ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި އެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު: 2021/R-105) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދުގައި، ދައުވާ ނުކުރެވޭނެ ކަމަށް އެ އޮފީހުން ނިންމާ މައްސަލަތަކުގެ ލިޔެކިއުންތައް، އެ ނިންމުން ނިންމާ ތާރީޚުން ފެށިގެން 1 އަހަރު ތެރޭގައި ނައްތާލެވިދާނެ ހާލަތްތަކެއް އަދި އިޖުރާއަތްތަކެއް ބަޔާންކޮށްފައިވާ ކަމަށެވެ.
ނަމަވެސް، އެ އޮފީހުން ޖިނާއީ ދައުވާ ނުކުރެވޭނެ ކަމަށް ނިންމާ މައްސަލަތަކުގެ ލިޔެކިއުންތަކުގެ އަސްލު، ޖިނާއީ އެހެން ދައުވާތަކާ ގުޅިގެން ބޭނުން ކުރަންޖެހޭ ހާލަތްތަކެއް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެކަންކަމަށް ރިއާޔަތްކޮށް، ދައުވާ ނުކުރެވޭނެ ކަމަށް އެ އޮފީހުން ނިންމާ މައްސަލަތަކުގެ ލިޔެކިއުންތައް ރައްކާތެރިކުރުމާއި، ނައްތާލުމާ ގުޅޭ އިރުޝާދެއް ތަހުގީގީ އިދާރާތަކަށް ފޮނުވުމަށްޓަކައި އެ އޮފީހުން އެކުލަވާލަމުން އަންނަ ކަމަށެވެ.
އެ އިރުޝާދު އެކުލަވާލައި ދިވެހި ފުލުހުންގެ ހިދުމަތާ ހިއްސާކުރެވެންދެން، އެ އޮފީހުގެ ލަފާ ލިޔުމުން ހޯދައިގެން މެނުވީ ޖިނާއީ އެއްވެސް މައްސަލައެއްގެ ލިޔެކިއުންތަކުގެ އަސްލު ނައްތާނުލުމަށް ވަނީ އަންގާފަ އެވެ.
ޕީޖީ އޮފީހުން ފުލުހުންނަށް މިހެން އަންގާފައި އޮތް ނަމަވެސް ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 21 ވަނަ މާއްދާގެ (ނ) އާއި (ރ) ވަނީ އިސްލާހުކޮށްފަ އެވެ. އެގޮތުން 21 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ 21 ވަނަ މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ޖިނާއީ މައްސަލައެއްގައި ދައުވާ ނުކުރެވޭނެ ކަމަށް ޕްރޮސކިއުޓަރ ޖެނެރަލް ނިންމައިފި ނަމަ، އެ ނިންމުން ނިންމި ތާރީޚުން ފެށިގެން 1 އަހަރު ދުވަހުގެ ތެރޭގައި، މި ގަވާއިދުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކުރުމަށްފަހު އެ މައްސަލައެއްގެ ލިޔުންތައް ނައްތައިލުމަށް، ޕޮލިސް ރިކޯޑު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ވެރިޔާއަށް ނިންމިދާނެ ކަމަށެވެ.
އަދި (ރ) އިސްލާހުކޮށް ބުނެފައިވަނީ 21 ވަނަ މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ތަހުގީގު ނިމިފައިވާ ޖިނާއީ މައްސަލައެއްގައި، އެ މައްސަލައަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ނުހިމެނޭ އަދި އެ މައްސަލައިގައި ދައުވާ އުފުލޭނެ މިންވަރަށް ހެކި ލިބިފައިވާ މައްސަލައަކަށް ނުވާ ނަމަ، އެ މައްސަލައިގެ ބާވަތަށާއި، ވަށައިގެންވާ ކަންކަމަށް ރިއާޔަތްކުރާއިރު، އެފަދަ ހެއްކެއް އަލުން ލިބިދާނެކަމަށް ނުބެލެވޭކަމަށް އެ މައްސަލައެއް ތަހުގީގުކުރި ފަރާތާއި، އެ ފަރާތުގެ ސުޕަވައިޒަރަށް ގަބޫލުކުރެވޭކަން ބަޔާންކޮށް ލިޔުމުން ކުރާ އެންޑޯޒްމަންޓަކަށް ބިނާކޮށް، އެ ސަބަބުގެ މައްޗަށް ރިއާޔަތްކޮށް، އެ މައްސަލައެއް ފައިލްކުރެވުނު ތާރީޚުން ފެށިގެން 1 އަހަރުދުވަހުގެ ތެރޭގައި ލިޔުން ނައްތާލެވިދާނެ އެވެ. ނަމަވެސް އެކަން ކުރެވޭނީ މި ގަވާއިދުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކުރުމަށްފަހު، އެ މައްސަލައެއްގެ ލިޔުންތައް ނައްތައިލުމަށް، ޕޮލިސް ރިކޯޑު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ވެރިޔާއަށް ނިންމާގޮތެއްގެ މަތިންނެވެ.
މި އިސްލާހުތައް ގެނައުމުގެ ކުރިން 21 ވަނަ މާއްދާގެ (ނ) ގައި ބުނަނީ މައްސަލަތައް ބެލެހެއްޓުމަށް ކަޑައަޅައިފައިވާ މުއްދަތަކީ އެ މައްސަލައެއްގެ ލިޔެކިޔުންތަކުގެ ކަރުދާސް ނުވަތަ ފިޒިކަލް ޑޮކިއުމަންޓް ބަލަހައްޓަންޖެހޭ މުއްދަތެވެ. އަދި 21 ވަނަ މާއްދާގެ (ރ) އިސްލާހު ކުރުމުގެ ކުރިން އެ މާއްދާގައި ބުނެފައިވަނީ މައްސަލަތަކާ ގުޅޭ މައުލޫމާތުތައް ލިޔެކިޔުންތައް ބެލެހެއްޓުމަށް ވަކި މުއްދަތެއް ކަނޑައަޅައިފައި އޮތް ނަމަވެސް، އެފަދަ މައުލޫމާތާއި ލިޔުންތައް ދާއިމީކޮށް ޑިޖިޓަލްކޮށް ބަލަހައްޓަންވާނެ ކަމަށެވެ. ނަމަވެސް މި ދެބައިވެސް ވަނީ އައު އިސްލާހުގައި އުނިކޮށްފަ އެވެ.
ފޮލިސް ރެކޯޑް ބެެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ބުނާ ގޮތުން ޖިނާއީ ބޮޑު ކުށެއް ނުވަތަ ޖިނާއަތުގެ ދަރަޖައިގެ ކުށް ހިމެނޭ މައްސަލަތަކުގެ ލިޔެކިޔުންތައް 8 އަހަރު ދުވަސްވަންދެން ބަހައްޓަންޖެހެ އެވެ. އަދި ޖުނަހުގެ ދަރަޖައިގެ ކުށް ހިމެނޭ މައްސަލަތަކުގެ ލިޔެކިޔުން 3 އަހަރު ދުވަހު ބަހައްޓަންޖެހެ އެވެ. މީގެ އިތުރުން ދައުވާކުރަން ފޮނުވިފައިވާ މައްސަލައެއް ނަމަ، ޝަރީއަތުން ގޮތެއް ނިމެންދެން ނުވަތަ އިސްތިއުނާފުގެ މަރުހަލާ ނިމެންދެން ލިޔެކިޔުން ބަހައްޓަންޖެހެއެވެ. އެއީ މި ގަވާއިދުގެ 21 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތެވެ.