އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން، ޣައްޒާ ސިޓީ އިން 900،000 (ނުވަ ލައްކަ) އަށް ވުރެ ގިނަ މީހުން އެހެން ސަރަހައްދު ތަަކަށް ބަދަލުވެފައިވާ ކަމަށް އިސްރާއީލްގެ ޑިފެންސް މިނިސްޓަރު، އިސްރާއީލް ކާޓްޒް ވިދާޅުވެއްޖެ އެވެ.
ޖެރޫސަލަމްގައި ދެއްކެވި ވާހަކައިގައި ކާޓްޒް ވިދާޅުވި ގޮތުގައި އިސްރާއީލް އިން ޣައްޒާ ސިޓީ ހިފުމަށް ނިންމުމާއި، އުސް އިމާރާތްތައް ވެއްޓުމާއި، އިސްރާއީލް އަސްކަރިއްޔާގެ ޙަރަކާތްތައް އިތުރުވުމާ ގުޅިގެން ގާތް ގަނޑަކަށް ނުވަ ލައްކަ ރައްޔިތުން ދެކުނުން ހިޖުރަ ކޮށްފައިވާ ކަމަށެވެ.
އެކަން ފާހަގަ ކުރައްވައި ވާހަކަ ދައްކަމުން ކާޓްޒް ވިދާޅުވީ އެކަމުގެ ސަބަބުން ފަލަސްޠީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތަށް އެހީތެރިވަމުން އަންނަ ޤައުމު ތަކަށް ބޮޑު ފިއްތުން ތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
މުޅި ޣައްޒާ ސިޓީ އިސްރާއީލްގެ ބެލުމުގެ ދަށަށް ގެނައުމަށް ފާސްކޮށް، އިސްރާއީލް އިން ޣައްޒާ ހަނގުރާމަ ފުޅާ ކުރުމަށް ނިންމީ މިދިޔަ އޯގަސްޓު މަހުގެ ތެރޭގަ އެވެ. އެ ހަމަލާތައް ދޭން ފެށުމުގެ ކުރިން އދ އިން ލަފާ ކޮށްފައިވާ ގޮތުގައި ޣައްޒާ ސިޓީ އާއި އެ ސިޓީ ވަށައިގެންވާ ސަރަހައްދު ތަކުގައި އެއް މިލިއަނަށް ވުރެ ގިނަ މީހުން ދިރި އުޅެމުން ގެންދިޔަ އެވެ.
ޣައްޒާ ސިޓީ އަކީ ޣައްޒާ ސްޓްރިޕްގެ އެންމެ ބޮޑު އާބާދީ އޮންނަ ސަރަހައްދެވެ. އެ ސަރަހައްދުގައި އިސްރާއީލްގެ ހަމަލާތައް ފުޅާ ކޮށްފައިވާއިރު، ކޮންމެ ދުވަހަކު ވެސް އިސްރާއީލް އިން އަންނަނީ އެތައް ހަމަލާތަކެއް ދެމުންނެވެ.
މި ހިޖުރައިގެ ސަބަބުން ޣައްޒާގެ ދެކުނު ސަރަހައްދު ތަކުގައި އިންސާނީ ޙާލަތު ދަށަށް ގޮސް، ކެއުމާއި ބޯފެން އަދި އެހެނިހެން އަސާސީ ޚިދުމަތްތައް ލިބުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް އިންސާނީ އެހީގެ ޖަމިއްޔާ ތަކުން ފާހަގަ ކުރެ އެވެ. އަދި މި ޙާލަތަކީ އިންސާނީ ބޮޑު ކާރިސާއެއްގެ ގޮތުގައި ބައިނަލްއަޤުވާމީ މުޖުތަމައުން ސިފަ ކުރަމުންދާ ޙާލަތެކެވެ.
އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި މިހާތަނަށް ވަނީ 60،000 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފަ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަ ކުދިންނެވެ. އިސްރާއީލްގެ ހަމަލާ ތަކުގައި މުޅި ޣައްޒާ ވަނީ އެއްކޮށް ފުނޑު ފުނޑުވެފަ އެވެ.