ހުކުރު ދުވަހު ގޯއްޗާއި ފްލެޓްގެ މައްސަލައިގައި ބާއްވަން މަސައްކަތް ކުރި ޕިކަޕް ބުުރު ނުބޭއްވުނީ އެކަމަށް ބޭނުންވާ ހުއްދަ ޕްރޮސެސްކޮށްދީފައި ނުވާތީއެވެ. ޕިކްޕް ބުރު ފެށުމުގެ ކުރިން އާއްމުން ހުއްޓުވުމުން އާއްމުން ނިންމީ ހިތްވަރު އެލުވާލުމުގެ ބަދަލުގައި ހަދަ ހިތްވަރާއި އެކު މަގުތަކަށް ނުކުތުމަށެވެ. ފްލެޓާއި ގޯތި ދޫނުކުރާ މައްސަލާގައި އާއްމުންނަށް ޕިކަޕްބުރަށް ފުރުސަތު ނުލިބުމުން އާއްމުން ވަނީ އާޓިފިޝަލް ބީޗުން ފެށިގެން ރަސްފަންނާއި ހިސާބަށް ހިނގާލުމެއް ކުރިއަށް ގެންގޮސްފައެވެ.
މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ ރައީސް މުއިއްޒުގެ ސަރުކާރުގައި ފްލެޓާއި ގޯތި ދޫނުކޮށް ހިފަހައްޓަމުންދާތީ ކަންބޮޑުވާ ކަމަށެވެ. މިހާރު ވެސް ދިރިއުޅެމުންދަނީ ވަރަށް ދަރި ހާލުގައި ކަމަށާއި، ނިދަމުންދަނީ ޑިއުޓީ ބަހައިގެން ކަމަށް އާއްމުން އައީ ބުނަމުންނެވެ. ހަމައެހެހެންމެ އެކޮޓަރީގައި ދަރިންނާއި، މައިންބަފައިން ގޮވައިގެން ވަރަށް ދަތި ހާލުގައި ދިރިއުޅެމުންދާކަން އެމީހުން ފާހަގަކޮށްފައިވެއެވެ. އާއްމުން ވަނީ ސަރުކާރުގެ ކޮރަޕްޝަން އިންތިހާ އަށް އޮތްކަމަށް ފާހަގަކޮށް އެކަމަށް ވެސް ފާޑު ކިޔާފައެވެ. އަދި އާއްމުން ވަނީ ސަރުކާރުގެ އިސް ބައެއް ވެރިންގެ އިސްތިއުފާ އަށް ގޮވާލާފައެވެ. ގޯއްޗާއި ފްލެޓު ދިނުމުގައި މިސަރުކާރުން އިހުމާލުވަމުންދާކަމަށް އެއްވުމުގެ ބައިވެރިން ވަނީ ބުނެފައެވެ. އަދި ގުޅީފަޅާއި، ހުޅުމާލެ-ފޭސް 3 ހިއްކަމުން ނުދާ ކަމަށެވެ. މާލީ ހާލަތު ތަން ނުދޭ ކަމަށްވާނަމަ ހަގީގަތް ހާމަކޮށްދިނުމަށް ވެސް އާއްމުން ވަނީ ގޮވާލާފައެވެ.
އެ މުޒާހަރާގެ ތެރެއިން ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ އާއްމުންގެ އަޑު ސަރުކާރުން ނާހާތީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ސަރުކާރުން މިކަމަށް ޖަވާބުދާރީ ނުވާންވީ ސަބަބެއް ނެތްކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ ގެދޮރުވެރިޔާ ފްލެޓް ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ގެޒެޓް ކޮށްފައިވާ ލިސްޓަށް ބަދަލު އަންނަ ކަމުގެ އަޑު ފަދަ އަޑުތައް އިވުމުން އާއްމުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަަމަށެވެ.
އެމްޑީޕީގައި ޒުވާނުންގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ ގާނޫނީ ވަކީލު، އައިކް އަހްމަދު އީސާ ވަނީ ގޯތި ލިބުމަކީ ގިނަ ޒުވާނުން އެދިގެން ތިބި ކަމެއް ކަމަށާއި ރައީސް ޞާލިހުގެ ސަރުކާރުން އެ ހުވަފެން ފުރިހަމަކޮށްދިނުމުން މި ސަރުކާރުން އެ ހުވަފެން މަތީގައި އިށީނދެގެން ތިބި ކަމަށް ސިފަކުރައްވާފައެވެ. އަދި ސަރުކާރުގެ އެއްވެސް އަސާސެއް ނެތްކަން ފްލެޓްތައް ވެސް ނުދެވުމުން އެނގޭ ކަމަށް އައިކު ވިދާޅުވިއެވެ. އެއީ އާއްމުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ފްލެޓަށް އެދި ހުށަހަޅާފައިވާ މީހުން ވެސް މިއަދު ތިބީ މާޔޫސްކަމެއްގައި ކަމަށް އައިކު ވަނީ ވިދާޅުވެފައެވެ. ކުރީ ސަރުކާރުން ދީފައިވާ ގޯތި ރަޖިސްޓްރީތަކަށް ސަރުކާރުން އިޚުތިރާމްކުރަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ހުކުރު ދުވަހު ޕިކަޕް ބުރަކަށް ވެސް ފުުރުސަތު ނުދިނުމުން އެނގެނީ ސަރުކާރުން އާއްމުން ދެކެ ބިރު ގަންނަ މިންވަރުކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރުގެ ހާމަކަން ކުޑަކަމަށް ފާހަގަކޮށް އޭނާ ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ.