އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޣައްޒާގެ ސުލްހައިގެ ޕްލޭނަށް އދ ގެ ސަލާމަތީ މަޖިލީހުން ތާއީދުކޮށް ފާސްކޮށްފި އެވެ.
ގަރާރަށް ތާއީދުކޮށް ސެކިއުރިޓީ ކައުންސިލްގެ 13 މެންބަރުން ވޯޓު ދިން އިރު، ރަޝިއާ އާއި ޗައިނާ އިން ވަކިކޮޅަކަށް ވޯޓެއް ނުދެ އެވެ. އަދި ވީޓޯގެ ބާރު ވެސް ބޭނުން ނުކުރެ އެވެ.
ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "އޭނާ ރިޔާސަތު ބަލަހައްޓަވާ ބޯޑް އޮފް ޕީސްގެ އަގުވަޒަން ކޮށް ތާއީދު ކުރުމުގެ ވޯޓަކީ، އދ. ގެ ތާރީޚުގައި ލިބުނު އެންމެ ބޮޑު ތާއީދުތަކުގެ ތެރެއިން އެއް ތައީދު ކަމަށާއި، އަދި މިއީ މުޅި ދުނިޔެއަށް އިތުރު ސުލްހަ ގެނެސްދޭނެ ކަމެއް ކަމަށެވެ.
އދ. ގައި ހުންނަވާ އެމެރިކާގެ ސަފީރު މައިކް ވޯލްޓްޒް ވޯޓުގެ ފަހުން ވިދާޅުވީ މި ގަރާރަކީ ޣައްޒާ ކުރިއަރައި ދިއުމަށް ފުރުސަތު ދޭނެ އަދި އިޒްރޭލަށް ސަލާމަތާއެކު ދިރިއުޅެވޭނެ މާހައުލެއް ގާއިމުކޮށްދޭނެ އިތުރު މުހިންމު ފިޔަވަޅެއް ކަމަށެވެ. ނަމަވެސް ހަމާސް އަށް، ޣައްޒާގައި ވެރިކަން ކުރުމުގެ ދައުރެއް ނުދެވޭ ގޮތަށް އޮތުމުން، އެ ގަރާރަކީ ފަލަސްތީނުންގެ "ސިޔާސީ އަދި އިންސާނީ ޑިމާންޑްތަކާއި ހައްގުތައް" ނުހިމެނޭ ގަރާރެއް ކަމަށް އެ ޖަމާއަތުން ވަނީ ބުނެފަ އެވެ.
މަތީ ފަންތީގެ މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން އެތައް ފަހަރު އިސްލާހު ކުރި މި ގަރާރުން، އެމެރިކާގެ ރައީސްގެ ޕްލޭނަށް ތާއިދު ކުރެ އެވެ. ސުލްހައިގެ ޕްލޭނުން އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް (އައިއެސްއެފް) އުފެއްދުމަށް ހުއްދަ ދެ އެވެ. އެއީ އިޒްރޭލާއި މިސްރާއި އާ ތަމްރީނު ލިބިފައިވާ ފަލަސްތީނު ފުލުހުންނާއެކު މަސައްކަތް ކޮށް، ސަރަހައްދީ ސަރަހައްދުތައް ރައްކާތެރި ކުރުމަށާއި ގާޒާއިން ހަތިޔާރުނައްތާލުމަށެވެ.
އައިއެސްއެފްގެ މެންޑޭޓުގައި ހިމެނެނީ ގްރޫޕުތަކުގެ ހަތިޔާރުތައް ދާއިމީ ގޮތުން ނައްތާލުމާއި، ރައްޔިތުން ރައްކާތެރި ކުރުމާއި އިންސާނީ އެހީގެ ކޮރިޑޯތައް ރައްކާތެރި ކުރުމުގެ މަސައްކަތް ކުރުމުގެ މެންޑޭޓެކެވެ.
އަދި މި ގަރާރުން"ބޯޑް އޮފް ޕީސް" އުފެއްދުމަށް ވެސް ހުއްދަ ދެއެވެ. "ބޯޑް އޮފް ޕީސް ގާއިމުކުރުމަށް" ހުށަހަޅާފައިވާ އިރު، އެ ބޯޑަކީ ޣައްޒާގެ އިންތިގާލީ ވެރިކަން ކުރާ އިދާރާއެއް ގާއިމްކުރުމަށްފަހު ޓްރަމްޕް ރިޔާސަތު ބަލަހައްޓާ ގޮތަށް 2027 ވަނަ އަހަރުގެ ނިޔަލަށް މެންޑޭޓެއް ހިމެނޭ ބޯޑެކެވެ. އަދި މުސްތަގުބަލުގައި ފަލަސްތީނު ސަރުކާރެއް އުފެދިދާނެކަމުގެ ވާހަކަ ޑްރާފްޓުގައި ހިމެނުނު ނަމަވެސް ފާސްކުރި ގަރާރުގައި އެކަސް ސާފު އިބާރާތުން ބުނެފައި ނުވެ އެވެ.