އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓުވުމަކަށް ގެނައުމަށްޓަކައި، އދ ގެ ސަލާމަތީ މަޖިލީހުގައި ނަގާ ވޯޓުގައި އެމެރިކާ އަށް ބޮޑު ޕްރެޝަރެއް ކުރިމަތިވެއްޖެ އެވެ.
ބުރާސްފަތި ދުވަހު އދ ގެ ސަލާމަތީ މަޖިލީހުގައި ނެގުމަށް ހަމަޖެހިފައިވާ ވޯޓަކީ، ޣައްޒާ އަށް އިންސާނީ އެހީ ފޯރުކޮށްދިނުމާއި، ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ވޯޓެކެވެ. މި ވޯޓުގައި މެމްބަރު ގިނަ ޤައުމު ތަކުން އެކަމަށް ތާއީދު ކުރާއިރު، އެމެރިކާ އިން ކުރިން ވެސް މި ފަދަ ވޯޓު ތަކުގައި ވީޓޯ ބޭނުން ކޮށްފައިވެ އެވެ.
ދާއިމީ މެމްބަރުންގެ ގޮތުގައި ނުހިމެނޭ 10 މެމްބަރުން މި ޤަރާތުގެ މަޝްވާރަތައް ފެށީ އޯގަސްޓު މަހުގެ ފަހު ކޮޅު އެވެ. މިއީ އދ އިން ޣައްޒާގައި ބަނޑުހައި ހޫނުކަން އޮތް ކަމަށް ރަސްމީކޮށް އިއުލާން ކުރުމާ ގުޅިގެން ހުށަހަޅާފައިވާ ޤަރާރެކެވެ. އަދި އިސްރާއީލްގެ ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އިންސާނީ ޙާލަތު އެއް ދުވަހުން އަނެއް ދުވަހަށް ގޯސްވަމުންދާ ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ.
ކުރިން ހުށަހަޅާފައިވާ ޑްރާފްޓުގައި މައިގަނޑު ގޮތެއްގައި އަލި އަޅުވާލާފައި ވަނީ އެހީ ފޯރުކޮށްދިނުމުގެ ހުރަސްތައް ނައްތާލުމަށެވެ. ނަމަވެސް، ޑިޕްލޮމެޓިކް ބައެއް މަސްދަރު ތަކުން އޭއެފްޕީ އަށް މައުލޫމާތު ދީފައިވާ ގޮތުގައި ފްރާންސް، އިނގިރޭސިވިލާތް އަދި ރަޝިޔާ އިން ދެކޭ ގޮތުގައި ހަމައެކަނި އިންސާނީ އެހީ އަށް އަމާޒުކޮށްގެން ނެގޭ ވޯޓަކުން އެއްވެސް ފައިދާއެއް ނުކުރާނެ އެވެ.
އެހެންވެ ބުރާސްފަތި ދުވަހު ނެގުމަށް ހަަމަޖެހިފައިވާ ވޯޓުގެ ޤަރާރުގައި އެހީ ފޯރުކޮށްދިނުމުގެ މަހު ތަނަވަސް ކުރުމުގެ އިތުރުން، ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި، ހަނގުރާމައިގައި ހިފެހެއްޓިފައިވާ މީހުން ދޫކޮށްލުމަށް ގޮވާލާފައިވެ އެވެ. މީގެ ކުރިން ެވސް، އެމެރިކާ އިން ވަނީ މި ފަދަ ހުށަހެޅުންތަކަށް އިންކާރު ކޮށްފަ އެވެ.
ޔޫރަޕިއަން ޑިޕްލޮމެޓެއް އޭއެފްޕީ އަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވަނީ، މިއީ އެމެެރިކާގެ ވީޓޯ އަށް ބޯލަނބާލުމުގެ ބަދަލުގައި ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި އެމެރިކާ އިން ވީޓޯ ބޭނުން ކުރާ ނަމަ، މުޅި ދުނިޔޭގެ ކުރިމަތީގައި އެކަން ސާފުކޮށް، އަދި ސާބިތުކޮށް ދައްކަން ޖެހޭނެ ކަމުގައި އޭނާ ވިދާޅުވެފައިވެ އެވެ.
އދ ގެ މިނިވަން ތަހުގީގު ކޮމިޝަނަކުން އަންގާރަ ދުވަހު ބުނެފައި ވަނީ، އިސްރާއީލް އިން ޣައްޒާގައި ހިންގަމުން ދަނީ ނަސްލު ނައްތާލުމުގެ ޖަރީމާއެއް ކަމަށެވެ. އެ ކޮމިޝަން އިން ބުނެފައިވާ ގޮތުގައޮ، އިސްރާއީލްގެ މަޤުސަދަކީ ފަލަސްޠީނުގެ ރައްޔިތުން ނައްތާލުމެވެ.
އދ. ގެ މިނިވަން ތަީގހުގީގު ކޮމިޝަނުން އަންގާރަ ދުވަހު ބުނެފައިވަނީ އިޒްރޭލުން ގާޒާގައި ހިންގަމުންދަނީ ނަސްލު ފޮހެލުމުގެ ޖަރީމާއެއް ކަމަށެވެ. މި ކޮމިޝަނުން ބުނާގޮތުގައި އިޒްރޭލުގެ މަގުސަދަކީ ފަލަސްތީނުގެ ރައްޔިތުން ނައްތާލުމެވެ.