ހައިވޭގައި ޕިކަޕެއް ފުރޮޅާލި އެކްސިޑެންޓްގައި ޕިކަޕު ދުއްވަންހުރި މިހާއަށް ފުލުހުން ފިޔަވަޅު އަޅައިފިއެވެ.
ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެމުން ބުނީ، އެކްސިޑެންޓް ވި ޕިކަޕް ދުއްވާފައިވަނީ ކަނޑައެޅިފައިވާ ސްޕީޑް ލިމިޓަށްވުރެ ބާރަށް ކަމަށާއި، އެކަމާ ގުޅިގެން ޕިކަޕު ދުއްވި ފަރާތާމެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ. ނަމަވެސް އެޅި ފިޔަވަޅުގެ ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލައިގެ ތަޙުޤީޤު މިހާރު ކުރިއަށްދާ ކަމަށް ފުލުހުން ބުނެއެވެ.
މިއެކްސިޑެންޓްގެ ރިޕޯޓް ފުލުހުންނަށް ކޮށްފައިވަނީ ހުކުރު ދުވަހު މެންދުރު 12:40 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ހުޅުމާލެ ހައިވޭގައި ހިނގި މި އެކްސިޑެންޓު ހިނގަން މެދުވެރިވީ، ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ޕިކަޕުގެ ފުރޮޅު ފަޅައިގެން ގޮސް ހައިވޭގެ ޑިވައިޑަރާ ޖެހި ޕިކަޕު ފުރޮޅާލައިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ. މި އެކްސިޑެންޓްގައި ޕިކަޕަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ. އަދި މި އެކްސިޑެންޓްގައި ޕިކަޕު ގޮސް ކާރެއްގައި ވެސް ޖެހިފައިވެއެެވެ. ނަމަވެސް ކާރަށް ބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ހައިވޭގައި ޕިކަޕެއް ފުރޮޅާލި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ދުވަހެއް ދުވަހަކަށް ތޮއްޖެހެމުންދާ މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތައް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. އެކްސިޑެންޓްތައް މަދުކުރުމަށް ފުލުހުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ދިޔަ ނަމަވެސް، އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭކަން ފާހަގަކުރެވެއެވެ. މިގޮތުން މާލެއާއި ސިނަމާލެ ބްރިޖުގައި ނުރައްކާތެރިކޮށް ދުއްވައިގެން ފާއިތުވި 10 މަސްދުވަހުގެ ތެރޭގައި 5,000 ފަހަރަށްވުރެ ގިނައިން ފިޔަވަޅު އަޅަންޖެހުނު ކަމަށް ފުލުހުން މިދިޔަ ޖުލައި މަހު ހާމަކޮށްފައިވެއެވެ.