވެ.
ބައިނަލްއަޤްވާމީ ސަލާމަތީ ބާރާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އެ މީހުން ބުނެފައި ވަނީ. އެކި ޤައުމުތަކުގެ މުވައްޒަފުން ހިމެނޭ މި ބާރުގައި ބައިވެރިވުމަށް އިންޑޮނޭޝިއާ، ޔޫއޭއީ، މިޞްރު، ޤަޠަރު އަދި އަޒަރުބައިޖާން ފަދަ ޤައުމުތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.