އިސްރާއީލް ޤަތަރަށް ދިން ހަމަލާގެ ސަބަބުން، މެދު އިރުމަތީގެ މަޝްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައި ހަ ޤައުމެއްގެ އިސް ލީޑަރުން އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ.
އެ މަޝްވަރާތައް ކޮށްފައި ވަނީ ކެނެޑާ، ފްރާންސް، މިޞްރު، ޖޯޑަން، ޤަތަރު އަދި އިނގިރޭސިވިލާތުގެ ލީޑަރުންގެ ދެމެދުގަ އެވެ. މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންގެ އިސްނެގުމުގެ މަތީންނެވެ.
މަޝްވަރާތަކާ ގުޅޭ ގޮތުން ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ މަޝްވަރާ ތަކުގައި ބައިވެރިވި ހުރިހާ ލީޑަރުން ވެސް އެއްބަސްވެފައި ވަނީ ސަރަހައްދުގެ ސުލްހަ އާއި ސަލާމަތައް އިސްކަން ދިނުމުގެ މުހިންމު ކަމަށެވެ.
އޭގެ ތެރޭގައި ދެމެހެއްޓެނިވި ހަމަ ޖެހުމަކަށް ވާސިލުވުމާއި، ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައިވާ ހުރިހާ ރަހީނުން ދޫކޮށްލުމާއި، ހަމާސްގެ ހަތިޔާރު ނައްތާލުން ހިމެނެ އެވެ.
ހަމަ އެހެންމެ، ފަލަސްޠީނުގެ އާންމު ރައްޔިތުންނަށް ދިރިއުޅުމަށް ބޭނުންވާ އަސާސީ އެހީތެރިކަން ފޯރުކޮށްދިނުން އިތުރު ކުރުމުގެ މުހިންމު ކަމަށް ވެސް ޤައުމު ތަކުގެ ލީޑަރުން ވަނީ އަލި އަޅުވާލައްވައިފަ އެވެ. އެ މަޝްވަރާ ތަކަކީ ސަރަހައްދުގެ ހަމަޖެހުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މުހިންމު ބައްދަލުވުމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ވަނީ ފާހަގަ ކޮށްފަ އެވެ.
މަޝްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ފާހަގަ ކޮށްފައިވާ ގޮތުގައި އެ މަޝްވަރާ ތަކުގައި ބައިވެރިވެ ވަޑައިގެންނެވި ލީޑަރުން އެއްބަސްވެފައިވާ ކަންކަން ތަންފީޒު ކުރުމަށް އެ ޤައުމުތަކުން މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރެވެ އެވެ.
އަދި ހަމަ އެހެންމެ، ސަރަހައްދުގެ ހަމަޖެހުމަށްޓަކައި ބައިނަލްއަޤުވާމީ މުޖުތަމައުގެ އެއްބާރުލުން އިތުރަށް ބޭނުންވާ ކަމަށް ވެސް އެ މަޝްވަރާތަކުން ފާހަގަ ވެގެން ދިޔަ ކަމަށް ވަނީ ބުނެފަ އެވެ.