މި ވެރިކަމުގައި ފެނުނު މަންޒަރަކީ ރަސްމާލޭގެ ނަމުގައި މުޅި ސަރުކާރު "ރާޖޫ"ގެ އުނގަށް ވެއްޓި ހަލާކުވި މަންޒަރު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެފަދައިން ވިދާޅުވީ، ޕީއެންއެފް އިން ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި "ވޭކް އަޕް" ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ރާޖޫ ނުވަތަ ސިވަރާޖަ މަނިވަންނަން އަކީ ފުށިދިއްގަރު ފަޅު ހިއްކަން ހަވާލުކުރި ކެޕިޓަލް މެރިން އެންޑް އިންވެސްޓްމަންޓު (ސީއެމްސީ)ގެ އިސްވެރިއެކެވެ. މި ސަރުކާރުން އެންމެ ފުރަތަމަ ބުނީ އެ މަޝްރޫއު ހިންގަނީ ފައިސާގެ ބަދަލުގައި ކޮންޓްރެކްޓަރަށް 70 ހެކްޓަރުގެ ބިން ދީގެން ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓުން އެކަމަށް ޚަރަދު ނުކުރާނެ ކަމަށް ބުންޏެވެ.
ނަމަވެސް ފަހުން ސަރުކާރުން ވަނީ އެ މަސައްކަތް ހަވާލު ކުރެވުނީ ރަނގަޅަށް ނޫން ކަމަށް އެއްބަސް ވެފައެވެ. އެކަމަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ ރާޖޫގެ ކުންފުންޏަކީ ހަމައެކަނި ކަރުދާހުގައި އޮތް ކުންފުންޏެއް ކަމަށެވެ. އެ ވަރު ވެސް ސަރުކާރަށް ނޭނގުނީ ޑިއުޑެލިޖެންސްގެ ކުޑަ މިންވަރެއް ވެސް ސަރުކާރުން ފުރިހަމަ ނުކުރާތީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. މަސައްކަތެއް ހަވާލުކުރާ އިރު އެކަން ހަވާލުކުރަނީ ކިހާ ފެންވަރެއްގެ ބަޔަކާއިތޯ ސަރުކާރުން ބަލާ ނުލާ ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.
ކަރުދާހުގައި އޮތް ކުންފުންޏެއް އެއީ. ރާޖޫ އަކީ އަޅުގަނޑު ޓްރޭޑް މިނިސްޓްރީގައި ލޯޔަރަކަށް އުޅުނު ދުވަސްވަރުން ފެށިގެން އަންނަ މީހެއް އެއް އޮފީހުން އަނެއް އޮފީހުން ސަލާން ޖަހަން. އޭނާ ވަރަށް ރަނގަޅަށް ދަންނަން. ފޮނި ކަނޑަމުން ހިނގާ މީހެއް އެއީ. އެއީ ކިހާވަރެއްގެ މީހެއްތޯ ބަލާ ނުލާ. އޭނަގެ ކުންފުންޏެއް އޮތްތޯ ބަލާ ނުލާ. ބޮޑު ސަރުކާރެއް އޭނާގެ އުނގަށް ވެއްޓި ހަލާކު ވެގެން ދިޔައީ. މީހަކާ ވާހަކަދައްކާލީމަ އެނގޭނެ އޭނާ އަކީ ސްކޭމަރެއްތޯ، ފްރޯޑެއްތޯ، ބްލަފް ކުރާ މީހެއްތޯ، އިމްޕޯސްޓަރ އެއްތޯ. ސައުދީ ޕްރިންސް ވެސް ވަޑައިގަންނަވަނީ. މިއީ ލަދުވެތި ކަންކަން.
ކުރީގެ ރައީސް އަބްދުﷲ ޔާމީން![]()
އެންމެ ނުބައި ނުރައްކަލަނީ ވެރިންނަށް ތިބި މީހުން އިޚުލާސްތެރި ނުވުން ކަމަށާއި އެކަމާއި މެދު ރައްޔިތުން ހޭލުންތެރިވާން ޖެހޭ ކަމަށް ވަނީ ވިދާޅުވެފައެވެ. މި ސަރުކާރު ވެރިކަމަށް އައި އިރު ވަރަށް ބޮޑެތި އުންމީދުތަކެއް ދިން ކަމަށާއި، ރިޔާސީ އިންތިޚާބުގެ ތެރޭގައި ވައުދުތައް ވެސް ވީ އެފަދަ އުންމީދުތައް ލިބޭ ގޮތަށް ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވިއެވެ. އެހެންނަމަވެސް ވެރިކަމަށް އައުމަށް ފަހު ކަންކަން ކުރަނީ މުޅިން އާއްމުން މާޔޫސްކޮށްލާ ފަދައަކުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މި ވެރިކަމުގައި ފެށި ބަންކަރިން މަޝްރޫޢު ފަދަ މަޝްރުޢުތަކުން ވީ ފައިދާ އެއް ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ މަޝްރޫޢުތަކުން ފައިދާވާ ކަމަށް ބުނެ ސަރުކާރުން ދައްކާ ވާހަކަ ދިމާ ނުވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެފަދަ މަޝްރޫޢުތަކުން ރާއްޖެ އަށް ލިބެނީ ބޮޑެތި ދަރަނި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.