މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފ. ނިލަންދޫގައި ހިންގި ދެ އޮޕަރޭޝަނެއްގައި ނުވަ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ނިލަންދޫގައި މިދިޔަ ހޮނިހިރު ދުވަހު ހިންގި ދެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭގެ އެއް އޮޕަރޭޝަނަކީ އެ ރަށުގެ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި، ވިޔަފާރިކުރާ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އެ ވަގުތު އެ ގޭގައި ތިބި 8 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އއ. ރަސްދޫ / ދޫގަސް، މުޙައްމަދު ވިސާލު (19އ) އާއި، ލ.ގަން، ތުނޑި. ހެދޭކުރި، މުޝްހަފް މުފީދު (22އ) އާއި، ނ. ލަންދޫ / ފިނިވާގެ، އިބްރާހީމް ލޫޠް (20އ) އާއި، ތ. ގުރައިދޫ / ފަޒާ، ޢަލީ ނަވާފު (21އ) އާއި، ސ. ހިތަދޫ / ގާފިލާ، އަޙްމަދު އަބާން ޢަލީ (20އ) އާއި، ހދ. ނޮޅިވަރަންފަރު / އަންނާރުގެ، ޢަބްދުﷲ ލައިޝަމް (20އ) އާއި، ސ. މީދޫ /ޝީން ، އަޙްމަދު ޢުޘްމާން (20އ) އާއި، މާލެ / ދަފްތަރު ނަންބަރު ދރ 1438، އިބްރާހީމް ނައްފާޒް (26އ) އެވެ.
ފުލުހުން ބުނީ އެ އެންމެންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެކަކު ދޫކޮށްލާފައިވާ ކަމަށެވެ. ބާކީ ތިބި މީހުންގެ ތެރެއިން އެކަކު 15 ދުވަހަށް އަދި ދެން ތިބި މީހުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނިލަންދުއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޮނިހިރުދުވަހު އިތުރު އޮޕަރޭޝަނެއް ހިންގި ކަމަށް ފުލުހުން ބުންޏެވެ.
އެ އޮޕަރޭޝަނުގައި، ނިލަންދޫގެ ބަނދަރުމަތިން ހައްޔަރުކުރީ އެ ރަށު ޝަބްނަމުގެ، މުހައްމަދު މާނިއު، 19، އެވެ. އޭނާ ހުއްޓުވައި ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ދެ މައްސަލަ ވެސް ނިލަންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.