އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި 13 މިލިއަން ސިނގިރޭޓުގެ މައްސަލައިގައި ހައްޔަރު ކުރި މުއާޒު އަލީ މިފްކޯއިން ސަސްޕެންޑުކޮށްފި އެވެ.
މުއާޒު އަލީއަކީ މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓުމެންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.
މުއާޒު ބުދަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ސަސްޕެންޑު ކުރިއިރު 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ވަގަށް ބޭރުކުރުމުގެ ވައްކަމުގެ އޮޕަރޭޝަން ރާވައި ހިންގުމުގެ ތުހުމަތުގައި އޭނާ ވަނީ އަންގާރަ ދުވަހުގެ ރޭ ހައްޔަރުކޮށް، ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން ބުދަ ދުވަހު ފަސް ދުވަސް ޖަހައިފަ އެވެ.
މިފްކޯގެ މެނޭޖިން ޑިރެކްޓަރު، ފަރުހަތު ޝަހީރު ސޮއި ކުރައްވައި ނެރުއްވި މެމޯގައި ބުނެފައިވަނީ މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީގެ މައްސަލަތަކެއް ދައުލަތުގެ އިދާރާތަކުން ބަލަން ފަށާފައިވާއިރު، އެ ކަންކަން އިދާރީގޮތުން ކުންފުނިން ތަހުގީގުކުރަމުންދާތީ، މިފްކޯގެ މުވައްޒަފުންނާބެހޭ ގަވާއިދުގެ ދަށުން، 30 ދުވަހުގެ މުއްދަތަށް މުއާޒު އަލީ ވަނީ ވަޒީފާއިން ސަސްޕެންޑް ކުރެވިފައިވާ ކަމަށެވެ. އަދި ކުންފުނީގެ ވެރިންނާއި މުވައްޒަފުންނަށް އެކަން އަންގައިފައިވާ ކަމަށް ވެސް މެމޯގައި ބުނެފައި ވެއެވެ.
އެ ކުންފުނިން ބުނީ، މުއާޒުގެ ސަސްޕެންޝަނާ ގުޅިގެން މިފްކޯގެ މަސައްކަތްތަކަށް ބުރޫނާރާނެކަން ކަށަވަރު ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އިންޖިނިއަރިން ޑިޕާޓްމަންޓުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް، މެނޭޖަރު މުޙައްމަދު ޝަމީމާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އިންޖިނިއަރިން ޔުނިޓް، ކޮންސަލްޓެންޓް އިންޖިނިއަރު އުބައިދުﷲ ޙުސައިންއާ ހަވާލުކޮށްފައިވާ ކަމަށް ވެސް މެމޯގައި ވެއެވެ.
ހިނގައިގެން އުޅޭ މައްސަލަތަކާ މިފްކޯއާ ގުޅުމެއް ނެތް ކަމުގައި ވީނަމަވެސް ކުންފުނީގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ނަޒާހަތްތެރިކަމާ ގުޅުންހުރި މައްސަލަތަކަކީ މެނޭޖްމަންޓުން ވަރަށް ސީރިއަސްކޮށް ނަގާ މައްސަލަތަކެއް ކަމަށް ވަނީ ބުނެފަ އެވެ.
އަދި ބުނީ ކުންފުނީގެ އިތުބާރާއި ގަދަރު ހިފެހެއްޓުމަށްޓަކައި އާ ރޫހެއްގައި ކުރަމުންދާ މަސައްކަތްތަކާއެކު އަޅަންޖެހޭ މިފަދަ ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަގީންކަން މެނޭޖްމަންޓުން ރައްޔިތުންނަށް ދޭ ކަމަށެވެ. ރާއްޖޭގެ ގާނޫނުތަކާއި، ކޯޕަރޭޓް ގަވާނެންސްގެ އުސޫލުތަކާއި، ކުންފުނީގެ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރިއަށް އޮތް ތަނުގައި ވެސް އަޅަމުންދާނެ ކަމަށްވެސް ބުންޏެވެ.
ރާއްޖޭގެ ގާނޫނުތަކާއި، ކޯޕަރޭޓް ގަވަނެންސްގެ އުސޫލުތަކާއި، ކުންފުނީގެ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރިއަށް އޮތް ތަނުގައި ވެސް އަޅަމުންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ކަސްޓަމްސްގެ ސީނިއާ ސުޕްރިންޓެންޑެންޓެއްގެ މަގާމުގައި ހުރެގެން، ރާއްޖެ އަށް 430 ސިނގިރޭޓް ކޭސް އެތެރެކުރުމުގައި ރިޝްވަތަށް އެދުނު ކަމުގެ ތުހުމަތުގައި މުއާޒުގެ މައްޗަށް ދައުވާ ކޮށްދޭން އޭސީސީ އިން މިދިޔަ ހަފުތާގައި އޮތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވައިފަ އެވެ.
ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި މިދިޔަ އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓް ގެއްލުނު މައްސަލާގައި ދެން ހައްޔަރުކުރީ މުއާޒުގެ އިތުރުން މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ކަސްޓަމްގެ މިހާރުގެ ވެސް އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް އެވެ. ޒިވާރަކީ ހުޅުމާލެ ޕޯޓުގެ އިސް މުވައްޒަފެވެ.
މި ހަތަރު މީހުންނަށް ވެސް ކުރަނީ ސިނގިރޭޓް ވައްކަމުގެ އޮޕަރޭޝަން ރާވައި ހިންގުމުގެ ތުހުމަތެވެ.