ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ ހަތަރު މެންބަރަކާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސްކަން ކުރައްވާ މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވެސް މާލީ ބަޔާން ހާމަނުކުރާކަން އެނގިއްޖެ އެވެ.
މަޖިލީހުގެ އިދާރާއިން ވަނީ ޖުމްލަ 93 މެންބަރުންގެ ތެރެއިން 88 މެންބަރެއްގެ މާލީ ބަޔާން ހާމަކޮށްފައެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މެންބަރުން ހުވައިކުރާތާ އެއް އަހަރު ދުވަސް ފުރިހަމަވުމުން މާލީ ބަޔާން ހާމަކުރަންޖެހޭނެއެވެ. އެހެންވެ، މި ހިނގާ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހުށަހަޅުއްވަންޖެހޭނީ މޭ މަހުގެ 28ވަނަ ދުވަހަށް އެއް އަހަރު ފުރުމުން، މި މަހުގެ 31ވަނަ ދުވަހުގެ ކުރިންނެވެ.
މަޖިލީހުގެ އިދާރާއިން ބުދަ ދުވަހު ބުނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތަކުގެ ތެރެއިން މިހާތަނަށް އެ އިދާރާއަށް ލިބިފައިވާ ހުރިހާ މާލީ ބަޔާނެއް މިހާރު ހާމަކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް ފަސް މެންބަރަކު މާލީ ބަޔާން ހާމައެއް ނުކުރާ ކަމަށެވެ.
ނަމަވެސް މާލީ ބަޔާން މިހާތަނަށް ހުށަނާޅަނީ ކޮން މެންބަރުންނެއް ކަމެއް މަޖިލީހުގެ އިދާރާއަކުން ނުބުނެއެވެ.
އެހެންނަމަވެސް މަޖިލީހުގެ ވެބްސައިޓުގައި ވާގޮތުން މިހާރު މާލީ ބަޔާން ހާމަނުކުރަނީ ފަސް މެންބަރެކެވެ.
މަޖިލީހުގެ ސައިޓް ދައްކާ ގޮތުން މާލީ ބަޔާން ނެތް ފަސް މެންބަރުންނަކީ:
މަޖިލީހުގެ ގަވާއިދު މިހާރު އޮންނަ ގޮތުން މެންބަރަކަށް އިންތިހާބުވާއިރު މާލީ ބަޔާން ހުށަހަޅަން ނުޖެހޭތީ، މަގާމާ ހަވާލުވާއިރު މެންބަރުގެ މުއްސަނދިކަމާއި ދެން މެންބަރުކަމުގައި ހުންނަވާ އަހަރުތަކުގައި މުއްސަނދިކަން އިތުރުވާ މިންވަރެއް އެނގޭނެ ގޮތެއް ނޯވެ އެވެ. މި ކަމުގެ ކަންބޮޑުވުން ޓްރާންސްޕޭރެންސީ އާއި މަދަނީ ޖަމިއްޔާތަކުން ފާޅުކޮށްފައިވެ އެވެ.