Advertisement
ކ. މާލެ
|
22 ނޮވެންބަރ 2025 | ހޮނިހިރު 08:47
މީގެ ކުރިން ކަސްޓަމްސް އިން ހިފެހެއްޓި ރާއްޖެ އަށް ގަވައިދާ ހިލާފަށް އެތެރެކޮށްފައިވާ ސިނގިރޭޓް ތަކެއް - (ފައިލް ފޮޓޯ)
މީގެ ކުރިން ކަސްޓަމްސް އިން ހިފެހެއްޓި ރާއްޖެ އަށް ގަވައިދާ ހިލާފަށް އެތެރެކޮށްފައިވާ ސިނގިރޭޓް ތަކެއް - (ފައިލް ފޮޓޯ)
މޯލްޑިވްސް ކަސްޓަމްސް ސާރވިސް
ސިގިރޭޓް ވައްކަން
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
މި ސިނގިރޭޓުތައް ގެއްލުނުކަން އެނގުނީ އެ ފޮށިގަނޑު ހުޅުވާފައި ހުރުމުން، ފުލުހުން އެ ފޮށިގަނޑު ބަލާ ފާސްކުރުމުން
ސިނގިރޭޓު ބަހައްޓާފައި ހުރި ވިލިމާލެ ޕޮލިސްގެ ދެވަނަ ފަންގިފިލާގައި ސީސީޓީވީ ކެމެރާ ވެސް ހަރުކުރެވި ނުވާކަމަށް މައުލޫމާތު ލިބޭ
ފުލުހުންގެ މީޑިއާ އިން ވަނީ މި ފަދަ ކަމެއް ހިނގައިގެން އުޅޭކަން ރާއްޖެ އެމްވީ އަށް ކަށަވަރު ކޮށްދީފަ

ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ކާޓުންތައް ވަގަށް ނަގައިފި އެވެ.

ފުލުހުންގެ މީޑިއާ އިން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން ވަނީ، މި ފަދަ ކަމެއް ހިނގައިގެން އުޅޭކަން ކަށަވަރު ކޮށްދީފަ އެވެ. ނަމަވެސް މި މައްސަލައާ ގުޅޭ ބައެއް ކަންކަން އަދި އިތުރަށް ކަށަވަރުކުރަން ފުލުހުންނަށް ވަގުތު ބޭނުންވާތީ، އިތުރު ތަފްސީލުތައް ފަހުގެ ވަގުތެއްގައި ހާމަ ކުރާނެ ކަމަށް ފުލުހުންގެ މީޑިއާގެ ފަރާތުން ބުނެފައިވެ އެވެ.

ރާއްޖެ އެމްވީ އަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ވަގަށް ނަގާފައިވަނީ މެންޗެސްޓާ ބްރޭންޑުގެ 31 ކާޓުން ސިނގިރޭޓެވެ. މި ސިނގިރޭޓުތަކަކީ ފުލުހުން ތިލަފުށިން ހޯދާފައިވާ ސިނގިރޭޓުތަކެއް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. މި ސިނގިރޭޓު ތައް ވިލިމާލެ ޕޮލިސް ސްޓޭޝަން ގައި ބަހައްޓާފައި ހުރީ ފޮށިގަނޑެއްގެ ތެރޭގަ އެވެ.

މި ސިނގިރޭޓުތައް ގެއްލުނުކަން އެނގުނީ އެ ފޮށިގަނޑު ހުޅުވާފައި ހުރުމުން، ފުލުހުން އެ ފޮށިގަނޑު ބަލާ ފާސްކުރުމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުން، މި ފޮށިގަނޑު ބަހައްޓާފައި ހުރި ވިލިމާލެ ޕޮލިސްގެ ދެވަނަ ފަންގިފިލާ އަކީ ސީސީޓީވީ ކެމެރާ ވެސް ހަރުކުރެވިފައިވާ ތަނެއް ނޫނެވެ.

މިކަމާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކުރިކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެ އެވެ. ފުލުހުން މި މައްސަލަ ބަލަމުން އަންނަ ކަމަށާއި، މި މައްސަލައާ ގުޅޭ އިތުރު ތަފްސީލުތައް ފަހުން ހާމަކުރާނެ ކަމަށް ފުލުހުންގެ މީޑިއާ އިން ބުނެފައިވެ އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ގިނަ ސިނގިރޭޓުތަކެއް އަނެއްކާވެސް ގެއްލިފައި ވާއިރު، މީގެ ކުރިން އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުއްޓާ ވަގަށް ނެގި 13 މިލިއަން ސިނގިރޭޓުން އެންމެ ސިނގިރޭޓެއް ވެސް ފުލުހުންނަށް ހޯދިފައެއް ނުވެ އެވެ. ގަވައިދާ ހިލާފަށް އެތެރެކޮށްފައި ހުންނަ ސިނގިރޭޓު މިގޮތަށް ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ވަގަށް ނެގުން އާންމު ވުމުން މިކަމުގައި ދައުލަތުގެ އިސް ފަރާތްތަކުގެ ބޮޑު ހިއްސާއެއް ވާކަމަށް ގިނަ ބަޔަކު ފާހަގަކުރެ އެވެ.

ރައީސް މުއިއްޒު ސިނގިރޭޓުގެ އަގު ބޮޑު ކުރީ އެއްވެސް ކަހަލަ އިހްލާސްތެރި ނިޔަތެއް އޮވެގެނެއް ނޫން ކަމަށާއި، އެކަން ކުރީ ސިނގިރޭޓުގެ ވަގު ވިޔަފާރި ކުރުމުގެ ފުރުސަތުތައް އެމަނިކުފާނުގެ އަރިސް ބޭފުޅުންނަށް ފަހި ކޮށްދިނުމުގެ ބޭނުމުގައި ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

- ކޮމެންޓް