ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި މިދިޔަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގައި، ގއ. ވިލިނގިލީ ދާއިރާ އަށް ވާދަކުރެއްވި ޔަޒްމީދު މުހައްމަދު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސްއަކަށް އިންތިހާބުކޮށްފި އެވެ.
ބުދަ ދުވަހު ބޭއްވުނު ޖޭއެސްސީގެ ޖަލްސާގައި މި މަޤާމަށް ޔަޒްމީދު އިންތިޚާބު ކުރެވުނީ، ކުރިން އެ މަޤާމުގައި ހުންނެވި ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޔަޒްމީދަކީ ރައީސް މުއިއްޒު ޖޭއެސްސީއަށް އައްޔަނު ކުރައްވާފައިވާ މެންބަރެވެ.
ރައީސް މުއިއްޒު ޖޭއެސްސީގެ މެންބަރުކަމަށް ޔަޒްމީދު އައްޔަނު ކުރެއްވީ 2024 ވަނަ އަހަރުގެ ފެބްރުއަރީ 23 ވަނަ ދުވަހުއެވެ. އޭނާ އެ މަޤާމަށް އައްޔަނުކުރީ ކުރިން އެ މަޤާމުގައި ހުންނެވި ޤާނޫނީ ވަކީލު މުޙައްމަދު ސަމީރު ވަކިކުރުމަށްފަހުއެވެ.
We would like to congratulate member Yazmeed Mohamed for being elected as the Vice Chair of JSC. pic.twitter.com/auCkmWomH5
— Judicial Service Commission (@MaldivesJSC) October 23, 2025
ޖުޑީޝަލް ސާވިސް ކޮމިޝަނަކީ 10 މެންބަރުންގެ މައްޗަށް އެކުލެވޭ މުއައްސަސާއެކެވެ. މީގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ސީދާ ކަނޑައަޅާ ތިން މެންބަރުން ހިމެނެއެވެ. އެއީ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ، މާފުށި ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ރިޒާ އާދަމް އަދި އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާފައިވާ އިދްރީސް ފައުޒީއެވެ. މިހާރުގެ ޖޭއެސްސީގެ ރައީސްކަން ކުރައްވަނީ ރިޒާ އެވެ.
ކޮމިޝަނުގެ އެހެން މެންބަރުންގެ ގޮތުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާގެ މެންބަރަކާއި، ބަންޑާރަ ނައިބާއި، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސްގެ އިތުރުން ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރަކާއި ތިން މަރުޙަލާގެ ކޯޓުތަކުގެ ތިން ފަނޑިޔާރެކެވެ.
މި ސަރުކާރުން މިނިވަން މުއައްސަސާތައް ހަރާބުކޮށްލާ، އެ މުއައްސަސާތަކަށް ނުފޫޒު ފޯރުވަމުންދާކަމަށް އިދުކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. ރައްޔިތުންގެ އެތަކެއް ހާސް ބަޔަކު އޮކްޓޯބަރު 3 ވަނަ ދުވަހު ވަނީ މަގުަތަކަށް ނިކުމެ، ރައީސް މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ދުސްތޫރީ ނިޒާމު ހަލާކުކޮށްލައިފި ކަމަށްބުނެ މަޖީދީ މަގު ހިމެނޭހެން އާޓިފިޝަލް ބީޗު ސަރަހައްދުގައި އަޑުއުފުލާފައެވެ. އަދި މިފަދަ ދެވަނަ ބޮޑު އެއްވުމެއް ނޮވެމްބަރ 17 ވަނަ ދުވަހު ބޭއްވުމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީ އިން ވަނީ ނިމްމާފައެވެ.