ރައީސް މުއިއްޒު އުޅުއްވަނީ މީޑިޔާތައް ތަޅު އެޅުވުމަށްފަހު، "ރެފަރަންޑަމް ބިލު" އިސްލާހުކޮށް ރިޔާސީ ދައުރު ދައްމާލަން ކަމަށް ޝެއިޚް އިމްރާން ވިދާޅުވެއްޖެ އެވެ.
ކުރީގެ ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވީ، ރައީސް މުޙައްމަދު މުއިއްޒު އަމާޒު ހިއްޕަވާފައި އެހުރީ މީޑިޔާތަކުގައި ތަޅުއެޅުވުމަށްފަހު ޚިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ބިލަށް ހުށައަޅުއްވައިގެން އުޅުއްވާ އިސްލާޙުގެ ނިވަލުގައި، ރިޔާސީ ދައުރު ދަންމާލުމަށެވެ. އަދި މި ނާތަހުޒީބު ޢަމަލުގެ ވާހަކަ މީޑިޔާ ތަކުން ދެއްކުމުގެ ފުރުސަތު އެއްކޮށް ބަންދުކޮށް ރައްޔިތުން ނިކަމެތިކޮށް އަމިއްލަ މަސްލަހަތާ ފައިދާ އަށް މުޅި ގައުމު ޤުރުބާން ކޮށްލުން ކަމުގައެވެ.
ހިރިނުލެވޭވަރަށް މީޑިޔާތަކުގައި ތަޅުއެޅުވުމަށް ރައީސް މުއިއްޒު ކުރައްވާ މަސައްކަތްޕުޅުގެ އަސްލު މަގުސަދަކީ ޚިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ބިލަށް ހުށައަޅުއްވައިގެން އުޅުއްވާ އިސްލާޙުގެ ނިވަލުގައި ރިޔާސީ ދައުރު ދަންމާލުމަށް ހިންގަވާ ނާތަހުޒީބު ޢަމަލުގެ ވާހަކަ މީޑިޔާ ތަކުން ދެއްކުމުގެ ފުރުސަތު އެއްކޮށް ބަންދުކޮށް ރައްޔިތުން ނިކަމެތިކޮށް އަމިއްލަ މަސްލަހަތާ ފައިދާ އަށް މުޅި ގައުމު ޤުރުބާން ކޮށްލުން
ކުރީގެ ހޯމް މިނިސްޓަރ، ޝެއިޚް އިމްރާން އަބްދުﷲ![]()
އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ޝެއިޚް އިމްރާން ފާހަގަކުރެއްވި ގޮތުގައި، ކުރެއްވިހާ ގިނަ ވަޢުދުތައް ނުފުއްދަވާ، ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރު ނުކޮށްދެއްވާ، މިނެއް ނެތި ދޮގު ހައްދަވަމުން ރައީސް މުއިއްޒު އެއުޅުއްވަނީ ރިޔާސީ ދައުރު ދަންމާލަން ކަމަށެވެ. މިއީ ރައީސް މުއިއްޒުގެ ހީލަތްތެރި ސިޔާސަތުގެ ދަށުން ރައްޔިތުންގެ ބާރުކަނޑުވާލުމަށް އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކުގެ ސިލްސިލާއަށް އިތުރުވެގެންދާ ބޮޅެއް ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.
މީޑިއާގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ރިޔާސީ ދައުރު ދަންމާލުގެ ބިލް ފާސްކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅުމަކުގައި ނުވެނުދާނެ.
— Imran Abdulla (@ShimranAb) September 4, 2025
ރައީސް މުއިއްޒު އަމާޒު ހިއްޕަވާފައި އެ ހުރީ މީޑިޔާތައް ހުއްޓުވުމަށްފަހު ރިޔާސީދައުރު ދައްމާލުމަށް.…
މި ނާޒުކު ދަނޑިވަޅުގައި ސިޔާސީ ޕާޓީތަކުގެ ދައުރު މުހިންމުކަން ފާހަގަކުރައްވަމުން، ޝެއިޚް އިމްރާން ގޮވާލެއްވީ ގައުމަށް ހެޔޮއެދޭ އެންމެހައި ފަރާތްތަކުން މިކަމުގައި އެއްބާރުލުން ދެއްވުމަށެވެ. އަދި ޤައުމާއި ރައްޔިތުންގެ މުސްތަޤްބަލް ހިމާޔަތްކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަންވެސް ޝެއިޚް އިމްރާން ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ފަރާތުން "ރެފަރަންޑަމް ބިލު" މަޖިލީހަށް ހުށަހެޅީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެވެ. ރައީސުލްޖުމްހޫރިއްޔާގެ ދައުރަކީ ފަސް އަހަރު ކަމަށް ގާނޫނުއަސާސީގައި ބުނާ މާއްދާ ބަދަލު ކުރަން އާންމުންގެ ވޯޓަކަށް ދެވޭ ގޮތަށް އޮތް މި ބިލުގެ ދިރާސާ ކުރާ ކޮމިޓީގެ ބައްދަލުވުންތައް ވަނީ ސިއްރުކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ދިރާސާކުރާ މިބިލުގެ މަސައްކަތް ކުރިއަށްދާ ގޮތް ސިއްރު ކުރި ސަބަބު އެ ކޮމެޓީން ހާމަކޮށްފައެއް ނުވެއެވެ.